(21 ފެބްރުއަރީ 2017 އާ ގުޅޭ)
"އޭނާއަށް ކަމެއްނުވެޔޭ... ނިޔާނުބުނިހެން ކަންތައްކޮށްބަލަ... އެއްކަލަ ރެޑްޝޯލްއާއި ބްލެކް ޑްރެސް އިނގޭ ލާނީ... އަވަސްކޮށްލައިގެން އަވަހަށް އާދޭ" ލިޒީ ވެސް ފޯނުން މާގިނަ ވާހަކައެއް ނުދެއްކިއެވެ. ވާންއުޅޭ ގޮތެއް ނޭނގި ހިތްއަވަސްވެފައި ހުރެ އައިރާ ތައްޔާރުވާން ފެށިއެވެ.
އެންމެފަހުން އޮފީހަށް ދާން ފެހި ހެދުންތަކުގެ ތެރެއިން ލިޒީ އެދުނު ފަދައިން ކަޅުކުލައިގެ ޝިފޯން ފޮތީގައި ކަށިމައްޗާ ހަމައަށް ފަހާފައިވާ ގަމީހާއި އެއާއެކު އެޅުމަށް އައިރާ ގަތް ރަތްކުލައިގެ ޝޯލް އަޅާލިއެވެ. އަލަމާރީގެ އެއްދޮރުފަތް ހުޅުވާލައިގެން ހުރެ އެ ދޮރުފަތުގެ އެތެރޭގައި ހަރުކޮށްފައި ހުރި ލޯގަނޑުން އައިރާ އަމިއްލަ ސޫރައަށް ބަލާލިއެވެ. މޫނުގައި ފުއްކޮށްޅެއް ޖަހާލުން ފިޔަވައި މޭކަޕްގެ ގޮތުގައި އައިރާ އެއްވެސް ކަމެއް ނުކުރެއެވެ. މޫނުމަތި ފެންނަނީ ކިތަންމެ ތާޒާކޮށް ނަމަވެސް އެ މޫނުމަތީގައިވި ހާސްކަން ފިލާ ނުދެއެވެ. ހަށިފުރާ ލީ ނޭވާއާއެކު އަލަމާރީގެ ދޮރުފަތް ލައްޕާލިއެވެ. އަދި ކޮޓަރިން ނުކުމެގެން ދާން އުޅުނު ވަގުތު އައިރާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. އެއާއެކު އަނެއްކާ ވެސް ކޮޓަރިތެރެއަށް އައިރާ ދެމިގަތެވެ.
"ހެލޯ... މި ދަނީއޭ.." އައިރާ ފޯނުކޯލު ނެގުމާއެކު ބުނެލިއެވެ.
"އަހަރެން އޭރު ބުނަން ހަނދާންނެތުނީ... އައިޑީކާޑު ހިފައިގެން އަންނައްޗޯ ނިޔާނު ބުނީ" ފޯނުން ލިޒީގެ އަޑު އައިރާއަށް އިވުމާއެކު އޭނާގެ ހައިރާންކަން އިތުރުވެއްޖެއެވެ.
"ކީއްކުރާ އައިޑީކާޑެއް" އައިރާ އަހާލިއެވެ.
"ނޭނގެ... ދެން އެ ހިފައިގެން އަވަހަށް އާދޭ... ނިޔާނު އެބައިން އިންތިޒާރުގައި" ލިޒީ މިހެންބުނެފައި ފޯނުކޯލު ކަނޑާލިއެވެ. އައިރާއަށް އެއްވެސް އެއްޗެކޭ ބުނަން ލިޒީ ގަސްދުގައި ފުރުޞަތު ނުދިނީހެން ވެސް އައިރާއަށް ހީވިއެވެ. ދެބުމަ ކައިރިކޮށްލެވުމާއެކު އައިރާއަށް އޭނާގެ ތިރީ ތުންފަތް ހަފާލެވުނެވެ. ދެން އޭނާ އަވަސްވެގަތީ އޮފީހަށް ގެންދާ އަތްދަބަހުގެ ތެރޭގައި އޮތް ވޮލެޓު ނެގުމަށެވެ. އެ ހިފައިގެން މަޑުމަޑުން ކޮޓަރިން ނުކުތެވެ.
ފަސްބަލަމުން ކަހަލަ ގޮތަކަށް ސިއްރުން އައިރާ ގެއިން ނުކުމެ އޭނާގެ ފަހަތުން ދޮރޯށި ލައްޕާލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލުމާއެކު ކުޑަކޮށް ދުވެލާފައި ގޮސް ލިޒީމެންގެއަށް ވަދެއްޖެއެވެ.
"އައިރާ..." ދޮރުމަތީ ހުރި އައިރާ ފެނުމުން ސޯފާގައި އިނދެފައި ލިޒީ ތެދުވެއްޖެއެވެ. އާދަޔާ ޚިލާފު އުފާވެރިކަމެއް އެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. ނިޔާނު ވެސް ހިނިތުންވެލައިގެން އިނީ މަޢުނަވީ ގޮތަކަށެވެ. ޖުވައިން ވެސް އިނީ ހިނިތުންވެލައިގެންނެވެ. ހައިރާންވެފައި ދޮރުމަތީ އައިރާ ހުއްޓާ ސިޓިންރޫމަށް ދުފާތަބަށް ތައްޔާރުކޮށްގެން މަލީހާ އައިސް ހުއްޓުނެވެ. އޭނާ ވެސް އައިރާއަށް ބަލާލުމާއެކު ހިނިތުންވެލި އިރު އަނގައިގައި ހުރި ދަތްތައް ވެސް ފެނިގެންދިޔައެވެ. ލިޒީ އައިސް އައިރާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވައްދާ ސޯފާގައި ބައިންދައިފިއެވެ.
"ދާއޫދުބެއަށް ފެނިއްޖެއްޔާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ..." ކަންބޮޑުވުމުގެ ރާގެއްގައި އައިރާ ބުންޏެވެ.
"ލިޒީގެ ބައްޕަ ގެއަކުނެތް... ނިޔާނު... ދައްތައަށް ފެންނަނީ އަވަސްކުރަން... އަހަރުމެންގެ އައިރާ ވެސް އަތުވެއްޖެއެއްނު" މަލީހާ އުފާވެރިކަމާއެކު ބުނެލިއެވެ.
"ޖުވައިން.... ދައްތަ ދިން ނަންބަރަށް ގުޅާބަލަ... ބުނޭ އަވަހަށް އަންނާށޭ..." ނިޔާނު މިހެން ބުނުމާއެކު ޖުވައިން އެންމެ ސުކުންތެއް ވެސް ލަހެއް ނުކުރިއެވެ. އޭރު ވެސް މިވަނީ ކިހިނެއްކަން ނޭނގިފައި އިނީ އައިރާއެވެ.
"ކޮންބައެއް ކައިރީ އަންނާށޭ ތިބުނީ" އައިރާ އަހާލިއެވެ.
"އިޓްސް އަ ސަޕްރައިޒް" ޖޯޝާއެކީ ލިޒީއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
"އައިރާ ހާސްނުވެބަލަ... އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ދެން ގޯހެއްނުވާނެ" ނިޔާނު ބުނެލީ ނިކަން ޔަޤީންކަމާއެކުއެވެ.
ޖުވައިން ފޯނުކުރިތާ ފަނަރަވަރަކަށް މިނެޓުތެރޭ ދެ ފިރިހެނުން ލިޒީމެންގެއަށް އައިސް ވަނެވެ. އެކަކީ ދެބައި އުމުރުގެ މީހެކެވެ. ބޮލުގައި ހުދު އިސްތަށި ގިނަވެފައި ބޮޑު ތުނބުޅިއެއް ހުއްޓެވެ. އޭނާއާއެކު ދެން ހުރީ ޒުވާނެކެވެ. އަތުގައި ފައިލެއް އޮތެވެ. އެމީހުން ފެނުމުން މަލީހާ ކުރިއަށްޖެހި ވާހަކަދެއްކީ ވަރަށް އިޙްތިރާމާއެކުއެވެ. އަދި އެމީހުން އިށީނުމަށް ސޯފާއަށް އިޝާރާތްކުރިއެވެ.
"ކޮބާތަ މިތަނުން ކައިވެނިކުރާ ކުދީންނަކީ" ދެބައި އުމުރުގެ ފިރިހެންމީހާ އެތަނުގައި ތިބި ހަތަރު ޒުވާނުންނަށް ބަލާލާފައި އަހާލިއެވެ.
"އަޅުގަނޑު އާއި މީނދަ އަންހެންކުއްޖާއާ" ހިނިތުންވެލައިގެން އިން ނިޔާނު އޭނާގެ މޭގައި ކަނާތް ޖައްސާލައިފައި އައިރާއަށް އިޝާރާތްކޮށްލިއެވެ. އެހިނދު އައިރާ ލާލާ ހުރި ނޭވާ ހުއްޓުނު ކަހަލައެވެ. ދެ ލޯ ބޮޑުވެގެން ދިއުމާއެކު އެއްފަހަރު ނިޔާނަށް އަނެއްފަހަރު އޭނާގެ ގާތުގައި އިން ލިޒީއަށް ބަލާލިއެވެ. ލިޒީ ދެ ލޯ މަރާލުމާއެކު ބޯޖަހާލިއެވެ. ހީވީ ނިޔާނު އެބުނަނީ ތެދެއްކަން އައިރާއަށް ޔަޤީންކޮށްދިން ހެނެވެ.
"ޖަމްޝީދު... އައިރާއަކީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް... އޭނާގެ މައެއް ބަފައެއް ދުނިޔެއަކުނެތް... ހުރީ ހަމައެކަނި ބޮޑުބޭބެއެއް... އޭނާގެ ޖައްބާރުކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ... ތާއިބުގެ ގޮތް ޖަމްޝީދަށް ވެސް އޮޅިފައެއްނޯންނާނެ... އައިރާއާއި ނިޔާނާ ދެކުދީން ގުޅޭކަށް އޭނާ އެއްބަހެއްނޫން... އެހެންވެ މިހާ ކުއްލި ގޮތަކަށް މިކަން ކުރާން ޖެހިގެން މިއުޅެނީ... އައިރާގެ ނުގަބޫލުގައި އޭނާ މީހަކާ ދެވަންވެގެން އޭނާގެ ބޮޑުބޭބެ ހިފާލާފައި ހުރީ... އަހަންނަށް ޓަކައި ނިކަން މި ކުދީންނަށް ފަސޭހަ ރަޙުމަތެއްގައި ކައިވެނި ކުރެވޭނޭ ގޮތް ހަމަޖައްސައިދީ" މަލީހާ ކަންތައް ވެފައި އޮތް ގޮތް އުމުރުން ދުވަސްވެފައި އިން ފިރިހެންމީހާއަށް ކިޔައިދިނެވެ. އޭނާ ވަރަށް ވިސްނުންތެރިކަމާއެކު މަލީހާގެ ވާހަކަ އަޑުއަހަން އިނދެފައި ބޯޖަހާލިއެވެ.
"ބޮޑުވެ ތަސައްރަފު ފުދިފައި ހުރި އަންހެންކުއްޖަކަށް އެގޮތަށް މަޖުބޫރެއް ނުކުރެވޭނެ... އައިރާ ބޭނުން މީހަކާ އިނުމުގެ ހައްޤު އައިރާއަށް ލިބިގެންވޭ... ބޮޑުބޭބެ ހުއްޓެއްކަމަކު ޤާޟީގެ ވަލީގައި އަހަރުމެންނަށް މިކަން ނިންމާލެވިދާނެ... ވަހީދު.. ފޯމު ނަގާ..." ޖަމްޝީދުގެ ގާތުގައި އިން ޒުވާނާއަށް ބުންޏެވެ. އެއާއެކު ވަހީދު އޭނާގެ އަތުގައި އޮތް ފައިލު ހުޅުވާލައި ކައިވެނި ކުރާ ފޯމު ނެގިއެވެ.
