(19 ފެބްރުއަރީ 2017 އާ ގުޅޭ)
އެހެން ދުވަސްދުވަހަށްވުރެ އައިރާ ލަސްވީ ސަބަބު އެނގުނު ހިނދު ނިޔާނުގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވެފައިވެއެވެ. އައިރާ އަންނާނޭ އިރަކަށް ކެތްތެރިކަން ކުޑަވެގެން ހިނގައްޖެއެވެ. ފުރަން ދެ ދުވަހަށްވެފައި ވަނިކޮށް ލިބުނު ޚަބަރުން ނިޔާނުގެ ހިތްމުޅިން މިލައިފިއެވެ.
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގެންދިޔައިރު ވެސް ނިޔާނު އިނީ ލިޒީމެންގޭ ޖޯލީގައެވެ. އޭނާގެ ގާތުގައި ޖުވައިން އިނެވެ. އެ ދެމެދަށް ވަނީ ހިމޭންކަން ވެރިވެފައެވެ. ދޭތެރެއަކުން ލިޒީ އެތަނަށް ނުކުމެލައެވެ. އެ ތިންމީހުން ވެސް އިންތިޒާރު އެ ކުރަނީ އައިރާއަށެވެ. މަޣުރިބު ނަމާދަށް ގޮވީ ދެ ޒުވާނުން އެގޮތަށް ހިމޭންވެފައި ޖޯލީގައި ތިއްބައެވެ. ނަމާދަށް ދިއުމަށް ދާއޫދު ގެއިން ނުކުންތަން ފެނުމުން އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ނިޔާނާއި ޖުވައިން ވެސް ނަމާދަށް ދިއުމަށް ހިނގައިގަތެވެ. ދާއޫދު ވެސް ކުރިން ވާހަކަދައްކާ ގޮތަކަށް ނިޔާނާއި ޖުވައިންއާ މިހާރަކު ވާހަކައެއް ނުދައްކައެވެ. ލިޒީއާ ގުޅުމަށް ނިޔާނުގެ ގާތުން އެދުމުން އެކަމާ ނިޔާނު ދެކޮޅު ހެދިފަހުން ދާއޫދަށް އައިސްގެން އުޅޭ ބަދަލެއްކަން އެންމެނަށް ވެސް އެނގެއެވެ. މަލީހާވަނީ ދާއޫދުގެ ޢަމަލުތައް ހުންނަގޮތާމެދު އަޅާނުލުމަށް ނިޔާނު ގާތުގައި ބުނެފައެވެ.
ހުރިހާ ކަމަކުން ސަލާމަތްވެގެން އައިރާއަށް ގެއިން ނުކުމެވޭ ވަރުވީ ރޭގަނޑު ދިހައެއްޖެހިފަހުންނެވެ. ގޭގެ ދޮރޯށީގެ ތަޅުދަނޑި އައިރާގެ އަތުން އަތުލަން ހިޝްމާ ހަނދާންނެތުނަތީވެ އެކަމުގެ ފައިދާ އައިރާ ނެގިއެވެ. ތާއިބުއާއި ހިޝްމާގެ އިތުރުން ގޭގައި ދެން އުޅޭ މީހުން ނިދަން ކޮޓަރިއަށް ވަނީ އެގާރަގަޑި ބައިވެފައި ހުއްޓައެވެ. އެންމެން ކޮޓަރިތަކަށް ވަދެ ހަމަޖެހުމާއެކު އައިރާ ބޭރަށް ނުކުތެވެ. ތަޅުލާފައި ހުރި ދޮރޯށި ހުޅުވައިގެން ނުކުމެ އިހު ހުރިހެން ތަޅުލިއެވެ. އަދި ލިޒީމެންގެއާ ދިމާއަށް އައެވެ.
އައިރާ އައިސް ލިޒީމެންގޭ ގޯތިތެރެއަށް ވަންއިރު ޖޯލީގައި ނިޔާނާއި ޖުވައިގެން އިތުރުން ލިޒީ ވެސް އިނެވެ. އެންމެންގެ މޫނުތަކުގައި ސުވާލުމާކެއް ޖެހިފައި ވާ ކަހަލައެވެ. އައިރާގެ ގާތުން ކަމެއް އޮޅުން ފިލުވަން ކެތްމަދުވެފައި ތިބި ކަހަލައެވެ. ލިޒީ ފުންމައިގެން ތެދުވިގޮތަށް އައިސް އައިރާގެ އަތުގައި ހިފައިގެން ގެނެސް ނިޔާނުގެ ކަނާތްފަރާތުގައި ހުސްކޮށް ހުރި ޖޯލީގައި އޭނާ ބޭންދިއެވެ.
"އަވަހަށް ކިޔާދީބަލަ" ލިޒީ ބުންޏެވެ.
"މިއަދު ހަވީރު ދައްތަ ގޮވާފައި އެ ކޮޓަރިއަށް އަހަރެން ގެންގޮސްފައި ދިނީ ޝަމްރާގެ ހެދުމެއް... އެކުއްޖާ ލާތަނުން ފައިކުރި ހިމަ ޖިންސަކާއި ގަމީސްކޮޅެއް... އަހަރެން އެއާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ ހަވީރު ބޭބެއާއެއްކޮށް ބަޔަކު އަންނާތީ ތަންކޮޅެއް ރީތިވެލައިގެން ހުންނާށޯ... އެވަގުތު ވެސް އަހަރެންގެ ބޮލުގައި ރިއްސާލި... ދައްތައަކީ މަކަރުވެރި އަންހެނެއް... އޭނާ ކުރަން އުޅޭ ކަމެއް ޝަމްރާއާއި ޝަމްއާނަށް ވެސް ނޭނގޭ... ހަވީރު ސައިތައްޔާރުކޮށްފައި ބަދިގޭގައި މަޑުކޮށްލާށޭ ބުނީމާ ސައިމޭޒުދޮށުގައި އަހަރެން އިނީ... އިންދާ ދައްތަ އައީ... ބުނީ ބޭބެއާއެކު އެމީހުން އަތުވެއްޖެކަމަށް... އަދި ރަންމުތް ފިހާރައިގެ ބޮޑުމީހާ އިދުރީސްގެ ދޮށީ ދެ ދަރީންގެ ތެރެއިން ޝިވަންއާ އަހަރެންގެ ކައިވެނި ބޭބެ ހަމަޖައްސާފައިވާ ވާހަކަ... ދެކޮޅު ހަދަން ބޭނުންވިޔަސް ދައްތައާއި ބޭބެ އަހަރެން ދައްކާ ވާހަކައެއް އަޑުއަހާނެތަ... ދައްތަ ޤަބޫލެއްނޫން ނިޔާނާ އަހަރެން ގުޅޭކަށް... އިދުރީސް އެދިގެން ޝިވަންއާ ވާހަކަދައްކާލާނެ ފުރުޞަތެއް އަހަންނަށް ލިބުނީ... އެކަހެރިވެލެވުމުން އަހަރެން އޭނާގެ ގާތުގައި ބުނިން މި ކައިވެންޏާ ބެހޭ އެއްވެސް ކަމެއް ކުރިއަކުން އަހަންނަށް ނޭނގޭކަން... އަހަރެން ގުޅެން ބޭނުންވާ އެހެން މީހަކު އެބަހުރިކަން ވެސް... އެކަމަކު އޭނާ އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދޭ... ބޭބެ ބުނީ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް ނިންމާލާނަމޭ... ހަމަޖެހިފައި އޮތްކަމެއްވީމާ ހުރަސްއަޅަން ބޭނުންވިޔަސް އެކަން އެހެންނުވާނެއޭ ވެސް ބުނި... އަހަންނަށް އެނގޭ އަހަރެން ޤަބޫލުނުވާނޭތީވެ ބޭބެ ބުނި އެއްޗެއްކަން އެއީ... ދެން ކިހިނެއް އަހަރެން ހަދާނީ" ދެފަރާތުގައި ތިބި ލިޒީއާއި ނިޔާނަށް އައިރާ ބަލާލިއެވެ.
"އެމީހުން އެހެން ބުންޏަސް ކައިވެންޏެއް ނުކުރެވޭނެ... އަހަރެން ތިކައިވެނި ކުރެވުނަކަ ނުދޭނަން..." އިސްޖެހިފައި އިން ނިޔާނު ބުންޏެވެ.
"އެއީ ތެދެއް އައިރާ... އެމީހުން ކިޔާހާ އެއްޗެއް ޤަބޫލުކުރާނެކަމެއްނެތް" ނިޔާނުގެ ވާހަކަތަކަށް ލިޒީ ބުރަވިއެވެ.
