ވާހަކަ

މުޅިޖާންހިތާ

(26 ފެބްރުއަރީ 2017 އާ ގުޅޭ)

ނިޔާނުގެ މޭގައި މޫނު ޖައްސާލައިގެން ހުރެ މަޑުމަޑުން އެ މޭގައި އައިރާ ފިރުމާލިއެވެ. އެހިނދު ކުރިއަށްވުރެ ވެސް ނިޔާނުގެ ދެއަތުގެ ތެރޭ އައިރާ ފިއްތާލައިފިއެވެ.

ނިޔާނު އެތައް ވާހަކައެއް ދައްކައިގެން އައިރާ ހަމަޖެހުނެވެ. މަޑުމަޑުން ނިޔާނާއެކު ޖޯލިފައްޗާ ދިމާއަށް އައިރާއައެވެ. އޭނާ ރޮއެފައި ހުރިކަން މަޑު ރަތްކަމެއް ވެރިވެފައިވާ ކޯތާފަތާއި ނޭފަތުން ފާޅުވެއެވެ. ލިޒީ އައިސް އައިރާގެ ގާތުގައި ހުއްޓިލުމާއެކު އޭނާގެ ދެއަތުގައި ހިފާލައިފިއެވެ.

"ޔޫ ޖަސްޓް ޑޯންޓްވޮރީ... އައިރާ ހުންނާނީ އަހަރުމެން ގޭގައި" ލިޒީ ހިނިތުންވެލިއެވެ.

"ލިޒީ... ދާއޫދުބެ ޤަބޫލެއްނުވާނެ... އިތުރަށް މަސްލަހަތު ގެއްލޭނީ" ގަޔާނުވެ ހުރެ އައިރާ ބުނެލިއެވެ.

"ދެން މޫޑީ ނުވެބަލަ... އިހަށް މިވަގުތު މި ގޭގައި މަޑުކޮށްލެވިދާނެއެއްނު... ނިޔާނު! ތި ފޮށި އަހަރެންގެ ކޮޓަރިއަށް ގެނެސްދީ" އައިރާގެ އަތުގައި ހިފާލައިގެން ލިޒީ ވަނީ ގޭތެރެއަށެވެ. އޭނާގެ ފަހަތުން ނިޔާނު ފޮށި ހިފައިގެން ވަނެވެ.

ދާއޫދު ހުރީ ކޮޓަރީގައި ކަމަށްވާތީ ގޭތެރޭގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އޭނާ ނުދެނަހުއްޓެވެ. އައިރާގެ ފޮށި ނިޔާނު ގެނެސް ލިޒީގެ ކޮޓަރިއަށް ލިއެވެ. އަދި އެންމެން އެކުގައި ގޭގެ ބިއްދޮށް ފަރާތަށް ނުކުމެ އެތަނުގައި މަޝްވަރާ ކުރާން ތިއްބެވެ. އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި ލިޒީ އިންއިރު އެތާކައިރީ ޕްލާސްޓިކު ގޮނޑި ޖަހައިގެން ޖުވައިންއާއި ނިޔާނުގެ އިތުރުން އައިރާ އިނެވެ.

"އަހަރުމެން މާދަމާ ފުރާނެ... ލިޒީ މަންމަ ގާތުގައި ބުނެގެން އެ ކޮޓަރީގައި ލިޒީއަށް ހުރެވޭގޮތް ހަމަޖައްސާނީ... ދާއޫދުބެ ރުޅި އަންނާކަށް ނުޖެހޭނެއެއްނު އެ ކޮޓަރި އަހަރެން ކުއްޔަށް ހިފީމަ..." އެންމެންގެ ވާހަކަ އަޑުއަހަން އިނދެފައި ނިޔާނު ބުންޏެވެ.

"މަންމައާ ވާހަކަދައްކައިފިއްޔާ ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ... މިހާރު ވެސް އައިރާއަށް ދިމާވާ ގިނަ ކަންކަން މަންމައަށް އޮޅިފައެއް ނޯންނާނެ... ސޯ ޝީ ވިލް ހެލްޕް" ލިޒީގެ އަޑުގައިވަނީ ޔަޤީންކަމެވެ.

"ދާއޫދުބެ އެއްބަހެއް ނުވާނެ" އައިރާ އިނދެފައި ބުންޏެވެ.

"އެއްކަލަ އައިރާ... ދެން ހަމަ އިންނާނީ ނެގެޓިވްވެފައި... ތަޅައިގަންނަންވީ..." ލިޒީ ފުންމައިގެން ތެދުވިގޮތަށް އައިސް އައިރާގެ ކޮނޑުގެ ދެފަރާތުން ހިފާ ތަޅުވައިގަތެވެ.

"ދެން ލިޒީ... ދޫކޮށްލަބަލަ..." އައިރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެހެންނަމަވެސް ގަދަކަމުން އައިރާގެ ގައިގާ ބައްދައިގަނެގެން ހުރެ ގިލިގިލިކޮއްޓަން ލިޒީ ފެށިއެވެ. އެހިނދު އިން ގޮނޑިން އައިރާއަށް ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. ދެ އަންހެންކުދީންގެ ސަކަރާތާއެކު ޖުވައިން ހޭންފެށިއެވެ. މާހައުލަށް ވެރިފައިވައި އޮތް ނުތަނަވަސްކަން ފިލާ ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

"ލިޒީ... ޕްލީޒް... ދެން ހުއްޓާލަބަލަ... އަހަރެން އޯކޭއޭ... އެ އިވެނީ ބަންގިގޮވާއަޑު... ދާއޫދުބެ ނަމާދަށް ދާން މިހާރު ނުކުންނާނެ" ހީނހީނ ވަރުބަލިވެފައި ހުރި އައިރާ އޭނާގެ ބަނޑުގައި އެއްއަތް ޖައްސާލައިގެން އަނެއް އަތުން މޭމައްޗާ ދިމާއިން އެލިފައި އޮތް ޝޯލްގެ ބައިގައި ހިފަހައްޓާލައިގެން ހުއްޓެވެ. މާނޭވާ ލަމުން އައިރާ ދިޔައިރު ލިޒީ ވެސް ހުރީ ހަމަ އެހާލުގައެވެ.

"ހިނގާ ކޮޓަރި... ބައްޕަ ނަމާދަށް ދިޔައީމަ މަންމަ ގާތަށް ދާނީ" ލިޒީ ބުންޏެވެ.

ދާއޫދު ނަމާދަށް ދާން ނުކުން އިރު މުޅި ގޭތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެނބުރި ކޮޓަރީގައި ހުރި މަލީހާއަށް ބަލާލާފައި ގޭތެރޭގައި އެކަކު ވެސް ނެތީތޯ ދާއޫދު އަހާލިއެވެ.

"ނޭނގެ... ވެދާނެ ނެތީކަމަށް" މަލީހާ މިހެން ބުނުމުން ދާއޫދު ނުކުމެގެން ހިނގައްޖެއެވެ.

ލިޒީ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުންއިރު ހީވީ ދާއޫދު ދަންދެން ފާރައަށް ހުރެފައި ނުކުން ހެނެވެ. އޭނާ އަވަސް އަވަހަށް ނިޔާނަށް ގުޅިއެވެ. ހަލުވިކޮށް އެންމެން އައިސް ލިޒީގެ ކޮޓަރި ދޮރުމައްޗަށް ޖަމާވެއްޖެއެވެ. އެހިނދު ލިޒީ ދެބުމަ ހިއްލާލާ ނިޔާނަށް އިޝާރާތްކޮށްލީ މަލީހާގެ ކޮޓަރިއަށް ވަނުމަށެވެ. އެއާއެކު ނިޔާނު އައިސް މަލީހާގެ ކޮޓަރީގައި ޓަކިޖަހާލިއެވެ.

"ލިޒީ... ދަރިފުޅުތަ؟" ކޮޓަރިތެރެއިން މަލީހާގެ އަޑު އިވިގެންދިޔައެވެ.

"ދައްތާ! އަހަރެން..." ކޮޓަރިތެރޭ ހުރި މަލީހާއަށް އަޑު އިވޭނޭ ވަރަށް ނިޔާނު ބުންޏެވެ.

"މި ނިކުންނަނީ ނަމާދުކޮށްލައިގެން..." ނަމާދަށް އަރަން ތައްޔާރުވެ ހުރި މަލީހާ ބުންޏެވެ.

މަލީހާގެ ކޮޓަރި ކައިރީ އެންމެން މަޑުކޮށްލައިގެން ތިއްބާ ނަމާދުން އަވަދިވުމާއެކު މަލީހާ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަމާދު ދޮޅިއާއި ފަޔަށް މަހާލާފައި އޮތް އިސްޓާކީނާއެކު މަލީހާ ހުރިއިރު އޭނާ ކޮޓަރިން ބޭރަށް ނުކުންނަން ގަސްދު ނުކުރާކަން ހާމަވެއެވެ. ހަމައެކަނި ގަސްދަކީ ނިޔާނު ބުނަން އުޅޭ އެއްޗެއް އަޑުއަހާލުމެވެ. ނަމަވެސް ކޮޓަރި ދޮރުމަތީގައި ތިބި އެންމެން ފެނުމުން ނިޔާނު ބުނަން އެ އުޅެނީ އާދައިގެ ވާހަކައެއް ނޫންކަން މަލީހާއަށް އެނގުނެވެ. އެހެންވެ ހުރިހާ ކުދީން ގާތު އެތެރެއަށް ވަނުމަށް ބުނެފައި އައިސް ތަޅުން މަތީ އޮތް މުސައްލަ ނަގާ އެނދުގައި ބާއްވާލިއެވެ.

ވަގުތު ނަގާނުލާ ކަންތައް ވެގެން އުޅޭ ގޮތް މަލީހާއަށް ނިޔާނު އޮޅުން ފިލުވައިދިނެވެ. ހަމައެއާއެކު ލިޒީ ވެސް އާދޭސް ކުރާން ފެށިއެވެ. އައިރާގެ ހާލު މަލީހާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ކަންބޮޑުވަނީ ދާއޫދާ ދެކޮޅަށް ނިންމުން ނިންމަން ޖެހޭނެތީއެވެ.

"އައިރާގެ ބައްޕައާ ތި ވާހަކަ ނުދައްކާ ނުކުރޭނެ ތިޔަހެން ކަންތައްކުރާކަށް... ދައްތައަށް ފެންނަނީ ނިޔާނު ތި ކިޔައިދިން ގޮތަށް އައިރާގެ ބައްޕައަށް ވެސް ކިޔައިދޭން... އޭރުން ތިކަމުގައި ދައްތައަށް ވެސް އެއްޗެއް ބުނެވޭނީ... ދެން ދޭ ހުރިހާ ނަމާދަށް... އިޝާ ނަމާދުކޮށްގެން އައިރާގެ ބައްޕަ ގެއަށް އައީމާ ތި ވާހަކަ ދައްކާނީ" މަލީހާގެ ބަހަށް ނިޔަނާއި ޖުވައިން އެނބުރުނީ މިސްކިތައް ދާށެވެ. އައިރާ ވެސް ލިޒީއާއެކު އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ސިޓިންރޫމުގައި މަޑުކޮށްލައިގެން އިން ދާއޫދު ޓީވީ ހުޅުވާލިއެވެ. ޚަބަރު ގަޑި ކައިރިވަމުން އަންނާތީ އޭނާ ރޭގަނޑު އަށެއްގެ ޚަބަރު ބަލާފައި ކާން ދާން ނިންމައިގެންނެވެ. އެހެން އިންދާ މަލީހާ ނުކުމެ ގޮވާލައިފިއެވެ.

"ކީކޭ؟... އެއްޗެއް ހޯދަންވެފައި އޮތީތަ؟" މަލީހާ ގޮވާލި ގޮތުން ދާއޫދަށް ހީވީ އޭނާ ކަމެއްގެ މަތިން ހަނދާންނެތިފައި އިނީ ހެންނެވެ.

"ދާއޫދު ގާތުގައި ވާހަކައެއް ބުނަން ނިޔާނު ބޭނުންވެގެން އުޅޭތީ" މަލީހާ ބުނެލިއެވެ.

"އޭނާ ވާހަކައެއް ބުނަންވީމާ މިހާރު މަލީހާތަ ފޮނުވަނީ؟" ރުންކުރު ގޮތަކަށް ދާއޫދު ބުނެލިއެވެ.

"ރުޅިއައިސްފައި ނީނދެ އޭނާ އެ ކިޔާ އެއްޗެއް ތަންކޮޅެއް ރަނގަޅަށް އަޑުއަހާލަބަލަ" މަލީހާ މިހެން ބުނެ އެއްފަރާތުގައި ހުރި ނިޔާނަށް ބޮލުން އިޝާރާތްކޮށްލީ ދާއޫދުގެ ގާތަށް ދިއުމަށެވެ. އެއާއެކު ނިޔާނު އައިސް ދާއޫދު އިށީނދެގެން އިން ސޯފާގެ އެއްފަރާތުގައި އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާގޮނޑީގައި އިށީނެވެ. އަދި ވާހަކަފެށިއެވެ. އައިރާއާ ކައިވެނި ކުރާން ނިންމާ ރަންކިޔައި ފޯމު ފުރާފައިވާކަން ނިޔާނު ބުންޏެވެ. އެހިސާބުން ވެސް ދާއޫދުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ފަށައިފިއެވެ.

"ނުވާނެ ތިކަމެއް..." ދާއޫދު ނިކަން ބާރަށް ހަޅޭލަވައިގަތެވެ. އައިރާ އެގޭގައި ބަހައްޓައިދިނުމަށް ނިޔާނު އެދުމުން ދާއޫދުގެ ރުޅިގަނޑު ނުހިފެއްޓުނީއެވެ. އެވަގުތު ނިޔާނާއި ދާއޫދުގެ ދެމެދަށް ވަނީ މަލީހާއެވެ.

"އެމީހުން ދިޔައިމަ އެ ކޮޓަރި އަނެއްކާ ވެސް ހުންނާނީ ހުހަށް... ނިޔާނު އެބުނީ ކުއްޔަށް ދޫކުރާށޭ... ދާއޫދު ބުނާ އަގެއް ދޭނަމޭ... ވީއިރު އެ ކޮޓަރިގަނޑުން ދާއޫދަށް ފައިދާއެއްނޫންތަ ވާނީ" މަލީހާ ވިސްނައިދޭން އުޅުނެވެ. އެހެންނަމަވެސް އެވަގުތު ދާއޫދު އެއްބަސްވާގޮތެއް ނުވިއެވެ.

މައްސަލަ ހޫނުވެފައިވާކަން އައިރާއަށް އެނގެއެވެ. އޭނާއަށް އެގޭގައި ނުހުރެވޭނޭކަން އެނގޭތީ އެކަމާ އިންތިހާއަށް ކަންބޮޑުވެފައި ވެއެވެ. ނަމަވެސް މަލީހާ ވަނީ އައިރާއަށް ތަނެއް ލިބެންދެން އެރޭ އެގޭގައި ލިޒީގެ ކޮޓަރީގައި މަޑުކުރުމަށް އެދިފައެވެ. ރޭގަނޑު ނިދަން ވަނުމާއެކު މަލީހާ އަނެއްކާ ވެސް ދާއޫދާ ވާހަކަދައްކާ އޭނާއަށް ވިސްނައިދެވޭތޯއެވެ.

"މާދަމާ ދައްތަ ބުނި ކޮންމެވެސް ޖަވާބެއް ދޭނަމޭ... އައިރާ ހާސްނުވެބަލަ... މި ގޭގައި ހުރެވޭގޮތް ހަމަނުޖެހުނިއްޔާ އަހަރެން އެހެންތަނެއް ހަމަޖައްސާނަން... ގެސްޓުހައުސް ވެސް ހުންނާނެއެއްނު... އަހަރެން އެނބުރި އަންނަންދެން އައިރާއަށް ރައްކާތެރިކަމާއެކު ހުރެވޭނޭތަނެއް ޔަޤީނުން ވެސް ހޯދާފައި ދާނީ... ވަރަށް ހަނދުނާ އެކަމާ އުޅެން ޖެހޭނެ... ހަވީރު މިކޮޅުން ފުރަން ޖެހޭނެ... އޭރުން ފްލައިޓަށް އެރޭހާ އިރު އޮއްވާ ދެވޭނީ" ޖޯލިފަތީގައި އައިރާއާއެކު އިން ނިޔާނު ވާހަކަދެއްކިއެވެ.

