ގަހަނާއޭ ބުނުމުން ފުރަތަމަ ވެސް ހިތަށް އަރާނީ ކޮންމެވެސް ކަހަލަ ޖަވާހިރެއްގެ ނަމެކެވެ. ނަމަވެސް ދިއްލީ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އާންޗަލް ސުކީޖާ ޑިޒައިން ކުރި ގަހަނާތައް ހެދީ ބޭނުންނުވެގެން ނުވަތަ ހަލާކުވެގެން މީހުން އުކާލާ ތަކެތިންނެވެ.
ބްލޮގާ އަދި ޑިޒައިނާ ސުކީޖާ ބުނިގޮތުގައި އޭނާ އުފެއްދި ގަހަނާތައް ހެދުމަށް ބޭނުންކުރީ ތަފާތު ވަށްތަރުގެ ހޮޅިއާއި މޮޕްގެ ބައިތަކުގެ އިތުރުން އޭސީ ފިލްޓަ ފޯމް އެވެ.
ސުކީޖާ ހެދި ކަންފަތުލާ އެއްޗިއްސާއި ފަށާއި ޗެއިން ތަކަކީ މުޅިންވެސް މީހުން ބޭނުންނުވެގެން އުކާލާފައިހުރި އެއްޗެހި ބޭނުންކޮށްގެން ހެދި ތަކެއްޗެވެ.
އެގޮތުން ނިއުޔޯކް ފެޝަން ވީކްގެ ރަންވޭމަތީގައި ހިނގާލި މޮޑެލްސް އިން ވަނީ ސުކީޖާ ޑިޒައިންކުރި ގަހަނާތައް ދައްކުވާލާފަ އެވެ.
ސުކީޖާ ބުނެފައިވަނީ ބޭނުންނުކޮށް އުކާލާ އެފަދަ ތަކެތި ބޭނުންކޮށްގެން މީހުންގެ ލޮލަށް ރީތި އެއްޗެއް އުފެއްދުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ބޭނުންނުވެގެން އުކާލާ ކޮންމެ އެއްޗެއްގެ ވެސް ރީތިކަން ދައްކާލެވިދާނެ ކަމަށާއި ބޭނުންނަވީ އެފަދަ އެއްޗެއް ރީތިކަމަށް ބަލާނެ ލޮލެއް ކަމަށެވެ.