(14 ފެބްރުއަރީ 2017 އާ ގުޅޭ)
"އައިރާވެއްޖެ ބޭބެއަށް އެހީއެއްވެދެން..." ތާއިބު އިނދެފައި ބުނިއެއްޗަކުން އައިރާގެ ސިކުނޑީގައި ސުވާލުމާކެއް ޖެހިގެންދިޔައެވެ.
"ބޭބޭ..." ތާއިބު ބުނިއެއްޗެއް ޔަޤީންނުވެފައި ހުރި ފަދައަކުން ތާއިބަށް އައިރާ ގޮވާލިއެވެ.
"އައިރާގެ ފަރާތުން ބޭބެމެންނަށް އެހީއެއްވެދެންވެއްޖެޔޭ" ތާއިބުގެ ސަމާލުކަން އައިރާއަށް ހުއްޓިއްޖެއެވެ.
"އަހަންނަށް ވެދެވޭނީ ކޮންކަހަލަ އެހީއެއް" ސުވާލު އުފެދިފައި ހުރި އައިރާ ބުންޏެވެ.
"ފައިސާގެ އެހީއެއް" ތާއިބު އިނދެފައި ބުންޏެވެ.
"ފައިސާ... އަހަރެންގެ އަތުގައި ފައިސާ ނުހުންނާނޭކަން ބޭބެއަށް އެނގޭނެ" އައިރާ ބުންޏެވެ.
"މި މަހުގެ މުސާރައެއްކޮށް ބޭބެމެންނަށް ދޭންވީނު... އަނެއްކާ އައިރާ ފޮރުވާފައި ވެސް އެބަހުއްޓެއްނު ފައިސާކޮޅެއް... ބޭބެމެން ވަރަށް ދަތިވެގެންނޭ މިބުނީ... ޝަމްއާނަށް ލިބިފައިވާ އަނިޔާގެ ސަބަބުން ޑޮކްޓަރުން ވެސް އެދުނީ މާލެ ދިއުމަށް... މާލޭގައި އުޅުމަކީ ވަރަށް ފައިސާ ޚަރަދުވާނޭ ކަމެއްނު"
"މިހާރު ވެސް މުސާރައިގެ ދެބައިކޮށްފައި އެއްބަޔަށްވުރެ ގިނައިން މިދެނީ ބޭބެމެންނަށް... އަހަރެން ވެސް ކުރަންޖެހޭ ޚަރަދުތައް ހުންނާނެއެއްނު... ވަޒީފާއަކަށް ދާންފެށިތާ އަދި އެހާ ދުވަހެއް ވެސް ނުވޭ... ފައިސާ ރައްކާކުރެވޭވަރެއް އަދިނުވޭ" އައިރާގެ ވާހަކަ ނިމެންވިއިރަށް ތާއިބު ވާހަކަދެއްކިއެވެ.
"އަލަމާރީގައި ހުރި ދަޅެއްގައި ދެން އެއީ ކޮންފައިސާއެއް؟ އަހަރުމެންނަށް ދޮގު ވެސް ހަދަންފެށީތަ؟ ކަލޭ ބަލާ ތިވަރުކޮށް ވަޒީފާއަކަށް ދާނޭ ފުރުޞަތު ދީ ހެދީ އަހަރުމެންނެއްނޫންތަ؟ ގައިމު ކިޔަވާނުދޭނަމަ ތި ވަޒީފާގަނޑަކަށް ވެސް ނުދެވުނީހެއްނު... އަހަރެން މިބުނީ ވަރަށް ދަތިވެގެންނޭ... އެކަމަކު މަށަށް ހީވަނީ އައިރާ ބޭނުމެއްނުވޭހެން އަހަރުމެންނަށް މިހާރު އެހީއެއްހާ ހިސާބު ވެސް ވެދޭކަށް... ޖަނާވާރު އެއްޗެހި ވެސް ކާންދޭ މީހާ ދަނޭވިއްޔާ... އެކަމަކު ކަލެއަށް އެވަރުވެސް ނުވި... މިއަދު އަހަރުމެންނަށް ބޮޑުކަމެއް ދިމާވެގެން އެހީއަކަށް އެދުނީމާ..." ތާއިބުގެ ވާހަކަ މެދުކަނޑާލީ އައިރާއެވެ.
