ފެޝަން ޑިޒައިނަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މުހައްމަދު ރިއްފަތު މި ވަނީ އޭނާގެ "ރިއްފަތު" ބްރޭންޑްގެ ކުންފުނީގެ ސީއީއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެ އެކަން އިއުލާނުކޮށްފަ އެވެ. އެއަށް ފަހު އޭނާ މިހާރު މަސައްކަތް ފަށާފައި ވަނީ "ރިއްފަތު ފައުންޑޭޝަން" ގެ ނަމުގައި ޗެރިޓީއެއް ތަރައްގީކޮށް ހެދުން ގަނެވެން ނެތް މީހުންނަށް ހެދުން ހަދިޔާކުރުމުގެ ފުޅާ ކެމްޕޭނެއް ޖެއްސުމަށެވެ.
"ރިއްފަތު" ގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އޭނާގެ ހާއްސަ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ހެދުން ގަނެވެން ނެތް މީހުންނަށް، ހާއްސަކޮށް ޔަތީމު ކުދިންނާއި އެކަނިވެރި އަންހެނުންނަށް މި ކެމްޕޭނުގައި ސަމާލުކަން ދޭނެ ކަމަށެވެ.
"ހަފުލާއަކަށް ބޭނުންވާ ނުވަތަ ކޮންމެ ދުވަހަކު ލާން ބޭނުންކުރާ ހެދުންތައް އަމިއްލަ އަށް ގަތުމުގެ ތަނަވަސްކަން ނެތް ކޮންމެ މީހަކަށް އަދި އާއިލާތަކަށް އެހީވާން ބޭނުންވަނީ. ހާއްސަކޮށް ކުޑަކުދިންނަށް،" ރިއްފަތު ބުނެފައިވެ އެވެ.
"ފެޝަން އިންޑަސްޓްރީގައި އަޅުގަނޑު ދެމިހުރިހާ ދުވަހަކު އަޅުގަނޑު ޔަގީންކޮށްދޭން ބޭނުން، އެއްވެސް މީހަކު، ލާނެ ހެދުމެއް ނެތިގެން އޮރިޔާމުން އުޅެން ނުޖެހޭނެކަން. ލާނެ އާ ހެދުމެއް އެމީހެއްގެ އަތުގައި އޮންނާނެކަން."
މި އިންޓަވިއުގައި ރިއްފަތު ބުނެފައި ވަނީ ރިއްފަތު ފައުންޑޭޝަނުން އެހީ ފޯރުކޮށްދޭނީ އެހީ އަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކާ ބައްދަލުކޮށް އެމީހުންގެ ހާލަތު ދިރާސާކުރުމަށް ފަހު އެވެ.
މި ޗެރިޓީއެއްގެ އުފާވެރި ޚަބަރާއެކު ރިއްފަތު ވަނީ އޭނާގެ "ރިއްފަތު" ބްރޭންޑް އިތުރަށް ފުޅާކޮށް ރެސްޓޯރެންޓް އަދި ހޮޓެލް ވިޔަފާރި އާއި ރިސޯޓް ވިޔަފާރި ފެށުމަށް ވެސް ޝައުގުވެރިވާކަން ފާޅުކޮށްފަ އެވެ.
ރިއްފަތަކީ ރާއްޖޭގެ ފެޝަން ދާއިރާގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ނަމެވެ. ހާއްސަކޮށް، ހަލުވިކަމާ އެކު ފުޅާވަމުން އަންނަ ވެޑިން އިންޑަސްޓްރީގަ އެވެ.
ތިރީގައި މި ހިމަނާލަނީ އާންމުކޮށް އިންޓަވިއު ނުދޭ ރިއްފަތު ތަންކޮޅެއް ކުރިން އަޅުގަނޑަށް ދިން އިންޓަވިއުއެކެވެ. އޭނާގެ ވާހަކަ އެވެ.
އޭނާ އެންމެ ފުރަތަމަ ހެދުމެއް ފަހައި ދިނީ ދައްތައަކަށެވެ. އޭނާ ބޮޑުވީ ތިން ދައްތައާ އެކުގަ އެވެ. އެހެންކަމުން ރީތިވާނެ ގޮތާއި، ރީތިވާން ހެދުން އަޅަން ޖެހޭ ގޮތާ މެދު ބަހުސް ކުރުމުގެ ފުރުސަތު އޭނާ އަށް އަބަދުވެސް އޮތީ ހުޅުވިފަ އެވެ. ދައްތަމެންނަށް ހެދުން ފަހައިދޭން ފެށީ ވެސް އޭނާގެ ހިތުގައި ފެޝަނަށް ލޯބި އުފެދިފައި އޮތް ވަރުންނެވެ. ދައްތަމެން ހެދުން އަޅަމުން ދިޔަ ގޮތް އޭނާ އަށް ކަމުނުގޮސްގެންނޭ ވެސް ބުނެވިދާނެ އެވެ.
"މި ކަންތައް ފެށުނީ ދައްތަމެންނާ އެކު ގޭގެ ތެރޭގައި މަޖަލަކަށް ފެށި ކަމެއްގެ ގޮތުން. އެހާ ސީރިއަސްކޮށް ކުރި ކަމެއް ނޫން. އެންމެ ފުރަތަމަ ހެދުމެއް ފަހައި ދިނީ އަހަރެންގެ ދައްތައަކަށް. އެ ހެދުން ލައިގެން އޭނާ އަށް ނުރޮވުނީ ކިރިޔާ. ހެދުން ފެހުނީ އޭނާގެ ގަޔަށް ވަރަށް ބާރުކޮށް،" ހެދުމެއް ފެހި ފުރަތަމަ ތަޖުރިބާ ދިޔަ ގޮތް ކިޔައިދެމުން ރިއްފަތު ބުންޏެވެ.
އެ ހެދުން ދައްތަ އަށް ފަހައި ދިންއިރު ރިއްފަތަށް ވާނީ ގާތްގަނޑަކަށް ފަސް އަހަރެވެ. އެހިސާބުން ހެދުން ފަހަން ފެށި "ރިއްފަތު" މިއީ މިއަދު ބްރޭންޑެވެ. ފޮތި ގަނެގެން ހެދުން ފައްސަން ލޯބިކުރާ ފަރާތްތަކުގެ އެއް ވަނަ ހޮވުމަކަށް ރިއްފަތުވާނެކަން ޔަގީނެވެ. ގިނަ ބައެއްގެ ހޮވުމަކަށް ރިއްފަތުވެފައިވާއިރު އޭނާ ވެސް ހުރީ އަދި ދަނީ އޭނާގެ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރިއްފަތުގެ ހަޔާތުގައި، ފަހައި ހެދުން ޑިޒައިން ކުރުން ނޫން އެހެން ކަމެއް، އާމްދަނީއެއް ހޯދަން އޭނާ ނުވެސްކުރެ އެވެ. ދުވަހަކު ވެސް އެހެން މަސައްކަތެއް ނުކުރެ އެވެ.
"ދިސް އިޒް ވަޓް އައި ޑޫ. އަހަންނަކަށް ނޭނގޭނެ އެހެން އެއްވެސް ކަމެއް ކުރާކަށް. ދިޒް އިޒް ދަ އޮންލީ ތިންގް،" އިނގިރޭސި އާއި ދިވެހި ބަސް އެއްކޮށްލައިގެން ވާހަކަ ދެއްކުމަށް އާދަވެފައިވާ ރިއްފަތު ބުންޏެވެ.
"އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް މީހުން ރީތިކުރުމަކީ. ކުޑައިރު ގޭގަ އުޅޭއިރު ވެސް ދައްތަމެންގެ ހެދުންތަކަށް ފާޑުކިޔުން ވެސް އޮންނާނެ. މީހަކު ނުގުޅޭ ގޮތަކަށް ހެދުން އަޅައިގެން ހުއްޓާ ފެނިއްޖެ ނަމަވެސް އެމީހަކަށް އަހަރެން ކިޔައިދޭނަން ގުޅޭ ގޮތަށް ހެދުން އަޅާނެ ގޮތް ވެސް."
