ހަބަރު

އެމްޑީޕީގެ ކޮންގްރެސް އޮބްޒާވް ކުރިން: އީސީ

އއ އުކުޅަހުގައި އިއްޔެ ބޭއްވި އެމްޑީޕީގެ ތިންވަނަ ކޮންގްރެސް އިލެކްޝަން ކޮމިޝަން (އީސީ) އިން އޮބްޒާވްކުރި ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީސީގެ މެންބަރު، އަދި ތަރުޖަމާން އަހުމަދު އަކްރަމް "އަވަސް"އަށް މިއަދު ވިދާޅުވީ، އެމްޑީޕީގެ ކޮންގްރެސް އޮބްޒާވްކުރުމަށް އެ ރަށަށް އިއްޔެ އެ ކޮމިޝަންގެ ޓީމަކުން ދިޔަ ކަމަށެވެ. އަދި ކޮންގްރެސްގެ ކަންކަން އޮބްޒާވް ކުރި ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

އެމްޑީޕީގެ ވަރުގަދަ ނިންމުންތަކެއް ނިންމި އެ ކޮންގްރެސްގެ މައުލޫމާތު އެމްޑީޕީއިން އީސީއަށް އަދި ހުށަހަޅާފައި ނުވާއިރު، ކޮންގްރެސްއާ ބެހޭގޮތުން އިލެކްޝަން ކޮމިޝަނުން އެއްޗެއް ބުނާނީ އެ މައުލޫމާތު ލިބުމުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

އުކުޅަހުގައި އިއްޔެ ބޭއްވި ކޮންގްރެސްގައި އެމްޑީޕީގެ 800 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ދީފަ އެވެ. އިބޫއަށް ޓިކެޓް ދިނީ ޕާޓީގެ އަސާސީ ގަވައިދަށް ކޮންގްރެސްގައި އިސްލާހު ގެނައުމަށްފަހު އެވެ.