މީގެ އަހަރަކާއި އަށް މަސް ކުރިން ލ. ގަމުގައި މަރާލި އަހުމަދު ނިޒާރު އިސްމާއިލް 30، އަކީ، ރޭ ވަޅި ހަރާ މަރާލި އަލީ ޒިއަދަމްގެ ޅިޔަނެވެ. ނިޒާރު މަރާލީ ޒިއަދަމްގެ ކޮއްކޮއާ ކައިވެނިކޮށް ދެކުދިން ލިބިފައި ވަނިކޮށެވެ. ރޭ ޒިއަދަމް މަރާލި އިރު ތިން އަހަރު ނުވާ ކުޑަ ކުއްޖަކު އެބަހުއްޓެވެ. އުމުރު 29އ. ގެ ޒިއަދަމް ރޭ މަރާލާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން މާރާލާނެ ކަމުގެ އިންޒާރެއް ދީ، އޭނާ މަރާލުމަށް ބަޔަކު މީހުން މީގެ ދުވަސްގަނޑެއް ކުރިން ކަތިވަޅިއެއް ހިފައިގެން އައިސް ހަމަލާދޭން މަސައްކަތް ވެސް ކޮށްފައި ވަނިކޮށެވެ. އެހަމަލާ ދޭން އުޅެފައި ވަނީ އެކުގައި އުޅޭ ޒިއަދަމްގެ ވެސް ގާތް ރައްޓެއްސެކެވެ. އަދި ރޭ ޒިއަދަމަށް ހަމަލާ ދީ މަރާލީ ވެސް އޭނައާ އެކުގައި އުޅޭ ގާތް ދެ ރަހުމަތްތެރިޔަކާއި ޖެހިގެން އޮންނަ ލ. މާބައިދޫ ޒުވާނެކެވެ. އެއީވެސް އެކުގައި އުޅޭ މީހެއް ކަމަށް ވެއެވެ.
މުންޑޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޒިއަދަމް މަރާލީ ކުރިންދީފައި އޮންނަ އިންޒާރާ އެއްގޮތަށް އޭނާ މަރާލުމަށް ދުރާލާ ރާވައިގެން ހޯދި ފުރުސަތެއްގެ ބޭނުން ހިފައިގެނެވެ.
"ރޭ ޒިއަދަމް މަރާލުމުގެ ހަމަލާ ދިނުމުގެ ގަޑިއެއްހާއިރު ކުރިން ހަމަލާ ދިން ތިން މީހުންނާއި ޒިއަދަމް ވެސް ވަރަށް މަޖާކޮށް ސަމާސާކޮށް ސަކަރާތްގަނެ އުޅުނު. ބައެއް މީހުން ބުނާ ގޮތުން އެމީހުން ހީނހީނފައި ވެއްޓި ވެއްޓިފައި ރޭ އުޅުނީ ބަނގުރާ ބޮއެއް މަސްތުވެގެން." މުންޑޫން ވާހަކަ ދެއްކި އަދި ޒިއަދަމް އާއި އޭނާއަށް ހަމަލާ ދިން އެ ރަށުގެ ދެ ޒުވާނުންނާ ވެސް ގާތް ކަމެއް އޮންނަ ޒުވާން ކުއްޖަކު ބުންޏެވެ.
ޒިއަދަމްގެ ކޮއްކު އަދި މީގެ ކުރިން މަރާލާފައިވާ ނިޒާރު ކައިވެނި ކުރި އަންންހެންކުއްޖާ ބުނި ގޮތުގައި އޭނާގެ ދޮންބެ މަރާލަން ދިން ހަމަލާ އައުމުގެ ކުރިން އެ ތިން މީހުން ވެސް ރޭ މަޖާކޮށް އުޅުނީ އެކުގަ އެވެ. އަދި ހަމަލާ ދޭން ފެށީ ވެސް ހަމަދީގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ތެރޭގައި ހިމެނޭ މުންޑޫ ބީޗް ވިލާ، އަލީ ޝިފާމްގެ ގޭގެ ތެރެއިންނެވެ.