"އެކަމަކު... ވަގުތު... ވަގުތުކޮބާ؟ މާދަން ނޫން އަނެއް ދުވަހު ނިޔާނު ފުރަމެއްނު" ޔަޤީންކަން ކުޑަގޮތަކަށް އައިރާ ބުންޏެވެ.
"އައިރާ ހާސްނުވޭ... އަހަރެން ކޮންމެވެސް ގޮތެއް ހޯދާފައި ދާނީ" ނިޔާނުގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ. ވަގުތުން ހައްލެއް ނުހޯދުނަސް ނިޔާނު ބޭނުންވީ ވިސްނުން ރަނގަޅު މަގުން ގެންދާށެވެ. ކުއްލިއަކަށް ރަނގަޅު ގޮތެއް ނުވެސް ވިސްނޭނެތީއެވެ.
"ނިޔާނު އަހަންނާ އިންނަންވީނު" ނިޔާނަށް ބަލަހައްޓައިގެން އިން އައިރާގެ ހިތުގައި ވިއެވެ. ނިޔާނު އެހެން ބުނާނެނަމައޭ އައިރާގެ ހިތަށް އެތައް ފަހަރަކު އަރައިފިއެވެ. އެއަށްވުރެ ރަނގަޅު ހައްލެއް ކޮބާހެއްޔެވެ. މިހާރު ވެސް އައިރާއަކީ ނިޔާނުގެ އަނތްބަކަށް ހެދުމުން އެކަކަށް ވެސް އޭނާގެ މައްޗަށް ބާރެއް ނުފޯރުވޭނެއެވެ. ނަމަވެސް އެހެންބުނާނޭ ހިތްވަރެއް އައިރާގެ ނަފްސަކުނެތެވެ. އަވަސްއަރުވާލާފައި މަޖުބޫރީ ހާލަތެއްގައި ނިޔާނާއި ކައިވެނި ކުރާކަށް ވެސް އައިރާގެ ޟަމީރެއް ނޭދެއެވެ.
ކުއްލިއަކަށް ފެންމަތިވި މައްސަލައާ ގުޅޭގޮތުން އެތައް އިރެއްވާންދެން ވާހަކަދައްކަން ހަތަރުމީހުން ޖޯލީގައި ތިއްބެވެ. އެންމެފަހުން އެއްގަޑިބައިވުމުން ޖުވައިން ތެދުވެގެން ގޭތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ލިޒީ ވެސް ތެދުވެގެން ގޮސްވަނީ ދުވާލުގަޑީގައި ބައްދަލުކުރާން ނިންމާފައެވެ. އެ ދެމީހުން ދިއުމާއެކު އައިރާގެ އަތުގައި ނިޔާނު ހިފާލިއެވެ.
"އައިރާ ބޭނުންވަނީ ކޮންގޮތެއް... މިކަމުގައި އައިރާއަށް ހީވާ ގޮތެއް ވެސް ބުނެބަލަ" ނިޔާނު ވާހަކަދެއްކިއެވެ.
"ބޭބެއާއި ދައްތައަކީ އެމީހުންގެ ގޮތުގައި ހިފަހައްޓާބައެއް... ބިރުގަންނަނީ އެހެންވެ... ނިޔާނާ ވަކިވާންޖެހިދާނެތީ ވެސް ބިރުގަނޭ... މިކަމުގައި ކުރެވޭނެކަމެއް އަހަންނަކަށް ވެސް ނޭނގެ... ނިޔާނު ނިންމާ ކޮންމެ ގޮތެއް އަހަރެން ޤަބޫލުކުރާނަން... އަހަރެން ނިޔާނަށް އިތުބާރުކުރަން" ނިޔާނަށް ބަލަން އިނދެ އައިރާ ބުންޏެވެ.
"އަހަރެން ބޭނުން މިހާރު ވެސް އައިރާއާ ކައިވެނިކުރާން... އެކަމަކު... މަންމަމެންނަށް ނޭނގި ކުއްލިއަކަށް ކައިވެނިކުރަންވީމަ... އަވަސްއަރުވާލާފައި ކުރާވަރު ކަމެއްނޫން ކައިވެންޏަކީ" ނިޔާނުގެ ނަފްސުގެ މައްޗަށް ވެރިވެފައިވާ މަޖުބޫރުކަން އައިރާއަށް އެވަގުތު އިހުސާސްކުރެވުނެވެ.
"އެހެންގޮތަކުން މިކަން ހުއްޓުވޭތޯ އިހަށް ބަލަމާ" ހިތާ ދެކޮޅަށް އައިރާ ބުންޏެވެ.
"ފުރަން މިހާ ކައިރިވެފައި އޮއްވާ މިހެންވީމަ ވެސް އިތުރަށް ބޯގޮވައިފި... ތި ޚަބަރެއް އިވުނީއްސުރެން އަހަރެންގެ ބޮލުގައި ވަރަށް އެބަ ރިއްސާ... ކީއްވެ ހުރިހާ ކަމެއް މިހާ ކޮމްޕްލިކޭޓެޑްވާން މިޖެހުނީ" ނިޔާނުގެ އަތުގެ ތެރޭ އޮތް އައިރާގެ އަތްތިލައަށް ބާރުކޮށްލިއެވެ. އަދި ކަނާތް ހިއްލާލާ އައިރާގެ ކޮނޑުގައި ހިފާ އޭނާއާ ގާތްކޮށްލައިފިއެވެ.
ނިޔާނުގެ ކޮނޑުގައި ބޯއަޅާލައިގެން އައިރާ އިނެވެ. ދެ މީހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ލިބިފައިވާ ނުތަނަވަސްކަން ކޮޅުންލާހާވެއެވެ. އެހެންވިޔަސް ލިބިފައިވާ ހިތްނުތަނަވަސްކަން ފިލުވާލެވޭނޭ ގޮތެއް ދެ މީހުން ކުރެ އެކަކަށް ވެސް ނޭނގޭ ކަހަލައެވެ. ދޭތެރެއަކުން އައިރާގެ ބުރުގާގެ މަތިން އޭނާގެ ބޮލުގައި ނިޔާނު ބޮސްދެއެވެ. އައިރާއާ ވަކިވާން ޚުދު ނިޔާނު ވެސް ނޭދެއެވެ.
"މިހާރު ވަރަށް ލަސްވެއްޖެއެއްނު... ދެން ދަނީ" މުށުތެރެއަށް ލައިގެން އިން ފޯނުގެ އިސްކުރީނަށް ބަލާލާފައި އައިރާ ބުނެލިއެވެ. އޭރު މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ނިޔާނުގެ އަތުގެ ތެރެއިން ދުރަށް ޖެހިލުމާއެކު ނިޔާނު ވެސް އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ނަމަވެސް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރެއިން ގަޑިން ވީއިރެއް އޭނާއަކަށް ނޭނގުނެވެ. ބޯޖަހާލާފައި ނިޔާނު ވެސް ޖޯލިން ތެދުވިއެވެ. އަދި އައިރާއާއެކު މަޑުމަޑުން ހިނގާލަފައި ޒަމާނީގޭ ދޮރޯށްޓާ ހަމައަށް އައެވެ. އައިރާ ގޭތެރެއަށް ވަނުމުން ނިޔާނު ވެސް އެނބުރި އައިސް ލިޒީމެންގެއަށް ވަދެއްޖެއެވެ.
* * * *
ގެއަށް އައިސް ވަދެވުމާއެކު މައުރީން ގޮވާލި އަޑު ރުބީނާއަށް އިވުނެވެ. އެހިނދު އަތުކުރީ އޮތް ގަޑިއަށް ރުބީނާ ބަލާލިއެވެ. ހެނދުނު ސަޔަށް ރައްޓެހިންނާއެކު ބޭރުގައި އުޅެފައި ރުބީނާއަށް ގެއަށް އާދެވުނީ ދިހައެއް ޖަހަނިކޮށެވެ. އެގަޑީގައި މައުރީންގެ އަޑު އިވުނީމަ އޭނާ ހައިރާންވީ އެއީ މައުރީންގެ ސްކޫލު ވަގުތަށް ވީމައެވެ. ހަނދާންނެތުނީ ހުކުރު ދުވަސްކަމެވެ. ފޯނު ހިފައިގެން ސޯފާގައި ބަންޑުން އޮތް މައުރީންގެ ގާތަށް ރުބީނާ އައިސް ހުއްޓުނެވެ.
