ހަބަރު

ކައުންސިލް އިންތިހާބުގައި 400 އަށް ވުރެ ގިނަ ވޯޓްފޮށި

Feb 16, 2017

އަންނަ އެޕްރީލް 15 ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ރާއްޖެ އާއި ރާއްޖެއިން ބޭރު ހިމެނޭ ގޮތަށް ޖުމްލަ 469 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން، އީސީ އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މާލޭގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި 55 ވޯޓްފޮށި، މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުން ވޯޓްލުމަށް 77 ފޮށި އަދި އަތޮޅުތަކުގައި 302 ފޮށި ބަހައްޓާނެ ކަމަށެވެ. އަދި ޖަލުތަކުގައި ހަތަރު ވޯޓުފޮށި، ރިސޯޓުތަކުގައި 21 ވޯޓްފޮށި، ސިނާއީ ރަށްރަށުގައި ހަތަރު ފޮށި އަދި ރާއްޖެއިން ބޭރުގައި ހަ ފޮށި ބަހައްޓާނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

"ޖުމްލަ 469 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ،" އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެ އެވެ.

ސިނާއީ މަސައްކަތްކުރާ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ، އެތަނެއްގައި ވޯޓުލުމަށް މަދުވެގެން 100 މީހުން ރަޖިސްޓްރީ ވެއްޖެ ނަމަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމެއްގައި ވޯޓުލުމަށް އެންމެ މަދުވެގެން 1،000 މީހުން ރަޖިސްޓަރީވެފައިވާނަމަ އެވެ.

ރަޖިސްޓްރީ އޮންނަ ތަން ނޫން ތަނެއްގައި ވޯޓްލުމަށްޓަކައި ރަޖިސްޓްރީ ކުރަން ކޮމިޝަނުން ހުޅުވާލާ ފުރުސަތުގައި، އެ އަދަދަށް ވުރެ މަދުން އެ ތަންތަނުގައި ވޯޓް ލުމަށް މީހުން ރަޖިސްޓްރީކޮށްފި ނަމަ، އެ ރަޖިސްޓްރޭޝަންތައް ބާތިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.