ބޮލީވުޑް

ގޯރީ ޚާން ފެޝަން ޑިޒައިނަރަކަށް

Mar 22, 2015

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ފެޝަން ޑިޒައިނާ އެއްގެ ގޮތުގައި ފުރަތަމަ ފެނިލުން އިއްޔެ ނިމުނު ލެކްމޭ ފެޝަން ވީކް ރިސޯޓް 2015 ގައި ދައްކާލައިފި އެވެ. 

މަޝްހޫރު ގިނަ ފިލްމްތަކެއްވެސް ޕްރޮޑިއުސްކޮަށްފައިވާ ގޯރީ އޭނާގެ ފެޝަން ކަލެކަޝަން ދައްކާލައިފައިވަނީ މަޝްހޫރު ޑިޒައިނަރު ސަތްޔާ ޕޯލްގެ ކަލެކްޝަންގެ ދަށުންނެވެ. 

ސަތްޔާ ޕޯލް ބްރޭންޑަށް30 އަހަރު ފުރުމާ ދިމާކޮށް "އަ ޓްރޮޕިކަލް ވޮންޑަރ"ގެ ނަމުގައި ދައްކާލި ގޯރީގެ ކަލެކްޝަންގައި ވަނީ ކަފްތާން، ޓިއުނިކްސް، ޝިފްޓް ޑްރެސްގެ އިތުރުން ސާޅިވެސް ދައްކާލާފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ މެދު ތެރޭގައި ގޯރީ ވަނީ އޭނާ ސަތްޔާ ޕޯލްގެ ބްރޭންޑްއަށް 30 އަހަރު ފުރުމާ ދިމާކޮށް، އެމީހުންނާ އެކުވެގެން ޑިޒައިން ކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ސަތްޔާ ޕޯލް އަށް ޑިޒައިން ކުރި ފުރަތަމަ ހެދުންތައް ދައްކާލުމަށްފަހު ގޯރީ ބުނީ އޭނާ ޑިޒައިން ކުރާ ހެދުންތަކުގައި މުޅިންވެސް ފެނިގެން ދާނީ އަމިއްލަ ޕާސަނަލް ސަޓައިލް ކަމަށެވެ. 

"އިންޑިއާގެ މިހާ ނަން މަޝްހޫރު ބްރޭންޑްއަކަށް ޑިޒައިން ކޮށް އެންޑޯޒް ކުރުމަކީ އަހަންނަށް މުޅިން އާ ތަޖުރިބާ އެއް" ޕްރޮޑިއުސަރު ގޯރީ ބުންޏެވެ.

ފިލްމްއިންޑަސްޓްރީ ގައި ހަރަކާތްތެރިވާ ގޯރީގެ ގާތް ރައްޓެހިންގެ ތެރެއިން ކަރަން ޖޯހަރު، މަލައިކާ އަރޯރާ ޚާން އާއި ތަނީޝާ މުކަރްޖީ ވަނީ މި އިވެންޓަށް އެޓެންޑްކޮށް ގޯރީއަށް ހިތްވަރުދީފަ އެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ގޯރީ ވަނީ  އިންޓީރިއާ ޑިޒައިންވެސް ކޮށްފަ އެވެ.