"މަންމަގެ ބްލެކް ފޯނަށް ވަރަށް ގިނަ ކޯލްސް އައިސްފަ ހުރީ... ކޮންމެވެސް އާދުއެއް... އަހަރެން ބޮލަށް އުނދަގޫވެގެން އެ ފޯނު މިހާރު އޮންނާނީ ސައިލެންޓަށް ލާފައި... އެމީހާ ހީވަނީ މޮޔަވެގެން އުޅޭހެން... ފަސްމިނެޓުން ފަސްމިނެޓުން އެބަ ގުޅާ" މައުރީން ޝަކުވާކޮށްލިއެވެ.
އަވަސް އަރުވާލަފައި ރުބީނާ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުމަތީ އޮތް ފޯނު ނަގައި ބަލާލިއެވެ. ތިރީސް މިސްކޯލު އޮތެވެ. ބަލާލިއިރު އެ ހުރިހާ މިސްކޯލެއް ވެސް އައިސްފައި ހުރީ އާދިލްގެ ނަންބަރުންނެވެ. އާދިލްގެ ނަންބަރަށް ޑައިލްކޮށްލުމާއެކު ރުބީނާ އައިސް ކޮޓަރީގެ ދޮރުލައްޕާލިއެވެ. އަދި އައިސް އެނދުގައި ދެފައި ދަމާލާ އެއްފައިމައްޗަށް އަނެއްފައި އަރުވާލައިގެން ހެޑްބޯޑުގައި ލެނގިލައިގެން އިނެވެ.
"އަހަރެން ކިތައްފަހަރަށް ގުޅައިފިން... ރޫބީއަށް ތި ފޯނު ދިނީ އަހަރެން ވާހަކަދައްކާލަން ބޭނުންވާ ކޮންމެ ގަޑިއަކު ވާހަކަދައްކާލުމަކަށް ނޫންތަ؟"
"ސޮރީ އާދު... ވަރަށް ބޮޑަށް ސޮރީ... އަހަރެން ހަނދާންނެތިގެން މި ފޯނު ބާއްވާފައި ދެވުނީ... ކުރިން ވެސް އަހަރެން ބުނީމެއްނު ދެ ފޯނު ގެންގުޅެން އަހަންނަށް އުނދަގޫވާނެއޭ... ފޯނު ނުނެގީމާ ރުޅި އައިސްފައިތަ ތި ހުރީ... އައި އޭމް ރިއަލީ ސޮރީއޭ" ރުބީނާ ޅަކުއްޖެހެން ތުއި އަޑަކުން ވާހަކަދެއްކިއެވެ.
"ރުޅިއެއް ނާދޭ... ކުޑަކޮށް ހިތްހަމަނުޖެހުނީ... ކޮންތާކަށްތަ އެހާ ހެނދުނާ ދިޔައީ" އާދިލް އަހާލިއެވެ.
"ސަލްއާއި ހިދާއާއެކު ބްރެކްފަސްޓަކަށް ގޮސްލީ... ކީއްވެތަ އާދު އެވަރަށް ގުޅީ" ރުބީނާ އަހާލިއެވެ.
"ރޭގައި ވެސް އަހަންނާ ވާހަކަދައްކާނުލާ ރޫބީ ނިދީއެއްނު... އަސްލު މި ވީކަންޑުގައި އަހަންނާއެކު ރިސޯޓަށް ހިނގާބަލާށޭ ބުނަންވެގެން އުޅުނީ... ވީކަންޑުގައި ރޫބީގެ ދަރިފުޅު ވެސް ފްރީވާނެއެއްނު... އޭރުން ދެމައިން އެކުގައި ދެވޭނެއެއްނު" އާދިލް ބުންޏެވެ.
"ހާދަ ދެރައޭ ދޯ... ދެން އެހެންފަހަރަކުން އެކަހަލަ ދަތުރެއް ރާވާނީ... އޭތް! އެހާ ގިނައިރު ވާހަކަދައްކަން ހުރެވޭކަށް ނެތޭ... މެންދުރަށް އެއްޗެއް ރޯފިލުވައިގެންނު ކެވޭނީ... އިރުކޮޅަކުން މައު އުޅޭނެ ބަނޑުހައިވެގެން" ރުބީނާ ބުނެލިއެވެ.
