ހަބަރު

ރާއްޖޭގެ ތިން އެމްބަސީއެއްގެ ހަރަދުތަކާ މެދު ސުވާލު އުފައްދައިފި

Feb 22, 2017
1

ތިން ގައުމެއްގައި ގާއިމްކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކުން ޖުމްލަ 4.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ވާތީ، އެ ހަރަދުތަކާ މެދު އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެ އޮފީހުން ނެރެފައިވާ ފޮރިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދުގައި ބުނާ ކަންކަން ފުރިހަމަ ނުކޮށް، ޝައްކު އުފެދޭނެ ގޮތަކަށް ހަރަދުތައް ކޮށްފައި ވަނީ، ޖެނީވާގައި ހުންނަ ދިވެހި މިޝަންއިންނާއި ސައުދީ އަރަބިއްޔާ އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއިންނެވެ.

އެގޮތުން މާލިއްޔަތު ގަވާއިދާ ހިލާފަށް އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއިން އެވެ. އެތަނުން ގަވާއިދާ ހިލާފަށް 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުގައި ހަރަދެއް ކުރުމުގެ ކުރިން ހަރަދު ވައުޗަރު ތައްޔާރު ކުރަންވާނެ ކަމަށް މާލިއްޔަތު ގަވާއިދުގެ އަށް ވަނަ ބާބުގެ ތިން ވަނަ ނަމްބަރުގައި، ބުނެފައިވީ ނަމަވެސް ޖެނީވާގައި ހުންނަ މިޝަންގެ ބޭންކް އެކައުންޓުން 2015 ވަނަ އަހަރު 221،878 ސްވިންސް ފްރޭންކް، 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ވައުޗަރު ތައްޔާރު ކުރުމެއް ނެތި އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވަނީ އެކަމުގެ ސަބަބުން، ހަރަދުތައް ކޮށްފައި ވަނީ ކޮން ބޭނުމަކަށް ކަމާއި އެ ހަރަދެއް ކުރަން އިސްފަރާތެއްގެ ހުއްދަ ހޯދިކަން ވެސް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން ޖެނީވާގައި ހުންނަ މިޝަންއިން 2012 އިން 2014އާ ދެމެދުގައި ހަރަދުކޮށްފައިވާ 6،970 ފްރޭންކް، 107،447 ރުފިޔާ ވެސް ހަރަދު ކުރީ ލިޔެކިޔުން ނެތި ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. ޖެނީވާގައި ހުންނަ މިޝަންއާ ގުޅޭ ގޮތުން ރިޕޯޓްގައި އަދި ފާހަގަ ކުރި އަނެއް މައްސަލަ އަކީ، އެ މިޝަންގައި ހުންނެވި ދިވެހި ސަފީރު ދިރިއުޅުއްވި ގޭގައި ބޭނުން ކުރުމަށް ބަޖެޓުން ގަނެފައިވާ ހަރުމުދާތަކެއް 2014 ވަނަ އަހަރުގެ ޖޫން މަހު ސަފީރު ވަޒީފާ ދޫކޮށްލުމުން، އެތަކެތި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ގުދަނެއް ކުއްޔަށް ހިފައި އެތަނުގައި ބެހެއްޓުމެވެ. އެގޮތުން ގުދަނުގެ ކުއްޔަށް މިޝަންގެ ބަޖެޓުން، 197،099 ރުފިޔާ ހަރަދު ކުރި ކަމަށް ރިޕޯޓްގައިވެ އެވެ. އޮޑިޓާ ޖެނެރަލް މި މައްސަލައިގައި ފާހަގަ ކުރެއްވި ގޮތުގައި، އެ ގުދަނުގެ ކުއްޔަށް އެހާ ގިނަ ފައިސާ ދިޔައީ އެތަކެއްޗާ މެދު އަމަލު ކުރާނެ ގޮތެއް ނިންމުމުގައި ލަސްތަކެއް މެދުވެރިވުމުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އިސްރާފަށް މަގުފަހިވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވަ އެވެ. މިގޮތަށް ދައުލަތުގެ ފައިސާ އާއި ގުޅޭ ނިންމުންތައް ލަސްނުކުރުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.22 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތެއް ބަޔަކާ ހަވާލުކޮށްގެން ކުރެވޭނީ، އެއްބަސްވުން ތައްޔާރުކޮށްގެންނެވެ. އެހެން ނަމަވެސް، އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީ އިން 2015 ވަނަ އަހަރު ބައެއް މަސައްކަތްތައް ކުރުވާފައި ވަނީ، އެއްބަސްވުމެއް ނެތި އެވެ. އެގޮތުން އެއްބަސްވުމެއް ނެތި، 185،997 ރުފިޔާ އެފަދަ ކަންކަމަށް ވަނީ ހަރަދުކޮށްފައި ކަމަށް ރިޕޯޓްގައިވެ އެވެ. މީގެ އިތުރަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީ އިން ވެސް 2013 އަދި 2014 ވަނަ އަހަރު 738،246 ރުފިޔާ އެކި ފަރާތްތަކުން ކުރި މަސައްކަތްތަކަށް ދީފައި ވަނީ މަސައްކަތްކުރުމުގެ އެއްބަސްވުމެއް ނެތި އެވެ.

އޮޑިޓް ރިޕޯޓްގައި ދެން ފާހަގަ ކުރި މައްސަލަތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ހުރި އެކި މިޝަންތަކުގެ ހަރުމުދަލުގެ ރަޖިސްޓްރީ ރަނގަޅަށް ބަލަހައްޓާފައެއް ނުވެ އެވެ. އެގޮތުން ރަޖިސްޓްރީގައި ހުރި ބައެއް މުދާ ހުންނަވާ ތަންތަނުގައި ނެތުމާއި ބައެއް މުދާ ވީނުވީއެއް ނޭނގުމާއި މުދަލެއް ނައްތާލުމަށް ފަހު ރަޖިސްޓްރީ އިން އެ މުދަލެއް އުނި ނުކުރުން ފަދަ ކަންކަން އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. މި މައްސަލަގައި އޮޑިޓާ ޖެނެރަލް ވިދާޅުވަނީ ބޭރުގެ މިޝަންތަކުގެ ހަރުމުދަލުގެ ރަޖިސްޓްރީގެ ކަންކަން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމަށެވެ.

މާލިއްޔަތު ގާނޫނުގައި ބުނާ މުއްދަތުގައި މާލީ ބަޔާންތައް އޮޑިޓް ކުރުމަށް އެ އޮފީހުން ހުށަހަޅާފައި ނުވާތީ އެކަން އިސްލާހު ކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ އެ ރިޕޯޓްގައި ފޮރިން މިނިސްޓްރީގެ ކިބައިން އެދިފަ އެވެ. އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި އެ މިނިސްޓްރީ އިން ހަރަދުތައް ކޮށްފައި ވަނީ ރަނގަޅަށްކަމަށް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.