"މުސާރަދޭނަން... މި ހަފްތާ ތެރޭ މުސާރަ ލިބޭނެ..." އަވަސް އަވަހަށް އައިރާ ބުންޏެވެ.
"އައިރާއަތުގައި ހުރި ފައިސާއެއްވިއްޔާ މިވަގުތު އަހަރެމެންނަށް ދޭންވީ" ތާއިބު ބުންޏެވެ.
"އެބަ އަންނަން ބޭރަށް ގޮސްފައި" އައިރާ މިހެންބުނެލުމާއެކު ތާއިބުގެ ޖަވާބަކަށް މަޑުކުރުމެއްނެތި ސިޓިންރޫމުން ނުކުމެގެން އައިސް ގޭގެ ދޮރޯށި ހުޅުވާލާފައި ނުކުމެއްޖެއެވެ.
ރުޅިގަދަވެގެން ގޮސް އައިރާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ނިކަންބާރަށް ހަޅޭލަވަން އޭނާގެ ނަފްސު ބޭނުންވެފައިވާކަހަލައެވެ. އެހެންނަމަވެސް އެވަރު ހުއްދައެއް ވެސް އައިރާއަށް ނެތީއެވެ. ދެތިން ފަހަރަށް ފުންނޭވާއެއް ލުމަށްފަހު ހިނގައިގަތީ ލިޒީމެންގެއާ ދިމާއަށެވެ. އެހިނދު ޖޯލީގައި އައިރާއަށް ދިމާއަށް ބަލަން ނިޔާނު އިންކަން ފާހަގަވީ އެވަގުތުއެވެ. އިތުރަށް އައިރާ މާޔޫސްވާގޮތްވީ ނިޔާނު ސުވާލުކޮށްފާނެތީއެވެ. ގޭތެރެއަށް ވަނުމުގެ ބަދަލުގައި އައިރާ އައިސް މަޑުކޮށްލީ ލިޒީމެންގޭ ފާރުބުރި ކައިރީގައެވެ. ނިޔާނު ވެސް އައިރާއަށް ގޮވާނުލިއެވެ. އެ ދެމެދަށް ހިމޭންކަން ވެރިވެފައި ވަނިކޮށް އެތަނަށް ލިޒީ ނުކުތެވެ. އަތުގައި ކަރުދާސްގޮށްޓެއް އޮތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ޖުވައިން ވެސް ނުކުތީ ކަރުދާސްގޮށްޓެއް ހިފައިގެންނެވެ.
"ނިޔާން... ސަނާމުގު ކާނަންތަ؟ ނުކާނަން ދޯ" ޖުވައިން ބުނެލިއެވެ. ނިޔާނު ވަކި ޖަވާބެއް ނުދީ ޖޯލިން ތެދުވެގެން ހިނގައިގަތެވެ. ޖުވައިންއާ ދެ މީހުން ލިޒީމެންގެއިން ނުކުމެގެން ހިނގަމުންދިޔައިރު ނިޔާނުގެ ހިމޭންކަން އައިރާގެ ހިތަށް އުނދަގޫކުރުވިއެވެ.
"ހިނގާދާން..." ލިޒީ އައިސް އައިރާގެ ކަނާތުގައި ހިފާލަމުން ބުންޏެވެ. އަދި ނިޔާނުމެންގެ ފަހަތުން އައެވެ.
"ހާދަ މޫޑީވެފައި" ލިޒީ ސަނާމުގު ގޮށި ދިއްކޮށްލުމުން ވެސް އައިރާ އެ ކާކަށް ބޭނުމެއްނުވިއެވެ.
"އެމީހުންނަށް ނޭނގޭނެކަމަށް އަހަންނަށް ފޮރުވައިގެން ވެސް އެއްޗެއް ގެންގުޅެވޭކަށްނެތް" ނުރުހިފައި ހުރި އައިރާ ބުންޏެވެ.
