ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލް: ރިވެތި އަހުލާގުގެ ޒަމާނީ ވޮށުފިލާ

މޯލްޑިވިއަން އައިޑޮލް އިން ރޭ ކަޓައިގެންދާން ތައްޔާރުވެފައި ތިބި ކުދިންނާ ސުވާލުކުރަމުން ގޮސް، އައިޑޮލްގެ މި ދަތުރުގައި ދަސްވީ ކޮން ކަމެއް ހެއްޔޭ، ޝޯގެ ހޯސްޓް މޫސާ ވަސީމް އަހާލުމުން ދަސްވި ހުރިހާ ކަމެއް ލިސްޓަކަށް ކިޔައިދޭން އެ ކުދިންނަކަށް ނޭނގުނެވެ. ބިރުގަނެ ހާސްވެފައި ތިބި ވަރުންދޯއޭ ކިޔައި މޫސަގެ ސަމާސާއަކުން އެ ވާހަކައެއް ނިންމާލިއަސް މިއީ އައިޑޮލް އިން ފެނިގެން ދިޔަ ނިކަން މުހިންމު އަދި ފުންކޮށް ވިސްނާލުމުން ހިތް އުފަލުން ބަންޑުންކޮށްލާވަރުގެ ކަމެކެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ ސަބަބަކީ މޯލްޑިވިއަން އައިޑޮލް އަޅުގަނޑުމެންނަށް ނަގައިނުދޭ ފިލާވަޅެއް ނެތުމެވެ. މިދިޔަ އަހަރު ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަނަކީ މުޅި މި ދިވެހި ގައުމު އެކަތިގަނޑަކަށް ހަދާލަދިން ފޯރިގަނޑެކެވެ. އަދި ދެ ވަނަ ސީޒަން ބައި ނުވެވިގެން އުޅެނިކޮށް މިދިޔަ ސީޒަނަށް ވުރެން ގިނަ ކަންކަމާއި މައްސަލަތަކުގައި މިހާތަނަށް އެތައް ފިލާވަޅެއް ނަގައިދީފި އެވެ.

ޕިއާނޯ ރައުންޑަށް ރޭ އަލްވަދާއުކީއިރު، ކައިވެންޏާއި ވަރީގެ ނިސްބަތް ގިނަ މި މުޖުތަމަ އަށް ޝޯގެ ދެ ލަވަކިޔުންތެރިން ބޭނުންކޮށްގެން ކައިވެނީގެ ނިކަން ވަރުގަދަ ލެކްޗަރެއް ވެސް އަޅާލި އެވެ. ވިސްނާ ފިކުރުކުރާ ޒުވާން ޖީލަކަށް އޭގައި އެތައް އިބްރަތްތަކެއް ފޮރުވިފައިވެ އެވެ.

ކައިވެންޏާއި ވަރީގެ ވާހަކަ ބާއްވާފައި މޯލްޑިވިއަން އައިޑޮލްގައި ކޮންމެ ހަފުތާއަކު ނަގައިދޭ ނިކަން އާދައިގެ އެކަމަކު ހަމަ އެވަރަށް މުހިންމު ފިލާވަޅެއްގެ ވާހަކަ ބުނަން ހެއްޔެވެ. ގަޑިއަށް ފަރުވާތެރިވުމަށް ދޭ އަގުހުރި ނަސޭހަތާއި ދައްކުވައިދޭ އަގުހުރި ނަމޫނާ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި ދަސްވީ ކޮން ކަމެއްތޯ މޫސާ ވަސީމު ސުވާލުކުރުމުން އަހުމަދު މާއިޝް ދިން ޖަވާބަކީ ވެސް މިއީ އެވެ.

ފަހަރެއްގައި އެހާ ފަސޭހައިން މި ޖަވާބެއް މާއިޝް އަށް ދެވުނީ ގަޑިއަށް ފަރުވާތެރިވުމުގައި ހެޔޮލަފާ ޒުވާނަކަށް ކުރިން އޭނާ އަށް ވެވިފައި ނެތުމުން ކަމަށް ވެދާނެ އެވެ. އެކަމަކު މޯލްޑިވިއަން އައިޑޮލް މާއިޝްގެ ހަޔާތް ތާއަބަދަށް ބަދަލުކޮށްލި ގޮތުގެ މިސާލު ބަލައި ފިކުރުކޮށްލަބަލާށެވެ. މާއިޝްގެ އިތުރުން، ގަޑިއަށް ފަރުވާތެރިވުމަށް މޯލްޑިވިއަން އައިޑޮލްގައި ވޮށުފިލާ އަޅައިގެން އަހުލާގާއި ދިރިއުޅުން ބަދަލުކޮށްލާފައިވާ އެތައް ޒުވާނުންނެއް މި ޝޯއިން އުފައްދައިފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ގަޑިއަށް ކަމޭހިތައި ގަޑިއަށް ހާޒިރުވާން ދަސްވެފައި ވަނީ ހަމައެކަނި ޝޯގެ ލަވަކިޔުންތެރިންނަކަށް ނޫނެވެ. ކޮންމެ ހަފުތާ ބަންދެއްގައި މި ޝޯއަށް ވަގުތު ހުސްކޮށް، ޝޯ ފަށާ ގަޑިއަށް ގޭގެ ސިޓިން ރޫމަށް ނުވަތަ ޝޯ ބަލަން ކަނޑައެޅިފައިވާ މައިޒާނަކަށް ހާޒިރުވާ އާންމު ފަރުދުންނަށް މޯލްޑިވިއަން އައިޑޮލް މި ގެންދަނީ ވަގުތުގެ މުހިންމުކަމާއި ގަޑިއަށް ފަރުވާތެރިވުމުގެ އަގުހުރި ފިލާވަޅެއް ނަގައިދެމުންނެވެ.

ސީޒަން ދޭއް ކުރިއަށްދާއިރު ފާހަގަކޮށްލެވޭ މިފަދަ ފިލާވަޅުތައް ހަގީގަތުގައި ވަރަށް ވެސް ގިނަ އެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ ސީޒަން އެކެއްގައި ގައުމު އެއްބައިކުރުވިޔަސް ސްޓޭޖުމަތިން ވާދަކުރި ބައިވެރިންގެ މެދުގައި ހަގީގީ އެކުވެރިކަމެއް ނެތެވެ. ނަމަވެސް އެހެން ބުނާނެ ޖާގައެއް ސީޒަން ދޭއްގައި ނެތްކަން ކޮންމެ އެލިމިނޭޝަން ޝޯއަކުން ބެލުންތެރިންނަށް ޔަގީންވާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ އެންމެ ހާއްސަ ދެ ސިފައަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ފުރަތަމަ ސިފައެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ ހޭންޑް ޕިކްޑް މިއުޒީޝަނުންތަކެއްގެ މައްޗަށް އެކުލެވޭ ހައުސް ބޭންޑެވެ. އެއަށް ފަހު ދެން އެންމެ ހާއްސަ ސިފައަކީ ޝޯ ފެށިގެން ކޮންމެ އެޕިސޯޑެއްގައި ބައިވެރިން ދައްކަމުން އަންނަ އެކުވެރިކަމާއި އަހުވަންތަކަމުގެ ވަރުގަދަ ގުޅުމެވެ.

ރިއާލިޓީ ޝޯތަކުގައި ވާދަކުރާ ބައިވެރިންނަކީ އާންމުގޮތެއްގައި ވާދަވެރި ބައިވެރިޔާ ކަޓާނެ އިރަކަށް އިންތިޒާރުކޮށް ދުއާކޮށްލަކޮށްލަ ތިބޭ މީހުންނެވެ. އަދި ދޭދޭ ބައިވެރިންގެ މެދުގައި އޮންނަ ވާދަވެރިކަމާއި ހަތުރުވެރިކަމާއި ޒުވާބާއި އަރައިރުން ވެސް ފެނިގެންދާ ހާލަތްތައް އާދެ އެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ބައިވެރިން މި ފާހަގަކޮށްލެވެނީ މި ދެންނެވި ހުރިހާ ސިފަތަކަކާ މުޅިން ދެކޮޅު ބައެއްގެ ގޮތުގަ އެވެ.

