އެކަޑެމީ އެވޯޑްސް ނުވަތަ އޮސްކާ މަޝްހޫރުވެފައި ވަނީ އެހެންނެވެ. މިއީ ކޮންމެ އަހަރަކު ދުނިޔޭގައި އުފައްދާ އެންމެ މޮޅު ފިލްމުތަކާއި މި ފިލްމުތަކުގައި މަސައްކަތްކުރާ ހުނަރުވެރިންގެ އަގު އެންމެ މަތީ ފެންވަރުގައި ވަޒަންކުރުމަށް ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. ނަމަވެސް އޮސްކާ އެވޯޑްސް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި އަބަދުވެސް ހިޔާލުތަފާތުވެފައި އޮންނަ އެވޯޑެކެވެ.
މި އެވޯޑް ބެހިގެންދާ ގޮތާއި އެންމެ މޮޅު ފިލްމާއި އެކްޓަރުން އަދި އެހެން ހުނަރުވެރިން ހޮވުމަށް ވޯޓުލެވޭ ގޮތަކީ ވެސް ފާޑުކިޔުން އަމާޒުވެފައި އޮންނަ ކަމެކެވެ. މި ފާޑުކިޔުންތަކަށް އިތުރު ބާރެއް ލިބިގެން ދަނީ ނިކަން މަޝްހޫރު ފިލްމުތަކެއް އޮސްކާގެ ރޭހުން ހުސްއަތާ ވެސް ކަޓައިގެންގޮސްފައިވުމުންނެވެ.
މިސާލަކަށް ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމު ކަމަށް އެތައް ބަޔަކު އިއްތިފާގުވާ އަލްފްރެޑް ހިޗްކޮކްގެ "ވާޓިގޯ" އަކީ ހުސްއަތާ އޮސްކާ ހަފުލާ ނިންމާލި ފިލްމެކެވެ. އަދި ފިލްމު އުފެއްދުމުގެ މަސައްކަތަށް އިންގިލާބެއް ގެނެސްދިން "ސިޓިޒެން ކޭން" އަކީ ވެސް ނުވަ ނޮމިނޭޝަނާ އެކު ފެވަރިޓެއްގެ ގޮތުގައި އޮސްކާ ހަފުލާ އަށް ގޮސް އެންމެ އެވޯޑަކާ އެކު ގެއަށް ދާން ޖެހުނު ފިލްމެކެވެ. އެންމެ މޮޅު ފިލްމުތަކުގެ ލިސްޓުގެ ގަދަ ތިނެއްގައި މިހާރު ވެސް ހިމެނޭ މި ފިލްމަށް އޮސްކާ އިން އެވޯޑް ދިނީ އޭގެ އޮރިޖިނަލް ސްކްރީންޕްލޭއަށް އެކަންޏެވެ.
އޮސްކާގެ ފަހު ތާރީޚުތަކުގައި ވެސް ހިޔާލުތަފާތުވާ ނަތީޖާތަކެއް ނުކުމެފައި އެބަހުއްޓެވެ. އެގޮތުން "ބްރޫކްބެކް މައުންޓެއިން" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ނުލިބި "ކްރޭޝް" އަށް އެ އެވޯޑް ލިބުމާއި ރިޗަޑް ލިންކްލޭޓާގެ "ބޯއިހުޑް" ގެ ބަދަލުގައި "ބާޑްމެން" އަށް އެންމެ މޮޅު ފިލްމުގެ ޝަރަފުލިބުން ކަހަލަ ނަތީޖާތަކެވެ.
އެހެންކަމުން އޮސްކާ އަކީ އެންމެ މޮޅު ފިލްމުތަކުގެ އަގުވަޒަންކުރާ އެވޯޑް ހަފުލާއެކޭ ބުނެވޭކަށް ނެތެވެ. އަނެއްކޮޅުން ފާޑުކިޔުންތެރިންނާއި ފިލްމީ ދާއިރާގެ ތަޖުރިބާކާރުންގެ ނަޒަރުގައި މޮޅު ފިލްމުތައް ކަމަށް ކަނޑައަޅާފައިވާ ފިލްމުތައް އޮސްކާގައި އެހާ މަގްބޫލުނޫން ކަން ވެސް ފާހަގަކޮށްލެވެ އެވެ. މިސާލަކަށް 2001 ވަނަ އަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނު "ގްލޭޑިއޭޓާ" އަކީ ފާޑުކިޔުންތެރިންނަށް އެވަރަށް ކަމުދިޔަ ފިލްމެއް ނޫނެވެ.
އޮސްކާގައި އެންމެ މޮޅު ފިލްމަށް އެވޯޑް ނުދެވޭކަމުގެ އަޑުގަދަވެފައިވާއިރު ފިލްމުތަކަށް ވޯޓު ދިނުމުގެ މަރުހަލާގައި ނަސްލީތަފާތުކުރުމުގެ މައްސަލަ ވެސް ބޮޑު ކަމަށް ތުހުމަތުކުރެވެ އެވެ. އޮސްކާގައި މޮޅު ފިލްމާއި އެކްޓަރު އަދި އެހެން ފަންނާނުން ހޮވުމަށް ނެގޭ ވޯޓުގައި ގިނައީ ދޮން ނަސްލުގެ، ދޮށީ މީހުންނެވެ.
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، ކަޅު ނަސްލުގެ އެކްޓަރުންގެ ހުނަރުވެރިކަމަށް އޮސްކާގައި އަދިވެސް ހިތްހަމަޖެހޭވަރުގެ މަސައްކަތެއް ކުރެވިފައި ނެތީ މި ސަބަބާ ހެދި އެވެ. މިސާލަކަށް 1994 ވަނަ އަހަރުގެ މަޝްހޫރު ފިލްމު، އަދި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ "ދަ ޝޯޝޭންކް ރެޑެމްޕްޝަން" އަކީ ކަޅު ނަސްލުގެ އެކްޓަރެއް ކަމުގައި މޯގަމް ފްރީމަން ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކޮށް މި ފިލްމު ކަޓައިގެން ދިޔަ އެއް ސަބަބަކީ މޯގަން ފްރީމަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އޮސްކާގައި އަގުވަޒަންނުކުރަނީ ހަމައެކަނި ކަޅު ނަސްލުގެ އެކްޓަރުންނާއި ޑައިރެކްޓަރުންގެއެއް ނޫނެވެ. ހޮލީވުޑް ދުށް އެންމެ މޮޅު އެއް ޑައިރެކްޓަރު ކަމުގައިވާ މާޓިން ސްކޯސޭޒީގެ މާސްޓަޕީސް ފިލްމުތައް ކަމުގައިވާ "ޓެކްސީ ޑްރައިވާ" އާއި "ރޭޖިންބުލް" އަދި "ގުޑްފެލާސް" އަކީ އޮސްކާ ލިބުނު ފިލްމުތަކެއް ނޫނެވެ. އެކަޑެމީ އިން އެންމެފަހުން ސްކޯސޭޒީގެ އަގުވަޒަންކޮށް އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑެއް އޭނާ އަށް 2006 ވަނަ އަހަރު ދިނީ ރީމޭކެއް އުފައްދައިގެންނެވެ.
އެހެންވީމަ ހޮލީވުޑްގެ އެންމެ ޝަރަފްވެރި އެވޯޑް ހަފުލާގައި މި ފެންވަރުން އެކްޓަރުންނާއި ޑައިރެކްޓަރުންގެ އަގުވަޒަންކުރެވޭއިރު މިފަހަރުގެ އޮސްކާ އެވޯޑްސް އަށް ވާނެ ގޮތް ބެލުމަށް ވެސް އެތައް ބަޔަކު ވަނީ ކެތްމަދުވެފަ އެވެ. އެކަޑެމީ އެވޯޑްސްގައި ވޯޓްލާ މެމްބަރުންގެ އަދަދު 7،000 އަށް އަރާއިރު 89 ޕަސެންޓަކީ ދޮން ނަސްލުގެ މީހުންނެވެ. އަދި 73 ޕަސެންޓަކީ ފިރިހެނުންނެވެ. މިއީ އޮސްކާގައި އަންހެނުންނަށް އާންމުކޮށް އެވޯޑް ނުލިބޭ ކަމަށް ބުނެވޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ކޮމީޑިއަން ޖިމީ ކިމެލް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ އޮސްކާ ހަފުލާ އޮންނާނީ މިއަދު އެވެ. މިއީ އޮސްކާގެ 89 ވަނަ ހަފުލާއެވެ. އެވޯޑް ހަފުލާ އޮންނާނީ ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގަ އެވެ.
އެންމެ މޮޅު ފިލްމަށް ނުވަ ފިލްމެއް ވާދަކުރާއިރު "ލާ ލާ ލޭންޑް" އަކީ ފެވަރިޓެކެވެ. އެ ފިލްމު ފަހަތުން ބެރީ ޖެންކިންގެ "މޫންލައިޓް" އަކީ ވެސް އޮސްކާގައި ގިނަ ބަޔަކު ސިއްސުވާލަފާނެ ކަމަށް ބުނެވޭ ފިލްމެކެވެ.