"އަހަންނަކަށް ނޭނގޭ މި ޝައުގުވެރިކަން އަހަރެންނަށް ލިބިފައިވާ ގޮތެއް. ހީވަނީ މި ހުރިހާ ކަމަކީ އަހަންނާ އެކު އަހަރެންގެ އެތެރޭގައި އުފެދި ބޮޑުވެފައި އޮތް ކަމެއް ހެން،" ފެހުމަށް އަދި ފެޝަން މަސައްކަތްތަކަށް އުފެދިފައިވާ ޝައުގުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިއްފަތު ބުންޏެވެ.
ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާ އަކީ އަބަދުވެސް ފެޝަންގެ ދުނިޔޭގެ ލިޔުންތަކާއި ޚަބަރުތަކަށް ޝައުގުވެރި ކުއްޖެކެވެ. ރިއްފަތު ބުނީ ފެޝަން މެގަޒިން އާއި މައުލޫމާތު ލިބޭ ފޮތްތައް ފިޔަވައި އިތުރު ފޮތްތަކަކަށް އޭރު ޝައުގުވެރި ވެސް ނުވާ ކަމަށެވެ.
ރިއްފަތުގެ ކާމިޔާބު އަދި އަގުބޮޑު ބްރޭންޑްގެ ފެށުން އޮތީ މިގޮތަށެވެ. ފަހާ ފޮށްޓާ އެކު އޭނާ ވިޔަފާރީގެ ތެރެއަށް ވަނީ މަޖަލަކަށް ފެށި މި ކަންތަކަށް އާއިލާ އާއި ރައްޓެހިންގެ އިތުރުން ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބި އޭނާގެ މަސައްކަތަށް އޮތް ޑިމާންޑް ބޮޑުވުމުންނެވެ. އޭރު އަދި އޭނާ ގާތް މީހުންނަށް ހެދުން ފަހައިދެނީ ވަކި އަގަކަށް ވެސް ނޫނެވެ. ނަމަވެސް ޑިމާންޑް ބޮޑުވުމުން އޭނާގެ މަސައްކަތަށް ވަގުތުން އަގެއް ފިކްސްކުރީ އެވެ.
"އެއްވެސް އިރެއްގަ 500ރ. އަށް ވުރެ ދަށުން މަސައްކަތެއް ނުކުރަން. މިހާރު ވެސް. އަހަރެމެންގެ ޝޮޕުން ވެސް ހުރިހާ އެއްޗެއްގެ އަގު ފެށެނީ 500ރ. އިން. އެއަށް ވުރެ ދަށްކޮށް އެއްވެސް އެއްޗެއް ނުލިބޭނެ،" އަގު ކަނޑައެޅި ގޮތާ ބެހޭ ގޮތުން ރިއްފަތު ބުންޏެވެ.
ދެ ޖިންސުގެ ކެޝުއަލް ހެދުންތަކުން ފެށިގެން، ރިއްފަތު އޭނާގެ ނުފޫޒު މިހާރު އެންމެ ގަދަކޮށްފައި ވަނީ ވެޑިން ހެދުމުގެ ވިޔަފާރީގަ އެވެ. ވެޑިން ހެދުން ފަހައި ދިނުމުގެ އިތުރުން އޭނާ ދަނީ ސެލޫން އާއި ފޮޓޯގްރެފީގެ ހިދުމަތް ވެސް، ބްރައިޑް އެންޑް ގްރޫމް އަށް ފޯރުކޮށްދެމުންނެވެ. މިއީ އޭނާގެ ހާއްސަ ޕެކޭޖުތަކުގެ ތެރެއިން ލިބެން ހުރި ހިދުމަތްތަކެވެ.
އޭނާގެ ވެޑިން ޕެކޭޖުތައް ފެށޭ އެންމެ ދަށް އަގަކީ، 5000 ރުފިޔާ އެވެ. ރިއްފަތު ބުނަނީ ވެޑިން ހެދުން ފަހަން އޭނާ އިހްތިޔާރުކުރަން ޖެހޭ ވަރަށް މުހިންމު ސަބަބުތަކެއް އެބަހުރި ކަމަށެވެ.
