ދިވެހި ސިނަމާއާ މެދު ދުވަހަކު ވެސް އެކްސައިޓްވެ ހިތް އުތުރިއަރައިގެން ގޮސްފައި ނުވާ ނަމަ އެ ޖަޒުބާތެއްގެ ތެރެއަށް ގެނބިގެން ދިއުމަށް އަތުކުރިއޮޅައި ފޫގަޅައިގެން ތައްޔާރުވާންވީ އެވެ. ސަބަބަކީ ކުރިއަށް އޮތް މާޗު މަހަކީ ދިވެހި ސިނަމާ ތާ އަބަދަށް ބަދަލުކޮށްލަފާނެ ފެންވަރުގެ ތިން ފިލްމެއް ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކަށްވީމަ އެވެ.
އެގޮތުން މި އަހަރުގެ ފިލްމު ސީޒަން ހުޅުވައިދޭނީ އަލީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ އާއިލީ ޑްރާމާ "މަލިކާ" އިންނެވެ. އެއަށް ފަހު ރަވީ ފާރޫގްގެ "ވިޝްކާ" އާއި މުހައްމަދު މުންތަސިރު (މުންކޮ) ގެ ތިއޭޓާ މިރާޖުން ގެނެސްދޭ ފިލްމު "އިލްނޮއިސް" އަކީ މާޗު މަސް ފަޅުފިލުވައިދޭނެ ދިވެހި ތިން ވަނަ ފިލްމެވެ. މި ޝޯތައް ހާއްސަވެގެންދާ އެއް ސަބަބަކީ ދިވެހި ސިނަމާގެ ފަހުގެ ތާރީޚެއްގައި މިވަރުގެ ބާރުބޮޑު "ފިލްމީ ދުވަސްތަކެއް" އައިސްފައި ނެތް ކަމެވެ.
އަނެއް ސަބަބަކީ މި ތިން ފިލްމެވެ.
މަލިކާ ހާއްސަވާ ސަބަބުތައް؟
މި ފިލްމަކީ ކުރީގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ މައްލާ ނާސިރު އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ފިލްމީ ދުނިޔެ އަށް އެނބުރި ގެންނަ ފިލްމެކެވެ. އޭނާ އަކީ ދިވެހިން އޭރު ބަލައިގަތް އަދި ބެލުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދި ފިލްމުތަކެއް ގެނެސްދީފައިވާ ދިވެހި ސިނަމާގެ މުހިންމު ނަމެކެވެ. މިވަރުގެ ޕްރޮޑިއުސަރަކު އެނބުރި އައުމަކީ ޔަގީނަށް ވެސް ދިވެހި ސިނަމާ އަށް ލިބިގެންދާ ހިތްވަރެއް ވެސްމެ އެވެ.
މައްލާގެ މި ފިލްމު ހާއްސަވާ އަނެއް ސަބަބަކީ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ބިންމާ އިބްރާހިމް ވަހީދެވެ. ބިންމާ ބުނެފައި ވަނީ މިއީ އޭނާގެ ލިޔުންތެރިކަމުގެ ހަޔާތުގައި ލިޔުނު ފިލްމުތަކުގެ ތެރެއިން އޭނާ ގަނޑުގައި ސިފަކޮށްދީފައިވާ ގޮތާ އެންމެ ގާތްކުރާ މަންޒަރުތަކާ އެކު ބެލުންތެރިންނާ ހަމަ އަށް ގެނެސްދެވޭ ފުރަތަމަ ފިލްމެވެ. މިއީ ބިންމާގެ އަސަރުގަދަ ވާހަކަތައް ކުރިން ސިނަމާތަކަށް ގެނެސްދިން ގޮތާ މެދު މާޔޫސްވެފައި ތިބި ފަރާތްތަކަށް އޮތް ވަރަށް ވެސް އުފާވެރި ޚަބަރެކެވެ.
މަލިކާގެ އަނެއް ހާއްސަކަމަކީ "މަލިކާ" އެވެ. ޖުމްލަކޮށް މި ފިލްމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތާއި މަސައްކަތުގައި އިސްކޮށް އުޅުނު ޓީމެވެ. ޑައިރެކްޓަރު އަލީ މުސްތަފާގެ ބެލުމުގެ ދަށުން ފިލްމުގެ މަސައްކަތްކުރިއަށް ގެންދިޔަ ނަމަވެސް މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދަކީ މި ފިލްމުގެ ފެންވަރު ކަނޑައެޅުމުގައި ނިކަން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ހުނަރުވެރިއެކެވެ. އޭނާގެ "ލޫދިފާ" ބަލައިގެން ހައިރާންވި ބެލުންތެރިން އަލުން އާޝޯހުވުމަށް ލިބޭ ފުރުސަތަކަށް މިކަން ވާނެކަން ޔަގީނެވެ.
މި ފިލްމު އޮލިމްޕަހުގެ އިސްކިރީނަށް އަންނާނީ މާޗު މަހުގެ ދެ ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން މާޗު އެކެއްގައި މީޑިއާ އަށް ހާއްސަ ޝޯއެއް މި ފިލްމު އޮންނާނެކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ރަވީގެ ވިޝްކާ އަހަރުގެ ބޮޑު ފިލްމަށް ވެދާނެ!
ޑައިރެކްޓަރު އަދި އެކްޓްކުރުމާއި ނެށުމާއި ފިލްމު އެޑިޓްކުރުން ކަމުގައި ވިޔަސް، ކުރާ ހުރިހާ ކަމެއްގައި ތަފާތު ދައްކާ އާޓިސްޓަކަށް ރަވީ ފާރޫގްވާނެ އެވެ. ނަމަވެސް މި ހުނަރުވެރިޔާ އަކީ މިފަހުން ފިލްމީ ދާއިރާގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެކަކެވެ. ވަކިން ހާއްސަކޮށް މަސައްކަތުގެ އަހުލާގާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތައް ވަރަށް ގިނަ އެވެ. އޭގެ ތެރެއިން އެއް މިސާލަކީ، އެންތޮލޮޖީ ފިލްމެއްގެ ގޮތުގައި މަސައްކަތް ފެށި "ހަތަރު ހަޅަ" އިން ރަވީއާ ހަވާލުކުރި ސެގްމަންޓް ނުވަތަ ކުރު ފިލްމުގެ މަސައްކަތް ނުނިމިގެން އެ ފިލްމުގެ ހަވާސާގައި ކުޅެން ޖެހުނު ޑްރާމާ އެވެ.
ނަމަވެސް އެ ފިލްމުން ބެލުންތެރިންނާ ހަމަ އަށް ނާދެވުނު ނަމަވެސް ރަވީ އެންމެފަހުން އޭނާގެ ޑައިރެކްޝަނެއް އަނެއްކާވެސް ބެލުންތެރިންނާ ހަމަ އަށް ގެނެސްދެނީ އެވެ. މި ފިލްމު ހާއްސަވާ އެއް ސަބަބަކީ މިއީ އެވެ. މިއީ "ހަތަރު ހަޅަ" އިގައި ގެނބިގެން ލޮނު ބޮވުމަށް ފަހު ރަވީ ގެނެސްދޭ ފިލްމެކެވެ. އަދި "ތި ފިލްމެއް ވެސް ނުނިންމޭނެއޭ" މީހުން ކިޔާލަ ކިޔާލަ ތިއްބައި ގެނެސްދޭ ފިލްމަކަށްވުމެވެ.
