ވަރަށް ފަހަކާއި ޖެހެންދެން ވެސް އަހަރެމެންގެ ތެރޭ ގަބޫލު ކުރަމުން އައީ ގޭތެރޭ މަސައްކަތުގައި އަނބިންނަށް އެހީ ވުމަކީ ފިރިން އަނބި ދަށުވުން ކަމުގަ އެވެ. ނަމަވެސް ފަހުގެ ޖެނެރޭޝަން ގަބޫލު ކުރާ ގޮތުގައި ދެމަފިރިންގެ ހިއްސާ އެއްވަރަކަށް ގޭތެރޭގެ މަސައްކަތައް ބޭނުންވެ އެވެ.
މިއީ ސައިންސް ވެސް އެއްބަސްވާ ގޮތެވެ.
ސްކޮޓްހަމްގެ ޔުނިވަސިޓީ އަކުން ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ އަނބިމީހާ އެކަނި ގޭތެރޭގެ މަސައްކަތް ކުރުމަކީ ދެމަފިރިން ވަކިވާން މެދުވެރިވާ ސަބަބެއް ކަމަށެވެ. އަދި އަނބިމީހާ އޭނާގެ ވަޒީފާ އަދާކުރަމުން ގޭގެ މަސައްކަތް ކޮށް ދަރިންނާއި ފިރިމީހާގެ ކަންތައް އެކަނިމާއެކަނި ކުރުމަކީ އަނބިމީހާ ސްޓްރެސްވެ، މީހާ އަވަހަށް އިމޯޝަނަލް ވުމުގެ އިތުރުން ކުދިކުދި ކަންކަމާ ރުޅިގަދަވެ ފަޅައިގެންދާލެއް އަވަސްވާ ކަމެއް ކަމަށެވެ. މިއީ ފިރިން ވިސްނަންޖެހޭ ކަމެކެވެ.
އަހެރެމެންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ގަބޫލު ކުރަނީ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތަކީ ހަމައެކަނި އަނބިމީހާގެ އެކަނި ކަމެއް ކަމަށެވެ.
ނަމަވެސް މިއީ ލޯބިން އެކުގައި ގިނަ ދުވަހަށް ދެމިގެންދާ ކައިވެނި ތަކުގައި ގަބޫލު ކުރާ އުސޫލެއް ނޫނެވެ. ދެމަފިރިން އެކަކު އަނެކަކަށް ދަރިންގެ ކަންތަކާއި ގޭތެރޭގެ ކަންކަމުގައި ވީވަރަކުން އެހީތެރިވާންޖެހެ އެވެ. މިއީ ދެމަފިރިންގެ ދެމެދުގައި ލޯބި އިތުރުކޮށް ގުޅުން ބަދަހި ކޮށްދޭ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ވިދާޅުވެ އެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓެއްކަމަށްވާ ޕްރޮފެސަރު މެރީ ޖިއޯޖް ވިދާޅުވާ ގޮތުގައި ދެމީހުން އެކަކު އަނެކެއްގެ ޒިންމާ އުފުލުމަކީ ގުޅުމެއްގެ ސިއްހަތު ރަނގަޅު ކަމުގެ ހެއްކެކެވެ.
މިގޮތުން ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވާނަމަ އަނބިމީހާ އަށް ލިބޭ ފައިދާ ތަކުގެތެރޭ، އަނބިމީހާ ދުޅަހެޔޮކަންމަތީ ހިތްހަމަޖެހިލައިގެން ދިރިއުޅެން ފަސޭހަވެ އެވެ. އަދި މިއީ އަނބިމީހާ ރަނގަޅު މީހެއްގެ ގޮތުގައި ބަދަލުވުމަށް އެހީތެރިވެދޭ މީހާ ރިލެކްސް ކޮށްދޭ ކަމެކެވެ. މީގެ އިތުރުން ވެސް އާމްދަނީ ހޯދުމަށް އަނބިމީހާ ކުރާ މަސައްކަތް ރަނގަޅުވެ ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެކެވެ.
މީގެ އިތުރުން ފިރިމީހާއަށް ލިބޭ ފައިދާ ތަކުގެ ތެރޭ އަނބިމީހާގެ ޝަކުވާތައް ހުއްޓި ސްޓްރެސް ފްރީ ކޮށް ދިރިއުޅުމަށް މަގުފަހިވެ ހިތްހަމަޖެހުން ގެނެސްދެ އެވެ.
އެހެންވީމަ ވީވަރަކުން ގޭތެރޭގެ މަސައްކަތުގައި ފިރިމީހާ އަނބިމީހާއަށް އެހީތެރިވެ އަތްގާތްކޮށްލަ ދިނުމަކީ ދެމަފިރިންގެ ގުޅުން ރަނގަޅު ކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ.