ހަބަރު

"ފިޔަވަތީ"ގައި އެސްޓީއޯއިން ކުޑަކުދިންގެ ޕާކެއް ހަދައިދީފި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގައި ހުންނަ ކުޑަ ކުދިން ގެ ހިޔާ "ފިޔަވަތީ" ގައި، އެންމެ ފަހުގެ ވަސީލަތްތަކާ އެކު ކުޑަކުދިންގެ ޕާކެއް ގާއިމްކޮށްދީ، އެތަން ހުޅުވައިފި އެވެ.

މި ޕާކު ރަސްމީކޮށް ހުޅުއްވައި ދެއްވީ ޖެންޑާ މިނިސްޓަރު، އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

މި ރަސްމިއްޔާތުގައި ވަހާކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ، ހާއްސަ އެހީ އަށް ބޭނުންވާކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެސްޓީއޯއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ. އަދި މިފަދަ ސީއެސްއާރު ޕްރޮގްރާމްތައް ހިންގުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއްކަން ވެސް އެމްޑީ ފާހަގަ ކުރެއްވި އެވެ. އޭނާ ވަނީ ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ގިނަ ސީއެސްއާރު ޕްރޮގްރާމްތައް ހިންގުމުގައި އެ ކުންފުނިން އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ދައްވައިފަ އެވެ.

އެ ހަފްލާގައި، ޖެންޑާ މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ، ތައުލީމީ ގޮތުންނާއި މުޖުތަމައު ގައި އުފަލުގައި ހީލާ ސަކަރާތް ޖަހާލާ އުޅުމުގެ ހަމަހަމަ ފުރުސަތު ކޮންމެ ކުއްޖަކަށް ވެސް ތަފާތު ކުރުމެއްނެތި ހޯދައި ދިނުން ކަމަށެވެ. އަދި އެކަމަނާ ވަނީ އެސްޓީއޯގެ މި މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ.

އެސްޓީއޯ ސީއެސްއާރުގެ ދަށުން ފިޔަވަތީގެ ދެ މުދައްރިސެއްގެ މުސާރަ އެއް އަހަރުގެ މުއްދަތަށް އެ ކުންފުނިން ދޭން ނިންމާފައިވެ އެވެ. އަދި ހުޅުމާލޭގައި ހުޅުވި ފިޔަވަތީގައި ބޭނުން ކުރުމަށް ބަދިގެ އާއި ގޭތެރޭ ސާމާނު ވެސް ވަނީ ހަދިޔާކޮށްފަ އެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ މި ހިޔާ ގެ ކުދިން ހުށައަޅައިދިން އެތަކެށް ހަރަކާތް ތަކެއްގެ އިތުރުން، އެސްޓީއޯގެ މުއައްޒަފުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.