ޔާރާ ޕްރޮޑަކްޝަންސްގެ ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމުގެ މައްސަލަ އާއި މި ފިލްމުގެ ފުރަތަމަ ޑްރާފްޓް ލިޔުނު އަހުމަދު ޒަރީރަށް އޭގައި ހައްގުވާ ކްރެޑިޓްސް ދީފައިނުވާ މައްސަލަ ފިލްމުގެ އެންމެ "ހާޑް" ކެރެކްޓާ އިޝާންޓޭއަށް ވުރެން "ހާޑްވެގެން" ގޮސްފައިވީ ނަމަވެސް ޑައިރެކްޓަރު ރަވީ ފާރޫގް ބުނަނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފިލްމު ޑައިރެކްޓްކުރުމުގެ އިތުރުން އޭގެ މުހިންމު ކެރެކްޓާ "އިޝާންޓޭ" ގެ ރޯލު ވެސް ކުޅެފައިވާ ރަވީ ބުނީ "ވިޝްކާ" ގެ ސްކްރިޕްޓް ލިޔަން ޒަރީރު ގެނައީ މަހުދީ ކަމަށްވާއިރު ޒަރީރުގެ މަސައްކަތަށް މަހުދީ އަގު ވެސް ދީފައިވާނެ ކަމަށެވެ.
"ވިޝްކާ އަކީ (ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު) ރިޝްމީގެ ކޮންސެޕްޓެއް. އޭގެ ސްކްރިޕްޓް ލިޔަން އަޅުގަނޑުމެން ހަވާލުކުރީ މަހުދީއާ. ޒަރީރަކާއެއް ނޫން. އޭގެ ތެރެއަށް ޒަރީރު ގެނައުމަކީ މަހުދީގެ އަމިއްލަ ކަމެއް،" ރަވީ ބުންޏެވެ.
އޭނާ ބުނީ ފިލްމުގެ ސްކްރިޕްޓްގައި ޒަރީރު މަސައްކަތްކުރިކަން ފުރަތަމަ ނުވެސް އެނގޭ ކަމަށާއި އެހެން ނޫނަސް މިހާރު ޝޫޓްކޮށް ނިމި ދައްކަން ތައްޔާރުކޮށްފައި އޮތް ފިލްމަކީ ޒަރީރު ލިޔުނު ކަމަށް ބުނާ ސްކްރިޕްޓާ ގާތްގަނޑަކަށް މުޅިން ބަދަލުވެފައިވާ ފިލްމެކެވެ. ފިލްމުގައި ޒަރީރު ލިޔުނު މަންޒަރުތަކާއި ޑައިލޮގްތައް ހުރި ކަމަށް އޭނާ ބުންޏަސް ރަވީ ބުނަނީ "އެޑިޝަނަލް ޑައިލޮގްސް" އަށް އެކަނި ނޫން ގޮތަކަށް ޒަރީރަށް އޭނާގެ ފިލްމުން މިހާރު ކްރެޑިޓް ނުލިބޭނެ ކަމަށެވެ.
އެގޮތަށް ޒަރީރު ކްރެޑިޓެއް ބޭނުމެއް ނުވެ އެވެ. އުސޫލެއްގެ ގޮތުން ބަލާއިރު ކްރެޑިޓް ލިބެން ޖެހޭނެ ކަމަށް އޭނާ ބުންޏަސް ޒަރީރު ބުނީ މަހުދީއާ އެކު އޭނާ މިހާތަނަށް މަސައްކަތްކުރަމުން އައީ އެފަދަ ގޮތަކަށް ނުވަތަ އަގެއް ވެސް ލިބެން ޖެހޭ ކަމަކަށް ލިޔުމަކުން އެއްބަސްވެގެން ނޫން ކަމަށެވެ.
މިފަދަ އެއްބަސްވުމެއް މަހުދީ އާއި ޒަރީރުއާ ދެމެދު ގާއިމުކޮށްފައި ނެތަސް މަހުދީ ވަނީ ޕާޓްނަރެއްގެ ގޮތުގައި "ވިޝްކާ" ގެ ފުރަތަމަ ޑްރާފްޓް ލިޔުމަށް ޒަރީރުކުރި މަސައްކަތަށް އަގު ވެސް ދީފަ އެވެ.
"މަހުދީ ބުނީ އެއްބަހެއް ނުވަމޯ ކްރެޑިޓް ދޭކަށް. ލާރި ދޭންށޯ އެއްބަސްވީ،" އަވަސް އަށް ދިން އިންޓަވިއުއެއްގައި ޒަރީރު ބުނެފައިވެ އެވެ.
"އަޅުގަނޑު ބުނިން ލާރި ދޭކަށް ވެސް އެއްބަހެއް ނުވެއޭ."
"ވިޝްކާ" ގެ ސްކްރީންޕްލޭ ލިޔުނު މީހެއްގެ ގޮތުގައި ޒަރީރަށް ކްރެޑިޓް ނެތް މައްސަލަ ހޫނުވެ މަހުދީ އާއި އޭނާގެ ރައިޓިން ޕާޓްނާޝިޕް ވަނީ ނިމުމަކަށް އައިސްފަ އެވެ. ޒަރީރު ބުނަނީ މަހުދީއާ އެކު އޭނާ ލިޔުނު ފިލްމާއި ޑްރާމާތަކުގައި އަބަދުވެސް ސުމަކުން ފަށައިގެން ފުރަތަމަ ޑްރާފްޓް ނިންމަކީ އޭނާ ކަމަށެވެ. އަދި މަހުދީ އަމިއްލަ އަށް ލިޔެފައިވާ ސްކްރިޕްޓްތަކުގެ "އޮރިޖިނަލް" ކަމާ މެދު ވެސް އޭނާ ސުވާލު އުފައްދަ އެވެ.
"މީހުން ބުނޭ އަޅުގަނޑާއި މަހުދީއާ ލިޔުނީމަ ވަރަށް މޮޅޭ. އަޅުގަނޑު ބުނަނީ ދެ މީހުން އެއްކޮށެއް ނޫނޭ މި ލިޔަނީ. ކަލޭމެންނަށް ނޭނގެނީއޭ. އަޅުގަނޑޭ ލިޔަނީ. މަހުދީ ކުރާ ކަމަކީ އެޑިޓްކޮށްލާފަ ޝޫޓިން ސްކްރިޕްޓަކަށް ބަދަލުކުރުމޭ،" މަހުދީ އަށް ފާޑުކިޔަމުން ޒަރީރު ބުންޏެވެ.
"މީހުން އާދޭ މި މައްސަލަ ހައްލުކުރަން ވެސް. އެކަމަކު އަޅުގަނޑު ބުނެފައި އޮންނާނީ ބޭނުމެއް ނޫނޭ މަހުދީއާ ޕީސްހަދާކަށް."