ދިވެހި ސިނަމާ

ލަސްވިޔަސް ޓެޑްރީ އަށް އިތުބާރުކުރަންވީތަ؟

ހުނަރާއި އިލްމާއި ހިލްމާއި މުނިފޫހިފިލުވައިދިނުމުގެ އުކުޅުތައް މަދު ދިވެހި ސިނަމާގެ އެންމެ ބޮޑު އެއް ރައުސްމާލަކަށް ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒުވާނޭ ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. ފިލްމު ހަދަން އެނގޭ މީހަކަށް މި ދާއިރާގައި އުޅެނީ ޓެޑްރީ އެކަންޏޭ ބުނަން މީހުންނަށް ކެރެނީ އަދި އެނގެނީ ވެސް ދެން ތިބި އެންމެނަށް ވުރެން މައްޗަށް އޭނާ އަރައިގެންގޮސްފައިވާ ހަގީގަތް ނިކަން ސާފުކޮށް ފެންނަން އޮތީމަ ކަމަށް ވެދާނެ އެވެ.

ނަމަވެސް "ދެ ރިޔަލުން" ކޮށި މި އާދަޔާހިލާފު ދަތުރުގައި ޓެޑްރީގެ ނަން މިއަދު މި ވަނީ ފިލްމު އުފެއްދުމުގެ ރޭހުގައި އެންމެ ފަހަތަށް ވެއްޓިފަ އެވެ. ދެ މޫސުން ދޭތެރެއިން ދަންވަރަށް އަރާ އުދައެއްގެ ސިފައިގައި އެނބުރި އައުމަށް ކުރި މަސައްކަތް ވެސް ތޮޅިޔަށް ދިޔަ ހިސާބުން ދެން އެންމެން ވެސް ބުނަން ފެށީ ޓެޑްރީ މުހައްމަދު ނިޔާޒަކަށް ދެން ފިލްމެއް ނުއުފެއްދޭނޭ ކަމަށެވެ. އެއަށް ފަހު ދެން އޭނާ އިއުލާނުކުރި އުއްމީދީ ޕްރޮޖެކްޓަށް ކީ ނަން ވެގެންދިޔައީ އެ އެންމެން ބުނި ވާހަކަތައް ހަގީގަތަކަށް ހަދައި އިތުރު ބަދުނަސީބެއް ގެނެސްދިން ނަމަކަށެވެ. -- އެ ނަމަކީ ލަސްވިޔަސް އެވެ.

މި ޕްރޮޖެކްޓެއް އިއުލާނުކުރިގޮތަށް އަނެއްކާވެސް ޓެޑްރީގެ މަސައްކަތް ލަސްވެ އޭނާގެ އާ ފިލްމަކަށް ކުރެވޭ އިންތިޒާރު ދިގުލައިގެން ދިޔައީ އެވެ. ތިޔަ ޓެޑްރީއެއް ދެން ފިލްމަކާ އެކު އެނބުރި ނާންނާނެއޭ މީހުން ބުނަން ފެށި ހިސާބަކީ މިއީ އެވެ. ނަމަވެސް ފިލްމާއި ވީޑިއޯއާ ގުޅުންހުރި ތަފާތު މަސައްކަތްތަކުގައި މެދުނުކެނޑި ހަރަކާތްތެރިވާތާ 40 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ޓެޑްރީ އަބަދުވެސް ބުނި ވާހަކައެއް އޮތެވެ. -- ލަސްވިޔަސް އޭނާ އެނބުރި އަންނާނެ ވާހަކަ އެވެ.

އެ ވާހަކަ ހަގީގަތަކަށް ހެދުމުގެ ފުރަތަމަ މަރުހަލާ އޭނާ މި ވަނީ އަލުން ފަށައިފަ އެވެ. "ލަސްވިޔަސް" ނަމުގައި ކުރިން ވެސް އިއުލާނުކުރި ޕްރޮޖެކްޓްގެ ފަސްޓް ލުކް ނުވަތަ ޓީޒާއެއް މި ވަނީ އާންމުކޮށް ދައްކާލައިފަ އެވެ. އެއާ އެކު އާދައިގެ މަތިން ޓެޑްރީ އަށް ތައުރީފާއި ތަރުހީބު އޮހެން ފެށީ އެވެ.

