ހަބަރު

މިއީ 25 ޕަސެންޓް ސަރުކާރެއް ނޫން، އަންނަ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރާނީ އެއްބުރުން: އަދީބު

Mar 21, 2015

މިއީ 25 ޕަސެންޓްގެ ސަރުކާރެކޭ ބުނުމުގެ ހައްގު އިދިކޮޅު ފަރާތްތަކަށް ނޯންނާނެ ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި އެކަން ސާބިތުކޮށްދޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވައިފި އެވެ. 

މިއަދު ބޭއްވި ދެ ބައި-އިލެކްޝަން ބޮޑު ތަފާތަކުން ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރުމާ ގުޅިގެން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ކަން ވެސް ކުރައްވާ އަދީބު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ތާއީދު އެނގެނީ ވޯޓުން ކަމަށެވެ. އަދި މިފަހުން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި ވެސް ޕީޕީއެމް-އެމްޑީއޭ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދީ އެބޭފުޅުން މަގާމުތަކަށް އިންތިހާބު ކުރުމަކީ ރައްޔިތުންގެ ތާއީދު ސަރުކާރަށް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ނަތީޖާއިން ވެސް ހާމަވެގެން ދިޔައީ އަގުލަބިއްޔަތު އޮތީ ކޮންފަޅިއެއްގައި ކަމެވެ.

"އެހެން ވީމާ މިއީ 25 ޕަސެންޓް ސަރުކާރެކޭ ނުބުނެވޭނެ. އެކަމަށް ފުރުސަތެއް ނެތް. މި ސަރުކާރުން މި ދަނީ ކޮންމެ ވޯޓަކަށް އިރާދަ ކުރެއްވިއްޔާ ކާމިޔާބު ހޯދަމުން. ދެން އޮތް ރިޔާސީ އިންތިހާބު ވެސް ހަމަ މިގޮތަށް އެއް ބުރުން ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދޭނަން. މިއީ ރައްޔިތުންގެ ތާއީދު އޮތް ސަރުކާރެއްކަން ސާބިތުކޮށްދޭނަން،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ތާއީދު ކުރަނީ، މި ސަރުކާރުން ރައްޔިތުންގެ ލާބަޔާއި އިގްތިސާދަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރާތީ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިއަސް މި ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުން ހުއްޓާނުލާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. ރައީސް ޔާމީނާއި މި ސަރުކާރު އޮތީ ސާބިތުކަން މަތީގައި ކަމަށް ވިދާޅުވަމުން އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އުޅެނީ ގައުމަށް އަންނަ ތަރައްގީ ހުއްޓުވާލަން ކަމަށެވެ. ނަމަވެސް އެ ކަންތައްތައް ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.

"ރައްޔިތުންނަށް އަޅުގަނޑުމެން މި އަންނަނީ ވައުދުތައް ފުއްދައިދެމުން. އެކަން އެބަ ރައްޔިތުން ގަބޫލު ކުރޭ. އިދިކޮޅު ފަރާތްތަކުން ކިތަންމެ ދަތި ކުރިއަސް މި ގައުމާއި ރައްޔިތުންނަށް މަސައްކަތް ކޮށްދިނުމުގައި އަޅުގަނޑުމެން ޖެހިލުން ނުވެ ފަހަތަށް ނުޖެހި ތިބޭނަން. އަޅުގަނޑުމެންގެ ރައީސް އާއި ކެބިނެޓް އަދި މުޅި ސަރުކާރު އިދިކޮޅު ފަރާތްތަކުން ކޮންމެ ކަމެއް ކުރިއަސް ފަހަތައް ޖެހި ވަރުބައެއްޔެއް ނުވާނެ،" އަދީބު ވިދާޅުވި އެވެ.

މިއަދު ބޭއްވީ ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަނާއި ހއ. މުރައިދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަނެވެ. އެ ދެ ކައުންސިލްގެ ތެރެއިން ދ. އަތޮޅު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހެވެ. އޭނާ އެ އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށްގެނެވެ.

މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ މުފީދެވެ. އޭނާ އެ އިންތިޚާބު ކުރީ އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކޮށްގެނެވެ.