ރިޕޯޓް

ޖައިލަމް ފީނަން ދިޔައީ ނުދާން އާދޭސް ކުރަނިކޮށް!

  • އެންމެ ފަހުން ޖައިލަމް ދެއްކީ ކައިވެނީގެ ވާހަކަ
  • ޅައިމަގު ކެމިކަލް ހަމަލައިގެ ތުހުމަތުގައި ހުރީ ފޫހިވެފައި
  • ފީނުމުގެ އެސްވެސް ތަމްރީނެއް އޭނާގެ ނެތް

ދުލު ކުރީގައި މިހާރު އޮންނަ ވާހަަކައަކީ ށ. ޅައިމަގު އުމުރުން އެންމެ 23 އަހަރުގެ އަހުމަދު ޖައިލް ފީނަން ގޮސް އުޅެނިކޮށް ކަނޑަށް ގެއްލުނު ވާހަކަ އާއި އޭނާ މޫދަށް ފީނާލި ގޮތަށް މައްޗައް ނާރައިގެން ގެއްލުމުން ކޯސްޓް ގާޑުން ކަނޑުއަޑި އަތްފުނާއަޅާ ހޯދަމުންދާ ވާހަކަ އެވެ. އެ ހާދިސާއަށް ފަހު ޖައިލަމްގެ އާއިލާ އާއި ގާތް ރައްޓެހިން ވެސް ތިބީ ހިތާމައިގެ ފުން ކަނޑަކަށް ގެނބިފަ އެވެ. ޖައިލަމް ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ ސުވާލު އުފައްދައި އޭނާއަށް ހެޔޮ ދުއާ ކުރުމުގަ އެވެ. ޖައިލަމް ފެނިދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކަނޑާލައިގެން ތިބި ނަމަވެސް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު ދިރިހުއްޓާ ފެންނާނެ ކަމަށް އޭނާގެ މަންމަ އާއި ބައްޕަ އުންމީދު ކުރެ އެވެ.

ފަސް ބެއިން ތިބި އާއިލާގައި ދޮއްޓަށް ހުރި ޖައިލަމް ހުއިފިލަނޑައަށް ފުރީ މީގެ މަހެއްހާ ދުވަސް ކުރިން އެ ދަތުރުގައި ނުގޮސް ރަށުގައި މަޑު ކުުރަން އޭނާގެ ބައްޕަ އެދިފައި ވަނިކޮށެވެ. ބައެއް މީހުން ބުނާ ގޮތުގައި އާއިލާ ކައިރީގައި ރަށުގައި މަޑު ނުކޮށް ޖައިލަމް ފުރައިގެން ދާން ބޭނުންވީ އޭނާ ބުނާ ގޮތުންނަމަ އޭނާއާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއްގެ ތުހުމަތެއްގައި އޭނާއަށް އިނގިލި ދިއްކުރާތީ އެވެ. -- މިދިޔަ ޑިސެމްބަރު މަހު ޅައިމަގުގައި އަންހެނެއްގެ ގަޔަށް ކެމިކަލް ޖެހި މައްސަލާގައި ޖައިލަމަށް ތުހުމަތު ކުރެއެވެ.އޭރު އޭނާ ރަށަށް ދިޔަތާވީ މަހެއް ހާ ދުވަހެވެ.

ބައެއް މީހުން ބުނަނީ އެ މައްސަލައިގައި އެނާގެ އަތެއް ނުވާކަން ސާބިތުކޮށްދޭން ޖައިލަމް މަސައްކަތް ކުރިއެވެ. އަދި އެ މަސައްކަތުގެ ތެރޭގައި އޭނާ ހުރީ ވަރަށް މާޔޫސްވެ ފޫހިވެސް ވެފައެވެ. އެހެންވެ އޭނާ ހުރީ ތުހުމަތުގެ އަޑުތަކާއި ދުރަށް ދާން ބޭނުންވެފަ އެވެ.

ޖައިލަމަކީ ޑައިވިން ކުުރުމުގެ އެއްވެސް ތަމްރީނެއް ހޯދާފައިވާ ޒުވާނެއް ނޫނެވެ. ނަމަވެސް ހުއިފި ލަނޑާ ނަގައިގެން ވިޔަފާރި ކުރާ ދޯންޏަކުން ވަޒީފާ ލިބުމުން އޭނާ ބޭނުންވީ އެ ދޯނީގައި ފުރާށެވެ. އާއިލާއަށް އެހީވުމަށެވެ. ރަށުން ބޭރަށް ދިޔަ ނަމަވެސް ކޮންމެ ދުވަހަކުވެސް އާއިލާއަށް ގުޅާ ހާލު ބަލާ ވާހަކަ ދައްކަ އެވެ. އޭނާގެ ބައްޕަ އާއިވެސް ކޮންމެ ރެއަކު ފޯނުން ވާހަކަ ދައްކަ އެވެ. އެކަމަކު މިދިއަ ބުރާސްފަތި ދުވަހުގެ ރޭ ބައްޕަ އާއި މަންމަ އާއިވެސް ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. މަންމަ ގުޅުމުން ވެސް ފޯނު ނެގީ އެކުގައި މަސައްކަތް ކުރާ އެހެން ކުއްޖެކެވެ. ބުރަ ދުވަހަކަށްފަހު ޖައިލަމަށް އެރޭ ނިދުނީ އެވެ.

އާއިލާގެ މެންބަރަކު ބުނި ގޮތުގައި އެންމެ ފަހުން އާއިލާއަށް ގުޅި ދުވަހު ދެއްކީ ކައިވެނި ކުރާ ވާހަކަ އެވެ. އަދި އޭނާ ކައިވެނި ކުރަން ބޭނުންވާ އަންހެން ކުއްޖާއާއެކު ދިރިއުޅެން ބޭނުންވާ ކޮޓަރީގައި ފާހަނައެއް ހަދާ ވާހަކަ އެވެ. އެފަހުން ހަބަރެއް ނުވެ އެވެ. ޖައިލަމް ގެއްލުނުތާ މިއަދަށް ފަސް ދުވަސް ވާއިރު އަދިވެސް އޭނާގެ ހަބަރެއް ނުވެ އެވެ.

ޖައިލަމް ގެއްލުނީ އެދުވަހު އޭނާ ކުރި ތިން ވަނަ ޑައިވްގަ އެވެ. ހުރައެޅި ކައިރިއަށް އެދުވަހު ޖައިލަމާއެކު އިތުރު ދެ މީހަކުވެސް ޑައިވިނަށް ފޭބި އެވެ. ޖައިލަމް މޫދަށް ފޭބިކަމަށް ވަނީ، ހުކުރު ދުވަހު މެންދުރު 1:15 އެހާކަންހާއިރު އެވެ. އޭނާ ޑައިވިން އަށް ފޭބީ މެންދުރު 2:00 ޖަހާއިރު މައްޗަށް އަރާ ގޮތަށެވެ.

ޖައިލަމް ހޯދަން މިހާތަނަށް ކަނޑުގެ 1000 މޭލު ސަރަހައްދެއް ބަލާފައިވާއިރު އެހެން ވަސީލަތްތައް ބޭނުންކޮށްގެން އަދިވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޖައިލަމްގެ އާއިލާގެ ހުރިހާ މެންބަރުންވެސް ތިބީ އޭނާ ފެންނާނެ ކަމުގެ އުންމީދުގަ އެވެ.