މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) މީގެ ދެ އަހަރުކުރިން އިއުލާނުކުރި "ގިލަން" އަކީ ދިވެހި ސިނަމާ އަށާއި އަމްޖޭގެ ފިލްމީ ހަޔާތަށް ވެސް އިންގިލާބެއް ގެނުވާނެ ފިލްމެއް ކަމަށް ބުނެވުނެވެ. މި ފިލްމަކީ އަމްޖޭ ޑައިރެކްޓްކުރި ފިލްމުތަކުގެ އަދަދު 50 އަށް އެރުވުމަށް ފަރިކުރެވުނު ފިލްމެކެވެ.
ނަމަވެސް ބެލުންތެރިންނާ ހަމަ އަށް މި ފިލްމެއް ނައިސް އޭގެ ވާހަކަ މި ވަނީ ގިލަންއަކަށް ބަދަލުވެގެން ގޮސްފަ އެވެ. މި ސިލްސިލާ އަށް ދުވަހަށް ފަހު ދުވަހެއް އިތުރުވަމުންދާއިރު އަމްޖޭ އެ ބުނާ އިންގިލާބަށް ވެސް ކުރަންޖެހޭ އިންތިޒާރު މި ވަނީ ނިކަން ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އެކަމަކު ކުރިން މި ފިލްމާ ބެހޭ ގޮތުން ދިން އިންޓަވިއުއެއްގައި އަމްޖޭ ބުނެފައިވާ ވާހަކަ އެއްވެސް ބަޔަކު ހަނދާން ނައްތާލައިގެން ނުވާނެ އެވެ.
"މުޅި މާލެ އަޅުގަނޑާ ދެކޮޅަށް ނުކުތަސް 50 ވަނަ (ޑައިރެކްޝަން) ކާމިޔާބުކުރާނަން،" އަމްޖޭ ބުނެފައި ވަނީ މިހެންނެވެ.
ނަމަވެސް ދެ އަހަރު ފާއިތުވެ، ފިލްމީ ހަޔާތުގައި އަމްޖޭ އަށް ގައުމީ އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބި، އެހެން ފިލްމެއް ޑައިރެކްޓްކޮށް ނިމުމަކަށް އަންނައިރު ވެސް އަމްޖޭގެ 50 ވަނަ ފިލްމަށް ވީގޮތެއް އަދިވެސް އޭނާގެ ފޭނުންނާއި ބެލުންތެރިންނަކަށް ނޭނގެ އެވެ. އަމްޖޭ އަށް ގުޅާލީ މިހެންވެގެންނެވެ.
އެއަށް ފަހު އެންމެ ފުރަތަމަ ކޮށްލި ސުވާލުން ވެސް އަމްޖޭ ދިނީ އުފާވެރި ޚަބަރެއް ނޫނެވެ. އެކަމަކު ނިކަން އުފާވެރި ޚަބަރެއް ވެސް އަދި ފަހަށް އެބައޮތެވެ.
"ފިލްމުގެ މަސައްކަތެއް އެހާ ބާރަކަށް ކުރިއަކަށް ނުދޭ. އަޅުގަނޑުގެ އަމިއްލަ ފިލްމެއްވީމަ، އަމިއްލަ މަސައްކަތެއް ވީމަ އޭގެ މަސައްކަތް ކުރިއަށް މި ގެންދަނީ އަމިއްލަ އަށް ލިބޭ އެއްޗަކުން. އަތްމަތި ދަތިކޮށް އުޅޭ ނަމަ މި ފިލްމުގެ މަސައްކަތެއް ނުކުރެވޭ،" ފޯނުން ވާހަކަ ދައްކަމުން އަމްޖޭ ބުންޏެވެ.
އަމްޖޭ ބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރަން ބަލާއިރު ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ކުރިން އެކުގައި މަސައްކަތްކުރި މީހުންގެ ފުރައްސާރައާ ވެސް މިއަދު ކުރިމަތިލާން ޖެހިފައިވުމީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް "އަމްޖޭގެ ކެރިއަރު ދުއްވާލަން" އެގޮތަށް މަސައްކަތްކުރާ ބަޔަކަށް ކާމިޔާބުނުލިބޭނޭ މިންވަރަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަމްޖޭ ދިނެވެ.
