ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ފޮރިން އޮޑިޓް: ހަރަދުކުރީ ރަނގަޅަށް

ކޮވިޑް-19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ވަނީ ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ މައިގަނޑު ތިން ދާއިރާއަކުން ކަމަށެވެ. އެއީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ދެވުނު ފައިސާގެ އެހީ އާއި ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ދާއިރާއިން ތައުލީމު ހާސިލްކުރަމުން ދިޔަ ދިވެހީންނާއި އިތުރު ބައެއް ދިވެހި ރައްޔިތުން އަނބުރާ ރާއްޖެ ގެނައުމަށް ހިނގި ޓިކެޓް ހަރަދުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުގައި ހުރި މިޝަންތަކުން ކޮށްފައިވާ ހަރަދުތަކެވެ.

މީގެ ތެރެއިން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހީންނަށް ފައިސާގެ އެހީވެދީފައިވަނީ ޒަކާތުފަންޑުން ލިބުނު ތިން މިލިއަން ރުފިޔާ އަދި ފޮރިން މިނިސްޓްރީގެ ބަޖެޓުންނެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފޮރިން މިނިސްޓްރީން ކޮށްފައިވާ ޖުމްލަ ހަރަދަކީ 7,266,467 ކަމަށެވެ. އެ ހުރިހާ ތަފްސީލެއް އޮޑިޓް ރިޕޯޓްގައި ހިމަނާފައިވެއެވެ. އެ ގޮތުން ވަކިވަކި ގައުމުތަކުން ދިވެހިން ގެނައުމަށް އަދި އެކި ގައުމުތަކުގައި ހާލުގައި ޖެހުނު ދިވެހިންގެ އަދަދާއި އެ މީހުންނަށް ދީފައިވާ ފައިސާގެ އެހީގެ ތަފްސީލްތައްވެސް ވަނީ ހިމަނާފައެވެ.

ދެން އެ މިނިސްޓްރީން ކޮށްފައިވަނީ ކޮވިޑް19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ހުރި މިޝަންތަކުން އިދާރީގޮތުންނާއި އެހެނިހެން ކަންކަމަށް ކުރަން ޖެހުނު ހަރަދުތަކެވެ. އަދި ޗައިނާ، މެލޭޝިޔާ އަދި ސްރީލަންކާގައި ތިބި ދިވެހިންނަށް މާލީގެ އެހީގެ ގޮތުގައި ދެވުނު ފައިސާގެ ތެރޭގައި އެ ގައުމުތަކުން ހާލުގައި ޖެހުނު މީހުންނަށް ދެވުނު މާލީ އެހީގެ އިތުރުން އެހީގެ ގޮތުގައި ބޭސްފަރުވާއަށް ހިނގާފައިވާ ހަރަދުތައްވެސް ފޮރިން މިނިސްޓްރީގެ އޮޑިޓްގައި ހިމަނާފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑް -19އާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން ގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށެވެ.