(16 ފެބްްރުއަރީ 2017 އާ ގުޅޭ)
"އާން! މަންމަ ބުނީ ސަމިއްޔަތައޭ އެހެން ބުނީ... ހިޝްމާ ވަރަށް ފޮނިކަނޑާފައޭ ބުނި ފުރައިގެން އެ ދިޔައީ... އަޅެ ނުބައި ނުލަފާވެގެން ގޮސް އެމީހުން ނުކުރާނީކީއް" ރުޅިގަނޑު ކޮންޓްރޯލު ކުރުން ލިޒީއަށް ފަސޭހައެއްނުވިއެވެ.
"ޝަމްއާނަށް ބޭސްކުރަންކަމަށް ވެދާނެއެއްނު އިންޑިއާއަށް އެ ދަނީ" އައިރާ ވިސްނަން އިނދެފައި ބުނެލިއެވެ.
"ކުރީން ވެސް ހިޝްމާ އޮތީ ޝަމްރާގެ ސުކޫލުގެ ޗުއްޓީއާ ދިމާކޮށް އިންޑިއާއަށް ދާން ރާވާފައި، އެކަމަކު އަތުގައި އެވަރަށް ފައިސާ ނެތްވާހަކަ އޮތީ ސަމިއްޔަތަ ގާތުގައި ދައްކާފައި، އެހެން އެކަން އޮއްވައި ޝަމްއާނުގެ ކޮނޑުހުޅަށް އަނިޔާވީ، އެކަން ބަހަނާއަކަށް ހަދާފައި އައިރާގެ އަތުން ފައިސާ އަތުލީ... އޭރުން ދެން މިހާރު ނޯންނާނެއެއްނު މީހުންގެ ކުރިމަތީގައި އެމީހުން ގޯސްވާނެ ގޮތެއް... ޝަމްއާނުގެ އެކްސިޑެންޓާ ގުޅުވައިގެން ބުނީމާ އައިރާގެ އަތުން ވެސް ފައިސާ ހޯދަން ފަސޭހަވާނެއެއްނު... އެހެންނޫނަސް ސަމިއްޔަތަ ދޮގެއް ނުހަދާނެ... އޭނާ ވެސް ހުރީ އޭނާއަށްވުރެ ކުރީން ހިޝްމާ ރާއްޖޭން ބޭރަށް ދާތީ އެކަމާ ދަތްބާރުވެފައި" ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަހިނގާލާ ހުރި ލިޒީ ބުންޏެވެ.
"ދެން ކުރެވޭނޭކަމެއްނެތް... މިހާރު އަހަރެންގެ އަތުގައި އޮތީ އެންމެ އެއްހާސް ރުފިޔާ... އަހަރެންގެ ވެސް މޮޔަކަމުން ވީ ގޮތެއް މީ... ދެނެއް މިގެއަކު ފޮރުވާކަށް ރުފިޔާއެއް ނުބަހައްޓާނަން... ލިޒީ، ދެން ހަމަޖެހިބަލަ... އާދެބަލަ އިށީންނަން... ހަފްތާއަކަށް ވިޔަސް އެމީހުން ނެތިއްޔާ އަހަންނަށް ހަމަނޭވާލައިގެން އުޅެވޭނެއެއްނު... އެވެސް ކިހާ ބޮޑު ނަސީބެއް" އައިރާގެ ބުނުމަށް ލިޒީ އައިސް ސޯފާގައި އިށީނެވެ.
"އައިރާ... އަހަރެން ވާހަކައެއް ބުނިއްޔާ ޤަބޫލުކުރާނަންތަ؟" ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން ކުރިމަތީ ހުރި ލަކުޑި ކުޑަ މޭޒަށް ދެފައި ނަގައިގެން އިނދެ ލިޒީ ބުންޏެވެ.