"މީހާ އަހަރެންގެ ލޮލަށް ފެނުމާ އެކު އަހަންނަށް އެނގޭނެ އޭނާ އަށް ބޭނުންވަނީ ކޮން ކަހަލަ ހެދުމެއްކަން. އެ ހެދުމެއް ލީމަ އޭނާ ހުންނާނެ ގޮތް ވެސް ފެންނާނެ،" މިއީ ރިއްފަތުގެ އެންމެ ހާއްސަ ސިފަކަން ޔަގީނެވެ.
"އަހަރެމެންގެ އެންމެ ހާއްސަ ކަމަކީ، އަހަރެމެން ހެދުން މި ފަހައި ދެނީ ސީދާ ވަކި މީހަކަށް ހާއްސަކޮށްގެން. އަހަރެމެންގެ ހެދުންތައް ވަން ޕީސްވުން. ދެ މީހަކަށް އެއް ވައްތަރެއްގެ ހެދުމެއް އަހަރެން ފަހައެއް ނުދެން. މިސާލަކަށް އަހަރެމެން ކުއްޖަކަށް ފަހައިދޭ ހެދުމެއް ރީތިވެގެން ހަމަ އެގޮތަށް އެހެން މީހަކު ހެދުމެއް ބޭނުންވިޔަސް އަދި އެގޮތަކަށް ނުލިބޭނެ. އަހަރެމެން ކޮންމެ ހެދުމަކަށް ވެސް ބަދަލު ގެންނަން،" ރިއްފަތު ބުންޏެވެ.
ރިއްފަތަކީ ވަރަށް ކަލަފުލް ވެޑިން ޑްރެސްތަކާ އެކު އެންމެ ފުރަތަމަ މަޝްހޫރުކަން ހޯދި ޑިޒައިނަރެކެވެ. ދިވެހިންގެ ތެރެއަށް އޭނާ މަޝްހޫރުކުރި ގިނަ ކުލަތަކާއި ވައްތަރުތަކަށް އެހެން ފެހުންތެރިން މިހާރު މަސައްކަތްކުރަމުން އަންނައިރު ރިއްފަތު މި ވަނީ ތަފާތު ކުލަތަކުގެ ވެޑިން ޑްރެސްތައް ގާތްގަނޑަކަށް ދޫކޮށްލައިފަ އެވެ.
"އަހަރެން މިއީ ދިރިއުޅުމުގައި މި އަންނަ އަދި ފެންނަ ހުރިހާ ރީތި ކަމަކަށް ވަރަށް ޝައުގުވެރިވާ މީހެއް. މިސާލަކަށް މަސްމަހާ މެއްސާއި ދޫނިތައް. ނުވަތަ މާތައް. މި އެއްޗެހިތައް އުފެދިގެން އަންނަ ގޮތާއި މި އެއްޗެހީގެ ކުލަތައް ބެހިގެން ގޮސްފައި ހުންނަ ގޮތް އެއީ އަހަރެންގެ އެންމެ ބޮޑު އިންސްޕިރޭޝަން. ގުދުރަތުގެ ރީތިކަން،" ޑިޒައިންކުރާއިރު މީހުންގެ މަސައްކަތް ކޮޕީކުރަން އެއްވެސް ވަރަކަށް މަސައްކަތްނުކުރާ ކަމަށް ބުނެ ވާހަކަ ދައްކަމުން ރިއްފަތު ބުންޏެވެ.
"އަހަރެމެން އެންމެ ފުރަތަމަ ވެޑިން ހެދުންތައް ފެހީ ވަރަށް ކުލަގަދަކޮށް. ހުރިހާ ކުލަތަކެއް ވެސް އޭގައި ހިމަނައިގެން. ރިއްފަތުގެ ނަން މަޝްހޫރުވެގެން ދިޔައީ ވެސް އެގޮތަށް. އެކަމަކު ވެޑިންއަކަށް ހެދުން ފަހާ ނަމަ މިހާރު ބޮޑަށް މި ޕްރޮމޯޓްކުރަނީ ވީހާ ވެސް މަޑު ކުލަތައް. މާ ކުލަގަދަ ނުކުރަން މި ވިސްނަނީ."
