ހަބަރު

އެމްޑީޕީގެ ކޮންގްރެސް ގާނޫނުތަކާ އެއްގޮތަށް ކުރިއަށް ގެންދަން އީސީއިން އަންގައިފި

އއ. އުކުޅަސްއިން: ނާޒިމް ހަސަން
Jun 29, 2018

އަންނަ ހޮނިހިރު ދުވަހު މި ރަށުގައި ބޭއްވުމަށް ތައްޔާރު ވަމުން އަންނަ އެމްޑީޕީގެ ކޮންގްރެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އެމްޑީޕީގެ ކޮންގްރެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އަދި އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް، އެ ޕާޓީއަށް ކޮމިޝަނުން މިހާރު އަންގާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެ މަނިކުފާނު ބައިވެރިކޮށްގެން ބާއްވާ ކޮންގްރެސްއެއް ސައްހަ ނުވާނެ ކަމަށާއި އެފަދަ ކޮންގްރެސްއަކަށް އެ ކޮމިޝަނުން އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ފުލުހުން ވެސް ވަނީ މިގޮތަށް ބުނެފަ އެވެ.

އެމްޑީޕީ އިން މި ރަށުގައި ކޮންގްރެސް ބާއްވަން ނިންމީ، ދަރުބާރުގެ ހޯދުމަށް އެދުނު ނަމަވެސް ސަރުކާރުން އެތަން އެމްޑީޕީއަށް ދޫނުކުރުމުން އެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފުރަތަމަ ބާއްވަން ނިންމީ ހުކުރު އަދި ހޮނިހިރު ދެ ދުވަހު އެވެ. އެހެން ނަމަވެސް، ސަރުކާރުގެ ފިއްތުންތަކާ ހުރެ ކޮންގްރެސް އެއް ދުވަހަށް ކުޑަކުރި އެވެ. ކޮންގްރެސް އޮންނާނީ މިހާރު ހޮނިހުރު ދުވަހު އެވެ.

މި ކޮންގްރެސް ބޭއްވުމަށް ހާއްސަ ކޮށްގެން މި ރަށުގެ ބަނދަރު ސަރަހައްދުގައި އެމްޑީޕީ އިން ވަނީ 110 ފޫޓްގެ ލަގްޒަރީ ޓެންޓެއް ޖަހައިފަ އެވެ. އަދި ކޮންގްރެސްއަށް މި ރަށް ޒީނަތްތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ މި ރަށުގެ ރައްޔިތުން ކޮށްފަ އެވެ.