ދިވެހި ސިނަމާ

"ވިޝްކާ" ގެ ޕްރިމިއާ ހުއްޓުވުމުގެ ބިރުބޮޑުވެއްޖެ

ޔާރާ ޕްރޮޑަކްޝަންސް އިން އަންނަ މާޗު މަހުގެ އަށް ވަނަ ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއާކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ވިޝްކާ" ގެ މިލްކުވެރިކަމަށް ދައުވާކުރާ ކެމެރާމަން ކޮކޯ ހަސަން ހަލީމު، މި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނައިރު ފިލްމުގެ ޕްރިމިއާ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރުބޮޑުވެއްޖެ އެވެ.

ކޮކޯ ހަސަން އަވަސް އަށް ދިން އިންޓަވިއުއެއްގައި މިއަދު ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކަމާ ބެހޭ ފަރާތަށް "ވިޝްކާ" ގެ މައްސަލަ އޭނާގެ ޓީމުން ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ރަސްމީކޮށް މައްސަލަ ހުށަހަޅައިފި ނަމަ "ވިޝްކާ" ގެ ޝޯތައް ވަގުތީގޮތުން ހުއްޓުމަކަށް ގެނައުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާ ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"24 ގަޑިއިރު ތެރޭގައި މި މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށަހަޅާ ނަމަ ހުށަހަޅާނަން އަޅުގަނޑު. އެކި މީހުންނާ ވާހަކަ ދައްކަމުން މި ދަނީ. އެންމެން ވެސް މި ބުނަނީ ކަމާ ބެހޭ ފަރާތަށް ދާށޭ. ލޯޔަރު ބުނަނީ މި ލިޔުންތައް މިހެން ހުރި ނަމަ (ވިޝްކާ) އަކީ އަޅުގަނޑުގެ އެއްޗެކޭ،" ފިލްމީ ދާއިރާގައި ކެމެރާމަނެއްގެ ގޮތުގައި މަސައްކަތްކުރާތާ 25 އަށް ވުރެ ގިނަ އަހަރުވެފައިވާ ތަޖުރިބާކާރު ބުންޏެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ކަމާ ބެހޭ ފަރާތްތަކުން ބަލަން ޖެހޭ މައުލޫމާތުތަކެއް ސާފުކުރަން ފިލްމު ހުއްޓުވަން ޖެހޭ ނަމަ އެމީހުން އެފަދަ ކަމެއްކޮށްފާނެ ކަމަށް."

ޔާރާ ޕްރޮޑަކްޝަންސްއާ އެކު ރިޝްމީގެ އެހެން ފިލްމުތައް ކަމުގައިވާ "ކުރުވިލޭރޭ" އާއި "ފަނާ" ގައި ވެސް މަސައްކަތްކޮށްފައިވާ ކޮކޯ ހަސަން ބުނަނީ ކަމާ ބެހޭ ފަރާތްތަކަށް ނުގޮސް މައްސަލަ ނިމޭ ވަރަށް ވުރެން "ވިޝްކާ" ގެ މައްސަލަ މިހާރު ބޮޑުވެފައިވާ ކަމަށެވެ. އަދި އެންމެނަށް މި ވާހަކަ އެނގިގެން ގޮސްފައި އޮތުމަކީ އޭގެ ހަގީގަތް ވެސް އެންމެނަށް އެނގެން ޖެހޭ ކަމެކެވެ.

"ކަމާ ބެހޭ ފަރާތަށް ނުގެންގޮސް ހައްލެއް ނުކުރެވޭނެ މިހާރު އޮތް ގޮތުން. ރިޝްމީ އަޅުގަނޑަކާ ވާހަކައެއް ވެސް ނުދަައްކާ. އަޅުގަނޑު މިއަށް ޚަރަދުތަކެއް ކޮށްފައި، އޭގެ ވެރި ފަރާތުން (މިލްކުވެރިކަމުގެ) ސިޓީއެއް ދީފައި ވަނިކޮށް ރިޝްމީ އޭނަގެ އެއްޗެކޭ ބުނާތީ، މިއީ ރިޝްމީގެ އެއްޗެއްތޯ ނުވަތަ އަޅުގަނޑުގެ އެއްޗެއްތޯ ބަލަން ބޭނުންވަނީ،" ކޮކޯ ހަސަން ބުންޏެވެ.

"ކޯޓުން ނުވަތަ ބަލާ ތަނަކުން ބަލާފައި ނިންމާ ގޮތަކަށް އަޅުގަނޑު ގަބޫލުކުރާނަން. ރިޝްމީގެ އެއްޗެއް ކަމަށް ނިންމައިފި ނަމަ އަޅުގަނޑު މައާފަށް ވެސް އެދޭނަން."

