ހަބަރު

މުންޑޫގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރާ މަރާލައިފި

Mar 21, 2015

ލ. މުންޑޫގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރާ މަރާލައިފި އެވެ.

މިރޭ ގާތްގަނޑަކަށް 11:00 ޖަހާއެހާކަންހާއިރު މާރާލާފައި ވަނީ މުންޑޫ ނޫވިލު އަލީ ޒިއަދަމް އެވެ. އޭނާ މަރުވީ ވަޅި ހެރުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް މުންޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށެވެ.

ޒިއަދަމަށް ހަމާލާ ދީފައިވަނީ އޭނާ މިރޭ މުންޑޫގެ ގެއެއްގެ ކުރިމަތީގައި ހުއްޓާ އެރަށުހެން ދެ މީހަކު ގޮސް އޭނާއަށް ހަމަލާދޭން އުޅުމުން ދުވެފައި ގޮސް ގެއެއްގެ ބަދިގޭގެ ތެރެއަށް ވަން ވަގުތު އެވެ.

އޭނާ ވަން ގޭގައި ދިރިއުޅޭ މީހަކު ބުނީ ޒިއަދަމް ގަޔަށް ވަޅި ހެރި ވަގުތު އޭނާ އަޮތީ ގޭގެ ތެރޭގައި ނިދާފައި ކަމަށާއި ނަމަވެސް ހަޅޭ ލަވާ އަޑަށް ދިޔައިރު އެކު ވަޅި ހަރަނީ ކަމަށެވެ.

"އަޅުގަނޑު އޭނާ ދުރަށްލި ވަގުތު އަނެއް ކުއްޖާ ވެސް ޒިއަދަމްގެ ގަޔަށް ވަޅި ހަރައިލީ،" އޭނާ ބުންޏެވެ.

މުންޑޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޒިއަދަމް އަށް ހަމަލާ ދިން ދެ ޒުވާނުންނާއި އެކަމުގައި ބައިވެރި ކަމަށް ތުހުމަތުވާ އެރަށުގެ އިތުރު މީހަކު އެ ހާދިސާއަށް ފަހު ފިލާފައިވާ ކަމަށެވެ. ވަޅިން ޒިއަދަމަށް ހަމަލާ ދިން މީހުން ވެސް އެނގެ އެވެ. އަދި އެރަށުގެ ބައެއް މީހުން ބުނީ ޒިއަދަމަށް ހަމަލާދީ މަރާލީ އެ މީހުންގެ ތެރޭ ޖެހުނު މައްސަލައެއް ހައްލު ނުކުރެވިގެން ކަމަށާއި އެއީ ބަނގުރަލާ ގުޅޭ މައްސަލައެއް ކަމަށެވެ. 

ފުލުހުން ބުނީ ޒިއަދަމް މަރާލި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމަކުން މުންޑޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށައި ޙާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިމައްސަލާގައި އަދި މީހަކު  ހައްޔަރު ކޮށްފައެއް ނުވެއެވެ.

ޒިއަދަމް މަރާލި އިރު އޭނާގެ ތުއްތު ކުއްޖަކު ވެސް ހުރެއެވެ. އޭނާ މިވަގުތު އުޅެނީ ކައިވެންޏެއްކޮށްގެނެއް ނޫނެވެ. އޭނާއަކީ ވައްކަމުގެ ރިކޯޑް އޮންނަ މީހެކެވެ.