މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް ކޮރަޕްޝަން: އޮޑިޓް ރިޕޯޓް ތައްޔާރުކުރަން ހަ މަސް

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި މުއްދަތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ހިންގި އަށް މިލިއަން ރުފިޔާގެ ވައްކަމުގެ އޮޑިޓް ރިޕޯޓު ތައްޔާރުކުރަން އިތުރު ތިން މަސް ދުވަސް ދޭން ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެސްއޯއީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރަރު ވިދާޅުވީ ފިއުލް ސަޕްލައި މޯލްޑިވްސް އިން އެމްޕީއެލްގެ ތިން އުޅަނދަކަށް ތެޔޮ ސަޕްލައިކޮށްފައިވާ ކަމަށެވެ. މީގެއިތުރުން 108 ޕާޗޭސް އޯޑަރަކަށް ތެޔޮ ދޫކޮށްފައިވާ ކަމަށާއި މިދިޔަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން އޮކްޓޯބަރު 12 އަށް ޖުމްލަ 974000 ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށެވެ. މިއީ ޖުމްލަ އަށް މިލިއަން ރުފިޔާގެ ތެލުގެ ވައްކަމެއް ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

މި ހިޔާނާތާއި ގުޅިގެން އޮޑިޓް ރިޕޯޓް ތައްޔާރުކުރަން ކޮމިޓީން ތިން މަސްދުވަހުގެ މުއްދަތެއް ދިން ނަމަވެސް އޮޑިޓާ ޖެނެރަލް އިން އެދިފައި ވަނީ އިތުރު ތިން މަސް ދުވަސް ދިނުމަށެވެ. އެހެންކަމުން ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން އޮޑިޓް ރިޕޯޓު ތައްޔާރުކުރަން އިތުރު މުއްދަތު ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް އަށް އޮޑިޓް ރިޕޯތު ތައްޔާރުކުރަން ދީފައިވާ މުއްދަތަކީ މިއަހަރުގެ މެއި ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާނާތުގެ އިންޓާނަލް އޮޑިޓަށް ބަލާއިރު 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ސަޕްލައިކޮށްފައިވާ ފިއުލް އަށްވުރެ 2020 ވަނަ އަހަރުގެ ސަޕްލައި ވަނީ އިތުރުވެފައެވެ، އެގޮތުން ފިއުލް ސަޕްލައި އެންމެ ބޮޑަށް އިތުރުވެފައި ވަނީ ލޮކްޑައުންގެ މުއްދަތުގައި ކަމަށް ރިޕޯޓުން ދައްކަ އެވެ. މި ވައްކަން ފަޅާއެރީ ކޮވިޑް-19އާ ހެދި ހަރަދުކުޑަކުރަން އެމްޕީއެލްގެ އޮޕަރޭޝަންސްތައް މަޑުޖައްސާލާފައި ވަނިކޮށް ލޮކްޑައުންގެ މުއްދަތުގައި އާދަޔާހިލާފަށް ތެލުގެ ހަރަދު ބޮޑުވެފައި ވާތީ ޝައްކުވެގެން ބެލިބެލުމުންނެވެ.

އެމްޕީއެލްއިން ކުރިން ބުނެފައި ވަނީ މި ހިޔާނާތް ހިންގާފައި ވަނީ ޑޮކިއުމެންޓަތައް ފޯޖުކޮށްގެން ކަމަށާއި އެމްޕީއެލްއަށް ނުލިބޭ ތެލަށް ބިލު ހަދާފައިވާ ކަމަށެވެ. ހިޔާނާތުގައި ބައިވެރިވި އެމްޕީއެލް އަދި ފިއުލް ސަޕްލައިގެ މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.