"ލިޒީ ބުނާ އެއްވެސް ވާހަކައަކާ އަހަރެން ދެކޮޅު ހަދަންތަ؟ އަބަދުވެސް މިބަލަނީ ލިޒީ ބުނާ ފަދަ މީހަކަށް ވެވޭތޯ... އައި ނޯ އަހަރެން ފިނޑިކަން... ކަންކަމާ މާ އަވަހަށްކަން ޖެހިލުންވަނީ... ބަޓް ސްޓިލް... އައި އޭމް ޓްރައިން" ލިޒީއާ ދިމާއަށް އެނބުރިލާފައި އޭނާގެ ވައަތުގެ މުލައްދަނޑީގައި ދެއަތްބާއްވާލަމުން އައިރާ ބުންޏެވެ.
"އައިރާ... އެމީހެއްގެ އުފާވެރިކަން ހޯދާނީ އެމީހަކު... އެ އުފާތަކަށް ހުރަސް އަޅަން އެތައްބަޔަކު މަސައްކަތްކުރާނެ... ދުނިޔެއަކީ ހުރިހާ އެންމެންނަށް އުޅޭކަށް އެހާ ފަސޭހަ ތަނެއްނޫން... އެކަން އައިރާއަށް އެންމެ ބޮޑަށް އިހުސާސްކުރެވޭނީ... އަހަރެންގެ ބެސްޓީގެ ވިސްނުން ވަރަށް ރަނގަޅުވާނެ... ސޯ އެ ވިސްނުމުގެ ބޭނުންހިފާ... އައިރާ ބޭނުންވާ އުފާވެރިކަން ހާސިލުކުރެވެން އޮތްގޮތަކުން އެ އުފާވެރިކަން ހޯދަން މަސައްކަތްކުރޭ... އައިރާގެ އުފާވެރިކަމާއި މުސްތަޤުބަލް ގުޅިފައިވަނީ ނިޔާނާ ކަމަށްވާނަމަ އޭނާއާއި އައިރާގެ ދެމެދަށް އެއްވެސް މީހަކަށް އާދެވިގެންނުވާނެ... ތި ދެމެދަށް ވަންނަން އުޅެފިނަމަ އެކަން އެހެން ނުވާނެކަން އެމީހަކަށް އައިރާވާނެ ރަނގަޅަށް ބުނެދޭން... އަމިއްލަ ހައްޤު ހޯދުމަށް ޓަކައި އެންމެ ފުރަތަމަ އިސްނަގަން ޖެހޭނީ ތިމާ އަމިއްލައަށް..." ލިޒީ ބުނަން ބޭނުންވަނީ ކީކޭކަން އައިރާއަށް ވިސްނުނެވެ.
"ނިޔާނު އަހަންނާ ކައިވެނި ކުރާން ހުރިހާ ހިނދަކު އަހަރެން އޭނާއާ ވަތްކެއްނުވާނަން... އެއްވެސް ފިރިހެނެއްގެ ކުރިމަތީ އަހަރެން ބަލިކަށި އަންހެނަކަށް ނުވާނަން... އެއީ ނިޔާނު ކަމުގައި ވިޔަސް... އެ ލޯބި އިރާދަކުރެއްވިއްޔާ އަހަރެން ކާމިޔާބުކުރާނަން... އަންހެނަކަށްވެ ހުރެ އަހަރެން ނިޔާނަށް ފުރުޞަތެއް ނުދޭނަން އޭނާގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ޖެހޭވަރު ކަމަކަށް... އެންމެ ރަނގަޅެއްނު..." އައިރާގެ ބަސްތައް އިވިފައި ލިޒީ ބޯޖަހާލިއެވެ. ދެ އެކުވެރިންގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.
އައިރާގެ އެންމެ ބޮޑު ހިތްވަރަކަށް ވީ ލިޒީއެވެ. ކަނޑައެޅި އަޒުމުގައި ކަސިޔާރުނުވެ ސީދާމަގުން ދިއުމަށް ދަނޑިމާރުއެޅުމުގައި އައިރާގެ ފަހަތުގައި ލިޒީ ހުއްޓެވެ. ތާއިބުއާއި ހިޝްމާމެން ގޭގައި ނޫޅޭކަން އެނގޭތީވެ ގޭތެރެއިން ބައްދަލުކުރުމަށް ނިޔާނު އެދުނު ނަމަވެސް އެ ފުރުޞަތު އައިރާ ނުދިނެވެ. އަމިއްލަ ހިތަށް އިތުބާރު ނުކުރެވޭތީއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އޭނާގެ ހިތުގައިވާ ޖަޒުބާތުތައް އޭގެ ޒާތުން ވީއްލި އަމިއްލަ ޟަމީރަށް އޮޅުވާލާ ކަތިފިޔަވަޅެއް އެޅުމަށް ގޮވާލާފާނޭކަމުގެ ބިރު އޮތީމައެވެ. ނިޔާނުދެކެ ވާ ލޯބި އައިރާ ކަނުމީހަކަށް ހަދާފާނޭތީއެވެ. އައިރާގެ އެ ނިންމުމަށް ނިޔާނު އިހްތިރާމު ކުރީ ހަރުދަނާކަމާއެކުއެވެ.
ހަފްތާއަކަށްފަހު ތާއިބުގެ ޢާއިލާ އެނބުރި ރަށަށް އައެވެ. އެހެންނަމަވެސް އެމީހުން އައީ ކޮންތާކުންތޯ ވެސް އައިރާ ނާހައެވެ. އަހަން ބޭނުން ވެސް ނުވީއެވެ. ފުރައިގެން ދިޔައިރު ޝަމްއާނު އަޅާފައި ހުރި ޕްލާސްޓަރަށްވުރެ އެނބުރި އައިއިރު އަޅާފައި ހުރި ޕްލާސްޓަރު ކުޑައެވެ. ދޭތެރެއަކުން އޭނާގެ އަތް ހަރަކާތްކުރާތަން ފެނެއެވެ. އެ ހުރިހާ ކަމަކަށްވުރެ ވެސް ބޮޑަށް އައިރާ ކަންބޮޑުވެ ހާސްވެފައި ހުރީ ނިޔާނު ފުރަންޖެހޭ ދުވަސް ގާތްވަމުން އަންނާތީއެވެ. ނިޔާނާއި ބައްދަލުވާ ކޮންމެ ފަހަރަކު ވެސް އައިރާއަށް ތަކުރާރުކޮށް ކުރެވޭ ސުވާލަކީ ނިޔާނު އެނބުރި ދެން އަންނާނީ ކޮންދުވަހަކުންތޯއެވެ. އެ ސުވާލަށް ސީދާ ޖަވާބެއްދޭން ނިޔާނަށް ފަސޭހައެއްނުވިއެވެ. އޭނާ ބުނަމުންދިޔައީ މާލެ ގޮސް އޭނާ އެނބުރި އަންނާނީ އައިރާ ގެންދިއުމަށް ހުރިހާ ކަމެއް ހަމަޖައްސާފައިކަމެވެ. ވަގުތު ބޭނުންވަނީ އެކަންކަން ކުރުމަށް ކަމެވެ. ހިތް ނުތަނަވަސްވެފައިވާ ލޯބިވެރިޔާއަށް ވިސްނައިދިނުން ނިޔާނަށް ވެސް ފަސޭހައެއްނުވިއެވެ. އެހެންނަމަވެސް އޭނާގެ ފުރިހަމަ އިތުބާރު އައިރާއަށް ދެވޭތޯ ބެލިއެވެ. އޮފީހުގައި އައިރާ އިންނަ ވަގުތުތަކުގައި ވެސް މިހާރު އޭނާއަށް ގިނައިން އިނދެވެނީ ނިޔާނުގެ ޚިޔާލަކަށް ގެއްލިފައެވެ. ލޯކުރިމަތީ ހީނުކުރާހާ އަވަހަށް ދުވަސްތައް ހަފްތާތަކަށް ބަދަލުވެގެންދާތީ އެކަމާ ފިކުރުބޮޑުވެފައި ވެއެވެ. އައިރާއާ މެދު ކުޑަކޮށް ވެސް މި ދުނިޔެ ހަމްދަރުދީނުވާ ކަހަލައެވެ.
* * * *
ފުންނޭވާއެއް ބޭރުކޮށްލުމާއެކު މޭޒުމަތީ ހުރި އޮރެންޖު ޖޫސްތަށިން އެދި ފޮދެއް ރުބީނާ ބޯލިއެވެ. ކޮންމެވެސް ފިކުރެއް އޭނާއަށް އުނދަގޫ ކުރާ ކަހަލައެވެ. ސީހައުސްގެ މޭޒެއްގެ ދޮށުގައި ރުބީނާ އިނީ އޭނާގެ އެންމެ ގާތް ދެ ރަޙުމަތްތެރިން ކަމަށްވާ ސަލްމާއާއި ހިދާއާއެކުއެވެ. މެންދުރުގެ ވަގުތަށް ވެފައި އޮފީސްތަކުން ބްރޭކްއަށް ނުކުމެ އުޅޭ ޒުވާނުންނާއިގެން އެތަނުގެ މޭޒުތައް ފުރިފައިވެއެވެ. ތަނުގެ އަޑުފަށްގަނޑު ގަދަވެފައި ވެއެވެ. ކޮންމެ ބަޔަކު އެބައެއްގެ ވާހަކަތަކުގައި މަސްއޫލުވެފައި ތިއްބެވެ. ޖެހިގެން ތިބި ބަޔަކަށް އެއްވެސް ސަމާލުކަމެއް ދޭހެނެއް ހިޔެއްނުވެއެވެ.
"އޭތް! އޭތް! ރޫބީ... ބަލާބަލަ..." ސަލްމާ އިނދެފައި ނިކަން އަވަސްއަވަހަށް ސިއްރުން ބުނެލިއެވެ. އަދި ލޮލުން އިޝާރާތްކޮށްލީ ޓައީ އަޅައިގެން ސޫޓުގައި ތިބި ހަތަރުމީހުން ވަދެގެން އަންނަ ދިމާއަށެވެ.
"މިއަދުވެސް އައީ ދޯ... މީ އެމީހުންގެ ޚާއްޞަ ތަނަކީއޭ..." ލާނެތް ހިންޏެއް އައިސްފައި އިނދެ ހިދާ ބުންޏެވެ.
"އަސްލު ވެސް ހާދަ ސްމާޓޭ ދޯ... ޤަބޫލު ވެސް ނުކުރެވޭ އެ އުމުރުގައި އަނތްބަކު ނެތޭ ބުނީމާ..." ސަލްމާދެއްކި މީހުންތަކުގެ ތެރެއިން ވަކި ޚާއްޞަ ފަރާތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ރުބީނާ ބުންޏެވެ.
"ރޫބީގެ ވެސް ފިރިއަކު ނެތެއްނު މިހާރު... އެހެންވެއޭ މިބުނަނީ އެކަން ކުރާން އުޅޭށޭ... ހުރިހާ ގޮތަކުން އެހާ ފުރިހަމަ މީހެއް މި މާލެއަކުން ހޯދާކަށް ފަސޭހައެއްނުވާނެ... ދަރިންތިއްބަސް އަދިވެސް ރޫބީމެން ނުލާހިކު ޗާލު... ޤައިސްމެން ކަހަލަ ރީތި ފިރިހެނަކާއެކު ހުންނައިރު އެހާމެ ގުޅޭނެ... އަޅެ އަހަރެން ބުނަންތަ ވަޖީހު ގާތުގައި އަހަރުމެން އެންމެން ދެން ބައްދަލުވާ ރެއަކުން ޤައިސް ގެންނަން... އޭރުން ރޫބީއާ ބައްދަލުވާނެއެއްނު... ތިހެން ދެން ހުސްކޮށް ހުންނާނެކަމެއްނެތޭ... ހަމަގައިމު ވެސް މިހާރު ތި ވާހަކަދައްކާ އާދިލްއަށްވުރެ އެތައްހާސް ގޮތަކުން ރަނގަޅުވާނެ ޤައިސް..." އެހެން ފަހަރުތަކަކޭ އެއްފަދައިން މިފަހަރު ވެސް ރުބީނާގެ ވިސްނުމާ ކުޅެން ސަލްމާ މަސައްކަތްކުރިއެވެ.