ހިތްއަވަސްވެފައި އިން އައިރާއަށް ލިޒީގެ އަތްތިލައިގައި ހިފާލެވުނު ގޮތަށް އެއަތަށް ކިހާ ބާރެއް ލެވެމުންދިޔަކަން ވެސް ނޭނގެއެވެ. ލިޒީ އަތަށް ތަދުވެގެން އައިރާގެ އަތުން އަތްދަމައިގަތެވެ. އަދި ހަމަޖެހޭށޭ އައިރާގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެހެންނަމަވެސް އައިރާއަށް ހަމަޖެހެވޭނީ ކިހިނެއް ހެއްޔެވެ. އޭނާ ހުވަފެނުން ދުށްގޮތާއި ހަޤީޤަތާއި އުޑާ ބިމާހާ ތަފާތެވެ. އައިރާގެ ހަތަރެސްފައިން ލޮނުދާހިތްލަން ފެށިއެވެ. ދޭތެރެއަކުން އަތުގެ ނުފުށުން ނިތްކުރިން ފާޅުވާ ދާތިކިތައް ފުހެލައެވެ. އޭނާއަށް ލިބިފައިވާ ހާސްކަން ލިޒީއަށް ދެނެގަނެވުނެވެ. އަވަހަށް ޓިޝޫއެއް ހިފައިގެން އައިސް އައިރާގެ އަތަށް ލާދިނެވެ. އިސާހިތަކު ކައިވެނީގެ ފޯމު ފުރަން ވަހީދު ފެށިއެވެ. ޖަމްޝީދު އަތުގައި އޮތް ކައިވެނިފޯމަށް ބަލައިގެން އޭނާ ސުވާލުކުރެއެވެ. އެ ސުވާލުތަކަށް ދޭ ޖަވާބު ނޯޓުކުރަމުން ދިޔައީ ވަހީދުއެވެ. ހާސްވެފައި އިންވަރުން އަމިއްލަ ވޮލެޓުން އައިޑީ ކާޑު ވެސް ނެގޭ ގޮތް އައިރާއަށް ނުވިއެވެ. އެކަމުގައި ވެސް އެހީވީ ލިޒީއެވެ. އައިރާގެ ވޮލެޓުން އައިޑީކާޑު ނަގާ ވަހީދުއަށް ލިޒީ ދިއްކޮށްލިއެވެ.
"މިހާރު މިއޮތީ ކައިވެނީގެ ރަނާ ހަމައަށް އައިސްފައި... ނިޔާނު... އައިރާގެ ގާތުން ރަނަށް އަހާ" ޖަމްޝީދު ސާމާސާ ހީނލުމަކާއެކު ބުނެލިއެވެ. ނިޔާނު އޭނާގެ އަވަސްވެފައިވާ ހިތުގެ ތެޅުން ސިއްރުކުރަމުން ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި ހިނިއައިސްފައި އައިރާއާ ދިމާއަށް އެނބުރިލައި ކަރުކެހިލިއެވެ. އެއާއެކު ލިޒީއާއި ޖުވައިން ހޭންފެށިއެވެ. މަލީހާ ވެސް ހުރީ ހިނިއައިސްފައެވެ. އެސްފިޔަޖަހަން ވެސް ހަނދާންނެތިފައި އިންހެން ހުއްޓުން އަރާފައި އައިރާ އިނެވެ. ރަންކިޔުމަށް ނިޔާނު އެދުނު ވަގުތު އައިރާ ބަސްހުއްޓުނީއެވެ. ސިކުނޑިއަށް އެއްޗެއް ނޭރުމުން ދުލުގެ ބޭނުން ހިނދުކޮޅަކަށް ކެނޑުނީއެވެ.
"ކޮންމެވެސް އަދަދެއް ބުނެބަލަ..." އައިރާގެ ކަންފަތްބުޑުގައި ސިއްރުން ލިޒީ ބުންޏެވެ.
"މީ... މީ..." އައިރާ ބުނެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާ އިނީ ދުވަހަކު ވެސް ހާސްނުވާ މިންވަރަށް ހާސްވެފައެވެ. ހަމައެއާއެކު އޭނާއިނީ އުފާވާން ވެސް ނޭނގިފައެވެ. ދުނިޔެމަތިން މިހާރު އައިރާ އެދޭ އެންމެ ބޮޑު އެދުމަކީ ނިޔާނުގެ އަނތްބަކަށްވުމެވެ. އެ އުންމީދު ފުރިހަމަވަނީކަން އެނގި އޭނާގެ ޟަމީރު އުދުހިގަންނަން ބޭނުންވެއެވެ. އެހެންވިޔަސް ހަރަކާތެއްކޮށްލުމަށް ހުރަސް އަޅަމުންދިޔައީ ބައެއްގެ ކުރިމަތީގައި އިނދެ ކައިވެނީގެ ވާހަކަދައްކަން ޖެހުމުން ލިބިފައިވާ ނުތަނަވަސްކަމެވެ.
"އަހަންނަށް ފެންނަނީ އައިރާއަށް ފެންތަށްޓެއް ގެނެސްދެން... އަލަށް ކައިވެނިކުރަން އުޅޭއިރު ހިސާބެއްގެ ޖެހިލުންވުމެއް ހުންނާނެ" ޖަމްޝީދު ބަލާލީ މަލީހާއަށެވެ. އޭނާ ޖަމްޝީދާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލަފައި އެތެރެއަށް ގޮސް އައީ ތަބަކެއްގައި ފެންތަށްޓަކާއި ޖޫސްތަށިތަކެއް އަތުރައިގެންނެވެ. އެ ގެނެސް ސޯފާގެ ކުރިމަތީގައި ހުރި މޭޒުގައި ބަހައްޓާލަމުން ޖަމްޝީދާއި ވަހީދު ކައިރީ ޖޫސްތަށި ބަހައްޓާފައި ފެންތަށި ނަގައިގެން އައިސް އައިރާގެ އަތަށް ލައިދިނެވެ. ފެންފޮދެއް ބޯލުމުން އައިރާއަށް ފަސޭހަވެގެންދިޔައެވެ. ސިކުނޑި ވެސް މަސައްކަތްކުރަން ފެށި ކަހަލައެވެ. ވިސްނަން އިންދާ ނިޔާނު އަނެއްކާ ވެސް އައިރާއާ ސުވާލުކޮށްލީ ކައިވެނީގެ ރަނަކީ ކޮބައިތޯއެވެ.
"އެއްހާސް އެއްސަތޭކަ ސަތާރަ ރުފިޔާ" ނިޔާނާ ނަޒަރު ސީދާކޮށްލައިގެން އިނދެ އައިރާ ބުނެލިއެވެ.
ކައިވެނި ފޯމު ފުރާ ނިމުމާއެކު އައިރާއަށް ޖަމްޝީދު ނަސޭހަތްތެރިވިއެވެ. ރަންކިއުމަށްފަހު އައިރާ އެ ހުރީ ނިޔާނުގެ އަނތްބަކަށްވާން ތައްޔާރުވެފައި ކަމެވެ. އަދި އަހުދެއްގެ މަތީގައި ހުރި އަންހެންނެއްކަމުގައި އައިރާވާނެކަމެވެ. ފޯމުގައި ކައިވެނި ކުރާނޭ ތާރީޚު ކަނޑައެޅިއިރު އޮތީ އެއްމަސް ފަހުން ކައިވެނި ކުރާ ގޮތަށެވެ. އެކަމާ އައިރާ ޝަކުވާއެއް ނުކުރެއެވެ. އެހެންނަމަވެސް ހިތުގައި އެތައް ސުވާލެއް އުފެދިގެންދިޔައެވެ.
ޖަމްޝީދަކީ ރަށުކޯޓުގެ އިސް މީހެކެވެ. ކައިވެނީގެ ކަންކަމުގައި ގޭގެއަށް އައިސް އެހީތެރިވެދެއެވެ. ޖަމްޝީދު އައީ މަލީހާގެ ޒަމާންވީ ރަޙުމަތްތެރިއެއްގެ ގޮތުންނެވެ. ނިޔާނަށް އެހީވާން އޭނާ ނިންމީ ވެސް އެހެންވެއެވެ. ފޯމުތައް ޖަމްޝީދުގެ ބެލުމުގެ ދަށުގައި ބެހެއްޓިއެވެ. އޭނާ އޭގެ ފުރިހަމަ ޒިންމާ ނެގިއެވެ. އަދި ކުރަން އައި ކަންތައް ނިމުމުން ޖަމްޝީދާއި ވަހީދު އެގެއިން ނުކުމެގެން ދިޔައެވެ. އެއާއެކު ގޭތެރޭގެ އަޑުފަށްގަނޑު ގަދަވިއެވެ. ލިޒީ މޮޔައެއްހެން އައިރާގެ ގައިގާ ބައްދައިގަތެވެ. މަރުޚަބާ ކިޔަމުންދިޔައީ ހުއްޓާނުލައެވެ.
"އަދި އެއްކޮށް ނުނިމޭ... ހިނގާ އަހަންނާއެކު..." ނިޔާނު ގޮނޑިންތެދުވެ އައިރާއަށް އަތްދިއްކޮށްލިއެވެ. ނިޔާނުގެ ނިންމުންތައް ފެނި އައިރާ އަޖައިބުވިއެވެ. ނިޔާނުގެ އަތުގައި ހިފާލަމުން އައިރާ ގޮނޑިން ތެދުވިނަމަވެސް އަތްގުޅާލައިގެން ގެއިން ބޭރަށް ނުކުންނާކަށް އައިރާއަކަށް ނުކެރުނެވެ.
"ލިޒީ..." ގެއިން ނުކުތުމާއެކު ނިޔާނު ގޮވާލީ ލިޒީއަށެވެ.
"އިހަށް މި މަގު ހުރިގޮތަށް ދާނީ" ލިޒީ މަގުދައްކައިދޭންފެށިއެވެ. އެއާއެކު ނިޔާނުގެ ހުރިހާ ރޭވުމެއް ލިޒީއަށް އެނގޭކަން އައިރާ ޔަޤީންކުރިއެވެ. އެއްވެސް ކަމެއް ގޯސްކޮށް ދާނަމަ ލިޒީ އެކަމަކާ އެއްބަހެއް ނުވާނެއެވެ. ނިޔާނުގެ ނިންމުންތަކަށް އޮތް އިތުބާރު ބޮޑުވެގެން ދިޔައީ އެހެންވެއެވެ. އެންމެ ގާތް އެކުވެރިޔާއަށް އައިރާ ކުރާ އިތުބާރުގެ ސަބަބުންނެވެ.
ލިޒީގެ ހިނގުން މަޑުކޮށްލުމާއެކު އޭނާ ދެއްކީ ތަފާތުމާތަކުން ފާރުމަތި ފުރިފައި ހުރި ގެއެކެވެ. އާދައިގެ ދޮރޯއްޓެއްގެ ބަދަލުގައި ދަގަނޑު ގޭޓު ޒާތުގެ ދޮރެއްލާފައި ހުރިއިރު އެ ގޭޓުގައި ހުރީ ނޫކުލައިގެ ދަވާދު ލާފައެވެ. އެއީ ކޮންގެއެއްކަމެއް އައިރާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ލިޒީއަށް އެ ގެ އެނގުނު ގޮތަކާމެދު ސުވާލު އުފެދުނެވެ. އަދި އެގެއަށް ނިޔާނު ގެންނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ. އެހެންނަމަވެސް ނިޔާނު އެދުމުން އޭނާއާއެކު އެ ގޭތެރެއަށް އައިރާ ވެސް ވަނެވެ.
ކުދިބަޔަކު ސަލާމް ގޮވާއަޑަށް މައިމޫނާ ގޭތެރޭގައި އުޅެފައި ބޭރަށް ބޯދިއްކޮށްލިއެވެ. އެއާއެކު ޒުވާންފުރައިގެ ދެ ޖިންސުގެ ކުދިބަޔަކު ފެނުމުން ހައިރާންވިއެވެ. ކީއްކުރާ ކުދިބައެއްތޯ އެހުމުގެ ކުރީން ނިޔާނު ކުރިއަށް ޖެހިލާ އިދުރީސްއާ ބައްދަލުކުރާން ކަމުގައި ބުންޏެވެ. އެހިނދު އިދުރީސްގެ އަންހެނުން މައިމޫނާއަށް ހީވީ އިދުރީސްގެ ގާތުން ކޮންމެވެސް ކަމަކަށް ފަންޑު ހޯދަން އައި ކުދިބައެއް ކަމުގައެވެ. އިދުރީސްއަކީ ރަށުގައި ހިންގާ ތަފާތު އެކި ކަންތައްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެކެވެ. ގޯތިތެރޭގައި ހުރި ފޭރުގަސްދޮށުގައި ފުރާފައި ހުރި ޖޯލިފަތި ދައްކާލާފައި މަޑުކޮށްލުމަށް މައިމޫނާ ބުނެ އެނބުރި ގޭތެރެއަށް ވަދެގެންދިޔައެވެ. ހިޔާއަރާފައި އޮތް ޖޯލިފަތީގައި ހަތަރު މީހުން އައިސް އިށީނެވެ.
ގަޔަށް މަހާލި ގަމީހުގެ ގޮށްއަޅުވަމުން ގޯތިތެރެއަށް ނުކުން އިދުރީސްއަށް ހުއްޓެވުނީ ޖޯލީގައި ތިބި ކުދީންގެ ތެރެއިން އައިރާ ފެނިގެންނެވެ.
"އައިރާ..." ހައިރާންވެފައި އިދުރީސްއަށް ގޮވާލެވުނެވެ. އަދި އައިރާއާއެކު ތިބި ކުދީންނަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލިއެވެ.
(ނުނިމޭ)