ފިނިޕޭޖް

ޕިއާނޯ ރައުންޑްގައި ސަޅި ހުށަހެޅުންތަކެއް، ވަކިވެގެންދާ ބައިވެރިން މިރޭ އިނގޭނެ

Feb 18, 2017
4

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ހަގީގީ ފޯރި ރޭގައި ފެނިއްޖެ ދޯ އެވެ. ޕިއާނޯ ރަައުންޑުގެ ފުރަތަމަ އަށް ބައިވެރިން ލަވަ ކިޔާ ރޭ މިވަނީ ޖަޖުން އިމްޕްރެސް ކޮށްލާފަ އެވެ. ރީތީ މިވެނި ކުއްޖެއްގެ ލަވައެކޭ ބުނެވޭކަށް ނެތެވެ.

ޝޯގެ ޓްރެއިލާގައި ކުދިން ބުނިހެން ރޭގެ ޝޯގެ ލަވަތައް ނިންމާލާފައި ޖަޖުންވެސް ބުނީ މިއީ ޖަޖު ކުރަން ހީކުރި ވަރަށް ވުރެ ޖަޖުކުރަން އުނދަގޫ ޝޯއެއް ކަމަށެވެ. ޖަޖުންވެސް ރޭގެ ޕާފޯމެންސަށް ދިނީ ގާތްގަނޑަކަށް އެވްރެޖް ކޮމެންޓްތަކެކެވެ. ހުރިހާ ކުދިންގެ ލަވަތައްވެސް ޖަޖުންނަށް ވަނީ ކަމުގޮސްފަ އެވެ.

ރޭގައި ޝޯގައި ލަވަ ކިޔާފައިވާ އަށް ބައިވެރިންނަކީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، ޝަނީޒާ ޝަރީފް، ޝަޒާ އަބްދުﷲ ރަޝީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، އަހްމަދު ސައްޔާހު އަދި ޝަމްވީލް މުހައްމަދު އެވެ.

ރޭގެ ޝޯ ގްރޫޕް ލަވައަކުން ފަށައިދިނުމަށްފަހު ސޯލޯ ލަވައެއް އެންމެ ފުރަތަމަ ހުށަހަޅައިދީފައިވަނީ މުހައްމަދު ރީހާން އެވެ. ރީހާން ހުށަހަޅައިދިނީ "ފެންނާތީ މި ލަވަ އެވެ. އިބްރާހިމް ވަހީދު (ބޮޑު ބެ) ރޭގައި ހުށަހަޅައިދިނީ "ވިންދު ލޯބިން" މި ލަވަ އެވެ. ޝަމްވީލް މުހައްމަދު "މިރޭ ލޯދެކޭ" ހުށަހަޅައިދިން އިރު މުހައްމަދު ތަސްނީމް (ބޮބް) ހުށަހަޅައިދިނީ "ހިނިތުން ވެލާށޭ ކަލާ" އެވެ. މުހައްމަދު ހަމްދާން ރޭގައި ހުށަހަޅައިދިނީ "ފުން އަސަރުގައި" އެވެ. ޝަނީޒާ ޝަރީފް "ދުރުވާން ޖެހުނަސް" ހުށަހަޅަދިން އިރު ޝަޒާ އަބްދުﷲ ރަޝީދު ހުށަހަޅައިދިނީ "އޭނީ ލޯބި" އެވެ. އަދި ރޭގައި އަހްމަދު ސައްޔާހު ހުށަހަޅައިދީފައިވަނީ "ހިތް ބޭނުމޭ ދުލުން" އެވެ.

މި އަށް ބައިވެރިން ރޭ ހުށަހަޅައިދިން ލަވައް ތިން ޖަޖުން އިންސާފުކުރުމަށްފަހު ބެލުންތެރިންނަށް ވަނީ އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެންމެ ހިތްކިޔާ ބައިވެރިޔަކަށް އެސްެއެމްއެސް ކުރުމުގެ ފުރުސަތު ރޭގެ ޝޯ ފެށުނީއްސުރެ މެންދުރުފަހު ތިނެއްގެ ނިޔަލަށް އޮންނާނެ އެވެ. އެސްއެމްއެސް ކުރަން ޖެހެނީ MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާ، އެ ބައިވެރިޔަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 ކަށެވެ. ކޮންމެ ނަންބަރަކުން ވެސް ގިނަ ވެގެން 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖްކުރާނެ އެވެ. މި ވޯޓްގެ ކަންކަން ބެލުމަށް ހަވާލުކޮށްފައިވަނީ ކްރޯވް ހޮވަތް އެލްއެލްފީ އޮޑިޓް ފާމާ އެވެ.

ރޭ ބައިވެރިންނަށް ލިބޭ ޖަޖުންގެ މާކްހާއި ބެލުންތެރިންގެ ވޯޓު އެކުކޮށްލުމަށްފަހު އެންމެ ދަށް މާކްހެއް ލިބޭ ދެ ބައިވެރިން މިރޭގެ ޝޯއިން ވަކިވެގެންދާނެ އެވެ. އެލިމިނޭޝަން ޝޯ ދައްކާނީ ޓީވީއެމްއިން ވަގުތުންނެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޕިއާނޯ ރައުންޑަށް ހޮވިފައިވާ އަނެއް އަށް ބައިވެރިންނަކީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަހްމަދު މާއިޝް، އަބްދުﷲ ހިޝާން، ހުސެން ސަމާހު އެވެ.

އެ ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނީ އަންނަ ހަފުތާ އެވެ. އެ އަށް ބައިވެރިންގެ ތެރެއިން ވެސް އަންނަ ހަފުތާ ދެ ބައިވެރިން ކަޓައިގެންދާނެ އެވެ. އަދި އައިޑޮލްގެ މި ފަހަރުގެ ގަދަ 12 ޔަގީންވެގެންދާނެ އެވެ.