"އާދިލަށްވުރެ ޤައިސް މާބޮޑަށް ވެސް ރީތި... އަނެއްކާ އޭނާއަށްވުރެ މުއްސަނދި... އަހަންނަށް އަހަރެން ބޭނުންވާ ފަދަ ދިރިއުޅުމެއް ޤައިސްއާއެކު ލިބިދާނެ..." ސަލްމާގެ ވާހަކަތައް އަޑުއަހަން އިން އިރު ރުބީނާގެ އަމިއްލަ ސިކުނޑީގައި ޚިޔާލުތައް ދައުރުވަމުންދިޔައެވެ. އަދިވެސް އޭނާއަށް ބެލެނީ ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިން ޤައިސްއަށެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟ މިހާރު ކުދީންގެ ޚީޔާލެއް ވެސް ބޭނުމެއްނުވާނެ... އުނދަގޫ ކުރާވަރުގެ ކުޑަކުއްޖަކު ވެސް ރޫބީގެ ނެތެއްނު... އަރާމު ދިރިއުޅުމެއްގައި އުޅެލަން މިއަށްވުރެ ރަނގަޅު ފުރުޞަތެއްކޮބާ؟ ކީއްވެތަ ރޫބީ ތިއުޅެނީ އޭނާއާ ބައްދަލުނުކުރާން" ހިދާ އިނދެފައި ރުބީނާގެ އަތުގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ.
"އަމީރުއަކީ އަހަންނަށް ހެދުނު ގޯހެއް... ތެދަށް ބުނަންޏާ އަހަރެން މިހާރު ނުވޭ އަމީރުގެ ހިޔާވެހިކަމުގައި އެއްގޮތަކަށް ވެސް ހުންނާކަށް، އެކަމަކު ޖެހިލުންވަނީ ޤައިސްއަކީ ކިޔަވައިގެން ހުރި އެންމެން ދަންނަ މީހަކަށްވެފައި... އޭނާ އަހަރެން ލަދުގަންނަވާލާފާނެތީ..." ރުބީނާ އެންމެ ބިރުގަންނަ ކަންތަކުގެ ވާހަކަ ބުނެލިއެވެ.
"އެކަހަލަ މީހެއްނޫނޭ ޤައިސްއަކީ... އަހަންނާއި ވަޖީހުއާ އެއްކޮށް ދެތިން ފަހަރެއްގެ މަތިން ދިމާވެއްޖެ... އޭނާއަކީ މަޑުމައިތިރި މީހެއް... ހިތްހެޔޮ މީހެއް... ވިޔަފާރީގައި ހުރިހާ ވަގުތެއް ހުސްކޮށްލައިގެން އުޅެނީ އަންހެނެއްގެ ކަންތައް ނުކުރާންވެގެން... އެކަމަކު ރޫބީއަށް އެކަން ވެދާނެ... ހަމަ ތެދެއް މިބުނީ..." ރުބީނާއަށް ސަލްމާ ޔަޤީންކަން ދިނެވެ.
"ދެން ތިވާހަކަ އިހަށް ހުއްޓާލާ... އެނގޭތަ! ނިޔާނު އެބައާދޭ މި ހަފްތާ ތެރޭ... ދަރިން ބޮޑެތިވިޔަސް އެމީހުންގެ ގާތުގައި ބުނެލާފައި ނޫނީ އެހާ ބޮޑެތި ނިންމުން ނިންމާކަށް އަހަރެން ބޭނުމެއްނޫން... ނިޔާނު އެދިގެން އަހަރެން ޝަބްނަމްވާދީގައި ބަހައްޓާފައި އެ ހުންނަނީ... އަމީރު ބޭނުމެއްނުވޭ އެއްގޮތަކަށް ވެސް އަހަރެން އެގޭގައި ހުންނާކަށް... އާދިލް އަންނާތީ ވެސް އޭނާ އެކަމާ އެބަ ބެހޭ... އަހަރެން މީ މިހާރު މިނިވަނެއްނޫންތަ؟ އެ އަމީރު އަންގާފައި އޮތީ އެގެއަށް ފިރިހެނުން ވައްދައިގެން ނުވާނޭކަމަށް... ފިރިހެނުންނާ ބައްދަލުކުރާންވާނީ އެގެއިން ބޭރުގައި ކަމަށް..." ރުބީނާ މޫނު ހަދާލިއެވެ.
"އަމީރު ފަހުން އިން މީހާ ކޮބާތަ؟ މިހާރު މާލެ އަތުވެއްޖެތަ؟" ހިދާ އަހާލިއެވެ.
"އާން! އަތުވެއްޖެ... ސިޑިން ފައިބަނިކޮށް ދިމާވިޔަސް ހުންނާނީ ލޯއަޅާފައި... ހީވާ ކަހަލަ އަމީރު މީނާގެ އަތުން ޖަހައިގަންނަންށޭ އަހަރެން އުޅެނީ... އަހަރެން ފޫހިވެ އުޅެން ބޭނުންނުވީމަ ދޯ އޭނާއަށް އަމީރު ފުރަތަމަ ލިބުނީ ވެސް... އެކަމަކު ވެސް މަވަރުގެ މީހެއްނެތްހެން ހުންނާނެ ފުއްޕާފައި.." ރުބީނާ ހީވީ ހިތުގައި އޮތް އުދާސްގަނޑެއް ބޭރުކޮށްލި ހެނެވެ.
"ނިޔާނު އައީމާ އެ ވާހަކަ ދައްކާނަން ދޯ..." ސަލްމާ އަހާލިއެވެ. ރުބިނާއާއި ޤައިސް ގުޅުމަކީ ސަލްމާގެ ހުވަފެނެއް ކަހަލައެވެ. ތަކުރާރުކޮށް އެ ވާހަކަ ސަލްމާ ދެއްކުމުގެ ބޭނުމަކީ އެއީ ކަމަށްވުން އެކަށީގެންވެއެވެ. ނޫނީ އެކުވެރިޔާ މުއްސަންޖަކާ ގުޅުމުން އެކަމުން ވަނޭ ފައިދާތަކާ މެދު ވިސްނާފައި ރާވާރޭވުމަކަށް ވެސް ވެދާނެއެވެ.
"ހޫމް! ދެން އައީމަތާ ތިކަމާ އުޅެވޭނީ... އަމީރުދެކެ ކިތަންމެ ފޫހިވިޔަސް އަހަރެންގެ ދަރިން އަހަރެން ބޭނުން... އެކުދިން އަހަންނާ ވަކިވެދާނޭ ފަދަ ފިޔަވަޅެއް ނަގާކަށް އަހަރެން ބޭނުމެއްނޫން... ނިޔާނު ސުކޫލު ނިމޭންދެން ވަރިނުވެ ކެތްކޮށްލައިގެން އުޅުނީ ވެސް އެހެންވެ... އަމީރު ގާތުގައި އެކުދިން ބައިތިއްބަން ޖެހިދާނޭތީވެ... މިހާރު ބުނަންޏާ ހާސްވާކަށް ނުޖެހޭ... ދެ ދަރީން ވެސް ތިބީ އަހަންނާއެކު" ފަޚުރުވެރިވާ ފަދަ ގޮތަކަށް ރުބީނާ ހިނިތުންވެލިއެވެ.
* * * *
ނިޔާނުގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ލިޒީ އައިސް ދިން ޚަބަރުންނެވެ. ޖެހިގެން ހުރި ޖޯލީގައި އޮތް ޖުވައިންއަށް ބަލާލާފައި ޖޯލިން ނިޔާނު ތެދުވިއެވެ.
"ޔަޤީންތަ؟" ނިޔާނު އަހާލިއެވެ.
"އައިރާ އަމިއްލައަށް ބުނީ... މެސެޖު ވެސް މިއޮތީ..." ލިޒީ އޭނާގެ ފޯނު ނިޔާނަށް ދިއްކޮށްލިއެވެ. އެއާއެކު ލިޒީގެ ފޯނުގައިވާ އައިރާގެ މެސެޖު ނިޔާނު ކިޔާލިއެވެ.
"އެމީހުންނަށް އައިރާއާ މެދު އެގޮތަށް ކަންތައް ކުރުމުގެ އެއްވެސް ހައްޤެއް ނޯންނާނެ" ނުރުހިފައި ނިޔާނު ބުންޏެވެ.
"ދެން ކިހިނެއް ހަދާނީ؟ ދެ ދުވަސްފަހުން ނިޔާނު ފުރާނެއެއްނު" ލިޒީ ވެސް ހުރީ ކަންބޮޑުވެފައެވެ.
"އަހަންނަށް ހީވަނީ ހިޝްމާ އެ އުޅެނީ ނިޔާނާއި އައިރާ ގުޅުނަ ނުދޭންވެގެންހެން... އެހެންވެ ގަސްދުގައި ކުރާ ކަމެއްހެން ހީވަނީ... އައިރާ އެ އޮތީނު ބުނެފައި އޭނާއަކަށް ވެސް ނޭނގެއޭ... ބޭބެ ހަމަ މިއަދުއޭ ބުނީ އައިރާގެ ކައިވެނީގެ ވާހަކަ... އެންމެފަހުން ހަވީރު ސައިބޯން ގެއަށް ވެސް ގެނައީ... އައިރާ ގާތުގައި އޭނާއާ ވާހަކަދައްކަން މަޑުކުރާށޭ ވެސް ބުނީ..." ލިޒީ ބުނެލިއެވެ.
"އެބުނާ އިދުރީސްއަކީ ކާކުކަން ލިޒީއަށް އެނގޭތަ؟" ނިޔާނު އަހާލިއެވެ.
"އިދުރީސްގެ ފިހާރައެއް އެކޮޅުމަގުގައި ދެބުރިއަށް ހުންނަ ފިހާރައަކީ... އިދުރީސްގެ ދަރިއާ ކައިވެނިކުރާން ހަމަޖެއްސީ... އަހަންނަށް ވެސް ނޭނގެ އެގޭ ކޮންކުއްޖަކާކަމެއް... އައިރާއާ ދިމާވީމަ އެނގޭނީ ކިހިނެއްކަން މިވަނީ" ލިޒީ ބުންޏެވެ. އެހިނދު ނިޔާނު އޭނާގެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ޖޯލީގައި އޭނާއާއި ޖުވައިން ވާހަކައިގައި ތިއްބަސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ އައިރާ އަންނާނޭ އިރަކަށެވެ. އެހެން ދުވަސްދުވަހަށްވުރެ އައިރާ ލަސްވީ ސަބަބު އެނގުނު ހިނދު ނިޔާނުގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވެފައިވެއެވެ. އައިރާ އަންނާނޭ އިރަކަށް ކެތްތެރިކަން ކުޑަވެގެން ހިނގައްޖެއެވެ. ފުރަން ދެ ދުވަހަށްވެފައި ވަނިކޮށް ލިބުނު ޚަބަރުން ނިޔާނުގެ ހިތްމުޅިން މިލައިފިއެވެ.
(ނުނިމޭ)