ކަނޑުމަތީގެ ހާދިސާ

12 މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ބާރަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނިކޮށް ގެއްލިފައިވާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. "ބުލޫ ފިޝް 1" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކ. އަތޮޅު ދިއްފުށީ ބޭރުގައި އޮއްވާ އެވެ.

އެމްއެންޑީއެފްގެ މީޑިއާ ހެޑް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ 12 މީހުންނާއެކު މަހަށް ނުކުތް ދޯނީގެ ހަބަރެއް އަދިވެސް ނުވާ ކަމަށާއި ނަމަވެސް އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. އެ އޮޕަރޭޝަނާ ބެހޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ބުލޫ ފިޝް 1 ދިގުމިނުގައި 87 ފޫޓް ހުންނަ ދޯންޏެކެވެ. އަދި އެ ދޯނީގައި ގަދަ ނޫކުލައިގެ ދަވާދު ލާފައި ހުރި އިރު ގެ ގަނޑުގައި ހުންނަނީ ހުދުކުލަ އެވެ.