އެހެންކަމުން ރަވީ އާއި އައިޝަތު ރިޝްމީ ލީޑް ރޯލުކުޅެފައިވާ މި ފިލްމު އަހަރުގެ ބޮޑު ފިލްމަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ފިލްމުން ދެން ފެންނާނެ އެންމެ ބޮޑު ތަފާތަކަށް ވާނީ ފިލްމުގައި ސިނެމެޓޯގްރަފާ ޝާމިން ނިޒާމެވެ. އޮރިވެފައިވާ ދިވެހި ސިނަމާގެ ބޮޑު މަންޒަރު ހަމަކުރުމަށް މިއީ ކޮންމެހެން ވެސް މި ދާއިރާ އަށް ބޭނުންވާ ފެންވަރެއްގެ ހުނަރުވެރިއެކެވެ.
ވިޝްކާގެ ޝޯތައް ފަށާނީ މާޗު މަހުގެ އަށް ވަނަ ދުވަހު އެވެ.
މުންކޮ މި އަހަރަކު ނުގެއްލޭނެ!
މުހައްމަދު މުންތަސިރު ނުވަތަ އެންމެން އޭނާ ދަންނަ ނަމުން ނަމަ މުންކޮ އަކީ މިހައިތަނަށް ތަމްސީލު ނުވަތަ ތަފާތު އެކި ސްޓޭޖު ޕްލޭތަކުން ބެލުންތެރިން އާޝޯހުކުރުވަމުން އައި ފަންނާނެކެވެ. އޭނާގެ މަސައްކަތް ކޮންމެ ފަހަރަކު ގޮސް ސީލިންގުގައި ނުޖެހުނަސް ހުރިހާ ދިވެހިން ވެސް އިއްތިފާގުވާ ކަމެއް އޮވެ އެވެ. -- މުންކޮ ކަމެއްކޮށްފި ނަމަ އެކަމެއް ރަނގަޅުވާނެ އެވެ. ޑްރާމާއެއް ހެދިޔަސް ފިލްމެއް ހެދިޔަސް އޭނާ އެކަމެއް ކުރާނީ ރަނގަޅަށެވެ.
ނަމަވެސް މިވަރުގެ ބޮޑު އުއްމީދެއްގައި ތިއްބައި، އޭނާ އެންމެ ފުރަތަމަ އިއުލާނުކުރި ފިލްމު އޭގެ ރަސްމީ ތާރީޚަށް ނުނިމި ބެލުންތެރިންނަށް "ގެއްލުނީ" އެވެ. މުންކޮ ޑައިރެކްޓްކުރާ އެ ފިލްމަށް ވީގޮތް އެހާ ބޮޑަށް އާންމުކޮށްފައިނުވި ނަމަވެސް މާޗު މަހު މުންކޮ އެނބުރި އެބަ އާދެ އެވެ. އެކަމަކު އޭނާ އަކީ މިފަހަރު ޑައިރެކްޓަރެއް ނޫނެވެ.
ތިއޭޓާ މިރާޖާއި އޯކޭސް އިންކުގެ އުފެއްދުމެއްގެ ގޮތުގައި ގެނެސްދޭ "އިލްނޮއިސް" ގައި އޭނާ އަކީ މެއިން ލީޑެވެ. ނުވަތަ ޓްރެއިލާގައި އޭނާ އެ ބުނާ ގޮތަށް، އެޑްވަޑް ބެނެވިކް އެވެ. މި އަޑާއި އޭގެ ޑެލިވަރީ އަކީ މިހާރު ވެސް ކަންފަތާއި ބޮލުގައި ހަރުލާ ވަރުގެ ޕާފޯމަންސެކެވެ. އެހެންކަމުން މުންކޮގެ ފިލްމު ޑިސެޕޮއިންޓްމަންޓަކަށް ނުވާނެ ކަމަށް އުއްމީދުކުރެވިދާނެ އެވެ.
މިއީ އޭނާ ކުރިން ގެނެސްދީފައިވާ ސްޓޭޖު ޕްލޭއެއް ކަމުގައިވާ "އިލްނޮއިސް" ގެ އަސްލަށް އިސްމާއިލް ނިހާދު ޑައިރެކްޓްކުރާ ފިލްމެކެވެ.