ހަބަރު

ފައްޔާޒުގެ ބަންދުގައި ބަހައްޓަން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މުޒާހަރާއަށް ނުދާން ޝަރުތު ކުރުމުން އެކަމަށް އޭނާ އެއްބަސްނުވުމުން އޭނާގެ ބަންދު މުއްދަތު އިތުރުކުރި މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފައްޔާޒު 60 ދުވަހަށް މުޒާހަރާއަށް ނުދާން ކްރިމިނަލް ކޯޓުން ޝަރުތުކުރީ މުޒާހަރާއެއްގައި އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެންދިއުމުންނެވެ. އެ ޝަރުތަކީ ގާނޫނާ ޚިލާފް ޝަރުތެއް ކަމަށް ވިދާޅުވެ، އެ ޝަރުތަށް ފައްޔާޒް އެއްބަސްނުވުމުން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ފައްޔާޒް ބަންދުގައި ބަހައްޓަން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުން އިސްތިއުނާފްކޮށްފައިވާއިރު ރޭ އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އޭނާ ދޫކޮށްލީ ބަންދުކުރަން ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމުމުންނެވެ.

ފައްޔާޒް ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ. މިހާރަކަށް އައިސް މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ދިގު މުއްދަތުތަކަށް މުޒާހަރާއަށް ނުދާން ކޯޓުން ޝަރުތުކުރުން ވަނީ އާންމުވެފަ އެވެ.