"އަހަރެމެނަށް އެވަގުތު ތިބެވުނީ ނިދާފަ. އެހެން ތިއްބާ ބައްޕަ އައިސް އެންމެނަށް ގޮވާފައި ބުނީ ދޮންބެގަޔަށް ވަޅި ހަރައިފިޔޭ، އަވަހާ ތެދުވާށޭ، ދެން އަހަރެމެން ހުރިހާ ކުދިންނާ އެންމެން ދިޔައިރު ދޮންބެ އަޮތީ ލެއިން ފޯވެފައި، އޭރުވެސް މަރުވެފައި އޮތް ކަމަށް ބެލެވެނީ. އެކަމަކު މަރުވި ކަން ޔަގީންވީ ސިއްހީ މަރުކަޒަށް ގެންދިއުމުން،" އޭނާ ބުންޏެވެ.
ޒިއަދަމަށް ހަމަލާ ދޭ މަންޒަރު ފެނިފައި ވަނީ ތިން މީހަކަށެވެ. އޭގެ ތެރެއިން އެކަކީ މުންޑޫ ސްކޫލްގެ ވޮޗަރަކަށް ހުންނަ ޒުވާން ކުއްޖެކެވެ. ދެން އެ މަންޒަރު ފެންނަނީ އުމުރުން ގާތްގަނޑަކަށް 18 ވަރަކަށް އަހަރުގެ ނައުފަލް މޫސާ ކިޔާ ކުއްޖަކަށެވެ. ދެން އެމެންޒަރު ފެނުނީ ޒިއަދަމް މަރާލި ގޭގައި ދިރިއުޅެމުން އަންނަ ހުސެން ފަސީހު އަށެވެ. ޒިއަދަމް މަރާލާފައި އޮތީ އެގޭގެ ބަދިގޭގެ ތެރޭގަ އެވެ. އެއީ މުންޑޫގެ ހުދުވިލާގެ އެވެ. މި ތިން މީހުންގެ ތެރެއިން ނައުފަލް އަކީ ހަމަލަ ދިން އިރުވެސް އަދި އޭގެ ކުރިން ވެސް ޒިއަދަމާއި އަނެއް ތިން މީހުންނާއެކުގައި އުޅުނު ކުއްޖެކެވެ. އޭނާގެ އަތުގެ ދެ އިންގިޔަކަށާއި އަތަށް ވެސް ވަޅި ހެރި ކޮންމެވެސް ވަރަކަށް ޒަހަމްވެފައި ވެއެވެ. އޭނަ އާ ހަވާލާދީ މުންޑޫ ބައެއް މީހުން ބުނެފައި ވަނީ އޭނަ އަތަށް ވަޅި ހެރިފައި ވަނީ ދުރު ކުރަން މަސައްކަތް ކުރުމުން ކަމަށެވެ.
"އޭނަ ބުނޭ އެކަމާ އުޅުމުން ވަޅިން ޖެހީ ކަމަށް. އަދި ދެން ކައިރިވެއްޖިއްޔާ އަތް ބުރިކޮށްލާނެކަމަށް ބުނި ކަމަށް ވެސް ނައުފަލް ބުނޭ،.. އޭގެ ހަގީގަތެއް ނޭނގޭ. އޭނަ އަށް ތުހުމަތު ކުރާ މީހުން ވެސް އުޅޭ،" ނަންޖަހަން ބޭނުން ނުވާ މުންޑޫ މީހަކު ބުންޏެވެ.