"ތި ހުރިހާ ކަމެއް އެނގޭ... އެކަމަކު ވެސް އަހަރެން ވަރަށް ހާސްވޭ... ނިޔާނަށް އެނބުރި ނާދެވިދާނެއޭ ހީވާތީ" އުނގުގައި ޖޯޑުކޮށްލައިގެން އިން ދެއަތްތިލައަށް އިސްޖެހިފައި ބަލަން އިނދެ އައިރާ ބުންޏެވެ.

"މީ ދާއިމީ ވަކިވުމެއްނޫން... އެކަން އައިރާ ހަނދާންބަހައްޓާތި... އިރާދަކުރެއްވިއްޔާ އަހަރެން އެނބުރި އަންނާނަން... އައިރާ ނޫން ކުއްޖަކާ މެރީއެއް ނުކުރާނަން"

ރޭގެ އެތައް ދަމެއްވަންދެން އައިރާއާއި ނިޔާނު ވާހަކައިގައި ޖޯލިފަތީގައި ތިއްބެވެ. ދޭތެރެއަކުން ގާތްވެލާއިރު ހީވަނީ އެއީ އެ ދެމީހުން ދިމާވާނެ އެންމެ ފަހު ފަހަރު ހެންނެވެ. އެހެންވެ ބިންވަޅުނެގިގެންދާނޭ ފަދަ ފޮނި ހަނދާންތަކެއް ފޮރުވުމަށް ޓަކައި މަސައްކަތް ކުރިއެވެ. ނިޔާނުގެ ކުޑަވައި އިނގިލީގައި އަބަދު ވެސް އަޅައިގެން އުޅޭ ރިހިކުލައިގެ އަނގޮއްޓިއެއް ނަގާ އައިރާގެ އަތަށް އޭނާ ލައިދިނެވެ.

"މީ އަހަރެންގެ އަތުގައި އޮތް ބައްޕަގެ ހަނދާނެއް... އަހަރެން ސްކޫލުގައި އުޅުނުއިރު އެއްފަހަރު ބައްޕަގެ އިނގިލިން މި އޮނގޮއްޓި ފެނިގެން ރީތިވެގެން ވަރަށް އާދޭސްކޮށްގެން ހޯދީ... އަހަންނަށް އެނގޭ އައިރާގެ ތި ހިމަހިމަ އިނގިލިތަކަށް މި އަނގޮއްޓި ބޮޑުވާނެކަން... އެހެންވިޔަސް އަހަރެން އެނބުރި އަންނަންދެން މި އޮނގޮއްޓި ލޯބި އަތުގައި ބާއްވާ... އަހަރެންގެ ޚާއްޞަ ހަނދާނަކަށް" އައިރާގެ އަތުގައި ހިފާލައިގެން އެއަތުގައި ފިރުމާލަފިރުމާލާ ނިޔާނު އިނެވެ. ދެ މީހުން ގޭތެރެއަށް ވަނީ މެންދަމުން އަލިވެ ތިނެއްޖެހިފަހުންނެވެ. މާދަމާ ނިޔާނު ފުރާއިރު އައިރާއާ އެފަދަ ގާތްކޮށް ވާހަކަދައްކާލާނޭ ފުރުޞަތެއް ނުލިބޭނެކަން އެނގޭތީ ނިޔާނު ބޭނުންވީ ލިބިފައިވާ ފުރުޞަތު ގެއްލުވާނުލާށެވެ. އޭރު އެގޭތެރޭގައި އެ ދެ ޒުވާނުން ފިޔަވައި ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ.

