ބޮލީވުޑް

ރާނީ މުކެރުޖީ: އަދިވެސް ބޮލީވުޑްގެ ރާނީއެއް!

Mar 22, 2015

ރާނީގެ އާއިލާ އަކީ ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ބަޔަކަސް، ރާނީ ބޮލީވުޑްގެ ކެރިއަރު ފަށާފައިވަނީ މީގެތެރެއިން އެއްވެސް ބައެއްގެ އެހިއާ ނުލަ އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން، ރާނީ އެންމެ ފުރަތަމަ ކުޅުނު ފިލްމްތަކަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ. އޭގެ ފަހުން 1998 ވަނަ އަހަރު އާމިރް ޚާން އާއި އެކު ކުޅުނު ފިލްމް "ގުލާމް" ގެ ކާމިޔާބީ ވެގެން ދިޔައީ ރާނީގެ ކެރިއަރުގެ އާ ފެށުމަކަށެވެ.

މި ފިލްމުގައި ރާނީގެ ރޯލު މާ ބޮޑު ނޫންކަމުގައި ވިޔަސް، ޝާހްރުކް ޚާން އާއި ކާޖޮލް ލީޑް ރޯލުން ފެނިގެން ދިޔަ މި ފިލްމުގައި ޝާހް އާއި ރާނީއެކުގައި ފެނިގެން ގޮސްފައިވާ މަންޒަރުތައް އެއްވެސް ބަޔަކު މިސްކޮށްފައެއް ނުވާނެ އެވެ. ކުޗްކުޗް ހޯތާހޭގެ ކާމިޔާބީއަށް ފަހު، ރާނީ އާއި ޝާހްގެ ޖޯޑީ ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑަށެވެ. 

ގުލާމް، ކުޗްކުޗް ހޯތާހޭ އަދި ހެލޯ ބްރަދާ އާއެކު ރާނީ ވަނީ ބޮލީވުޑްގެ މަޝްހޫރު ތިން ޚާނުންނާއެކު މަސައްކަތްކޮށްފަ އެވެ. އެއީ އާމިރު އާއި ޝާހުރުކް އަދި ސަލްމާން އެވެ. 

މި ފިލްމްތަކަށް ފަހު ރާނީ ވެގެންދިޔައީ ބޮލީވިޑްގެ ހުރިހާ ޚާނުންނާއެކު މަސައްކަތް ކޮށްފައިވާ މަދު ތަރިންގެ ތެރެއިން އެކަކަށެވެ. މިއީ ވަރަށް މަދުން ބޮލީވިޑްގެ ތަރިންނަށް ލިބޭނެ ފުރުސަތެކެވެ.

"ކުޗް ކުޗް ހޯތާހޭ" އަށް ފަހު ރާނީ ވެގެން ދިޔައީ ބޮލީވުޑްގެ ރޮމޭންސް ކުއީން އަށެވެ. އެއަށްފަހު ރާނީ ފެނިގެން ގޮސްފައިވަނީ "ހަމް ތުމް" އަދި "ޗަލްތޭ ޗަލްތޭ" އިންނެވެ. މި ފިލްތަކުގެ ކާމިޔާބީއަށް ފަހު ރާނީވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އާ ޑްރީމް ގާލް އަށެވެ. އޭގެ ފަހުން ވިވެކް އޮބްރޯއި އާއެކު ލީޑްރޯލުން ފެނިގެންދިޔަ "ސާތިޔާ" ވެގެން ދިޔައީ އޭރުގެ އެންމެ ރޮމޭންޓިކް ފިލްމުގެ އިތުރުން އެންމެ ހިޓް އެއް ފިލްމަށެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު އެތަކެއް ލޯބީގެ ފިލްމު ކުޅެގެން ރާނީ ވަނީ ބޮލީވުޑްގެ ކުއީން އޮފް ރޮމޭންސް ގެ މަގާމު ހޯދާފަ އެވެ. އެއަށްފަހު ރާނީ ފެނިގެން ދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "ބްލެކް" އިންނެވެ. އަމީތާބް ބައްޗަން އާއެކު މިފިލްމުގެ ލޯޑް ރޯލުން ރާނީ ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު މޮޅު ރޯލަކުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މި ފިލްމުގައި ކުޅެފައިވާ ރޯލުން ރާނީ ވަނީ އޭނާއަށް ހުރިހާ ވައްތަރެއަގެ ރޯލު ކުޅެވޭނެ ކަން ސާބިތުކޮށްދީފަ އެވެ.

"ނޯވަން ކިލްޑް ޖެސިކާ" އާއި "ބޮމްބޭ ޓޯލްކީސް" އަށްފަހު ރާނީ ވަނީ ޕާސަނަލް ލައިފްއަށް ވަގުތު ދިނުމުގެ ގޮތުން ފިލްމުތަކާ ދުރުގައި އަހަރެއްހާ ދުވަސް ހޭދަކޮށްފަ އެވެ. ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާ އާއި ކައިވެނި ކުރުމަށްފަހު އަނެއްކާވެސް ރާނީ ވަނީ ފިލްމީ ދުނިޔެއަށް އެނބުރި އައިސްފަ އެވެ. ބަތަލާއިންނަށް ހާއްސަ މި ފިލްމުން ރާނީގެ ތަރި އޮއްސުނީ ކަމަށް ގަބޫލުކުރި ގިނަބަޔަކަށް ކުރެވުނީ ކުށް ހީ އެއްކަން "މަރްދާނީ" ގައި ދައްކުވައިދިން އެކްޓިން އިން ސާބިތުކޮށްދީފަ އެވެ.

ދާދި ފަހުން އިންޑިޔާގެ ސަރުކާރުން ވަނީ ރާނީ "މަރްދާނީ" ގައި ދައްކުވައިދީފައިވާ އަންހެނުންނާއި، ކުޑަ އަންހެންކުދިންގެ ރައްކާތެރި ކަމާއި ހިމާޔަތް އެންމެ ރަނަގަޅަށް ދައްކުވައިދީފައި ވާތީ ގައުމީ އިނާމު ދީފަ އެވެ. މިއަދު ރާނީ ފަހަތަށް ޖައްސާލުމަށްފަހު، އާ ތަރިން ބޮލީވުޑްގެ ކުއީން އޮފް ރެމޭންސްގެ މަގާމު ހޯދާފައި ވިޔަސް، ރާނީ މިއަދު ތަމްސީލު ކުރަމުން އަންނަނީ ހިތްވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭ އަދި މިނިވަން ހިޔާލުގެ ކެރެކްޓާތަކެވެ. މި ހުރިހާ ސަބަބުތަކަކާ ހެދި ރާނީ އަބަދުވެސް ވެގެން ދާނީ ބޮލީވުޑްގެ ރާނީ އަށެވެ.

ނޫންތޯ އެވެ؟