ހަބަރު

މަޖަލަކަށް ރޯކުރި އަލިފާނުން ނަލަނަލަ ޗަސްބިން އަޅިއަށް

  • ސަރަހައްދުގެ ރީތިކަން އެކީވަނީ ގެއްލިފައި
  • އަލިފާން ރޯކުރީ ބަޔަކު މަޖަލަކަށް ކަމަށް ބެލެވޭ
  • މި މައްސަލައިގައި އީޕީއޭ އިން ކަންބޮޑުވޭ

ގިނަ ފޮޓޯ ގްރާފަރުންނާއި ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހުން އެ ރަށުގެ ޗަސް ބިން ސަރަހައްދު ސިފަ ކުރަނީ ރަށުގެ އެންމެ ޗާލު އަދި އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ސަރަހައްދެއްގެ ގޮތުގަ އެވެ. ފުވަމުލަކު އުފެދިފައި އޮތް ގޮތުން އެރަށުގެ ވަށައި މީހުން ދިރިއުޅޭ އިރު ކުޅިއާ ޗަސްބިން ސަރަހައްދު އޮންނާނީ މެދަށް ވާ ގޮތަށެވެ. ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގަދަ ފެހި ގަސްތަކާ އެކު ގުދުރަތީ ގޮތުން މުއްސަދި މި ސަރަހައްދު ވަނީ އަޖައިބެއް ފަދަ ތަނަކަށެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެންނަނީ އެ މާހައުލުގައި އުފާކުރަމުން އަންނަ ދޫނި ސޫފާ ސޫފިން އެވެ. އާންމު ގޮތެއްގައި ކަނބިލި، ވަލު ކުކުޅު، ރާބޮނދި، މާކަނަ އަދި އިރުވާ ހުދު ފަދަ ދޫނި އެސަރަހައްދަށް ގޮސް އެސޮރުމެންގެ ހާލިތައް ހަދާ އުޅެއެވެ. އެ މަންޒަރު ބަލާލަން ޗަސްބިމުގެ މެދުގައި ހުރަހަށް އޮންނަ މަގުގައި މީހުން ފޮޓޯ ނަގަން ނުތިބޭ ވަގުތެއް މަދުވާނެ އެވެ.

"ޗަސްބިން ސަރަހައްދަކީ އަޅުގަނޑުމެން ރަށުގެ އެންމެ ރީތި އެއް ސަރަހައްދު. އޮޅަށް ދާއިރުވެސް ކުޅި ކައިރި މުޅި ހިސާބުގަނޑު ފެހި ކޮށްލާފަ އޮންނާނެ. ދޫނިތައް އެތަނުގަ އުދުހި އުޅެމުން އަންނަ މަންޒަރަކީ ވެސް ހިތްގައިމު މަންޒަރެއް. ޗަސްބިން ސަރަހައްދު އޮންނަ ކަމަކީ ވެސް ފުވަމުލަކު މީހަކަށް ވީތީ ލިބޭ ބޮޑު ފަހުރެއް،" ޏ. ފުވައްމުލަކު މީހަކު ބުންޏެވެ.

ނަމަވެސް ދާދި ފަހުން އެތަނުގައި ތަކުރާރުކޮށް ބޮޑު އަލިފާންގަނޑެއް ރޯކުުރުމުގެ ސަބަބުން މުޅި އެ ސަރަހައްދު ވަނީ އަނދައި ހުލިވެފަ އެވެ. ކުރިން ފެނުނު ގަދަ ފެހިކަމުގެ ބަދަލުގައި އެތަނުން މިހާރު ފެންނަނީ ހަނަ ފަސްކަމާއި ވީރާނާ ކަމެވެ. ހާލި ހަދަން ކޮންމެ ދުވަހަކު އަންނަ ދޫނިތައް ވެސް މިހާރު ގެއްލިއްޖެ އެވެ. މުޅި ސަރަހައްދު ވަނީ ފަޅުވެފަ އެވެ. މިއީ ފުވަމުލަކުގެ ނަލަ ނަލަ އާދަޔާ ހިލާފު ރީތިކަމާއި ގުދުރަތީ މުއްސަދިކަމަށް ލިބުނު ބޮޑު އުނިކަމެކެވެ.