"މިހާރަކަށް އައިސް ހާދަ ހީވެޔޭ ރޫބީއަށް ބަދަލުތަކެއް އަންނަހެން... ކިހިނެއްތަ ތިވަނީ... އަހަންނާ ހަމަޖެހިލައިގެން ވާހަކަދައްކާލާނޭ ފުރުޞަތެއްނުލިބޭ... ރޫބީ މަސައްކަތެއް ނުކުރިޔަސް އަހަރެން ތި ދެމައިން ކާނޭ އެއްޗެހި މެންދުރަށް ފޮނުވަ ދީފާނަން... އެގޮތް އެންމެ ރަނގަޅެއްނު" އާދިލް ބުނެލިއެވެ.
"ދެން އާދު އެ ބުރަ އުފުލާނެކަމެއްނެތް... އަހަރެން ހުންނާނެ މިއަދު ކައްކަން އެއްޗެހި ތައްޔާރުކޮށްފައި... އަހަރެން ފަހުން ގުޅާނަން އިނގޭ"
ރުބީނާ ހަޤީޤަތުގައި ވެސް އަވަސްއަރުވާލާފައި ފޯނުކޯލު ކުރުކޮށްލީއެވެ. އެކަން އާދިލްއަށް ފާހަގަވިޔަސް ވަރިހަމަކަމަށެވެ. ކުރިން އޭނާގެ ހިތް އާދިލްއަށް ލެނބެމުންދިޔަ ނަމަވެސް މިހާރު އެހިތަށްވަނީ އެހެން ސޫރައެއް ވެރިވެފައެވެ. ހުވަފެންތަ ހަޤީޤަތަކަށް ހެދުމަށް އާދިލްއަށްވުރެ ކުޅަދާނަ ބައިވެރިއަކަށް ރުބީނާގެ ހިތް ޖެހިއްޖެއެވެ. އެހެންނަމަވެސް އާދިލް ވަމުން އަންނަ އެހީތެރިކަމަށް ނޫނެކޭ ބުނަން އަދިވެސް ނުކެރެނީއެވެ. އާދިލްއަކީ ވެސް ފައިސާވެރިއެކެވެ. މީހަކާ އިނދެ ވަރިވެފައި ހުރި ފިރިހެނެކެވެ. ރުބީނާގެ ހިތް ހޯދުމަށް ބޮޑެތި ޚަރަދުތައް ކޮށްލަން ފަސްނުޖެހޭ އުމުރުން ސާޅީސްހަ އަހަރުގެ މީހެކެވެ. ރުބީނާގެ ކުރީގެ ފިރިމީހާ އަމީރު ނުރުހެނީ އެ ދެމެދުގައި އޮތް ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ އާދިލްކަމުގައި އޭނާ ޤަބޫލުކުރާތީއެވެ. އޭނާގެ ގޭގައި ރުބީނާ އުޅޭހާ ހިނދަކު އާދިލު އެ ގެއަށް ވެއްދުން މަނާވީ ވެސް އެހެންވެއެވެ. އާދިލްއަކީ ރުބީނާ ގެންގުޅޭ ކްރެޑިޓް ކާޑެއް ފަދައެވެ. ޚަރަދު ކުޑަކޮށް ކަންކަން ކުރުމަކީ ރުބީނާ އެއްވެސް އިރެއްގައި ދަންނަކަމެއްނޫނެވެ. ދިރިއުޅުމުގައި ލޯތްބަށްވުރެ ފައިސާ އޭނާއަށް މުހިންމެވެ.
* * * *
ބަދިގޭގައި މެންދުރަށް ސްޕެގަޓީ ތައްޔާރުކުރާން އައިރާ އުޅެއެވެ. އޭރު އުނދުން މަތީ ކުކުޅުފައި ތެތްލާން ތެޔޮއެއްޗެއް އުދާފައި ހުއްޓެވެ. އެއްފަހަރާ ތިންހަތަރު ކަންތައް ކުރަމުން އައިރާ ދިޔައެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށް ކާމޭޒުމައްޗަށް ނަގާފައި އައިރާއަށް ބަދިގެއިން ނުކުމެވުނުއިރު ހުކުރުނަމާދު ނިމިއްޖެކަމުގައި ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީއިން ފެނުނެވެ. ގިނައިރެއްނުވެ ބަދިގެއަށް އެންމެން އައިސް ވަންނާނޭކަން އެނގޭތީވެ ފެންވަރަން ދާން އުޅެފައި ވެސް އައިރާ އެނބުރި އައިސް ބަދިގޭގައި މަޑުކުރިއެވެ.