"އެމީހުންނޭ... ތިބުނީ ހިޝްމާއާއި އައިރާގެ ބޭބެގެ ވާހަކަތަ؟ މިހާރު ކިހިނެއްވީ؟" ލިޒީ އެނގެން ބޭނުންވިއެވެ.
"އަހަރެން ވެސް ބޭނުމެއްނޫން އަބަދު މިއުޅޭ ހާލުގައި އުޅޭކަށް، ޚާއްޞަކޮށް ބޭބެމެންގޭގައި... އެގޭގައި ހުރެގެން އަހަންނަށް އެއްވެސް ކަމެއް ރަނގަޅަށްވިޔަ ނުދޭނެކަން އެނގޭ... މިވީ ހަތަރުވަރަކަށް މަސްތެރޭ އަހަރެން އެހާވަރުން އެއްކުރި ތިންހާސްރުފިޔާއާއި މި މަހުގެ މުސާރަ ދޭށޭ ބޭބެ ބުނީ... މާލެދާންވެގެންނޯ... އެވެސް ކީއްކުރަންކަން އެނގޭތަ؟ އެ ޝަމްއާނު ޑޮކްޓަރަށް ދައްކަންށޯ... އަހަރެންގެ ކޮޓަރި ބަލާ ފާސްކުރާތީއެއްނޫންތަ އެނގޭނީ އަހަރެން ފައިސާ ރައްކާކުރާކަން... އަދި އެވެސް ރައްކާކޮށްފައި ހުރި ގޮތެއް"
"ތީ ދެން ބޮޑުވަރު... މިހާރު ވެސް އައިރާގެ މުސާރައިގެ ބޮޑުބައި ދެނީ އެމީހުންނަކަށްނޫންތަ؟"
"އެވާހަކައޭ... އަހަންނަށް ނެތޭ ވަޒީފާއަކަށް ދިޔައޭ ކިޔާފައި ލިބޭ ފައިދާއެއް... އެމީހުންގެ އަޅެއްހެން އުޅޭކަށް މިހާރު އެއްގޮތަށް ވެސް ބޭނުމެއްނޫން... އެކަމަކު އަތުގައި އެންމެ ފައިސާފޮއްޗެއް ވެސް ނެތިސް ކިހިނެއް އެހެންގޮތެއް އަހަރެން ހޯދާނީ ވެސް... އެމީހުންގެ ބޭނުންތައް ފުއްދައިދެމުންނެއްނޫންތަ އަހަރެން މިވަރުވެފައި މި ހުރީ... އެކަމަކު އެވަރު ނުދަނޭ... އަބަދުވެސް ބޭބެމެން އަހަންނަށް ކޮށްދިން ކަންތައްތަކުގެ ވާހަކަ... އަހަރެން ބޭނުންވެ ނުވެފައި ހުރި ކިތައްކަންތައްތޯ އެނގެން އެމީހުން ބޭނުމެއްނުވޭ... އަހަންނަށް ހީވަނީ ނިޔާނު ވެސް އެ ހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފަހެން" އައިރާ ބުންޏެވެ.
"ނިޔާނަށްވުރެ އައިރާގެ ބޭބެމެންގެ ނޮހޮރޮއްޕާން ބޮޑެއްނު... ބުނަން އައިރާ... ގޭގައި ދެން ބަހައްޓާނެކަމެއްނެތް... ފައިސާ ރައްކާކުރާން ވެއްޖެއްޔާ ގެނޭ އަހަރެންގެ އަތަށް... އައިރާ ބޭނުން ދުވަހަކުން އެ ފައިސާ ލިބޭނެ... އޭގައި ޖެހޭނެ މީހަކު ނުހުންނާނެ... ދެން ނިޔާނާ މެދު ނުވިސްނާ... އޭނާ އައިރާދެކެ ލޯބިވަންޏާ ގިނައިރަކު ނުހުރެވޭނެ ރުޅިމޫނު ހަދައިގެން... ބައި ދަ ވޭ އެނގޭތަ؟ އެފްބީއިން މިއަދު ސަޅި ބިޓަކާ ދިމާވެއްޖެ" އައިރާއަށް ލިބިފައި ހުރި ނުތަނަވަސްކަން ކުޑަވެގެންދިޔައީ ލިޒީގެ ވާހަކަތައް އަޑުއަހާފައެވެ. ޚާއްޞަކޮށް އޭނާއާ ފޭސްބުކް މެދުވެރިކޮށް ދިމާވި ޒުވާނާގެ ވާހަކަތަކުންނެވެ.