"މި ފަހަރު ވެސް ތިން ދުވަހަކު މަތިން އެތަނުގައި ރޯވި، އެތާ އެންމެ ކައިރީ އޮޅު އަލަތައް ހުންނާނީ. ދެން ހުންނާނެ ރުށް. ނަމަވެސް ޗަސްބިމުގެ މެދުގައި އޮންނަ މަގު ކައިރީ މީހުން ހައްދާފަ ތިބޭނެ އަނބާ ފައްކެޔޮ ފަދަ ތަކެތި. އެތަކެތިވެސް އަނދާ ހުލިވެފައި ހުރީ. މިހާރު ވެސް އެ ސަރަހައްދު ބަލަން މީހުން ދޭ. ނަމަވެސް މިހާރު ދަނީ ރީތިކަން ބަލާކަށް ނޫން. އެތަނުން ފެންނަން ހުރި ހިތްދަތި މަންޒަރު ބަލަން. މުޅިތަން ރަތްވެ ކަޅުވެފަ،" ފުވަމުލަކު އަތޮޅު ކައުންސިލްގެ ރައީސް ހުސެން ޝާފީ އިބްރާހިމް ވިދާޅުވި އެވެ.

ޝާފީ ވިދާޅުވި ގޮތުގައި ހޫނު މޫސުމާ ދިމާކޮށް ބައެއް ފަހަރު ޗަސްބިން ސަރަހައްދުގައި ކޮންމެވެސް ވަރަކަށް އަލިފާން ހިފައެވެ. އެކަމަކު މިފަހަރު މިހިފި އަލިފާނާ އެކު މުޅި ސަރަހައްދު އެކީ އަޅިއަށްވީ އެވެ. ނަމަވެސް މި ފަހުން ތިން ދުވަހެއްގެ މަތިން އަލިފާން ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރޯވެފައި ހުރީ އެއް ފަޅީގައި ކަމަށް ވުމުން ލަފާ ކުރެވެނީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޫނު މޫސުމުގައި ކޮންމެވެސް ވަރަކަށް ރޯވިޔަސް މިފަހަރު މުޅި ތަނުގެ ފަސް ބައިކުޅަ ތިންބައި އެއްކޮށް ހުލިވެފަ އޮތީ. ގާތްގަނޑަކަށް މާލޭގެ އަވަށެއް ވަރުވާ ތަން އޮތް އަނދާލާފައި. އެ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންވެސް ބައެއް ފަހަރު އުޅޭނެ. އެގޮތަށް ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވެނީ،" ޝާފީ ވިދާޅުވި އެވެ.

ޗަސް ބިމުގައި އަލިފާން ރޯވި ހާދިސާ ފުލުހުންވެސް އަންނަނީ ބަލަމުންނެވެ. އަދި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ވަނީ އެކަމާ ވަރަށް ބޮޑަށް ކަނބޮޑުވުން ފާޅުކޮށް އެކަން ކުރި ބަޔަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

"ޗަސްބިމުގެ ދިރުންތަކަށް އެ ލިބުން ގެއްލުންތަކަކީ އަޅުގަނޑުމެން ވަރަށް ކަނބޮޑުވާ ކަމެއް. އޭގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ނުރައްކާވެދާނެ ފަދަ ކަމެއް އެއީ. އަޅުގަނޑުމެންވެސް އަންގާފިން ތަހުގީގުކޮށްފައި. އެކަން ކުރީ ކުޑަކުދިން ނަމަ އެމީހުންގެ ބެލެވނިވެރިންވެސް ޒިންމާ ކުރުވަން ޖެހޭ އެބަ. އާންމުކޮށް ކުޑަކުދިން ރޯކުރީ ކަމަށް ބުނަނީ،" އީޕީއޭގެ އިސް އޮފިޝަލެއް "އަވަސް"އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ސަރަހައްދުތައް ހިމާޔަތްކޮށްފައިވީ ނަމަވެސް ޖާގައިގެ ބޮޑުކަމުން މަދު ބަޔަކު ބަހައްޓައިގެން ނުބެލެހެއްޓެ އެވެ. އޭގެ ސަބަބުން ބައެއް މީހުން ގަސްތުގައި މަޖަލަށް ވެސް އެތަނުގައި އަލިފާން ޖަހާ ކަމަށް އެ ސަރަހައްދުގެ މީހުން ޝަކުވާ ކުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވަނީ އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. ކިތަންމެ، އާދައިގެ ކަމެއް ކަމުގައި ދެކުނަސް ފުވައްމުލަކު ޗަސްބިމާ އެކު އަނދައިގެން އެ ދިޔައީ އެތައް ގުދުރަތީ ރީތިކަމެކެވެ. އެ ރީތިކަން އެނބުރި އަންނަން އަދި އެތައް ދުވަހެއް ނަގާނެ އެވެ.