ހަބަރު

ނަޝީދު ޖަލުން ނެރެން ލައިލާ އެދިވަޑައިގަތީ އިންޑިއާގެ ކިބައިން

Mar 21, 2015
1

ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީ އެމަނިކުފާނުގެ ފިރިކަލުން ޖަލުން ސަލާމަތް ކޮށްދެއްވުމަށް އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމަށް ގޮވާލައްވައިފި އެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ލައިލާ ވިދާޅުވީ, ފިރިކަލުން ނަޝީދުގެ ރައްކާތެރި ކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. ޖަލުގައި ބަހައްޓައިގެން ރޭވުމަކުން އެމަނިކުފާނު މަރާލަން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރެމުން އަންނަ އިރު، އާއިލާއަށް ޔަގީންކަން ލިބޭނެ ހަމަ އެކަނި ގޮތަކީ، "އެއްވެސް ޝަރުތަކާ ނުލައި ނަޝީދު ދޫކޮށްލުން" ކަމަށް ދެކޭ ކަމަށް ވެސް ލައިލާ ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު ޖަލަށް ލުމުން އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެކަމަށް ޝުކުރު އަދާ ކުރައްވަމުން ލައިލާ ވިދާޅުވީ ނަޝީދު ސަލާމަތްކޮށްގެން ނޫނީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރެވެން އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެން ކަމުން ނަޝީދު ޖަލުން ސަލާމަތް ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ލައިލާ ވަނީ ވިދާޅުވެފަ އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަމުގައި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާގެ ބޮޑު ވަޒީރު އެކަމުގައި އަމަލު ކުރައްވާނެ ގޮތެއް އަޅުގަނޑަކަށް އަދި ނޭނގޭ. ނަމަވެސް ނަޝީދު ޖަލުން މިނިވަންކޮށް ރާއްޖެއަށް އަލުން ޑޮމޮކްރަސީ ގެނައުމަށް އިންޑިއާއިން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް މޯދީގެ ކިބައިން އަޅުގަނޑު އެދެން،" ލައިލާ ވަނީ ވިދާޅުވެފަ އެވެ.