"ލިޒީއަށް ހުށަހެޅުންތައް ލިބޭއިރު ކީއްވެތަ އެފަދަ ހުށަހެޅުމެއް ޤަބޫލުނުކުރަނީ؟" އައިރާ އަހާލިއެވެ.
"އެމީހަކާ ދިމާވީމާ އެނގޭނެ... އެކަހަލަ ސްޕެޝަލްކަމެއް ހުންނަ އެކަކާ ވެސް ދިމައެއްނުވޭ، ކިރިޔާ މީހަކު ކަމުގޮސްފިއްޔާ އެމީހާއަކީ ކޮންމެވެސް އެހެންމީހެއްގެ ހައްޤެއް... އަދި ވަގުތު ނުޖެހެނީހެން ހީވަނީ... އެހެންނޫނަސް އެހާވަރަކުން އަދި މީހަކާ ރައްޓެހިވުމުގެ ޚިޔާލެއް ވެސް ނެތް"
ލިޒީއާއި އައިރާއަށް ފަސްގަނޑާ ހަމައަށް ދެވުނުއިރު ޖުވައިނާއި ނިޔާނު ވެސް އެތާ ތިއްބެވެ. އާންމުކޮށް އައިރާއާއި ނިޔާނު ބައްދަލުކުރާ ފުނަގަސްދޮށުގައި ހުއްޓިލައިގެން ނިޔާނު ހުރިއިރު ތަންކޮޅެއް ދުރުގައި ފޯނެއްގައި ޖުވައިން ހުއްޓެވެ. އައިރާގެ ކަނާތަށް ދަމާލާފައި ލޮލުގެ އިޝާރާތުން ލިޒީ ފުނަގަސްދޮށުގައި ހުރި ނިޔާނު އޭނާގެ އެކުވެރިޔާއަށް ދައްކާލިއެވެ.
"އަވަހަށްދޭ! ގޮސް އަހާބަލަ ލޯބިގަނޑު ރުޅިއައިސްގެން އުޅެނީ ކޮންކަމަކާތޯ؟" ދިމާކޮށްލާ ފަދަ ގޮތަކަށް ލިޒީ ބުންޏެވެ. ކުޑަކޮށް ހިނިތުންވެލާފައި އައިރާ ހިނގައިގަތެވެ.
"ނިޔާނު..." ނިޔާނުގެ ގާތުގައި ހުއްޓިލަމުން އައިރާ ގޮވާލިއެވެ. ނަމަވެސް ނިޔާނު ބަލައެއްނުލިއެވެ.
"އަހަރެންދެކެ ރުޅި އައިސްފަތަ؟" އިހުނަށްވުރެ ކުރިއަށް ނިޔާނާ ގާތަށް ޖެހިލާ އައިރާ އަހާލިއެވެ. އެހިނދު ނިޔާނުގެ ޖަހާފާއި ހުރި ފިރިހެންވަންތަ ސެންޓުގެ ވަސް ނޭފަތުގައި ޖެހުނެވެ. މަޑުމަޑުން އައިރާގެ އަތް ހިއްލާލާ ނިޔާނުގެ ބުރަކަށީގައި ޖައްސާލިއެވެ. އެއާއެކު އައިރާއަށް ފުރަގަސްދީގެން ހުންނާކަށް ނިޔާނަށް ކެތެއްނުވިއެވެ. އޭނާ އެނބުރިލުމާއެކު އައިރާގެ ކޯތާފަތުގެ ދެފަރާތުގައި ދެއަތްތިލަ ޖައްސާލާ އެ މޫނު އެ އަތުގެ ތެރޭ ހިފަހައްޓާލިއެވެ. އަދި ލޯތްބާއެކު އައިރާގެ ނިތްކުރީގައި ނިޔާނު ބޮސްދިނެވެ.
