އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު، ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރު، އޭނާ އާއި އޭނާގެ އަނބިކަނބަލުންގެ އައިނު ހައްދަން އެމްބަސީގެ ބަޖެޓުން 72،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މެލޭޝިއާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމުގެ އިންޝުއަރެންސް ސްކީމްގައި ބައިވެރި ކޮށްފައިވީ ނަމަވެސް އެ ސްކީމްގެ ބޭރުން ހޯދާފައިވާ ހިދުމަތްތަކަށް އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައިވެ އެވެ.
އެގޮތުން، އެ އެމްބަސީގެ މިނިސްޓާ - ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅާ އާއި އޭނާގެ އަނބިކަނބަލުންނަށް "ޕްރާޑާ" ބްރޭންޑްގެ އައިނެއް ހައްދަން 72،438 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.
އެ ދުވަސްވަރު މިނިސްޓާ - ކައުންސެލާގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ނަން ރިޕޯޓުގައި ނެތް ނަމަވެސް އެ މުއްދަތުގައި އެ މަގާމުގައި ހުންނެވީ ފައިސަލެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މެލޭޝިއާގައި އޭރު ހުންނެވި ދިވެހި ސަފީރާއި އޭނާގެ އަނބިކަނބަލުން ވެސް މެޑިކަލް ޗެކަޕެއް ހެއްދުމަށް 26،360 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްފައިވާ ކަމަށެވެ.
މެލޭޝިއާގެ ސަފީރަކަށް އޭރު ހުންނެވީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަނެވެ.
އޮޑިޓް ރިޕޯޓްގައި ބުނީ، ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ދެމުން ގެންދާ އުސޫލަށް ބަލާއިރު، އެއީ އެގޮތަށް ކުރެވިދާނެ ހަރަދުތަކެއް ކަމަށް ނުދެކޭ ކަމަށެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން މެެދުވެރިވެގެން އަދުރޭގެ ދަރިފުޅު ފައިސަލްއަށް ދޫކޮށްފައިވާ ޓިކެޓް ތަކަކަށް ފައިސާ ނުދެއްކި މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވި އެވެ.
ނަމަވެސް، އެ މައްސަލަ ފެންމަތިވުމާއެކު ފައިސަލް ވަނީ އެ ފައިސާ މޯލްޑިވިއަނަށް ދައްކައިފަ އެވެ.