ހަބަރު

މެޑަމްއަށް ކާރެއް ނުދެން، މަހުލޫފް އުޅެނީ އެކަމަނާގެ އަގުވައްޓާލަން: އަދީބު

Mar 21, 2015
1

ރައީސްގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް (މެޑަމް) އަށް ކާރެއް ދީފައި ނުވާނެ ކަމަށާއި މަހުލޫފް އުޅުއްވަނީ މެޑަމްގެ އަގު ވައްޓާލަން ކަމަށް ވިދާޅުވެ، ދާދި ފަހުން ޕީޕީއެމް އިން ވަކި ކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފަށް، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އަދީބު ފާޑު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް ކޯލިޝަނުން މިއަދުގެ ބައި-އިލެކްޝަންތައް ކާމިޔާބު ކުރުމާ ގުޅިގެން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދީބު ވިދާޅުވީ މެޑަމް އަށް ކާރެއް ގަނެދިން ކަމަށް ވިދާޅުވެ މަހުލޫފް ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި ރައީސްގެ އަނބިކަބަލުންނާއި އެ އާއިލާ އަކީ މާލީ ގޮތުން ވަރަށް ތަނަވަސް އާއިލާއެއްކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ މަހުލޫފް އެބުނި ކާރަކީ މެޑަމް އަމިއްލަފުޅަށް ބައްލަވައިގަތް ކާރެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މެޑަމް އަކީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާ ކުރައްވައި ބޭކަނބަލަކަށް ވުމުން މަހުލޫފް ބޭނުން ވަނީ އެކަމަނާގެ އަގު ވައްޓާލަން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މަހުލޫފްމެން ފަދަ ބޭފުޅުން ކުރައްވައިވަރުގެ ކަންކަމެއް ނޫން މި ހުންނަނީ. މެޑަމް އަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެކަމަނާގެ އަމިއްލަ ސޭވިންއިން ރައީސްގެ ކެމްޕޭނަށް ވެސް ހަރަދު ކުރެއްވި ބޭކަބަލެއް. މިކަހަލަ ތުހުމަތުތަކާ ހުރެ އަންހެން ބޭކަބަލުން ސިޔާސީ ކަންކަމަށް ނިކުންނަަވަން ފަސްޖެހެނީ ވެސް،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްއަށް ވަރަށް މުހިންމު ވަގުތުތަކުގައި މަހުލޫފް ވަނީ އެ ޕާޓީ އިން ވަކިވެ ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވާފައި ކަމަށެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް، "ޖިންނި މޮޔަވީ" ކަމަށް ވިދާޅުވެ، މަހުލޫފް އުޅުނީ ޕާޓީ އިން ވަކިވާން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެފަހަރު ވެސް މަހުލޫފް ހިފަހައްޓަން ޖެހުނީ، ޕީޕީއެމްގެ މެންބަރުން މައިތިރި ކިޔަވައިދީ، ރިލޯޑްކޮށްގެން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މިއީ އާ ކަމެއް ނޫން. އެބޭފުޅާއަށް އެންމެ ބޮޑަށް އެހީވީ ވެސް އަޅުގަނޑު. އެކަމަކު މިއަދު އަޅުގަނޑާ ޒާތީ ގޮތުން އެބޭފުޅާ ޖައްސާލައިގެން އެ އުޅުއްވަނީ،" އަދީބު ވިދާޅުވި އެވެ.

މަހުލޫފަށް ފާޑު ވިދާޅުވަމުން އަދީބު ވިދާޅުވީ އޭނާގެ ގާތް ރަހުމަތްތެރިއެއްގެ އަތުން މަހުލޫފް ލޯނެއް ނަގާފައިވާ ކަމަށާއި އޭނާ އުޅެނީ އެ ފައިސާ ނުދައްކާން ވެގެން ކަމަށެވެ. އަދި މަހުލޫފް މިހާރު ދައްކަވާ ވާހަކަތަކަކީ އެ ކަންކަމުން ސަލާމަތްވާން ވެގެން، ކޮންމެވެސް ބައެއްގެ އަތުން ފައިސާ ނަގައިގެން ދައްކަވައި ވާހަކަތަކެއް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

މިފަހަކަށް އައިސް އަދީބުގެ ބޮލުގައި އެކި ތުހުމަތުތައް އަޅުއްވައި މަހުލޫފް ގެންދަވަނީ ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. އެކަމަކު އެ ހުރިހާ ތުހުމަތުތަކެއް އަދީބު ދޮގު ކުރައްވަ އެވެ.