ވާހަކަ

މުޅިޖާންހިތާ

(23 ފެބްރުއަރީ 2017 އާ ގުޅޭ)

"އައިރާ..." ހައިރާންވެފައި އިދުރީސްއަށް ގޮވާލެވުނެވެ. އަދި އައިރާއާއެކު ތިބި ކުދީންނަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލި އެވެ.

ލޮނުދަލުން ފޯވަމުންދިޔަ ދެއަތްތިލައިގެ ތެރެއަށް ހެދުމުގެ ބައެއް އައިރާއަށް ބޮނޑިކޮށްލެވުނީ އިދުރީސް ފެނުމުން ލިބުނު ހާސް ކަމާއެކު އެވެ. އިދުރީސްމެންގެއަށް ތާއިބުމެންނާއެކު އަންނަން ހަމަޖެހިފައި އޮއްވާ ނިޔާނު އޭނާ އެގެއަށް އެ ގެނައީ ކީއްކުރަން ކަމެއް ނޭނގެ އެވެ. އޭނާއަށް ވެސް ނިޔާނު ގާތު އެ ގެއަށް ހަވީރު އަންނަންޖެހިފައި އޮތް ވާހަކަ ބުނާކަށް ފުރުޞަތެއް ނުލިބެ އެވެ. ހާސްކަމެއްގެ ތެރޭގައި ޖެހިލުންވެފައި އައިރާ އިންދާ ނިޔާނު ޖޯލިން ތެދުވެ ކުރިއަށް ޖެހިލާ އިދުރީސްއާ ސަލާމްކޮށްލަން އަތް ދިއްކޮށްލި އެވެ.

"އަޅުގަނޑަށް ކިޔަނީ ނިޔާނު... އިދުރީސްއަށް ނޭނގި އޮތްކަމެއް ބުނެލަދޭންވެގެން މި އައީ" ނިޔާނު ސަލާމް ގޮވާލާފައި ދިއްކޮށްލި އަތުގައި އިދުރީސް ހިފުމުން ބުންޏެވެ. އެއާއެކު އިދުރީސް ބޮލުން އިޝާރާތްކޮށްލީ ނިޔާނު ބުނަން އުޅޭ ވާހަކައެއް ބުނާށޭ ބުނެ އެވެ. އޭރު ވެސް އޭނާގެ ނަޒަރު ދޭތެރެއަކުން ޖޯލީގައި އިން އައިރާއަށް ހުއްޓެއެވެ.

"އައިރާގެ ކައިވެނި އިދުރީސްގެ ދަރިއަކާ ކުރުމަށް ހަމަޖައްސަމުން އަންނަކަން އެނގޭ... އައިރާއަށް އެ ކައިވެނި ކުރެވެން ނެތްކަން ވެސް އޭނާ އޮތީ ބުނެފައެއްނު... ގަދަކަމުން ކައިވެންޏެއް ކުރުވައިގެން އެކަކަށް ވެސް އުފަލެއް ނުލިބޭނެ"

"ބުނަން ބޭނުންވަނީ ކީކޭ... ސާފު ސާފުކޮށް ބުނެބަލަ... އެހެން ނޫނަސް އައިރާގެ ވާހަކަ ތި ދައްކަނީ ކޮން ހައިސިއްޔަތަކުން..." ނިޔާނުގެ ވާހަކަ ހުއްޓުވާލާފައި އިދުރީސް އަހާލިއެވެ. އޭނާގެ އަޑުން ހިތްހަމަނުޖެހިފައި ހުރިކަން އެވަގުތު އެތަނުގައި ތިބި އެންމެނަށް އިހުސާސް ކުރެވިގެން ދިޔައެވެ. ހަމައެއާއެކު އައިރާ އާއި ޝިވަންގެ ދެމެދުގައި ދެކެވުނު ވާހަކަތައް ޝިވަން އޮތީ އިދުރީސްއަށް ކިޔައިދީފަ އެވެ.