"ރުޅިއެއްނާދޭ... އެކަމަކު ދެރަވަނީ އައިރާއަށް ކަމެއް ދިމާވުމުން އަހަންނާ ވެސް ގުޅުން ކަނޑާލަން މަސައްކަތްކުރާތީ... އައިރާ ފުރިހަމަ އިތުބާރު އަހަންނަށް ނުކުރަނީއޭ ހީވޭ"
"އަހަރެން ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއްނޫން... ނިޔާނާ ބައްދަލުވުމުގެ ކުރީން ވެސް އަހަރެން އުޅެނީ މިހާލުގައި... މީހުންނަށް އިތުބާރުކުރުމަކީ ކުރާން އެހާ ފަސޭހަކަމެއްނޫން... އެކަމަކު ނިޔާނު ދެރަނުވެބަލަ... ލިޒީ ފިޔަވާ އަހަރެން މިހާރު އިތުބާރުކުރާ ހުރީ ހަމައެކަނި ނިޔާނު" އައިރާ ބަލާލީ ނުހަނު ލޯތްބާއެކުއެވެ.
އައިރާ އަތުގައި ހިފައިގެން ނިޔާނު ހިނގައިގަތީ ރާޅުޖަހާ ހިސާބަށް ދިއުމަށެވެ. މިރޭ އޭނާ ބޭނުންވަނީ އައިރާގެ އަތުގައި ހިފައިގެން އެ ރީތި ދޮންވެލިގަނޑުގައި ރިހިހަނދުވަރުގެ އަލީގައި އަތާއަތްގުޅާލައިގެން ހިނގާލާށެވެ. އައިރާދެކެވާ ލޯބި އޭނާ ކިތަންމެ ގޮތަކުން ހާމަކުރިކަމުގައި ވިޔަސް އޭނާ ވާ ލޯތްބާއި އަޅާ ބަލާއިރު އެއީ ކުޑަމިންވަރެއްކަން ޚުދު ނިޔާނަށް އެނގެއެވެ. ޖުވައިންއާއި ލިޒީ ކޮންމެވެސް ސަކަރާތެއްގައި ތިއްބިއިރު ނިޔާނާއި އައިރާއާ ދެ ލޯބިވެރިން އެ ވަގުތުގެ އުފާ ލިބިގަންނަމުންދިޔައެވެ.
* * * *
މަސްނިމި މުސާރަ ލިބުނު ދުވަހެވެ. ހިތްހަމަނުޖެހިފައި ހުރެ ވެސް އައިރާ މުސާރައެއްކޮށް ނަގައިގެން އައިސް ގެއަށް ވަނެވެ. ތާއިބުއާއި ހިޝްމާއިނީ އޭނާގެ އިންތިޒާރުގައި ކަހަލައެވެ. ސިޓިންރޫމުން އައިރާ ވަނުމާއެކު ހިޝްމާ އޭނާގެ ފިރިމީހާގެ ގައިގާ ކޮއްޓާލިއެވެ. އެހިނދު ތާއިބު އިނދެފައި އައިރާއަށް ގޮވާލައިފިއެވެ. އަނގައިން ބުނުމެއްނެތި އައިރާ އޭނާގެ ކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަހުން މުސާރަ ނަގައި ތާއިބަށް ދިއްކޮށްލިއެވެ.
"މީ އެއްކޮށްތަ؟" ތާއިބު އަހާލިއެވެ.
"އާން! ތީ އެއްކޮށް" ނުރުހުމުގެ ރާގެއްގައި އައިރާ ބުނެލިއެވެ.
"މިވަރުން ނުވާނެ... ކޮބާތަ އައިރާއަތުގައި ދެން ހުރި ފައިސާ" ތާއިބު އެހިއެވެ. އިތުރަށް އައިރާގެ މޫނުމަތިން ފޫހިކަން ފާޅުވެގެންދިޔައެވެ. ހަލުވިކޮށް ހިނގާފައި ގޮސް އެނބުރި އައިރީ މައިލޯ ދަޅެއް ހިފައިގެންނެވެ. އައިގޮތަށް އައިސް ތާއިބުގެ ކުރިމަތީ ހުރި ލަކުޑި ކުޑަ މޭޒުމަތީގައި ތަންކޮޅެއް ބާރަށް އެ ދަޅު ބެހެއްޓިއެވެ.
"މީ ހުރި އެއްޗަކީ... ދެންނެތް ދޭނޭ އެއްޗެއް" އައިރާ މިހެންބުނެ އެތެރެއަށް ގޮސް ގެއްލިއްޖެއެވެ.
އައިރާގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ތާއިބުމެންނާ ހަވާލުކުރިޔާ ހަފްތާއެއް ފަހުން އެމީހުން މާލެ ދާން ފުރުމުގެ ކަންތައް ހަމަޖެއްސިއެވެ. ހިޝްމާއާއި ތާއިބު ދަނީ ޝަމްއާނުގެ އިތުރުން ޝަމްރާ ވެސް ގޮވައިގެންނެވެ. ގޭތެރޭގައި ދުވަސްކޮޅަކަށް ވިޔަސް އައިރާއަށް ހަމެޖެހިލައިގެން އުޅެވޭނޭކަން އެނގޭތީ އެކަމާ ހިސާބެއްގެ ހަމަޖެހުމެއް އައިރާ ލިބިފައިވެއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރަށް ފުރަން ހަމަޖެހިފައި އޮތް ލާންޗަށް އެރުމަށްޓަކައި އެންމެން ގެއިން ނުކުމެ ދޮރުމަތީ އޮތް ކާރަށް އަރައިފިއެވެ. އައިރާ ދޮރޯށި ދޮށުގައި އެމީހުން ދަންދެން މަޑުކޮށްލައިގެން ހުރީ ކާރަށް އަރަމުން ހިޝްމާ ދިން ދޮރޯށީގެ ތަޅުދަނޑި އަތައް ލައިގެންނެވެ. އޭރު ލިޒީ އޭނާގެ ފޯނަށް ގުޅަމުން ދިޔައެވެ.
"ހެލޯ... ބޭބެމެން ދަންދެން މަޑުކޮށްބަލަ..." ސިއްރުން ކަހަލަ ގޮތަކަށް އައިރާ ބުންޏެވެ.
ގިނައިރެއްނުވެ ހިޝްމާމެން އެރި ކާރު ދުއްވާލުމާއެކު ލިޒީއަށް އައިރާ ގުޅިއެވެ. ދެން ފެނުނީ ގޭތެރެއިން ނުކުމެގެން ދުވެފައި އައި ލިޒީއެވެ.
"އެނގޭތަ؟ ނުލަފާބައެއްނު އެއީ...." ލިޒީ އަވަސް އަރުވާލާފައި ވާހަކަދައްކަން ފެށިއެވެ. އައިރާ އޭނާގެ އަތުގައި ހިފާ ދަމާލަމުން ގޭތެރެއަށް އަވަހަށް ވެއްދިއެވެ. ލިޒީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރިކަން އައިރާއަށް އެނގުނީ އޭނާގެ އަޑު ބާރުކަމުންނެވެ.
"ކޮންއިރަކުތަ އެމީހުން ލަފާ ބަޔަކަށްވީ؟" ލިޒީއާއެކު ސިޓިންރޫމަށް އައިރާ ވަންނަމުން ބުންޏެވެ.
"އެމީހުން އެ ދިޔައީ މާލެއަކަށް ނޫން... އިންޑިއާއަށް... އައިރާގެ ލާރިކޮޅު ފޭރިގަނެގެން އެއިން މަޖާނަގަން..." ލިޒީ ބުނި އެއްޗަކުން އައިރާ ބަސްހުއްޓުނެވެ.
"އާން! މަންމަ ބުނީ ސަމިއްޔަތައޭ އެހެން ބުނީ... ހިޝްމާ ވަރަށް ފޮނިކަނޑާފައޭ ބުނި ފުރައިގެން އެ ދިޔައީ... އަޅެ ނުބައި ނުލަފާވެގެން ގޮސް އެމީހުން ނުކުރާނީކީއް" ރުޅިގަނޑު ކޮންޓްރޯލު ކުރުން ލިޒީއަށް ފަސޭހައެއްނުވިއެވެ.
(ނުނިމޭ)