ހަބަރު

މިއަހަރު ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ

އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ތެރޭގައި ބާއްވާނެ ކަމަށް އެޕާޓީގެ އާ ޗެއާޕާސަން ލޯޔަރު ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މަގާމާ ރަސްމީކޮށް މިއަދު ހަވާލުވުމާ ގުޅިގެން އެމްޑީޕީިގެ އޮފީހުގައ މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ޗެއާޕާސަން ހަސަން ވިދާޅުވީ ކޮންގްރެސް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށެވެ. ކޮންގްރެސް ބާއްވާނެ ތާރީހެއް ކަނޑައަޅަން އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. މިއީ ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ހަވާލުވި ފަހުން އާންމުކޮށް ނޫސްވެރިންނަށް މައުލޫމާތު ދިން ފުރަތަމަ ފަހަރެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓާކާއި ބެހޭގޮތުން މަޝްވަރާކުރާނީ އެޕާޓީގެ ކޮންގްރެސްގައި ކަމަށެވެ. ކޮންގްރެސްގައި ކަންކަން ނިންމާނެ ބައިވެރިވާ ބޭފުޅުން ހުށަހަޅުންތަކުގެ ތެރެއިން، ވޯޓު ނަގައި އަގުލަބިއްޔަތުން ކަންކަން ފާސްކުރާ ގޮތަށް ކަމަށެވެ. އަދި އެޕާޓީން މިވަގުތު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ކޮންގްރެސް ބާއްވައި ނިންމައި އެ ކޮންގްރެސް އަށް ތައްޔާރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން ނެރޭނެ ކެނޑިޑޭޓަކާއި އެމްޑީޕީން ތާއިދުކުރާނެ ކެނޑިޑޭޓަކާއި އެއީ ހަގީގަތުގައި އެޕްޑީޕީގެ މެމްބަރުން ނިންމާ ކަމެއް. ހަގީގަތުގައި އެމްޑީޕީން ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ކުރެވެން ހުރި މަސައްކަތް ކުރަމުން އެދަނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެނޑިޑޭޓް ނިންމާނީ އެތެރޭގެ މެމްބަރުންގެ މަޝްވަރާ ލިބި މެމްބަރުންގެ ބަހެއް އޮވެގެން." ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ކަމަށާއި އެމަނިކުފާނަށް އިންތިހާބުގައު ވާދަކުރެވޭނެ މަގުތައް ތަނަވަސްވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.