"އައިރާ އެ އިނީ އަހަންނާ އިންނަން ރަންކިޔާފައި. މީ ދޮގެއް ނޫން... ކޯޓުގައި އުޅޭ ޖަމްޝީދަކީ މިރަށު މީހުން ވަރަށް ރަނގަޅަށް ދަންނަ މީހެއްނު... އޭނާގެ އަތުގައި އަޅުގަނޑުމެންގެ ކައިވެނި ފޯމު އޮންނާނެ... ބޭނުމިއްޔާ އޭނާއަށް ގުޅާފައި އަހަންވީ... އެހެންވެ މި ބުނަނީ އައިރާއަށް ދެވަނަ މީހަކާ ނީނދެވޭނެއޭ... އޭނާގެ ބޮޑު ބޭބެއެއް ކަމަކު އައިރާ ކުރަން ބޭނުން ނޫން ކަމަކަށް މަޖުބޫރެއް ނުކުރެވޭނެ... އެމީހުންނަށް ކަންކަން އެނގުނަސް ނޭނގޭ ކަމަށް ހަދަނީ... އެކަމަކު... އަޅުގަނޑު ޤަބޫލުކުރަނީ އިދުރީސްއަކީ ވިސްނޭ މީހަކަށް ވާނޭ ކަމަށް..." ނިޔާނުގެ ވާހަކަ ނިންމާލި އިރު ވެސް އިދުރީސް ހުރީ ބަހެއް ނުބުނެ ހިމޭނުންނެވެ.
"އަޅުގަނޑު ބުނަން އައި ވާހަކަ ބުނެވިއްޖެ... އިދުރީސް ބުނާނޭ އެއްޗެއް ނެތިއްޔާ ދެން ދަނީ" އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ނިޔާނު ބުންޏެވެ. އަދި އެނބުރި ޖޯލީގައި ތިބި މީހުންނަށް އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ.

"ނިޔާނު... ކީއްތިކުރީ..." އިދުރީސްމެންގޭ ދޮރޯށިން މަގުމައްޗަށް ނުކުމެވުމާއެކު ނިޔާނުގެ އަތުގައި ހިފާ އައިރާއާ ދިމާއަށް އަނބުރާލި އެވެ.

"މި ނޫންގޮތެއް މިވަގުތަށް ނެތް. މިހާރު އެއްވެސް މީހަކަށް އައިރާއަށް މަޖުބޫރެއް ނުކުރެވޭނެ... އެޔެއްނޫންތަ އައިރާ ބޭނުންވާ ގޮތަކީ" ނިޔާނުގެ ބަސްތަކުން އައިރާގެ ދޫ ބަންދުވެއްޖެ އެވެ.

އެންމެން އެކުގައި އެނބުރި އައިސް ވަނީ ލިޒީމެންގެއަށެވެ. އެގޭ ޖޯލީގައި އެންމެން ތިއްބާ ދާއޫދު ބޭރުން ގެއަށް ވަންނަން އައެވެ. އޭނާ ނިޔާނާއި އައިރާއަށް ބަލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. ނަސީބަކުން އެއްޗެއް ނުބުނެ އެވެ. ދާއޫދު ގެއަށް އައިކަން އެނގިގެން އައިރާ ތެދުވެގެން ދާން އުޅުނެވެ. އެހިނދު އޭނާގެ އަތުގައި ހިފެހެއްޓީ ލިޒީ އެވެ. ހަތަރު މީހުން ވާހަކައިގައި ތިއްބާ ޒަމާނީގޭ ދޮރޯށި ހުޅުވާލަފައި ހިޝްމާ ބޭރު ބަލާލިތަން ލިޒީމެންގޭ ޖޯލިފަތީގައި ތިބި ހަތަރު ޒުވާނުންނަށް ވެސް ފެނުނެވެ. އެމީހުންނަށް ހައިރާން ކަމެއް ލިބިގެންދިޔައީ ގެއިން ނުކުމެގެން ހަރުކޮށް ހިނގާފައި ލިޒީމެންގެއާ ދިމާއަށް ހިޝްމާ އަންނާތީ އެވެ.

"އައިރާ!... ހަމަ މިހާރު ގެއަށް އާދޭ" ލިޒީމެންގޭ ވަށާފާރުބުރި ކައިރީ މަގުމައްޗަށްވީ ފަރާތުގައި މަޑުކޮށްލުމާއެކު ހިޝްމާ ހަޅޭލަވައިގަތެވެ. އޭނާގެ އަމުރުވެރި ބާރު އަޑު އިވިގެންދިއުމާއެކު އައިރާއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގަ އެވެ. ހިސާބުގަނޑު މީހުން އެއްވުމުގެ ކުރީން ހިޝްމާއާއެކު ގެއަށް ދާން އައިރާ ބޭނުންވިއެވެ.

"އައިރާ..." ކުރިއަށް ހިނގައިގަތް އައިރާ ހުއްޓުވުމަށް ޓަކައި ނިޔާނު ވެސް ތެދުވި އެވެ.

"ފަހުން..." އައިރާ އެނބުރިލާފައި ނިޔާނަށް ބުނެލިއެވެ. އަދި އެންމެން ބަލަން ތިއްބާ އައިރާ ދުވެފައި އައިސް ޒަމާނީގޭ ދޮރޯށިން އެތެރެއަށް ވަދެއްޖެއެވެ.

"ކަލޭގެ ލަދުހަޔާތްކުޑަކަން ދޯ... ބަލަ ކަލޭގެ ބޮޑުބޭބެގެ ޤަދަރަށް ވެސް ވިސްނާލުމެއްނެއްތަ؟ އިދުރީސްގެ ޝިވަންއާ ގުޅުމުން ހަމަ ފައިދާ ކުރާނީ ކަލެއަށް... މަ ހިޔެއް ނުކުރަން ކަލޭގެ ނުބައިކަން ހައްދުފަހަނަ އަޅާފާނެއެކޭ... އަހަރުމެންނަށް ނޭނގި އިދުރީސްމެންގެއަށް ގޮސް ކޮން ބުހުތާނު ވާހަކަތަކެއް ދައްކާފައި ތި އައީ... ކަލޭ ހީކުރީ އެވަރު ކުރީމާ އެ މީހަކާ އިނދެވޭނެކަމައްތަ؟..."

"އައިރާ މީހަކާ އިނިއްޔާ އިންނާނީ އިރާދަކުރެއްވިއްޔާ މި ނިޔާނުއާ" ކުއްލިއަކަށް ނިޔާނުގެ އަޑު އައީ ހިޝްމާމެންގޭ ސިޓިންރޫމު ދޮރުމަތިންނެވެ. ހިޝްމާއާއި އައިރާއަށް އެ ދިމާއަށް ބަލާލެވުނު ހިނދު އެމީހުންނަށް ބަލަން ލިޒީއާއި ނިޔާނު ތިއްބެވެ.

"އެކަކު ވެސް ދޮގު ވާހަކައެއް ނުދައްކާ... އައިރާ އެ އިނީ އަހަންނާ އިންނަން ރަންކިޔާފައި... ﷲ އިރާދަކުރެއްވިއްޔާ އައިރާވާނީ ހަމައެކަނި އަހަރެންގެ އަނތްބަކަށް... އެކަން އައިރާގެ ބޮޑުބޭބެ ވެސް ޖެހޭނީ ޤަބޫލުކުރަން" ނިޔާނު ބުންޏެވެ.

"މީހުންގެ ގޯތިގެދޮރަށް ވަންނަން ކަލޭތީ ކާކު؟ އައިރާގެ މައްޗަށް އަދިވެސް ހިނގާނީ އަހަރުމެންގެ އަމުރު. އެހެންނޫނީ އޭނާ ހުންނާނީ މިގެއިން ބޭރުގައި..." ހިޝްމާ ބުންޏެވެ.

