ދިވެހި ސިނަމާ

"ވިޝްކާ" ގެ މައްސަލަ ޕޮލިހަށް ހުށަހަޅައިފި

Feb 28, 2017
4

ޔާރާ ޕްރޮޑަކްޝަންސްގެ އާ ފިލްމު "ވިޝްކާ" ގެ އޮރިޖިނަލް ވާހަކަ އާއި ސްކްރިޕްޓްގެ މިލްކުވެރިކަމަށް ދައުވާކުރާ ކޮކޯ ހަސަން ހަލީމް އިއްޔެގެ ވަގުތެއްގައި މި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އޭނާ ބުނީ މައްސަލަ ފުލުހަށް ހުށަހެޅީ "ވިޝްކާ" އަކީ އޭނާގެ މިލްކެއް ކަމަށް ގަބޫލުކުރެވޭތީ އާއި މިލްކުވެރިކަން ސާބިތުކޮށްދެވޭ ވަރަށް ހެކި ހުރުމުން އެ ހުރިހާ ވާހަކަ އާއި ހެކިތަކާ ވެސް އެކުގައި ކަމަށެވެ. ކޮކޯ ހަސަން ބުނާ ގޮތުން ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ "ވިޝްކާ" އުފެއްދުމުގެ ކުރިން އޭގެ ވާހަކަ ލިޔުނު ފަރާތާއި ސްކްރީންޕްލޭ ލިޔުނު ފަރާތުން ވަނީ "ވިޝްކާ" ގެ މިލްކުވެރިކަން އޭނާ އަށް ދީފަ އެވެ.

"ވިޝްކާ" ގެ އޮރިޖިނަލް ވާހަކައިގެ މިލްކުވެރިކަން ކޮކޯ ހަސަނަށް ދިންކަން ރިޝްމީ ވެސް ކަށަވަރުކޮށްދީފައިވެ އެވެ. ނަމަވެސް ރިޝްމީ ބުނެފައި ވަނީ އެއީ "ވަގުތީ ގޮތުން" ދިން ސިޓީއެއް ކަމަށާއި އެގޮތަށް ސިޓީއެއް ކޮކޯ ހަސަނަށް ދިނީ ސީދާ ރިޝްމީ ބުނެގެންކަމަށެވެ. އޮރިޖިނަލް ވާހަކަ ލިޔުނު ވިޝާމް ސޮއިކޮށްފައިވާ މި ސިޓީގައި ބުނަނީ ކޮކޯ ހަސަނަށް އެ ވާހަކައިގެ ހުރިހާ ރައިޓްސްއެއް މިލްކުކޮށްދީފައިވާ ކަމަށެވެ.

ވާހަކައިގެ މިލްކުވެރިކަން މިގޮތަށް ލިބިފައިވާ ކަމަށް ކޮކޯ ހަސަން ބުނާއިރު އޭނާ ބުނަނީ އެ ވާހަކަ އަށް މަހުދީ އަހުމަދު ލިޔުނު ސްކްރިޕްޓްގައި ވެސް "ޕްރޮޕަޓީ އޮފް ކޮކޯ ހަސަން" ގެ ސިއްކަ މަހުދީ ޖަހައިދީފައިވާ ކަމަށާއި ސްކްރިޕްޓްގެ އަގުގެ ދެ ބައިކުޅަ އެއްބައި އޭނާ ވާނީ މަހުދީ އަށް ވެސް އަދާކޮށްފައި ކަމަށެވެ.

"ވިޝްކާ" ގެ މިލްކުވެރިކަމަށް ކޮކޯ ހަސަން ދައުވާކުރާއިރު މި ފިލްމުގެ ސްކްރިޕްޓް ލިޔުނު މަހުދީއާ ދެކޮޅަށް އޭނާގެ ކުރީގެ ރައިޓިން ޕާޓުނަރު އަހުމަދު ޒަރީރު ވެސް ވަނީ ނުކުމެފަ އެވެ. އޭނާ ބުނާ ގޮތުން ފިލްމުގެ ފުރަތަމަ ޑްރާފްޓް ލިޔުނީ އޭނާ އެވެ. ނަމަވެސް ފިލްމުގައި އޭނާ އަށް ކްރެޑިޓް ދީފައި ނެތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ކޮޕީ ރައިޓްސްގެ މައްސަލަތަކެއްގައި "ވިޝްކާ" އަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭއިރު މި ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއްގެ ގޮތުގައި އާންމުކޮށްފައިވާ "އާދޭ މިއަދު ދާން" އަކީ ކުރީގެ މަޝްހޫރު ފިލްމެއް ކަމުގައިވާ "ދެރިޔާ" ގެ ލަވައެއްގެ އަސްލަށް އުފައްދާފައިވާ ލަވައެކެވެ. ހިޔަނި ބޭންޑްގެ އަހުމަދު އާމިރުގެ މާސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި އޮރިޖިނަލް ލަވައިގެ ލިރިކްސްގެ ކްރެޓިޑްސް ވެސް ކޮކޯ ހަސަނަށް ލިބެ އެވެ.

ނަމަވެސް މާސް ސްޓޫޑިއޯ އަށް ރައިޓްސް އޮތް މި ލަވައިގެ އަސްލަށް "ވިޝްކާ" ގެ "އާދޭ މިއަދު ދާން" އުފައްދާފައި ވަނީ އާމިރު އަތުން ނަގަން ޖެހޭ ހުއްދަ ނެގުމަށް ފަހު އެވެ.