އޭނާ މިހާތަނަށް ފަހައި ދިން އެންމެ އަގުބޮޑު ވެޑިން ޑްރެސް އަކީ އެއް ލައްކަ ރުފިޔާގެ ހެދުމެކެވެ. އޭނާ ބުނީ ވެޑިން ހެދުމެއް ރީތިކުރަން އެއަށް ފައިސާ އޮއްސުމަކީ ދިވެހިން އެއްގޮތަކަށް ވެސް ފަސްޖެހޭ ކަމެއް ނޫން ކަމަށެވެ.
"ވެޑިން ޑްރެސްއެއް މިހާތަނަށް އެންމެ އަގުބޮޑުކޮށް ފެހީ އެއް ލައްކަ ރުފިޔާ އަށް. އަޅުގަނޑުމެން މި ހުންނަނީ ޕެކޭޖުތަކެއް ތައާރަފްކޮށްފައި. 5000 ރުފިޔާ އިން ފެށިގެން ބޭނުން ވަރަކަށް މައްޗަށް ދާންވީ އެ މީހަކު ހިތްހަމަޖެހެންދެން،" ރިއްފަތު ބުންޏެވެ.
"އަހަރެމެން އެއްވެސް ވަރަކަށް ކޮޕީއެއް ނުކުރަން. ރިއްފަތަކީ ބްރޭންޑެއް. ހެދުމެއްގެ ފޮޓޯއެއް ހިފައިގެން އަޔަސް އަހަރެމެން އެގޮތަކަށް ހެދުމެއް ކޮޕީކޮށެއް ނުދެން."
މަޖަލަށް ފެހި ހެދުމަކާ އެކު އެންމެފަހުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފެހުންތެރިޔާ އަށް ބަދަލުވެފައިވާ ރިއްފަތު އޭނާގެ ނަން ވެޑިންގެ ވިޔަފާރީގެ ތެރޭގައި ބޮޑު އަކުރުން ލިޔަމުން އަންނައިރު މިހާރު އޭނާ ނުދޭ ހިދުމަތަކީ ވެޑިން ކޭކުގެ ހިދުމަތް އެކަންޏެވެ.
ވަކި އުސޫލުތަކަކާ އެކު ފެޝަންގެ ވިޔަފާރި މެކުހަށް ޖަފާއިވާ ރިއްފަތަކީ އޭނާގެ އާންމު ދިރިއުޅުމުގައި ވެސް "ރިއްފަތު" ގެ ބްރޭންޑަށް ވަރަށް ބޮޑަށް ކިޔަމަންވާ މީހެކެވެ.
"އިވެންޓަކަށް ދަންޏާ އަހަރެން އަބަދުވެސް ލަނީ ރިއްފަތު ބްރޭންޑްގެ ހެދުމެއް. އެހެން ވައްތަރެއްގެ ހެދުމެއް ލުން ވާނީ ބޮޑު މައްސަލައަކަށްތާ އަސްލު. ދެން އާންމުކޮށް އުޅޭއިރު އެންމެ ގިނައިން ލެވެނީ ޓީޝާޓް،" އަމިއްލަ ބްރޭންޑަށް އިސްކަންދޭ ވަރު ހާމަކުރަމުން ރިއްފަތު ބުންޏެވެ.
"މިހާރު މިހުރީ އަސްލު ދާން ބޭނުންވި އެންމެ މައްޗަށް އާދެވިފަ. އަހަރެން ބުނެލަން ބޭނުން ވަނީ މި ކަމުގަ އަހަރެންނާ ވާދަކުރަން ނޫޅޭށޭ އެއްވެސް މީހަކު. ކޮންމެވެސް އެހެން ކަމަކާ އުޅޭށޭ،" ކޮންމެހެން ވެސް އިންޓަވިއުގައި ހިމަނަން ޖެހޭ ވާހަކައެއް ކަމަށް ބުނެ ހިނިގަނޑެއް ޖަހާލަމުން ރިއްފަތު ބުންޏެވެ.