މީހުން

އިސްނެގީ ހާމިދު، ހަދިޔާ ނެއްލައިދޫ އަށް

Jul 7, 2019
11

މި ރަށް ކިތަންމެހާ ވެސް ރީއްޗެވެ. މީހުން ކިތަންމެ ހާވެސް ހިތް ހެވެ. އެކަމަކު މި ރީތި ރީތި ހދ. ނެއްލައިދޫގައި ބޮޑު ފަޅުކަމެއް އެބައޮތެވެ. އެ ފަޅުކަމަކީ ކޮބައި ހެއްޔެވެ؟ މި ރަށުގައި އެކި އުމުރު ފުރާތަކުގެ މީހުން ޖަމާވެ މަޖާކޮށްލެވޭނެ ގޮތެއް މިހާތަނަށް މި ރަށަކުނެތެ. ރަށުގެ އަތިރި މަތީ އުނދޯލި އެލުވާފައި ހުއްޓަސް މި ތަންތަނަކީ ހުރިހާ އުމުރުފުރާ މަސްހުނިވެ އުޅެލަން އެހާ ހިތްގައިމު ތަނަކަށްނުވެ އެވެ. މިހެންވެ، މިހާތަނަށް މިކަންވެފައިވަނި ނެއްލައިދޫގައި އޮތް ފަޅު ކަމަކަށެވެ. އެކަމަކު، މި ފަޅުކަން ފިލުވައި މި ދިނީ އެ ރަށުގެ ޒުވާނެކެވެ. ހާމިދު ރަޝީދު 29، ގެ އިސްނެގުމާއެކު ގައުމީ ބޭންކުގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ހަރަދުގައި ނެއްލައިދޫ ރައްޔިތުންނަށް މިވަނީ ހަދިޔާއެއް ދީފަ އެވެ.

"ވަރަށް ކުރިން ވެސް ކުރަން ބޭނުންވެ އެކަމަކު ފައިސާ ނުލިބޭތީ ނުކުރެވި އޮތް ކަމެއް މި ކަމަކީ. މިހެންހުއްޓައި ސޯޝަލް މީޑިއާ އިން މި ފެނުނީ ބޭންކުގެ ޕްރޮޖެކްޓެއް. އަވަހަށް ޕްރޮޕޯސަލެއްލައިގެން މިކަންވާގޮތް މިއީ،" ނެއްލައިދޫ ފިނި މައިޒާން ހަދައިދިން ޒުވާނާ ބުންޏެވެ.

ކުޅުދުއްފުށީ ދިރާގު ކޯލް ސެންޓަރުގައި މަސައްކަތް ކުރާ، ހާމިދުގެ މަސައްކަތުން ނެއްލައިދޫގައި މިވަނީ ހިތް ފަސޭހަ ބޮޑު މައިޒާނެއް ހަދައިދީފަ އެވެ. މި ތަން ހަދާފައިވަނީ މަސް ފިހުމާއި ބާބިކިއު ހަދާލައި ކުޑަކުދިން ކުޅެވެސްލެވޭނެ ގޮތަށެވެ. މިތަން ކުރަހައި ފަރުމާ ކުރީ ވެސް ހާމިދު އެވެ. މިތަނުގެ މާހައުލުން ސިފަވަނީ ޖަޒީރާ ދިރިއުޅުމެވެ. މިތަނުގައި ފަނުން ހިޔާކޮށްފައިވާ ހަޓުތައް ހުރެ އެވެ. އަދި ބޮޑެތި އުނދޯލި ތަކާއި ހޮޅުއަށި އަދި ޖޯލިފަތިތައް އެލުވާފައި ހުރެ އެެވެ. މާދަމާ ހަވީރު މިތަން ހުޅުވުމާއެކު މިތަނުން ފެނިގެންދާނީ އުފާވެރިކަމެވެ. އާއިލާތައް އެއްކޮށް ގޮސް އުޅޭ މަންޒަރެވެ.

"މިހާރު މި ރަށަކު ނެތް ހުރިހާ މީހުން އެއްކޮށް ގޮސް ކުޅެލެވޭނެ ތަނެއް. މިއީ އާއިލާއެއްކޮށް ގޮސް ކުޅެލަން ދެވޭނެ ރަނގަޅު ތަނަކަށްވާނެ. ބާބިކިއު ހަދަން ކުޑަކުދިން ގޮވައިގެން ވެސް ހަމަދާންވީ. ދޮންވެލިލާފައި މިތަން ހުންނާނީ، އެހެންވެ ކުޑަކުދިން ގޮސް ދޫކޮށްލާންވީ،" ހާމިދު ބުންޏެވެ.

މި ޒަމާނުގައި މަސައްކަތެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި މަސައްކަތެއް ކުރުވުމަކީ އަމުދުން އެހާ އުނދަގޫ ކަމަކަށްވެ އެވެ. މަސައްކަތެއް ކުރާނަމަ ފުރަތަމަ އަންނާނީ "ފައިސާ" އެވެ. ފައިސާ ނުދޭ ގޮތަށް ހަމައެއްކަމެއް ވެސް މި ޒަމާނުގައި ނުކުރާނެ އެވެ. އެކަމަކު ނެއްލައިދޫ ފިނި މައިޒާން ހަދާފައިވަނީ ހިލޭ ސާބަހަށް ކޮށްދިން މަސައްކަތުންނެވެ. މި މަސައްކަތް ކޮށްފައި މިވަނީ މި ރަށުގެ ހެޔޮއެދޭ ފަރާތްތަކާއި ޒުވާނުން ނުކުމެ އެވެ. ބޭންކުން އެހީވެދިނީ މި ކަމަށް ދާނެ ހަރަދެވެ.

"ޕްރޮޕޯސަލް ލިއިރުވެސް މަަސައްކަތް ހިލޭ ކުރެވޭނެ ކަން ޔަގީންވޭ. ޖޯލިފަތިތައް ގެތުމާއި ހުރިހާ މަސައްކަތެއް މި ކޮށް ދިނީ ހެޔޮ އެދޭ ފަރާތްތަކުން. ހާއްސަކޮށް އާއިލާ މެންބަރުން. މިކަމުގައި މުޅި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބި މިކާމިޔާބުވީ."

ހާމިދުގެ އިސްނެގުމުން ހެދި ފިނި މައިޒާން މާދަމާ ހުޅުވާނެ އެވެ. މިތަން ހުޅުވުމާއެކު މި ރަށުގައި ކުރިން އޮތް ފަޅުކަން ފިލައިގެންދާނެ އެވެ. ގައުމީ ބޭންކުގެ އިޖުތިމާއި ޒިންމާގެ ޕްރޮޖެކްޓުގެ މަސައްކަތް ނެއްލައިދޫގައި ނިމޭނެ އެވެ.