"ފައިން ޓެކްސީ" ސެންޓަރުގެ ޓެކްސީއަކަށް އެރި އަންހެންކުއްޖަކު ގޮވައިގެން ނުބައި އެޑްރެހަކަށް ދުއްވި ޓެކްސީ ޑްރައިވަރަކީ އަޑު ނީވޭ މީހެއް ކަމަށާއި ނުބައި ތަނަކަށް ގެންދެވުނީ ޑްރައިވަރަށް އަޑުއިވުމުގައި އެރި އޮޅުމަކުން ކަމަށް ފައިން ޓެކްސީ އިން ބުނެފި އެވެ.
ފައިން ޓެކްސީގެ މަސްއޫލުވެރިޔާ އަހުމަދު ޝިހާދު އަވަސް އަށް ވިދާޅުވީ، ރޭގެ ހާދިސާ ހިނގި އރު ކާރު ދުއްވަން އިން ޑްރައިވަރަކީ އެ ޓެކްސީ ސެންޓަރު ހުޅުވި ދުވަހުއްސުރެ އެތަނުގައި މަސައްކަތްކުރާ ޑްރައިވަރެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާއާ ގުޅޭ އެފަދަ މައްސަލައެއް އައިސްފައި ނުވާ ކަމަށެވެ.
ހިއަރިން ޑިވައިސްއެއް އަޅައިގެ އުޅޭ އިރުވެސް އާންމުކޮށް ވާހަކަ ދައްކައި އުޅޭ ވަރަށްވުރެ ބާރަށް ވާހަކަ ދެއްކުމުން އަޑު އިވޭ އެ ޑްރައިވަރު ރޭ އުޅުނީ ޑިވައިސް ވެސް ބޭނުން ނުކޮށް ކަމަށް ޝިހާދު ވިދާޅުވި އެވެ.
"އޭނާ އަކީ އަޅުގަނޑު ވަރަށް ގާތުން ދަންނަ މީހެއް. އޭނަގެ މެޑިކަލް ރިޕޯޓް ތަކާ ހުރިހާ އެއްޗެއް އަޅުގަނޑުމެން އަތުގަ އެބަހުރި. އާންމުކޮށް ޓެކްސީ ކުރާއިރު ހިއަރިން ޑިވައިސްއެއް އޭނަ ބޭނުން ކުރޭ. އެކަމަކު މި ފަހަކުން އެ އަޅައިގެން އުޅެން އުނދަގޫވާތީ ދޭތެރެ ދޭތެރެއިން ނަގާލައިގެން އުޅެނީ، ރޭގައި ދިމާވި އެ ހާދިސާއަކީ އަންހެން ކުއްޖާ ކީ އެއްޗެއް އޮޅުން ނުފިލާތީ ހިނގި ހާދިސާއެއް ކަމަށް ގަބޫލުކުރަން. ސަބަބަކީ އޭނާ އެ އަންހެންކުއްޖާއާ ބެހެން މަސައްކަތެއް ކުރި ކަމަށް އެ ކުއްޖާ ވެސް ނުބުނޭ" އޭނާ ވިދާޅުވި އެވެ.
ޝިހާދު ވިދާޅުވީ ޓެކްސީ ޑްރައިވަރާ ބެހޭގޮތުން ގޯސް ޝަކުވާތަކެއް އެއްވެސް އިރަކު ކަސްޓަމަރެއްގެ ފަރާތުން ނުލިބޭ ކަމަށެވެ. ނަމަވެސް އޭނާއާ އެއް ވާހަކައެއް ތަކުރާރުކޮށް ބާރަށް ދައްކަންޖެހޭތީ ބައެއް ކަސްޓަމަރުންގެ ފަރާތުން ޝަކުވާ ލިބޭ ކަމަށް އޭނާ ބުންޏެވެ.
"ތި ހާދިސާއާ ގުޅިގެން ތި ކަސްޓަމަރު އަޅުގަނޑުމެންނަށް ޝަކުވާ ހުށަހެޅި. ނަމަވެސް ވީ ނުވީ އޮޅުން ނުފިލުވައި އެ އަންހެންކުއްޖާ ސޯޝަލް މީޑިއާގައި ޖެހި ސްޓޭޓަސް އަކުން އޭނާވެސް، އަދި އަޅުގަނޑުމެންވެސް މި ބޭޒާރުވީ،" ޝިހާދު ވިދާޅުވި އެވެ.
އެ ހާދިސާ ދިމާވި އަންހެން ކުއްޖާގެ ފޭސްބުކް ޕޯސްޓެއްގައި ރޭ ބުނެފައިވަނީ ސްްޓެލްކޯ ކައިރީގައި ހުރި ގެޔަކަށް ގެންގޮސްދޭން ތަކުރާރުކޮށް ބުނުމުންވެސް ޑްރައިވަރު އޭނާ ގޮވައިގެން ގޮސްފައިވަނީ މެރީ ބްރައުން ރެސްޓޯރަންޓް ހުންނަ ސަރަހައްދުގެ އަނދިރި ގޯޅިއަކަށް ކަމަށާއި ޓެކްސީ ހުއްޓަން އެދުމުން ވެސް ޑްރައިވަރު ޓެކްސީ ނުހުއްޓި ކަމަށެވެ. އަންހެން ކުއްޖާ ބުނާ ގޮތުން ޑްރައިވަރަށް ޓެކްސީ ހުއްޓަން މަޖުބޫރުވީ ޓެކްސީގެ ދޮރު އަންހެން ކުއްޖާ ހުޅުވާލުމުން ކަމަށެވެ.
އެ ހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިއަދުގެ ވަގުތެއްގައި އެ މައްސަލާގައި ޓެކްސީ ޑްރައިވަރުގެ ވެރިޔާ އާއި ޑްރައިވަރުގެ ބަޔާން ނެގުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.