"ނިޔާނު... ކޮންމެ މަހަކު ފަސްހާސް ރުފިޔާއަށް އެ ކޮޓަރި ދޫކުރާނީ... އެ އަގުގައި ހިފަންޏާ ހިފާ" ހެނދުގެ ސައިބޯން މޭޒުދޮށުގައި އިނދެފައި ދާއޫދު ބުންޏެވެ. އެއާއެކު އޭނާގެ ކުރިމަތީގައި އިން ނިޔާނުގެ ދެ ލޯ ބޮޑުވިއެވެ. މަހަކު ފަސްހާސް ރުފިޔާވީމާ އޭނާއަށް އެ އަގު ބޮޑެވެ. އެހެންނަމަވެސް އައިރާ އެތަނެއްގައި ބަހައްޓަން އެންމެ ރައްކާތެރި ތަނަކީ އެ ގެ ކަމަށްވާތީ ދާއޫދު ހުށަހެޅި އަގަކަށް ނިޔާނު ދެކޮޅެއް ނުހެދިއެވެ.

"މި ފެށޭ މަހުގެ ކުލީ ފައިސާ ދީފައި ނިޔާނު ފުރަން ޖެހޭނީ... ކޮންމެ މަހެއްގެ ފުރަތަމަ ދުވަހު މަށަށް ކުލި ލިބެންޖެހޭނެ" ނިޔާނު އެއްބަސްވުމާއެކު ދާއޫދު އިތުރުކޮށްލިއެވެ.

"މިއަދު ފައިސާ ހަވާލުކުރާނަން" ނިޔާނު ބުންޏެވެ.

ދާއޫދު އެއްބަސްވީގޮތް އައިރާއަށް އެނގުމުން އޭނާ ވަރަށް ދެރަވިއެވެ. އެފަދަ ބޮޑު ޚަރަދެއް ނިޔާނުގެ އަތުން އޭނާއަށް ޓަކައި ކުރަން ޖެހުނީމައެވެ. އަދި އެވެސް ކައިވެނި ކުރެވުމުގެ ކުރީންނެވެ. އެހެންވެ އައިރާ ނިންމީ އޭނާގެ މުސާރަ ޖަމާވުމާއެކު އޭނާގެ އަތުން ވެސް އެއްބައި ކޮޓަރީގެ ކުއްޔަށް ލުމަށެވެ. އެގޮތާ ނިޔާނު ޤަބޫލެއްނުވިއެވެ. ދެމީހުންނަށް އެއްގަލަކަށް ނޭރުނަސް ނިޔާނު ކުރީބައިގައި ފައިސާ ގެނެސް ދާއޫދާ ހަވާލުކޮށްފިއެވެ. އަދި އެ ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއްގައި ދާއޫދުލައްވާ ސޮއިކުރުވައިފިއެވެ.

* * * *

މެންދުރު ފަސްވިއިރަށް މައުރީން އޭނާގެ މަންމަ ރުބީނާއަށް ގުޅަންފަށައިފިއެވެ. އާދިލްއާއެކު ރުބީނާ ބޭރަށް ދިޔަ ގޮތަށް ޚަބަރެއް ނުވީމައެވެ. ނިޔާނު މާލެ އަންނަންވާއިރަށް މައުރީން ރާވާފައި ހުރި ކަންކަން ކުރިއަށް ގެންދެވެން އޮތީ ރުބީނާ ހުރެގެންނެވެ.

"ކޮންއިރަކުން އަންނަންތަ މަންމަ ތި ހުންނަނީ... އިރުކޮޅަކުން ބަންގިގޮވާނެ... އޭރުން ފިހާރަތައް ހުޅުވާނީ އަށެއްޖެހީމަ" ރުބީނާ ފޯނުކޯލު ނެގުމާއެކު ޝަކުވާގެ ރާގެއްގައި މައުރީން ބުންޏެވެ.

"ނުވާނެ ގިނައިރެއް... ވަރަށް ކައިރީގައި މި ހިރީ... މައު ފައިބާ ތިރީގައި މަޑުކޮށްލާ" ރުބީނާ މިހެންބުނެ ފޯނުކޯލު ކަނޑާލިއެވެ.

މައުރީން އެޕާޓްމެންޓު ތަޅުލާފައި ތިރިއަށް އައިސް މަގުމައްޗަށް ނުކުމެވެން ހުރި ދޮރޯށި ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުއްޓާ ފިރިހެނެއްގެ ސައިކަލު ފަހަތުގައި ރުބީނާ އައިސް ގޭ ދޮށަށް ފޭބިއެވެ. އެ ސައިކަލުގައި އިން ފިރިހެންމީހާއަށް މައުރީން ވަރަށް ރަނގަޅަށް ބަލާލިއެވެ. ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ހަމުގެކުލަ އަނދިރި މީހެކެވެ. ތުނބުޅި މަތިމަސް ބާލާ އޮމާންކޮށްލާފައި ހުރިއިރު އެ މޫނުމަތީގައި އޮށާޅަވަޅުގަނޑުތައް ގިނަކަން ފާހަގަވެއެވެ. ދާތިކިތަކަށްވުރެ އެ މޫނުމަތި ފެންނަނީ ތެޔޮކޮށެވެ. އިސްތަށިގަނޑު ކަޅުވެފައި ބޮލެވެ. ޒުވާންކަން ދައްކަން އޭނާ މަސައްކަތް ކުރި ނަމަވެސް ދުވަސްވީވައްތަރު އޭނާގެ ގައިގާ ޖަހައެވެ. ފޫހިގޮތެއް މައުރީންގެ މޫނަށް ހަދާލުމާއެކު އެއްޗެއް ބުނަން އޭނާ އުޅުނެވެ. އެހިނދު އެކަން ހުއްޓުވަން ރުބީނާ އަވަހަށް އައިސް އޭނާގެ އަތުގައި އޮތް މާބޮނޑި މައުރީންއަށް ދިއްކޮށްލިއެވެ.

"މީ މައުއަށް... ދޭ ކޮޓަރިއަށް ލާފައި އަންނަން" ރުބީނާ ބުންޏެވެ. އެއާއެކު ހެވިދިލިފައި ހުރެގެން މައުރީން މާބޮޑިން ވަސްބަލަމުން އެތެރެއަށް ވަދެގެން ދިޔައެވެ.

މައުރީން އެދުނު ފަދައިން ބަޓާކޭކެއް ރުބީނާ ހޯދާދިނެވެ. ކޭކާއި ފުއްޕާހަންތަކެއް ހިފައިގެން މައުރީންއާއި ރުބީނާ ގެއަށް އައުމަށް މިސްރާބު ޖެހިއެވެ.

"ކީއްވެތަ ދޮންބެ ބަލާ އެއަރޕޯޓަށް ނާންނާށޭ އެ ބުނީ" މައުރީން އަހާލިއެވެ.

"އެއީ މައުއާ މަންމަ އެކަނި އުޅޭތީވެ... އުނދަގޫ ނުކުރަންވެގެން... އެނގެއެއްނު ދޮންބެގެ ގޮތް..." ރުބީނާ ހިނިތުންވެލިއެވެ.

"އެހެންވިޔަސް ގެއަށް އައީމަ ދޮންބެ ސަޕްރައިޒްވާނެ" މައުރީން ނިކަން އުފާވެލާފައި ބުންޏެވެ.
މަޣުރިބު ނަމާދަށް ގޮވީ މައުރީންއާއި ރުބީނާއަށް ގެއަށް ނާދެވިގެން އުޅެނިކޮށެވެ. އެ މީހުންނާ މަގުމަތިން ސަލްމާއާ ދިމާވިއެވެ. އޭނާއަކީ އަމިއްލަ ކާރުގައި އުޅޭ އަންހެނެކެވެ.

"އޭތް! ރޫބީ... އާދޭ... އަރާ...." ކާރު މަޑުކޮށްލުމާއެކު ސަލްމާ ބުންޏެވެ. ލެއްވި ނަސީބާއެކު ރުބީނާ އަވަހަށް ސަލްމާގެ ކާރަށް އެރިއެވެ. ފަހަތު ސީޓުގައި މައުރިން އަރާ ހަމަޖެހިލިއެވެ.

