އިޒްރޭލް

ހިއުމަން ރައިޓްސް ވޮޗްގެ ރިސާޗަރަށް އިޒްރޭލުން ވިސާއެއް ނުދިން

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްގެ ރިސާޗަރު، އުމަރު ޝާކިރަށް ވިސާ ދިނުމަށް އިޒްރޭލުން އިންކާރުކޮށްފި އެވެ. އިޒުރޭލު ސަރުކާރުން އޭނާއަށް ވިސާ ނުދިނީ ހިއުމަން ރައިޓްސް ވޮޗް އިން ފަލަސްތީނު މީހުންގެ ޕްރޮޕަގެންޑާ ފަތުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އިޒްރޭލުގެ އެ ތުހުމަތު ދޮގުކޮށް، ހިއުމަން ރައިޓްސް ވޮޗް އިން ބުނީ އެއީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާ ދެކޮޅަށް އިޒުރޭލުގެ ކަނާތު ފިޔައިގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކެއްގެ ބައެއް ކަމަށެވެ.

"ޑިމޮކްރެޓިކް ހަރަކާތްތައް ހިންގަން އޮތް ޖާގަ އިޒްރޭލް ސަރުކާރުން ދަނީ ހަނިކުރަމުން. އަދި އެ ސަރުކާރުން ހިންގާ ކަންތައްތަކަށް ފާޑުކިޔާ އެންމެނަށް އެސަރުކާރުން ދަނީ ގައުމު ބަންދުކުރަމުން،" ޝާކިރަށް ވިސާ ނުދިން މައްސަލައިގައި ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެޖަމާއަތުގެ ބަޔާނަށް ރައްދުދީ އިޒްރޭލުން ބުނެފައި ވަނީ އެ ޖަމާއަތުން މަސައްކަތް ކުރަނީ އެއްފަރާތަކަށް ބުރަވެގެން ކަމަށެވެ.
ޝާކިރަށް ވޯކް ވިސާ ނުލިބޭކަން އަންގައި އިޒްރޭލް ސަރުކާރުން ހިއުމަން ރައިޓްސްއަށް މިމަހުގެ 20 ވަނަ ދުވަހު ފޮނުވި ލިއުމުގައި ބުނެފައި ވަނީ އޭނާއަށް ވިސާ ނުދިނީ އެ ޖަމާއަތަކީ ފަލަސްތީނު މީހުންނާ އެއްކޮޅަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށް ބުނާ ސިޓީއެއް ލިބިގެން ކަމަށެވެ.

އިޒްރޭލް ފޮރިން މިނިސްޓްރީން ފަހުން ބުނެފައި ވަނީ ޝާކިރަށް ވޯކް ވިސާ ނުދިނަސް އޭނާއަށް ޓުއަރިސްޓް ވިސާދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. -- ޝާކިރަކީ އެމެރިކާގެ ރައްޔިތެކެވެ --

ލޭންޑް މައިން އެޅުމާ ދެކޮޅަށް ކުރި މަަސައްކަތްތަކާ ގުޅިގެން 1997 ވަަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ހިއުމަން ރައިޓްސް ވޮޗް އިން ފާއިތުވި 30 އަހަރު އިޒްރޭލްގައި މަސައްކަތްކޮށްފައި ވެއެވެ. ދުނިޔޭގެ 90 ގައުމެއްގައި އެޖަމާއަތުން މަސައްކަތް ކުރާ އިރު އޭގެ ތެރެއިން 24 ގައުމެއްގައި އެޖަމާއަތުގެ އޮފީސްތައް ހުރެއެވެ. -- ނިއުޔޯކް ޓައިމްސް