- ގާތްގަނޑަކަށް 480 ވޯޓް ފޮށި
- އޮންލައިންކޮށް ފޯމް ހުށަހެޅޭނެ
- ބައެއް އޮބްޒާވަރުން ވަނީ ހަމަޖެހިފައި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެކި ކަންކަމަށް ސާޅީސް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. ނަމަވެސް ހަރަދު ކުރަން ނިންމާފައިވާ ގޮތުގެ ތަފްސީލް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، އިންތިހާބާ ގުޅިގެން ވާންޖެހޭ ގިނަ ތައްޔާރީތައް ވުމާއި އިދާރީ އެހެން ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އިންތިހާބަށް ބަޖެޓް ހަމަޖެއްސުމުގެ ކަންކަން ވެސް މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 480 އެއްހާ ވޯޓް ފޮށި މިފަހަރުގެ ކައުންސިލް އިންތިހާބުގައި ބެހެއްޓޭނެ ކަމަށް ލަފާކޮށްފައިވާއިރު އަކްރަމް ވިދާޅުވީ، ފޮށިތަކާއި ފައިސާގެ ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
އަކުރަމް ވިދާޅުވީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ޕޯޓަލްއެއް ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށާއި އެ ޕޯޓަލްގެ ތެރެއިން އޮބްޒާވަރުންނަށާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި އޮފިޝަލުންނަށް ވުމަށް ވެސް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ޖަވާބު ވެސް އޮންލައިންކޮށް ދޭނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ރާއްޖެ އަންނަން ބައެއް ބޭރުގެ ފަރާތްތައް މިހާރު ހަމަޖެހިފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެގޮތުން އިންޓަނޭޝަނަލް އިލެކްޝަން ބޮޑީއެއް ކަމަށް ވާ އެސޯސިއޭޝަން އޮފް ވޯލްޑް އިލެކްޝަން ބޮޑީޒް (އަ ވެބް) ނަމަކަށް ކިޔާ ޖަމިއްޔާއަކާއި، މި ސަރަހައްދުގެ އެންމެ ވަރުގަދަ އިލެކްޝަން ބޮޑީއެއް ކަމަށްވާ "ފެމްބޯސާ" ޖަމިއްޔާގެ މެންބަރު ބައެއް ގައުމުތަކުގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ، ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށް ޖުމްލަ 651 ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ. އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އެ އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީ އަދި ޕީޕީއެމް އިން އަންނަނީ ތައްޔާރުވަމުންނެވެ.