ރުބީނާއާއެކު ސަލްމާ ވެސް އެ ގެއަށް ވަނެވެ. ސޯފާސެޓުގެ މެދުގައި ހުރި ބިއްލޫރި މޭޒުގައި ކޭކު ބަހައްޓާ ތައްޔާރު ކުރަމުން މައުރިން ދިޔައެވެ. ސަލްމާއާއި ރުބީނާ ސޯފާގައި ވާހަކައިގައި ތިއްބެވެ. އެހެންތިއްބާ ހުރިހާ ކަމެއް ނިންމާލާފައި މައުރީން އައީ ރުބީނާ ދިން މާބޮޑި ހިފައިގެންނެވެ. އެ މާބޮޑީގައި ހުރި މާތައް ޖެހުމަށް ވަކި ވާސްއެއް ނަގަން މައުރީން ބޭނުންވީއެވެ.

"އާޗާ ތީ ހާދަ ރީތި މާބޮޑިއެކޭ..." ސޯފާގައި އިނދެފައި މައުރީންއަށް ސަލްމާ ބުނެލިއެވެ.

"މީ މަންމަގެ ބޯއީ ފްރެންޑް ދިން އެއްޗެއް... ދޯ މަންމާ" މައުރީން މިހެން ބުނެލުމާއެކު ސަލްމާ ހައިރާންވެފައި ބަލާލީ ރުބީނާއަށެވެ.

"އެއީ މަންމަގެ ރައްޓެސެކޭ" ރުބީނާ އަވަސްއަވަހަށް ރަނގަޅުކޮށްދިނެވެ. ސަލްމާ އެއްޗެއް ބުނަން އުޅުމުން ރުބީނާ އަވަސްއަވަހަށް އިޝާރާތުން އެކަން މަނާކުރިއެވެ.

މާލެ އެރުމާއެކު ގުޅާލައްޗޭ ރުބީނާ ބުނެފައި އޮތަށް ނިޔާނު އެކަން އެހާ މުހިއްމު ކަމެއްކަމުގައި ނުދެކުނެވެ. ޖުވައިންއާއި ސަލާމްކޮށްލާފައި ޓެކްސީއެއް ނަގައިގެން އޭނާ ގެއަށް ދަތުރު ފެށިއެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ދުއްވާއެއްޗެހި ދުއްވުމަކީ ފަސޭހަކަމެއްނޫނެވެ. ކެތްތެރިކަމާއެކު މަޑުކޮށްލައިގެން އިން ނިޔާނު އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އެ ފޯނުގެ އިސްކުރީނުން ފެންނަން ހުރީ މިދިލި ގަސްދޮށުގައި ހުރި ދޮގުގޮނޑީގައި ލަދުރަކި ގޮތަކަށް ހިނިތުންވެލައިގެން އިން އައިރާއެވެ. އެ ފޮޓޯއަށް ބަލަން އިން ނިޔާނަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ.

"އައި ވިލް މިސް ޔޫ..." އިސްކުރީނުގައި އިނގިލި ހާކާލަމުން ވަރަށް މަޑުން ކިރިޔާ އިވޭނިވޭވަރަށް ނިޔާނު ބުނެލިއެވެ. އޭނާ ލާންޗަށް އެރިއިރު ވާޓަރުމަތީ ލިޒީއާއި އައިރާ ތިބިއިރު އައިރާގެ ފެންކަޅިވެފައިވާ ދެ ލޯ މިހާރު ވެސް ނިޔާނަށް ފެންނަ ކަހަލައެވެ. އަބަދުގެ ވަކިވުމެއް ނޫންކަން އެނގޭއިރު ޚުދު ނިޔާނުގެ ހިތަށް ވެސް އެވަގުތު ތާފާތު އިހުސާސްތަކެއް ކުރެވިގެންދިޔައެވެ. ބަޔާންކުރާން ދަތި ވޭނެއް ލިބިގެން ދިޔަ ކަހަލައެވެ.

އެޕާޓްމެންޓުގެ ބެލް އަޅާލުމާއެކު މައުރީން ސޯފާއިން ތެދުވެގެން އައިގޮތަށް ސިޓިންރޫމުގެ ބޮކި ނިވާލައިފިއެވެ. އަދި ލާނެތް ހިންޏެއް އައިސްފައި ހުރެ ދޮރު ހުޅުވާލިއެވެ. (ނުނިމޭ)