ލަންޑަން (ޑިސެމްބަރު 13) – ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާ ޕީރިއަޑްގައި ޗެލްސީން އިތުރު ކުޅުންތެރިއެއް ނުހޯދާނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ބުނީ ޗެލްސީގައި މިހާރު އޮތް ސްކޮޑާއެކު، ހަތަރު މުބާރާތުގައި ވެސް ޗެލްސީ އަށް ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށެވެ.
"އަހަރެން މި އޮތީ އިނގިރޭސި ލީގު ތާވަލްގެ ކުރީގައި. ޗެމްޕިއަންސް ލީގުގައި ވާދަކުރި ގުރޫޕްގެ އެއްވަނަ ހޯދިން. އަދި ލީގު ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް މި ވަނީ ލިބިފައި. މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނުލިބޭނެ،" މޮރީނިއޯ ބުންޏެވެ.
އިނގިރޭސި ލީގުގައި މިރޭ ހަލް ސިޓީއާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، ޗެލްސީގެ އެއްވަނަ ގޯލްކީޕަރު ތީބޯ ކޯޓުއާ އަށް ވަނީ އަނިޔާވެފަ އެވެ. ކޯޓުއާގެ ބަދަލުގައި މިރޭ ޗެލްސީގެ ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ގޯލްކީޕަރު ޕެޓާ ޗެކް އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފަބްރެގާސް ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. އެކަމަކު ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗަށް ސަސްޕެންޑްވެފައި ހުރި ސާބިއާގެ މިޑްފީލްޑަރު ނެމަންޔާ މަޓިޗް އަށް މިރޭގެ މެޗުގައި ކުޅެވޭނެ އެވެ.
"ކުރިއަށް މި މެޗު ހަ މެޗުގައި ބަދަލުތަކެއް ފެންނާނެ. އެ ހުރިހާ މެޗެއްގައި ކުޅޭނެ ކުޅުންތެރިއެއް ނުހުންނާނެ. ކޮންމެ ކުޅުންތެރިއަކަށް ވެސް ކޮންމެ ވެސް އެއް މެޗެއްގައި ރެސްޓެއް ލިބޭނެ،" މޮރީނިއޯ ބުންޏެވެ. - ބީބީސީ
އިނގިރޭސި ލީގުގައި މިރޭ ކުޅޭ މެޗުތައް:
ބާންލީ - ސައުތުހެމްޓަން (2200)
ޗެލްސީ - ހަލް ސިޓީ (2000)
ކްރިސްޓަލް ޕެލެސް - ސްޓޯކް (2000)
ލެސްޓާ ސިޓީ - މެންޗެސްޓާ ސިޓީ (2000)
ސަންޑަލޭންޑް - ވެސްޓް ހޭމް (2000)
ވެސްޓް ބްރޮމް - އެސްޓަން ވިލާ (2000)
އާސެނަލް - ނިއުކާސަލް ޔުނައިޓެޑް (2230)