ގައުމީ ބޭންކް، ބީއެމްއެލްގެ އެންމެ ހާއްސަ މުވައްޒަފުންގެ ލިސްޓެއް އެކުލަވައިލާނަމަ، އެ ބޭންކްގެ ފެސިލިޓީޒް ޔުނިޓްގެ ސީނިއާ އޮފިސަރުގެ މަގާމުގައި ހުރި، މޫސާ މުހައްމަދުގެ ނަން އޮންނާނީ އެންމެ ކުރީގަ އެވެ. ބީއެމްއެލްގައި އޮންނަ މުވައްޒަފުންގެ ބޮޑު ޕޫލްގެ ތެރެއިން ފަހުރުވެރި ޖާގައެއް މޫސައަށް ލިބޭ ސިއްރު ހޯދައިގަންނަން ދާން ޖެހެނީ، މީގެ 35 އަހަރު ކުރި، 1982 ގެ ނޮވެމްބަރު 11 އަށެވެ. އެއީ މިއަދު ރާއްޖޭގެ މައި ބޭންކް ބީއެމްއެލްގެ ހަގީގީ އުފަން ދުވަހެވެ.
މޫސަގެ މަސައްކަތުގެ ހަޔާތް އުފަންވުމަކީ ވެސް މިއީ އެވެ. މޫސަގެ އުމުރުން އެންމެ 19 އަހަރުގައި ބީއެމްއެލްގައި މަސައްކަތް ފަށައިގަތީ އޭނާއަށް ހާއްސަ ވަކި ވަޒީފާއެއް ހަމަޖެހިގެނެއް ނޫނެވެ. އޭނާގެ ވަޒީފާ އަކީ އެއިރެއްގައި ބޭންކްގައި ކުރަން ޖެހުނުހާ މަސައްކަތެއް ކުރުމެވެ. އެކަމަކު އޭރު ވެސް އެންމެ މަސައްކަތް ގިނަ އަދި މަސްއޫލިއްޔަތު ބޮޑު މުވައްޒަފަކީ އޭނާ އެވެ. އެންމެންގެ އިތުބާރު މޫސައަށް އޮންނަލެއް ބޮޑުކަމުން ބޭންކްގެ ތަޅުދަނޑި ފަތިވެސް އޮންނަނީ އޭނާގެ އަތުގަ އެވެ. އަދި ބީއެމްއެލްގެ ފުޓްބޯޅަ ޓީމްގައި އޭރު އެންމެ ވިދާލާ އެއް ތަރި އަކީ ވެސް މޫސަ އެވެ.
"ބޭންކް ހުޅުވައި ލައްޕާ މީހަކީ ވެސް އޭރު އަޅުގަނޑު، ބޭންކުގެ ހުރިހާ ޑެލިވަރީއެއް ހަދާ މީހަކީ ވެސް އަޅުގަނޑު. ސިޓީފަދަ ތަކެތި ތަންތަނަށް ގެންގޮސްދޭ ޕިޔޯނަކީ ވެސް އަޅުގަނޑު. ހެނދުނު ކަސްޓަމަރުންނަށް ޓޯކެން ދިނުމާ މިހުރިހާ ކަމެއް ވެސް އޮންނަނީ އަޅުގަނޑަށް. އޭރު ކުރަން ޖެހުނު ހުރިހާ ކަމެއް، ޑެލިވަރީއެއް ވިޔަސް އިދާރީ އިންތިޒާމްތަކެއް ހަމަޖައްސަން ވިޔަސް ބޭންކްގައި އެކަހަލަ މަސައްކަތް ކުރަން ހަމައެކަނި ހުންނަ މީހަކީ ވެސް އަޅުގަނޑޭ ބުނެވިދާނެ. މިކަހަލަ ކަންކަން ކުރަން ހުންނަނީ ވެސް އަޅުގަނޑު އެކަނި. ވަކި ވަޒީފާއެއް ވެސް އޭރަކު ނެތް،" މޫސަ ބުންޏެވެ.
ވަކި ހާއްސަ ރަސްމީ ވަޒީފާއެއް ނެތި 325 ރުފިޔާގެ އުޖޫރައަކަށް ބޭންކްގައި މަސައްކަތް ކުރުމަށް ފަހު މޫސަ ހަމަޖެހުނީ ބޭންކްގެ ރަސްމީ، މެސެންޖާއަށެވެ. އެ ވަޒީފާގައި ތިން މަސް ދުވަހު މަސައްކަތް ކުރި ފަހުން ބޭންކްގެ އިސްވެރިން އޭނާއާ ހަވާލު ކުރީ އިދާރީ ގޮތުން ބޭންކްގެ ކަންތައްތައް ބެލެހެއްޓުމުގެ ސްޕަވައިޒަރެއްގެ ވަޒީފާ އެވެ. އެ މަގާމުގައި އަހަރުތަކެއް ހޭދަވި ފަހުން އިތުރު ޕްރޮމޯޝަނެއް ލިބި މޫސާ ބަދަލުވީ ޖޫނިއާ އޮފިސަރެއްގެ މަގާމަށެވެ.
ބޭންކްގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން ގޮސް މޫސަ އަކީ މިއަދު ބީއެމްއެލްގެ ބްރާންޗްތައް މަރާމާތު ކުރުމާއި އަލަށް ހަދަން ޖެހޭ ތަންތަން ހެދުމާއި ބީއެމްއެލްގެ ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ލޮޖިސްޓިކް ކަންކަން އޮމާންކަމާއެކު ގެންދިޔުމުގެ އިންތިޒާމުތައް ރާވަން ޖެހޭ ވެރިޔާ އެވެ.
"ބޭންކަކީ ދަންނަވާނީ އަޅުގަނޑުގެ ހަޔާއި އާއިލާއަށް ވުރެވެސް ބައެއް ފަހަރު އަޅުގަނޑާ ކައިރި ތަނެކޭ. ގިނަ ވަގުތު އެތައް ޒަމާންތަކެއް ވަންދެން މިތަނުގައި މި ހޭދަ ކުރެވުނީ. ބައެއް ދުވަސް ދުވަހު އާއިލާއަށް ވުރެން ގިނަ ވަގުތު އަޅުގަނޑަށް ބޭންކްގެ ތެރޭގައި އުޅެވިފައި ހުންނާނީ. ކުރިއަށް ދާން މިތަނުން އަޅުގަނޑަށް ފުރުސަތުތަކެއް ލިބުނީ. ހަގީގަތުގައި މީހުންގެ ތެރޭގައި އުޅޭނެ ރީތި އަހުލާގު ފަދަ މުހިންމު ފިލާވަޅުތައް އަޅުގަނޑަށް ދަސްވީ ބޭންކުގެ ތެރެއިން،" މޫސަ ބުންޏެވެ.
މޫސަގެ ހަޔާތުގެ މުހިންމު އެތައް ފިލާވަޅުތަކެއް ބީއެމްއެލްގެ ވަޒީފާގެ ތެރެއިން އުގަންނައިދިން އިރު މޫސަ ބޭންކުގައި މިހާ ދުވަހު ހުރުމުގެ ސިއްރަކީ، އޭނާ ބުނާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ހުންނަ ހިތްހަމަ ނުޖެހޭ ކަންތައްތަކާ އެކުވެސް ހިތްވަރު ދެރަ ނުކޮށް، އިހުލާސްތެރިކަމާއެކު މަސައްކަތުގައި ދެމި ހުރުމެވެ.