ހިޝްމާއަކީ ނިކަން ފަސޭހައިން ރުންކުރުވާ އަންހެނެކެވެ. ރުޅިއައުމާއެކު ގިނަ ފަހަރަށް އޭނާއަށް ކިޔޭ ނުކިޔޭއެއް ވެސް ނޭނގޭނެ އެވެ. ހިޝްމާއާ ޖަދަލު ނުކުރުމަށް ނިޔާނަށް އައިރާ އެކި ގޮތްގޮތުން އިޝާރާތް ކުރަމުން ދިޔަ ނަމަވެސް ނިޔާނު ހުރީ ދޫދޭ ފަދަ ގޮތަކަށް ނޫނެވެ. ޒުވާބުގަނޑު އިތުރަށް ހޫނުވީ ކޮޓަރީގައި އުޅުނު ޝަމްއާނު ވެސް ސިޓިންރޫމަށް ނުކުމެ ނިޔާނާ ދިމާއަށް އެއްޗެހި ކިޔަން ފެށުމުންނެވެ. އެއާއެކު ލިޒީއަށް ވެސް ދޫ ހިމޭނަކުން ނުބޭއްވުނެވެ. ޝަމްޢާނުގެ ޢަމަލުތައް އައިރާއާ ދޭތެރޭ ހުންނަ ގޮތުގެ ވާހަކަ ލިޒީ ގޮވާލުމާއެކު ޝަމްއާނަށް ހުއްޓުން އަރައިފިއެވެ. އެހެންނަމަވެސް ހިޝްމާގެ ރުޅިގަނޑު އިތުރަށް ހުޅުފަޅައިގެން ދިޔައެވެ. ލޯބިވާ ފިރިހެންދަރިފުޅާ ބެހޭގޮތުން އިވެމުންދިޔަ ވާހަކަތަކަކީ ލަދުވެތި ވާހަކަތަކަށްވެފައި އެ ވާހަކަ ޤަބޫލުކުރަން ވެސް ހިޝްމާ ބޭނުން ނުވީއެވެ.

"މަގުމައްޗާ ހަމައަށް އެބަހުއްޓޭ ކަލޭމެންގެ އަޑު" ކުއްލިއަކަށް ދޮރޯށި ހުޅުވާލަފައި އެތެރެއަށް ވަން ތާއިބު ބުންޏެވެ. އެހިނދު ސިޓިންރޫމު ދޮރުމަތީ ތިބި ނިޔާނައި ލިޒީ އެއްޗެއް ނުބުނެ އެއްފަރާތައް ޖެހިލީ ތާއިބު ވަންނަން ތަންދިނުމުގެ ގޮތުންނެވެ. އޭރު ވެސް ހިޝްމާ ހުއްޓައެއް ނުލައެވެ. ދުލަށް އައިހާ ހުތުރު އެއްޗެއް އައިރާއާ ދިމާއަށް ގޮވަމުންދިޔައެވެ. ލިޒީއާއި ނިޔާނަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު އަވަސް އަވަހަށް ތާއިބު ސިޓިންރޫމުން އެތެރެ ވެއްޖެއެވެ.

"ކިހިނެއްތަ..." ތާއިބަށް ރަނގަޅަށް ބުނަން އުޅުނު އެއްޗެއް ނުބުނެވެނީސް ހިޝްމާ އަޑުގަދަކޮށް ގަތެވެ.

"މިގެއިން މި މުޑުދާރު އަންހެނާ ނެރޭ... އެހެންނޫނީ ނުކުމެގެންދާނީ އަހަރެން..." އަމުރުވެރިކަމާއި އިންޒާރެއް ފަދައިން ހިޝްމާ ބުނެލީ ތާއިބަށް ބަލަން ހުރެއެވެ. އަދި އިދުރީސް ގުޅާފައި ދެއްކި ވާހަކައާއި ނިޔާނުއާއި ލިޒީ ކީހާ އެއްޗެހި ތާއިބުގެ ގާތުގައި ހިޝްމާ ކިޔާލީ އެތައް ގުނައެއް އިތުރު ކޮށްލުމާއެކު އެވެ. ތާއިބުގެ ސިކުނޑި ވެސް އެނބުރިގަތް ކަހަލައެވެ. އައި ރުޅީގައި އައިރާގެ ކަންފަތްމަތީ އޭނާއަށް ޖެހުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. އެހިނދު ނިޔާނު ސިޓިންރޫމުގެ ތެރެއަށް ވަދެ އައިރާގެ އަތުގައި ހިފައި ދަމައިގަތުމާއެކު އޭނާގެ ގާތަށް އައިރާ ގެނެސްފިއެވެ.

"ބޭބެ ޕްލީޒް... އަހަރެން ބޭނުންވަނީ ނިޔާނާ އިންނަން..." އައިރާ ފުރަތަމަ ފަހަރަށް އަނގަހުޅުވާލި އެވެ.

"ކަލޭގެ ބޭބެއެއް ނުހުންނާނެ... ކަލޭ ބޭނުންކުރާ އެއްޗެހި ހިފައިގެން ހަމަމިހާރު މިގެއިން ނުކުމޭ... ކަލެއަށް މިހާރު ތިއޮތީ އުޅެވޭނެގޮތް ފެނިފައި... މިހުރި ފިރިހެނާއާއެކު މިގެއިން ނުކުމެގެންދޭ... އަހަރުމެން ކަލޭ އުޅޭގޮތް ބަލާކަށް ނުދާނަން... އަދި ބުނަން... ދުވަހެއްގެ ކޮޅުން ވެސް މިގެއަކަށް ނުވަދެވޭނެ... ނުވެސް ވައްދާނަން..."

ތާއިބު ބުނުމުން ވެސް އައިރާ ހިމޭނުން ހުރީ ހަދާނޭ ގޮތެއް ނޭނގިފައެވެ. އޭނާ އެގެއިން ނުކުމެގެން ގޮސް ވަންނާނެތަނެއް ނެތީމައެވެ. އެހެންހުއްޓާ ތާއިބު އައިސް އައިރާގެ އަތުގައި ހިފައިގެ އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ނިޔާނާއި ލިޒީ ވެސް ވަނީ ކަންބޮޑުވެފައި ތިބެއެވެ. ތާއިބު އައިސް އައިރާ އުޅޭ ކޮޓަރިގަނޑު ކުރިމަތީ ހުއްޓުމާއެކު އަނެއްކާ ވެސް އަމުރުކުރީ އައިރާ ބޭނުންކުރާ ސަމާނު ހިފައިގެން އެގެއިން ނުކުމެގެން ދިއުމަށެވެ.

"އައިރާ... އެއްޗެހި ހިފައިގެން ހިނގާ..." ކަންބޮޑުވެފައި ހުރި އައިރާގެ ހަރަކާތްތައް ފެނިފައި ނިޔާނު އެންމެފަހުން ބުނެލިއެވެ. އެއާއެކު އައިރާ ކޮޓަރިއަށް ވަދެ އޭނާގެ އަންނައުނުތައް ފޮށްޓަށް އަޅައިގެން ނުކުތެވެ. ގެންދާނޭ ބައިވެރި އެއްޗެހިތަކެއް އޭނާގެ އަތަކު ނުވެސް ނެތެވެ.

"އެނބުރި ނާންނާތި އަހަރުމެންގެ ގާތަށް... ކަލެއާ އަހަރުމެންނާ އެއްވެސް ގުޅުމެއް ދެން ނޯންނާނެ..." ފޮށިހިފައިގެން ގެއިން ނުކުންނަން ދިޔަ ނިޔާނުގެ ފަހަތުން އައިރާ ދިއުމުން ތާއިބު ނިކަން ބާރަށް ބުންޏެވެ. ގެއިން ނުކުތުމުގެ ކުރިން އައިރާ ފަސްއެނބުރި ތާއިބާއި ހިޝްމާއަށް ބަލާލިއެވެ. އެހެންނަމަވެސް އެމީހުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިއާއި ނަފުރަތެވެ. އައިރާގެ ޢާއިލާއަކީ ތާއިބުމެން ކަމުގައި ވިޔަސް އެމީހުން ދުވަހަކު ވެސް އައިރާ ބަލައި ނުގަންނާނޭކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް އެހާ ދުވަހު އެމީހުންގެ ގާތުގައި އުޅެފައި އެފަދަ ގޮތަކަށް ވަކިވެގެން ދާން ޖެހުމުން އައިރާގެ ހިތަށް އުނދަގޫވިއެވެ.

"އޭތް! ތިއޯ... ފުރަނީތަ؟..." ޖޯލީގައި އޮތް ޖުވައިންއަށް އައިރާގެ ފޮށި ހިފައިގެން ނިޔާނު އައިސް ލިޒީމެންގެއަށް ވަން ވަގުތު ބުނެލިއެވެ.

"އަހަންނާ އިންނަން އުޅޭކަން އެނގޭތީ ދެން އެމީހުންނަށް ކުރެވޭނެ ކަމެއްނެތީމަ ގެއިން ބޭރުކޮށްލީ" ނިޔާނު ބުންޏެވެ.

"އެމީހުންނަށް ހީވާކަހަލަ އެމީހުންގެ މުށުތެރެއަށް ލައިގެން މުޅިއުމުރަށް އައިރާ ގެންގުޅެވިދާނެއޭ... އައިރާއަށް ދެރަދޭން ވެގެން ގެއިން އެ ނެރެލީ... އެކަމަކު އެމީހުން..." ލިޒީ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވީ އެމީހުންގެ ގާތުގައި ހުރެފައި އައިރާ ދުވެފައި އެގޭ ބިއްދޮށް ފަރާތަށް ދެވޭ ގޮތަށް ހުންނަ ހިމަ ގޯޅިގަނޑާ ދިމާއަށް ދިއުމުންނެވެ.

"އައިރާ..." ލިޒީ ދާން އުޅުނު ހިނދު ނިޔާނު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެން ދާނީ..." ނިޔާނު މިހެން ބުނެފައި އައިސް ގޯޅިގަނޑަށް ބޯދިއްކޮށްލިއިރު ފާރުގައި ލެނގިލައިގެން އިސްޖެހިފައި އައިރާ ހުއްޓެވެ.

"އައިރާ..." ނިޔާނު އައިސް ގޮވާލުމާއެކު އޭނާއަށް އައިރާ ބަލާލީ ކަރުނުން ފުރިފައިވާ ދެ ލޮލުންނެވެ. އޭނާ ނިޔާނުގެ މޭގައި ތަޅައިގަތެވެ.

"މީ ނިޔާނުގެ ކަންތައް... މިހެން ވެދާނެތީ ނިޔާނަށް ހުއްޓާލުމަށް އެދެމުންދިޔައީ... މީ ހަމަ ނިޔާނުގެ ކަންތައް... ދެން އަހަރެން ދާނީ ކޮންތާކަށް..." ރޮވިފައިވާ އަޑަކުން އައިރާ ވާހަކަދެއްކިއެވެ. އައިރާގެ ދެއަތުގައި ނިޔާނު ހިފަހައްޓާލުމާއެކު ގެނެސް އޭނާގެ މޭގައި އައިރާ ފޮރުވާލިއެވެ.

"ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް... އަހަރެން ނުދާނަން އައިރާއަށް ގޮތެއް ހޯދައި ދީފާނޫނީ... އަހަންނަށް އިތުބާރުކުރާށޭ ބުނަމެއްނު... ތީ މިހާރު އަހަރެންގެ ވާން އުޅޭ އަނބިމީހާއެއްނު... އައިރާ ކަންބޮޑުވާ ކޮންމެ ކަމަކީ އަހަރެން ވެސް އެކަމާ މެދު ކަންބޮޑުވާނޭ ކަންކަން... ސޯ ޕްލީޒް... ޑޯންޓް ކްރައި.... އަހަރެން މިކަން ވެސް ހައްލުކުރާނަން..."

"އުފާވެރިކަން ހޯދުމަށް ޓަކައި މިހާ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެކަމަށް ހިޔެއްނުކުރަން... ލޯބިވުމުން ވެސް އަހަންނަށް އެކަމުގެ އެންމެ ފުރިހަމަ އުފާވެރިކަމެއް ނުލިބުނު... އަހަރެންގެ އުފާވެރިކަން ފޭރިގަންނަން މި ދުނިޔެ އަބަދު މަސައްކަތް ކުރާ ކަހަލަ..." ނިޔާނުގެ މޭގައި މޫނު ޖައްސާލައިގެން ހުރެ މަޑުމަޑުން އެ މޭގައި އައިރާ ފިރުމާލިއެވެ. އެހިނދު ކުރިއަށްވުރެ ވެސް ނިޔާނުގެ ދެއަތުގެ ތެރޭ އައިރާ ފިއްތާލައިފިއެވެ.
(ނުނިމޭ)