އެކަމަކު އުފެދޭ ސުވާލަކީ މިއީ އެވެ. ލަސްވިޔަސް، ޓެޑްރީ އަށް އަހަރެމެން ހަމަ އަދިވެސް އިތުބާރުކުރަންވީތޯ އެވެ؟ ޓެޑްރީގެ އަތުގައި އޮތް ޖަވާބު ނިކަން ކުރުވެފައި އެހާމެ ފޮންޏެވެ.

ލަސްވިޔަސް މިފަހަރު ތާރީޚެއް އެބައޮތް!

"ލަސްވިޔަސް" ގެ ކުރިން އިއުލާނުކުރި ފިލްމު "ދަންހަޅަ" ގެ މަސައްކަތަށް ތައްޔާރުވަމުންދިޔައިރު ވެސް ޓެޑްރީ ސީދާ ތާރީޚެއް ދީފައެއް ނުވެ އެވެ. އަނެއްކޮޅުން އެ ފިލްމަކީ، އޭރު ސިފަކޮށްދިން ގޮތުން ނަމަ، ޕޮލިޓިކަލް ތްރިލާއަކަށް ވެފައި ނިކަން ބޮޑު ޕްރޮޑަކްޝަން މަސައްކަތެއް ކުރަން ޖެހޭނެ ފިލްމަކަށްވުމުން ޓެޑްރީ އޭރު ވެސް ހުރީ ދެހިޔާލެއްގަ އެވެ. ފަހަރެއްގައި އެ ފިލްމަށް ތާރީޚެއް ނުދިނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

ޓެޑްރީ އަކީ ފުރިހަމަ އަށް ތައްޔާރުވެވި، ކަމަރު އަޅައި ބާރުކޮށްލެވުމުން ނޫން ގޮތަކަށް ފިލްމީ ދާއިރާގެ އުދަރެހަށް ފުންމާލަން ބޭނުންވާ މީހެއް ނޫނެވެ. އޭނާ ބުނީ ހަތް ވަރަކަށް ޕްލޮޓް އޭނާގެ އަތުގައި މިހާރު ވެސް އެބައޮތް ކަމަށާއި އެހެން ނަމަވެސް "ލަސްވިޔަސް" އާއެކު އެނބުރި އަންނަން ނިންމީ އެންމެ ފުރިހަމަ އަށް މިހާރު ތައްޔާރުވެވިފައި ވަނީ މި ޕްރޮޖެކްޓަށް ކަމަށްވުމުން ކަމަށެވެ.

އެހެންކަމުން "ލަސްވިޔަސް" އަށް ކުރިން ދޭން ބޭނުން ނުވި ތާރީޚު ވެސް ޓެޑްރީ މިހާރު މި ވަނީ ދީފަ އެވެ. މި އަހަރުގެ އެޕްރީލް މަހު މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތަށް އޭނާ އާއި އާދަޔާހިލާފަށް ބޮޑު ކަމަށް ލަފާކުރެވޭ ޓީމެއް ނުކުންނާނެ އެވެ. އެއަށް ފަހު މި އަހަރު ނިމުމުގެ ކުރިން ފިލްމުގެ މަސައްކަތް ނިންމާނެ ކަމަށް ވެސް މި ވަނީ ބުނެފަ އެވެ.

އެހެންވީމަ ކިތަންމެ ލަސްވިޔަސް 2018 އަށް ވުރެ ލަހެއް ނުވާނެކަމުގެ ޔަގީންކަން ޓެޑްރީ މި އޮތީ މިފަހަރު ދީފަ އެވެ. އޭނާ ދޭ މިއަށް ވުރެން އުފާވެރި ޚަބަރެއް ވެސް އެބައޮތެވެ. އެއީ "ލަސްވިޔަސް" ދެން ބެލުންތެރިންނާ ހަމަ އަށް އަންނާނީ މީގެ ކުރިން ވިސްނި ފެންވަރަށް ވުރެ އެތައް ގުނައެއް މަތިން ކަމެވެ.

ލަސްވިޔަސް އަކީ ކޮބާ؟

މި ޕްރޮޖެކްޓެއް އެންމެ ފުރަތަމަ އިއުލާނުކޮށްފައި ވަނީ މީގެ ދެ ތިން އަހަރުވަރު ކުރިންނެވެ. ފީޗާ ފިލްމެއްގެ ރޫހާއި ފޯރީގައި ލިޔެފައިވާ ޕްރޮޖެކްޓަކަށްވިޔަސް ރިހި އިސްކިރީނަށް "ލަސްވިޔަސް" ގެނައުމުގެ ބަދަލުގައި ޓީވީ ޑްރާމާއެއްގެ ގޮތުގައި ބުރިބުރިކޮށްލައިގެން ގެނެސްދިނުމުގެ ވިސްނުމެއް ވެސް ޓެޑްރީ އޭރުގެ އިންޓަވިއުތަކުގައި ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް އަލުން އަނެއްކާވެސް މި ޕްރޮޖެކްޓް މި ވަނީ ފީޗާ ފިލްމަކަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު މިހާރު އެންމެ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނީ މީގެ ޕްލޮޓާ ބެހޭ ގޮތުންނެވެ. ފިލްމުގެ ޓީޒާގައި ފެންނަނީ ބޮލުން އިސްތަށި އެއްކޮށް ފައިބައިފައިވާ ކުޑަ އަންހެން ކުއްޖެކެވެ. މިއީ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ އެވެ. ޒޯޔާގެ މޭކަޕަށް ބަލާއިރު އޭނާ އެންމެ ވައްތަރަކީ ކީމޯތެރަޕީގެ ސަބަބުން ބަލިވެފައިވާ އަންހެން ކުއްޖަކާ އެވެ.

ނަމަވެސް އެއް ބަޔަކު ޓެޑްރީގެ މި ޓްރެއިލާ ބެލުމަށް ފަހު ބުނަން ފަށާފައި ވަނީ މި ފިލްމު ވެގެންދާނީ ދިވެހިންގެ ފުރަތަމަ ސައިންސް ފިކްޝަން ފިލްމަށް ކަމަށެވެ. ކޮންމެއަކަސް މި ވާހަކަތަކަށް ނުވަތަ އުފެދޭ ސުވާލުތަކަށް ޖަވާބު ދޭން ޓެޑްރީ އަދި ބޭނުމެއް ނުވެ އެވެ. އޭނާ ބުނަނީ ފިލްމު ރަސްމީކޮށް ލޯންޗުކުރުމަށް ފަހު އިތުރު މައުލޫމާތު މީޑިއާއާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

އެހެންވީމަ "ލަސްވިޔަސް" ގެ ޕްލޮޓް އެގޮތުގައި ދޫކޮށްލުމަށް ފަހު މި ފިލްމަށް ޓެޑްރީ އެކުލަވައިލަމުންދާ ޓީމަށް ބަލައިލަމާ ހިނގާށެވެ. ޓީމުގެ ރަސްމީ ނަންތަކެއް ވެސް އަދި ފިލްމުގެ ކާސްޓެއް އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އޭނާ ބުނީ ދާއިރާގެ ތަޖުރިބާކާރު ބަޔަކު ބޭނުންކުރުމުގެ ހިޔާލު އެބަހުރި ކަމަށާއި މި ފިލްމަކީ މީގެ ކުރިން ނުފެންނަ ވަރުގެ މޭކަޕްގެ މަސައްކަތްތަކެއް ފެންނާނެ ފިލްމަކަށްވުމުން އެކަމަށް ވެސް ފުރިހަމަ އަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފިލްމުގައި ދައްކަން ބޭނުންވާ އާދަޔާހިލާފު މޭކަޕްގެ މަސައްކަތަށް އާޓިސްޓުން ގެންނަނީ ބޭރުންތޯ ސުވާލުކުރުމުން ވެސް ޓެޑްރީ ޖަވާބެއް ނުދިނެވެ. އެހެންވީމަ، ކިތަންމެ ލަސްވިޔަސް އަހަރެމެންނަށް މި ޖެހެނީ އަދިވެސް މަޑުކޮށްލާށެވެ. ސަބަބަކީ ޓެޑްރީ މުހައްމަދުގެ ނިޔާޒުގެ އާ ފިލްމަކަށް އަދިވެސް އެންމެން ކެތްމަދުވެފައިވާތީ އެވެ. އެ ވަގުތު ޖެހެންދެން ބަލައި ފޫހިނުވާނޭ ފެންވަރުގެ އެތައް މަސައްކަތެއް ޓެޑްރީ ގެނެސްދީފައިވުމަކީ ނަސީބެކެވެ.