އެކުގައި ވާދަކުރާ ވާދަވެރިޔާ މުބާރާތުން ކަޓައިގެން ދިއުމަކަށް މޯލްޑިވިއަން އައިޑޮލްގެ ހަމަ އެންމެ ބައިވެރިޔަކު ވެސް ބޭނުމެއް ނުވެ އެވެ. ބައިވެރިޔަކު ކަޓައިފި ނަމަ ދެން ފެންނަ މަންޒަރަކީ ވެސް ވަރަށް އާދަޔާހިލާފު މަންޒަރެކެވެ. ކަޓައިގެންދާ ބައިވެރިޔާ އަށް ވުރެން ގަދަ އަށް ނުވަތަ ބާރަށް ރޯ މަންޒަރު ފެންނަނީ އޭނާއާ އެކުގައި ދެން ތިބޭ ބައިވެރިންނެވެ. މިއީ މޯލްޑިވިއަން އައިޑޮލްގެ ބައިވެރިން ސްޓޭޖު މަތީގައި ވާދަވެރިންނަށްވިޔަސް މި އެންމެންނަކީ ވެސް އެއް އާއިލާއެއްކަން ސާބިތުކޮށްދޭ ކަމެކެވެ.

މިފަހަރުގެ އައިޑޮލްގެ ބައިވެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އަހުވަންތަކަމުގެ ލޯބި ވަރަށް ވެސް ބޮޑެވެ. ސިޔާސަތާއި ޒާތީ ތައައްސަބުގައި ބައިބައިވެގެން ގޮސްފައި އޮތް މި މުޖުތަމަ އަށް މޯލްޑިވިއަން އައިޑޮލްގެ ލަވަކިޔުންތެރިން ނަގައިމިދެނީ ކިހާ މުހިންމު އަދި ކިހާ އަގުބޮޑު ފިލާވަޅެއް ހެއްޔެވެ. -- އެންމެ ބޮޑު ވާދަވެރިޔާ އަށް ވެސް ކަމޭހިތައި އިހްތިރާމްކޮށް އަޅާލުމުގެ މުހިންމު ނަމޫނާ އެވެ.

ވިސްނާ ފިކުރުކުރާ މީހަކަށް މި ހުންނަނީ އައިޑޮލް އިން ކޮންމެ ހަފުތާ ބަންދަކު ވެސް ލިބިގަނެވިދާނެ ފިލާވަޅުތަކެވެ. އެހެންވީމަ މޯލްޑިވިއަން އައިޑޮލް މި ވަނީ ދިވެހި މުޖުތަމައުގެ ބާވެފައިވީ ފޭރާމަށް އޮތް ޒަމާނީ ޑޯޒަކަށް ނޫން ހެއްޔެވެ؟ މިވަރުން ދާ ނަމަ މޯލްޑިވިއަން އައިޑޮލްއާ އެކު ޕީއެސްއެމުން މީގެ އެހެން ފާޑުފާޑުގެ ޝޯތައް ވެސް ދިވެހިންގެ ސިޓިންރޫމަށް ގެނެސްދޭންވީ އެވެ. ފެންނަ ފެނުމަށް މިއީ ޑިމޮކްރަސީ އަށް ވުރެން ވެސް ފައްކާ ކެޔޮގަނޑެކެވެ.

ދެން މިސާލަކަށް، ހަފުތާގެ ހަތް ދުވަހު ޓީވީއެމުން މި ފާޑުގެ ފްރެންޗައިޒްޑް ޝޯއެއް ގެނެސްދޭ ނަމަ ދިވެހިންނަށް ވާނޭ ގޮތާއި ތިބޭނެ ގޮތް ހިޔާލަށް ގެނެސްބައްލަވާށެވެ.