އެހެންކަމުން އޭނާ ނިންމައިގެން ހުރީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މި އަހަރު "ގިލަން" ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށެވެ. އޮލިމްޕަހުން ޖާގަ ނުލިބިއްޖެ ނަމަ ޝްވެކު ސިނަމާގައި ވެސް ފިލްމު ދައްކަން އޭނާ ހުރީ ތައްޔާރަށެވެ.
"މިހާރު ގިލަންގެ ދެ ލަވައެއް އެކަނި ނުނިމި މި އޮތީ ޝޫޓްކޮށް. ފިލްމުގެ އެޑިޓިން ވެސް ނިމި ޑަބިންގެ މަސްއްކަތްކުރަމުން މި ދަނީ. ފިލްމު އަޅުވާނެ ތާރީޚެއްް އިއުލާނުކުރާނީ މުޅި ފިލްމުގެ މަސައްކަތް ނިމުމުން،" އަމްޖޭ ބުންޏެވެ.
އަމްޖޭ ބުނީ 50 ވަނަ ފިލްމެއްގެ ގޮތުގައި "ގިލަން" ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭން މަސައްކަތްކުރި ނަމަވެސް އޭނާ މިހާރު ޑައިރެކްޓްކުރަމުން އަންނަ، ޕްރޮޑިއުސަރު ހާމިދު އަލީގެ "ދޭތީ އަނިޔާ" މި ފިލްމަށް ވުރެން ބެލުންތެރިންނާ ހަމަ އަށް އައުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. "ދޭތީ އަނިޔާ" ގެ ޝޫޓިންގައި މިހާރު ބާކީ އޮތީ 25 ޕަސެންޓެވެ.
އެހެންވީމަ "50 ވަނަ ފިލްމުގެ ހާއްސަކަން" އަމްޖޭ އަށް މިހާރު އޮތް މިންވަރު ކުޑަވީތޯ ސުވާލު ދެންނެވުމުން ތަޖުރިބާކާރު ޑައިރެކްޓަރު ބުނީ އަސްލު ބޭނުންވި ގޮތަށް 50 ވަނަ ފިލްމު ނުނެރެވެމުން އޭގެ ފޯރި ކޮންމެވެސް ވަރަކަށް މަރުވެފައިވާ ކަމަށެވެ.
"އަސްލު އުޅުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 50 ވަނަ ފިލްމު ނެރެން،" އަމްޖޭ ބުންޏެވެ.
އަމްޖޭގެ "ގިލަން" އޭނާގެ 50 ވަނަ ޑައިރެކްޝަނަށް ވަނީ ކުރު ފިލްމާއި ފީޗާ ފިލްމު އެއްކޮށްލައިގެންނެވެ. މި ފިލްމަކީ ބިރުވެރި ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމްގެ މަޝްހޫރު ވާހަކައެއްގެ އަސްލަށް އޭނާ އާއި އެކްޓަރު ޔޫސުފް ޝަފީއު ލިޔެފައިވާ ސްކްރިޕްޓަކަށް އަމްޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ޔޫސުފް ޝަފީއު އާއި ފާތިމަތު އާޒިފާ އެވެ. މީގެ އިތުރުން އަހުމަދު ސައީދު އާއި ނޫރާ އާއި ޝަކީލާ ފަދަ މޫނުތައް ވެސް ފިލްމުން ފެނިގެންދާނެ އެވެ.
ކާމިޔާބު ބިރުވެރި ފިލްމުތަކެއް ކުރިން ވެސް ގެނެސްދީފައިވާ އަމްޖޭ ބުނަނީ އަހަރުތަކެއް ފަހުން "ގިލަން" ބެލުންތެރިންނާ ހަމަ އަށް އަޔަސް އޭގެ ކޮލިޓީ ދަށެއް ނުވާނެ ކަމަށެވެ.
"ދެ އަހަރުވިޔަސް ކޮލިޓީ ވެއްޓި، އައުޓް ޑޭޓެއް ނުވާނެ. ފަހުގެ އިކްއިޕްމަންޓުގައި ނަގާފައިވާ ފިލްމެއް މިއީ. އަނެއްކޮޅުން މުޅިން އިންޑޯ މަންޒަރުތަކެއް މި ފިލްމުން ފެންނާނީ،" އަމްޖޭ ބުންޏެވެ.