"އިދުރީސް ބުނި އެގެއަށް މިއަދު ހަވީރު އައިރާ ގޮވައިގެން އައުމަށް" ހުކުރުން އައިސް ބަދިގެއަށް ކާން ވަން ތާއިބު ބުންޏެވެ. އޭނާގެ ވާހަކައަށް ހިޝްމާ އިތުރުކޮށްލިއެވެ. މޭޒުދޮށުގައި އިން ޝަމްއާނު ބަލަމުން ދިޔައީ ތަފާތު ނަޒަރަކުންނެވެ. އޭނާގެ ހިތާއި ސިކުނޑީގައިވަނީ ކީކޭކަން އެނގޭނީ ހަމަ އޭނާއަށެވެ. އައިރާ އަނގައިން ވެސް ނުބުނެ ހިމޭންކަން ޚިޔާރުކުރި ގޮތައް ބަހެއް ވެސް ނުބުނެ ހަނު ހުރީއެވެ. އެމީހުން ދައްކާނޭ ވާހަކައެއް ދައްކަން ފުރުޞަތުދީގެންނެވެ. އެންމެން ކައިގެން ބަދިގެއިން ނުކުތުމުން ޝަމްއާނު ނުކުންނަން އައިސްފައި މަޑުކޮށްލިއެވެ. އަދި ބަދިގެތެރޭގައި ދެ މީހުން އެކަނިވުމާއެކު އައިރާގެ ހަށިގަނޑުގެ ގުނަވަނެއްގައި ޝަމްއާނު ހިފާލިއެވެ. އެހިނދު ނުވިސްނާ ހުރި އައިރާއަށް ތެޅިގަނެފައި މޭމަތީ ދެއަތް އަޅާ ފޮރުވާލެވުމާއެކު ދުރަށް ދެވުނެވެ. ކޮށްލެވުނު ލާނެތް ސަމާސާއިން ޝަމްއާނު ނިކަން ބާރަށް ހޭންފެށިއެވެ.
"ފިރީމީހާ އަތްލުމުގެ ކުރީން އަތްޖައްސާލަން ވެސް ނުދޭނަންތަ؟ ހަމަ ހުވާ އަހަރެން ވަރަށް މިސްވާނެ އައިރާ ދިޔައިމަ... ކަމެއް ވެސް ނުވެގެން އުޅެނިކޮށްވިއްޔާ އައިރާ ފޮނުވާލަން މަންމަމެން އެ އުޅެނީ... އަނގަގަދަވެގެން މަންމަން ގާތުގައި ފާޑުފާޑުގެ ވާހަކަދެއްކީމާ ލިބުނު ލަނޑު ކުޑައެއްނޫނެއްނު... ކަލޭގެ ލޯބިވާ ހުއްޓާ އެންމެފަހުން ތި ޖެހުނީ ގޮތްނޭނގޭ މީހަކާ އިންނަން"
"ކަލޭގެ ލަދުހަޔާތޭ ކިޔާ އެއްޗެއްގެ ކުނޑިފުކެއް ވެސް ނެތީތަ؟ ކަލޭ ބޭނުންހާ ގޮތެއް ނުހެދޭނެކަން އަދިވެސް ތިގަމާރު ސިކުނޑިގަނޑަށް ވިސްނޭކަށް ނޫވޭތަ؟ ސަލާމަތުން ހުރި އަތް ބިންދާނުލަނީސް މިތަނުން ރައްކާވޭ" ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއި ރުޅިވެރިކަން އައިރާއަށް ޝަމްއާނާ ދިމާއަށް ބޭރުކޮށްލެވުނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. ޝަމްއާނު މައުނަވީ ގޮތަކަށް އައިރާއަށް ބަލަން ހުރެފައި އަނެއްކާ ވެސް ފެށީ ހޭށެވެ. އައިރާ ސިއްސުވާލާ ފަދަ ގޮތަށް ކުއްލިއަކަށް އައިރާއާ ދިމާއަށް ޝަމްއާނު ފުންމައިގަނެފައި ފަހަތަށް ޖެހިލިއެވެ. އަދި ހެމުން ހެމުން ބަދިގެއިން ނުކުމެގެން ދިޔައެވެ.
ކާމެޒުމަތިން ތަށިތައް ނަގަން ހުރިއިރު ވެސް އައިރާއަށް ހަމަޖެހެވޭގޮތެއްނުވިއެވެ. ޝަމްއާނު އެކުރި ކަމަކުން އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވީއެވެ. ފަސްވަރަކަށްފަހަރަށް މޭމަތި ފޮޅާވެސް ލިއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލެމުންދިޔައެވެ. ރުޅިވެރިކަމާއެކު އިރުއިރުކޮޅާ ދަތްކުނޑިވިކާލައެވެ. ކައިފައި ހުރި ތަށިތައް އެއްކޮށްލުމަށްފަހު ޝަމްއާނު ފަނިބުއި ތަށި ނަގަން އަތްދިއްކޮށްލި ހިނދު އައިރާގެ ނަފްސުގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ދެބުމަށްގޮއްޖަހާލައި ބިއްލޫރިތަށި ނެގިގޮތަށް ތަޅުންގަނޑު މައްޗަށް ޖެހިއެވެ. އޭރު އޭނާގެ ފެންކަޅިވެފައިވާ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދެ ކޯތާފަތް ތެތްމަމުން ދިޔައެވެ. އައިސްފައި ހުރި ގަދަ ރުޅީގައި އައިރާގެ ދެ ތުންފަތް ވެސް ތުރުތުރު އަޅާލިއެވެ. އިރުކޮޅަކު ބުރައިގެން ގޮސްފައިވާ ބިއްލޫރިކޮޅުތަކަށް ބަލަން ހުރެފައި އައިރާ ދެ ލޯ ފުހެލިއެވެ. އަދި ކުޑަފިހިކޮޅާއި ޖަސްދުގަނޑު ހިފައިގެން އައިސް ތަޅުންމަތި ސާފުކުރަން ފެށިއެވެ.
ފެންވަރާލައިގެން ނުކުމެ އެނދުގައި އައިރާ އޮތީ ނިތްކުރީގައި އެއްއަތް ބާއްވާލައިގެން ފިކުރަކަށް ގެނބިފައި އޮތް ހެނެވެ. އޭނާގެ ސަމާލުކަން އަތުލީ ބާލީސް ކައިރީ އޮތް ފޯނުގެ ރިންގެވެ. ރޭ ނިޔާނާއި ވަކިވިފަހުން އޭނާގެ އެއްވެސް ޚަބަރެއްނުވާތީ އެ ގުޅީ ނިޔާނުއޭ އައިރާގެ ހިތް ބުނެލިއެވެ. އެހާ އަވަހަށް ފޯނު ނެގުނީ އެހެންވެއެވެ. އައިރާގެ ހިތް ދޮގެއް ނުހެދިއެވެ. އޭނާއަށް ގުޅަނީ ނިޔާނެވެ. ފޯނުކޯލަށް ޖަވާބުދިނުމާއެކު ނިޔާނު ވާހަކަދެއްކީ ވަރަށް އަވަސް އަރުވާލަފައެވެ. އައިރާގެ ގާތުން އެދުނީ ރީތިވެލައިގެން ލިޒީމެންގެއަށް އެ ވަގުތު އައިސް ދިނުމަށެވެ. އަދި އަންނައިރު އެކަކު ގާތުގައި ވެސް ނުބުނުމަށް ނިޔާނު އެދުނެވެ. ނިޔާނުގެ ވާހަކަތައް ހުރި ގޮތުން އައިރާ ހާސްވުމުގެ އިތުރުން ހައިރާން ވެސް ވިއެވެ. ނިޔާނު ފޯނު ބޭއްވުމާއެކު އައިރާ ވަގުތުން ގުޅީ ލިޒީއަށެވެ. ނިޔާނަށް ވެފައި ހުރި ގޮތެއް އޮޅުންފިލުވުން އައިރާއަށް މާ މުހިންމެވެ.
"އޭނާއަށް ކަމެއްނުވެޔޭ... ނިޔާނުބުނިހެން ކަންތައްކޮށްބަލަ... އެއްކަލަ ރެޑްޝޯލްއާއި ބްލެކް ޑްރެސް އިނގޭ ލާނީ... އަވަސްކޮށްލައިގެން އަވަހަށް އާދޭ" ލިޒީ ވެސް ފޯނުން މާގިނަ ވާހަކައެއް ނުދެއްކިއެވެ. ވާންއުޅޭ ގޮތެއް ނޭނގި ހިތްއަވަސްވެފައި ހުރެ އައިރާ ތައްޔާރުވާން ފެށިއެވެ.
(ނުނިމޭ)