"އަޅުގަނޑަކީ ލާރިއާ ހެދި އުޅޭ މީހެއް ނޫން. އަޅުގަނޑަކީ ވަރަށް ހަމަޖެހިލައިގެން އުޅޭ މީހެއް."

"ވިޝްކާ" ގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރަނީ ފިލްމުގެ އޮރިޖިނަލް ވާހަކަ ލިޔުނު ފަރާތުން ވާހަކައިގެ ހުރިހާ ރައިޓްސްއެއް ކޮކޯ ހަސަން އަށް މިލްކުކޮށްދީފައިވާ ކަމަށް ބުނެ ސޮއިކޮށްފައިވާ ސިޓީއެއް އޭނާގެ އަތުން ލިބިފައިވާތީ އެވެ. މި ސިޓީގެ ހަގީގަތް ރިޝްމީ ވެސް ކަށަވަރުކޮށްދެ އެވެ. ނަމަވެސް ރިޝްމީ ބުނީ އެއީ "ފޮ ދަ މޮމެންޓަށް" ލިޔެފައި ކޮކޯ ހަސަނަށް ދިން ސިޓީއެއް ކަމަށެވެ.

"ރިޝްމީ ބުނީ މިވަގުތަކު ނެތޭ (ސްކްރީން ރައިޓަރު މަހުދީ އަހުމަދަށް ދޭނެ އަގު). ޕްރޮޑިއުސަރެއް އަދި ނުލިބެއެއް ނޫން ހެއްޔޭ މި އުޅެނީ. (ކޮކޯ ހަސަން) ގެ އަތުން ޕޭއިކޮށްލަންވީ ނޫން ހެއްޔޭ. ދެން ބުނެފި ތިމަންނައަކަށް ޕޭއިއެއް ނުކުރެވޭނެ ނޫން ހެއްޔޯ ތިމަންނަ އަތުގައި ލިޔުމެއް ކަހަލަ އެއްޗެއް ނެތިއްޔާމު. ތިމަންނަގެ އެއްޗެއްކަން އެނގޭ ކަހަލަ ލިޔުމެއް ނެތި،" ކުރިން ދިން އިންޓަވިއުއެއްގައި ރިޝްމީ ބުނެފައިވެ އެވެ.

"ދެން އަޅުގަނޑު ބުނިން ހިނގާށޭ ފޮ ދަ މޯމެންޓް ލިޔުމެއް ތައްޔާރުކޮށްލަން. ރިޝްމީ ބުނި ބުނުމަކަށް ވިޝާމް ދެ ސެންޓެންސްގެ ލެޓާއެއް ދިނީ. ވިޝާމަކަށް އޭނަ ޕޭއިއެއް ނުކުރޭ. ރިޝްމީ ޕާސަނަލީ ވިޝާމަށް ޔަގީންކަން ދިނިން ޕޭއިކުރާނެ ކަމުގެ."

ރިޝްމީ ބުނީ ވާހަކަ އަށާއި ސްކްރިޕްޓަށް އަގު ދިނީ ރިޝްމީ ކަމަށްވާއިރު ކޮކޯ ހަސަން ދައްކާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށެވެ. ކޮކޯ ހަސަން މަހުދީ އަށް ހާފް ޕޭމަންޓް ހެދި ނަމަވެސް ސްކްރިޕްޓްގެ އަސްލާ ގުޅިފައިވީ ވާހަކައިގެ ހުރިހާ ރައިޓްސްއެއް ލިބިފައިވާ ކަމަށް އޭނާ ބުނެ އެވެ.

ވާހަކަ އާއި ސްކްރިޕްޓް ވެސް މިލްކުވެރިކަން ލިބިފައިވާ ކަމަށް ކޮކޯ ހަސަން ބުނަމުން ދަނިކޮށް ރިޝްމީ ފަހުން މި ފިލްމު ހަދާފައި ވަނީ ކޮކޯ ހަސަންގެ ހުއްދައެއް ހޯދުމެއް ނެތި އެވެ. "ވިޝްކާ" ގެ ވާހަކައިގެ އަސްލަށް ފިލްމެއް ހަދަން އޭގެ ސްކްރިޕްޓް 20،000ރ. އަށް ވިއްކަން ކޮކޯ ހަސަން ރިޝްމީ އަށް ހުށަހެޅުމުން އެ ކޮކޯ ހަސަނާ މުއާމަލާތުކުރުމުގެ ބަދަލުގައި ރިޝްމީ ފަހުން މި ސްކްރިޕްޓް ގަނެފައި ވަނީ މަހުދީއަތުންނެވެ.

"ވިޝްކާ" ވާހަކައިގެ މިލްކުވެރިކަން ސިޓީއަކުން އޭރު އޮތީ ކޮކޯ ހަސަންގެ އަތުގައި ކަމަށް އޭނާ ބުނެ އެވެ.