ހަބަރު

އިޔާދަކުރަނިވި ހަކަތަ އުފައްދަން އިންޖީނުގެތަކުގެ މުވައްޒަފުންނަށް ދަސްކޮށްދެނީ

އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމްތައް ގާއިމްކުރުމަށް ހަދަން ޖެހޭ ސާވޭތައް ހެދުމާއި އެފަދަ ނިޒާމްތައް ގާއިމް ކުރުމާއި ހިންގުމާ ގުޅޭ ކަންކަން ދަސްކޮށްދިނުމަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ހއ. ދިއްދޫގައި ފަށައިފި އެވެ.

"ސުޕަވިޝަން، ކޮންސްޓްރަކްޝަން އެންޑް އިމްޕލިމެންޓޭޝަން އޮފް ހައިބްރިޑް ރިނިއުބަލް އެނާޖީ ސިސްޓަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން މިއަދުން ފެށިގެން، މާދަމާގެ ނިޔަލަށް އެ ރަށުގައި ބާއްވާނެ އެވެ. މިއީ ރަށްތަކުގައި އިއާދަ ކުރަނުވި ހަކަތަ އުފެއްދުމަށް އޭޑީބީއާ ގުޅިގެން އެންވަޔަރުމަންޓް މިނިސްޓްރީ އާއި ފެނަކައިން ގެންދާ، ޕޮއިސްޑް މަޝްރޫއުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މިނިސްޓްރީ އިން ބުނި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދޭނީ، އިއާދަކުރަނިވި ހަކަތައް އުފައްދާ ނިޒާމްތައް ގާއިމްކުރުމުގައި ބަލަންޖެހޭކަންކަމާއި، ޕަވާ ޕްލާންޓް ގާއިމުކޮށް ސުޕަވައިޒް ކުރާނެ ގޮތުގެ އިތުރުން ޑީސަލް ޖެނެރޭޓާ އޮޕާރޭޓްކޮށް މެއިންޓެއިން ކުރާނެ ގޮތާއި ބެހޭގޮތުން އެވެ. މި ބައްދަލުވުމުގައި މައުލޫމާތުދެއްވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނެވެ.

އެ އަތޮޅުގެ އިންޖީނުގެތަކުން ކޮންމެ އިންޖީނުގެއަކުން ދެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 28 ފަރާތަކުން ބައިވެރިވާ މި މަސައްކަތު ބައްދަލުވުމަކީ ރަށްރަށުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނާއި ހުނަރު އިތުރު ކޮށްދޭނެ ޕްރޮގްރާމެކެވެ.