ހަބަރު

ފ. އަތޮޅު މަޝްރޫއަށް އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތަކެއް

ފ. އަތޮޅު ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފ. އަތޮޅު ސައުދީއަށް ވިއްކާލުމުގެ އަޑުތައް ފެތުރިފައިވާއިރު ސަރުކާރުން ހާމަކުރައްވާ ގޮތުގައި އެ އަތޮޅުގައި ސައުދީން ފެށުމަށް މަސައްކަތް ކުރަނީ ވަރަށް ބޮޑު ބިޔަ މަޝްރޫއެކެވެ. އެއީ ހިމިތި އާއި އެ ރަށާ ގުޅިފައިވާ ތިން ނޯޓިކަލް މޭލުގެ މާވަރު ފަޅުގައި ތަރައްގީ ކުރާ މަޝްރޫއެއް ކަމަށް ވެއެވެ.

ފ. އަތޮޅަށް ސަރުކާރުން ހަދަން އުޅޭ ގޮތެއްގެ ތަފްސީލް ހާމަނު ކުރައްވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެރެއްވި ބަޔާނެއްގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ރައީސް މައުމޫން ވިދާޅުވީ، މިހާރު އިވިގެން ދަނީ ފ. އަތޮޅު އެއްކޮށް ވިއްކާލަން އުޅޭ އަޑު ކަމަށާއި ރާއްޖޭގެ ބިމުގެ އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކާ އަދި އެތަނަކުން މާލީ ފައިދާ ދާއިމަށް ބޭރުގެ ފަރާތްތަކަށް ލިބުމަކީ ދިވެހި ރައްޔިތުން އެދޭނެ ކަމެއް ނޫން ކަމަށެވެ.

މި މައްސަލާގައި އިދިކޮޅު އެމްޑީޕީއިން ވެސް ވަނީ ބަޔާނެއް ނެރަފަ އެވެ. އެމްޑީޕީއިން ބުނީ ރައްޔިތުންގެ ރުހުމާ ދެކޮޅަށް ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުމަކީ އެ ޕާޓީން ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

"ފާފު އަތޮޅު ރައްޔިތުން އިންތިހާއަށް ދެކޮޅު ހަދަމުން ދާއިރު، އަދި އަނދިރީގައި އެ މުއާމަލާތް ހިންގާ ހިންގުމަކީ އެކަމުގައި ފޮރުވިގެންވާ ސިއްރުތަކެއް އެކުލެވޭ، އަދި އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެންދާނޭ ކަމެއްކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން އެފަދަ މުއާމަލާތްތަކަކީ ބާތިލު މުއާމަލާތްތަކެއް،" އެމްޑީޕީއިން ބުންޏެވެ.

ސަރުކާރާ ހިޔާލު ތަފާތުވެފައިވާ އަދާލަތު ޕާޓީން ވެސް ބުނީ، ރާއްޖޭގެ ބިންތައް ވިއްކުމަކީ އެ ޕާޓީން ރުހޭ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލަކީ ފިނޑި އަމަލެއް ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.

"ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ބަޔަކަށް ވިއްކުމަކީ ކުރެވިގެންވާނެ ކަމެއް ނޫން، އެތަންތަނަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު އޮތް ތަންތަން،" އަދާލަތު ޕާޓީން ބުންޏެވެ.

ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން އެ އަތޮޅު ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ފ. އަތޮޅަށް އަމާޒުވެފައިވާ މަޝްރޫއަކީ ރާއްޖެ މިހާތަނަށް ދެކެފައި ނުވާ ފަދަ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ހިންގަން އެއްބަސްވުންތަކަކަށް އާދެވުނު ނަމަވެސް، އެ ތަނަށް ދިވެހި ސަރުކާރުގެ ބާރު ހިނގާނެ ކަމަށާއި އެތަނުގައި ހިންގާ ކޮންމެ މަޝްރޫއެއް ހިނގާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެތަނަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި މިހާރު ވެސް އޮންނަ ގޮތަށް އޮންނާނެ ކަމަށާއި އެތަނަށް ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާނެ ކަމަށެވެ.