ވަރަށް ގިނަ މީހުން ބުނާ ގޮތުގައި ޒިއަދަމާއި އޭނާއަށް ހަމަލާ ދިން އަލީ ޝިފާމް އާއި އަދި ޝަނޫން އާއި މައިބައިދޫ ޒުވާނާ ރޭ އުޅުނީ ބަނގުރާ ބޮއެ މަސްތުވެގެނެވެ. އެމީހުން ރޭ ބައެއް ތަންތަނަށް ވެއްޓިފައި ވެސް ތިއްބެވެ. އެހެން އުޅުމަށްފަހު ޒިއަދަމަށް ހަމަލާ ދިނީ އަލީ ޝިފާމްގެ ގޭގެ ތެރޭގައި ތިބެފަ އެވެ. އެވަގުތު ހަމަލާ ދޭން ޖެހުނު ސަބަބު އެނގޭ މީހަކު ނެތެވެ.
"އެހެންވެގެން އެންމެން ވެސް ބުނަނީ މީ ކުރިން ދީފައިވާ އިންޒާރާ އެއްގޮތަށް، މިކަމަކީ ވެސް ރާވައިގެން މަރާލަން ދިން ހަމަލައެކޭ. އެގޮތަށް މަރުވެގެން ދިޔައީއޭ، މީ މީހުން ކިޔާގޮތް،" އަންހެން ކުއްޖާ ބުންޏެވެ.
ޒިއަދަމަށް ހަމަލާދޭން ބޭނުންކޮށްފައި ވަނީ މަސްކަނޑަން ބޭނުން ކުރާ ދެ ވަޅިއެކެވެ. ބީޗް ވިލާ ގޭތެރެއިން ފުރަތަމަ ޒިއަދަމަށް ހަމަލާ ދިނީ ފައިގެ ފަލަ މަސްގަނޑަށެވެ. ދެން ފައިގެން މައި ނާރު މަތިން ކުޑަކަޅުވާއަށެވެ. އެހިސާބުން އޮހެމުން ދިޔަ ލޭތަކާއެކު ޒިޔަމްދަމް ސަލާމަތްވާން ދުވެފައި ގޮސް ވަނީ ޖެހިގެން ހުރި ހުދުވިލާގޭ ބަދިގެއަށެވެ. އެތެރެއަށް ވަދެ މަކުޑި އެޅުވުމާއެކު ދޮރު ހަލާކުކޮށްލައިގެން ވަދެ ކަރަށާއި ބުރަކައްޓަށް ވަޅި ކޮއްޕާލައ ޒަހަމްކޮށްލައިގެން މަރާލީ އެވެ.
"އޭގެ ތެރޭގައި އޮތް ހުސައިން ފަސީހަށް ހޭލެވުނީ ދޮންބެ ރޮއި ހަޅޭއްލަވާ އަޑަށް. އޭނަ ދިޔައިރު ދޮން އޮތީ ބަދިގޭގެ ތެރޭގައި ބޭރުގައި ޝަނޫން ވަޅި ހިފައިގެން ހުރީ ދެން ކައިރިވުމުން އޭނާއަށް ހަމަލާ ދޭންވެގެން ވަޅި އެއްލީ އެކަމު އޭނާގެ ގައިގައި ޖެހުނީ ވަޅީގެ މުއްގަނޑު ދެން އޭނަ ގޮސް ޝަނޫން ދުރަށް ކޮއްޕާލުމަށްފަހު ބަދިގެއަށް ވަން އިރު އަލީ ޝިފާމް ދޮންބެ މަރާލާފައި ނުކުންނަނީ. ދަމުން އެމީހުން ދިޔައީ ވަޅިތައް ހިފައިގެން،" އަންހެން ކުއްޖާ ބުންޏެވެ.
ދުރުގައި ހުރި ވޮޗަރަށް މަންޒަރު ފެނިގެން ހަޅޭ ލެވުމާއެކު އެއްވި މީހުން ޒިއަދަމް ނަގައިގަނެގެން ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ވެސް ޝަނޫނު އެނބުރި އައިސް "މާރާލާނަމޭ" ބުނެ ހަމަލާ ދިނެވެ. އަދި ގެންދިޔަ މަގުމަތީގައި ވައްޓާލައި ފައި ޒިއަދަމްގައިގައި ޖެހިއެވެ.
"އެ ހަމަލާ ދިން ވަގުތު ބައްޕައަށް ދެވުނީ، ދިޔަ ވަގުތު 'ތޅއ ގެ ދެ ލޮލަށް ވެސް ވަޅި ހަރާ މަރާލާ ނަމޭ މަމީ މުންޑޫގެ ކިންގޭ' ޝަނޫން ބުނި ކަމަށް މީހުން ބުނަނީ. ބައްޕަވެސް ބުނޭ އެހެން ބުންޏޭ." އޭނާ ބުންޏެވެ. "ދެން އެހިސާބުން އެމީހުން ފިލައިގެން ދިޔައީ. އަދި އެތަނުން ދޮންބެ މަރުކަޒަށް ގެންދިއުމުން ބުނީ ގެންދިޔައިރުވެސް އޮތީ މަރުވެފައޭ،"
ޒިއަދަމް މަރާލުމާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މުންޑުއަށް އަރާ މައްސަލަ ތަހުގީގުކޮށް ތުހުމަތުވާ މީހުންނާއި ހަމަލާދިން ތިން މީހުން ހޯދަން ފެށި އިރު އެ އެންމެން ވެސް ވަނީ ފިލާފަ އެވެ. އަލީ ޝިފާމް އާއި ޝަނޫނާއި މައިބައިދޫ ޒުވާނާ ހައްޔަރު ކުރީ މިއަދު ހެނދުނު އެވެ. ކޯޓް އަމުރާއެކު ފުލުހުން އެމީހުން ހައްޔަރުކޮށް ބިޑި އަޅުވައި މިވަގުތު ބައިތިއްބާފައި ތިބީ ވެސް މުންޑޫގައެވެ.
"ބުނެވޭ ގޮތުން އެމީހުން ހައްޔަރު ކުރީ ދޮންބެ މަރާލާނެ ކަމަށް ކުރިން އިންޒާރު ދީފައި އޮތް މީހާއަށް ފާާރަލައި އޭނާގެ ހަރަކާތްތައް ބަލައިގެން. ދޮން މަޜާލި ވަގުތުވެސް އޭނަ އުޅުނު އެ ސަރަހައްދުގައި. އެކަމަކު އޭނާއެއް ހައްޔަރެއް ނުކުރޭ. އަދި ހަމަލާގެ ވަގުތު އަތް ޒަހަމްވި ނައުފަލް ވެސް އަދި ހައްޔަރެއް ނުކުރޭ،" އޭނާ ބުންޏެވެ.
ޒިއަދަމްގެ އާއިލާއިން ގަބޫލު ކުރާ ގޮތުގައި ޒިއަދަމް މަރާލީ ދުރާލާ ރާވައިގެނެވެ. އަދި އެއީ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެކެވެ.
"އެ އިންޒާރު ދިން މިރަށުގެ ޒުވާނާ އާއި ދޮންބެއާ ދެމީހުންގެ އޮވޭ ވައްކަމުގެ މައްސަލައެއް. އެ މައްސަލައިގެ ޝަރީއަތުގައި ދޮންބެ ދީފައި އޮންނަ ހެކިބަހެއްގެ މައްސަލައިގައި ހިތްހަމަ ނުޖެހިގެން މަރާލާނެ ކަމަށް އިންޒާރު ދީފައި އޮންނަނީ އަދި މީގެ ކުރިން ވަނީ އެ ހަމަލާ ދޭން އުޅެ ނާކާމިޔާބުވެފައި. އެންވީމާ މިފަހަރު އެ ފުރުސަތު ހޯދައިގެން މަރާލީ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މީގައި ބަނގުރަލުގެ ކަންތައްވެސް ހިމެނޭ ރޭ އެމީހުން އުޅުނީ ރާ ބޮއެއްގެން،"