މޫސަ ބުނާ ގޮތުގައި އޭނާ ބެންކްގެ ވަޒީފާއަށް އޭނާ ދިޔައީ އެއީ އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތަށް ވެގެނެއް ނޫނެވެ. އެންމެ ކުރާ ހިތް ނުވިޔަސް ބީއެމްއެލްގެ ވަޒީފާޔަށް އޭނާއަށް ދެވުން މޫސަ ސިފަ ކުރަނީ އެއީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުމުގެ ގޮތުގަ އެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ މަސައްކަތް ކުރީ އިންޖިނިއަރިން އިލެކްޓްރިން ވަޔަރިން ކަހަލަ ދާއިރާއަކުން ކުރިޔަށްދާން. އެކަމަކު އޭރު އެންމެ ރަނގަޅު މުސާރައެއް ލިބޭނީ މިކޮޅުން [ބެންކުން) ކަމަށް ބުނާތީ ބޭންކްގެ ވަޒީފާއަކަށް މިސްރާބު ޖެހީ. އެކަމަކު އަޅުގަނޑު އެންމެ ކުރާ ހިތް ނުވި ނަމަވެސް، މިތަނަށް އައުމަކީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ނަސީބޭ މިއީ އަޅުގަނޑު ދަންނަވާނީ ޒުވާނުންނަށް ވެސް ކުރިއަށް ދާން ފުރުސަތު ލިބެން އޮތްތަނެކޭ،" މޫސަ ބުންޏެވެ.
ބީއެމްއެލްގެ ހުރިހާ މަސައްކަތެއް އެއްވެސް މެޝިނެއްގައި އެހީއާ ނުލައި މޫސަމެން އަމިއްލަ އަތުން ކުރީ ނުހަނު އުނދަގުލާއި ތުރާލުގަ އެވެ. ހިދުމަތް ހޯދަން ދާ މީހުންނަށް ޓޯކަން ދޫކުރުން ފަދަ ކަވި މަސައްކަތްތައް ވެސް އޭރު އޭނާ ކުރީ ނުހަނު ޝައުގުވެރި ކަމާއެކު އެވެ. ފައިސާ ނެގުމާއި ޖަމާ ކުރުމަށް އޮންނަ ނިޒާމަކީ ގޮޅި ޖެހި ފޮތުގައި ލިޔެގެން އެކަން ކުރާ ކަހަލަ އުސޫލެކެވެ.
މޫސަ ބުނާ ގޮތުގައި ބީއެމްއެލްއަށް މިހާރު އައިސްފައި މިވާވަރުގެ ތަރައްގީއެއް އަތުވެދާނެ ކަމަށް އޭނާއަށް ދުވަހަކު ހީ ކުރެވިފައެއް ނުވެއެވެ. ބީއެމްއެލްގެ އެހާރައި މިހާރު އޭނާގެ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާ މިހާރު ވެސް ހައިރާންވެ، އަންތަރީސްވެ އެވެ. މޫސަ ފަހުރުވެރިވަނީ ބޭންކްގެ އެހާރާއި މިހާރުގެ ދަތުރުގައި އޭނާއަށް މުހިންމު މަސައްކަތްތަކެއް ކުރެވި ހިއްސާއެއް ދެވިފައިވާތީ އެވެ. ބީއެމްއެލްގެ މިއަދު މިދެކޭ ރަން ޒަމާނުގެ ބައިވެރިއެއްގެ ގޮތުގައި މޫސައަށް ހުރެވުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެކެވެ. ބީއެމްއެލްއާއެކު މޫސަ ކުރާ ދަތުރަކަށް ނިމުމެއް ނެތެވެ.
"ބޭންކުން އަޅުގަނޑަށް ލިބުނު ކިތަންމެ ފުރުސަތެއް ދޫވެސް ކޮށްލިން. މިއަދު އަޅުގަނޑު މި ހިސާބުގައި މި ހުރެވުނީ ވެސް އެހެންވެ ކަންނޭނގެ. އަޅުގަނޑު ނުބަލަން ބޭންކުން އަޅުގަނޑަށް ކޮށްދޭނެ ކަމަކަށް. އޭގެ ބަދަލުގައި އަޅުގަނޑު ބަލަނީ އަޅުގަނޑަށް ބޭންކަށް މި ދިވެހި ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ؟"