(28 ފެބްރުއަރީ 2017 އާ ގުޅޭ)
އެޕާޓްމެންޓުގެ ބެލް އަޅާލުމާއެކު މައުރީން ސޯފާއިން ތެދުވެގެން އައިގޮތަށް ސިޓިންރޫމުގެ ބޮކި ނިވާލައިފިއެވެ. އަދި ލާނެތް ހިންޏެއް އައިސްފައި ހުރެ ދޮރު ހުޅުވާލިއެވެ.
"ހާދަ އަނދިރިއޭ..." ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތިން އަނދިރިކަން ނޫން އެއްޗެއް ނުފެނުމުން އެތެރެއަށް ނުވަދެ ނިޔާނު މަޑުކޮށްލިއެވެ.
"ދޮންބޭ... ތިހެން ނުހުރެ ވަދެބަލަ..." ދޮރުފަތުގެ ފަހަތުގައި ފިލާ ހުރެފައި ނިޔާނުގެ ޚަބަރެއް ނުވުމުން ދޮރުގައި ހިފަހައްޓާލައި ބޭރަށް މައުރީން ބޯދިއްކޮށްލިއެވެ. އެއާއެކު ކަނާތުން ފޮށި ދަމަމުން ވައަތުން ގަޔާ ދޭތެރޭ ހިފަހައްޓާލައިގެން ހުރި ކަރުދާސްފޮށިގަނޑު ހިފައިގެން ނިޔާނު އެތެރެއަށް ވަދެއްޖެއެވެ.
"މައު... ލައިޓު ޖައްސަބަލަ" ތަނެއްދޮރެއް ވަކިނުވާތީ ނިޔާނު ބުނެލިއެވެ.
"ސަޕްރައިޒް..." ފާރުގައި ހުރި ސުވިޗު ޖައްސާލި އަޑާއެކު މުޅި ގޭތެރެ އަލިވެގެންދިޔައެވެ. އެހިނދު ސޯފާ ކައިރީ ހިނިތުންވެލައިގެން ރުބީނާ މަޑުކޮށްލައިގެން ހުރިތަން ނިޔާނަށް ފެނުނެވެ. ކުޑަ ބިއްލޫރި މޭޒުގެ މަތީ ހުރި ކޭކު ފެނިފައި ނިޔާނު ހިނިތުންވެލިއެވެ. އެވަގުތު މައުރީން އައިސް ނިޔާނުގެ ކަނާތު މުލައްދަނޑީގައި ދެއަތުން ހިފާލިއެވެ.
"ތި އެއްޗެހި ބަހައްޓާފައި ހިނގާބަލަ... އައި ޑިޑް އޯލް ދިސް ފޯ ޔޫ... އެކަމަކު ދޮންބެ ސައިޕްރައިޒެއްނުވި" މައުރީން ތުންކޮޅަށް ގޮތެއް ހަދާލިއެވެ. އެތަން ފެނި ނިޔާނު ހުރި ދިމާލުގައި ފޮށްޓާއި ކަރުދާސް ފޮށިގަނޑު ބަހައްޓާފައި މައުރީންގެ ކޮނޑުގައި އަތްއަޅުވާލާ ގާތްކޮށްލިއެވެ.
"ތެންކިއު... ތެންކިއު ބޮޑުބޮޑުކޮށް" މައުރީންގެ ބޮލުގައި ނިޔާނުގެ ބޮލުން ޖަހާލިއެވެ. އަދި ދެ ކުދީން އެކުގައި އައިސް ސޯފާތައް ކައިރީ ހުރި ބިއްލޫރި މޭޒާ ދިމާވާގޮތަށް ހުރި ސޯފާގައި އިށީނެވެ.
"ނިޔާނު ގާތުގައި މަންމައަށް ގުޅާލައްޗޭ ބުނީމަ އަންގާ ވެސް ނުލާ ތި އައީ" ސޯފާގައި އިށީންނަމުން ރުބީނާ ބުންޏެވެ.
"ފްލައިޓަށް އަރަމުން މަންމައަށް ގުޅީމެއްނު" މާބޮޑު ކަމަކަށް ނުހަދާ ނިޔާނު ބުންޏެވެ.
"މަންމައާއި ދޮންބެ ވާހަކަ ދައްކާނީ ފަހުން... އިހަށް މި ކޭކުފަޅާ" މޭޒުމަތީ އޮތް ވަޅި ނަގާ ނިޔާނުގެ އަތަށް މައުރީން ލައިދިނެވެ. އެއާއެކު ހީނލާފައި ނިޔާނު ކޭކުފަޅަން މޭޒާ ކައިރިވެލިއެވެ.
"ނިޔާނު ފްލައިޓަށް އެރީސުރެން މައުގެ ކަމަކީ މީ... ނިޔާނު އަންނަންވާއިރަށް ބަޓާ ކޭކެއް ނުގަނެވިގެން މޮޔަވަނީ" ހިނިތުންވެލައިގެން އިން ރުބީނާ ބުންޏެވެ.
ކޭކުފެޅިއެއްކަމަކު އެވަގުތު ކޭކު ކާކަށް ނިޔާނު ބޭނުމެއްނުވިއެވެ. އޭގެ ބަދަލުގައި ނިޔާނު ހުރީ އެކަނިވެލަން ބޭނުންވެފައެވެ. ރޭގަނޑު ކެއުން ނިޔާނާއެކު ކާން ވެގެން ރުބީނާއާއި މައުރީން ވެސް ތިބީ ނުކައެވެ. އޭރު ނުވައެއްޖަހައިފިއެވެ. އެހެންވެ ރުބީނާ ކާން ތައްޔާރުކުރަންވާއިރަށް ތާޒާ ވެލައިގެން ނުކުންނާނަން ކަމަށް ބުނެ ފޮށި ހިފައިގެން ނިޔާނު ވަނީ ކޮޓަރިއަށެވެ.
* * * *
"ހެލޯ..." ރިންގުވި ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު ނިކަން އަވަހަށް އައިރާ ބުނެލިއެވެ.
"މިހާރު މިހިރީ ގޭގައި... އައިރާ ކީއްކުރަނީ؟ ނިދަން ދޯ ތި އޮތީ؟" ނިޔާނު އަހާލިއެވެ.
"ނޫން! ލިޒީއާ ދެ މީހުން ކައިގެން ނުކުމެ ބޭރު ޖޯލީގައި މިތިބީ... ނިޔާނުގެ މަންމަމެން ރަނގަޅުތަ؟"
"އާން! އަހަރެން އަންނަކަން އެނގޭތި މައު ކުޑަވަރެއްގެ ސަޕްރައިޒެއް ވެސް ރާވާފައި އޮތީ..." ނިޔާނު ހީނލިއެވެ.
"އެހެންތަ؟ އެހާ ދުވަސްކޮށްފައެއްނު އެމީހުންނަށް ވެސް ނިޔާނު ތި ފެނުނީ... މިރޭ ކައިފިންތަ؟" އައިރާ އަހާލިއެވެ.
"ކާން ދާން މިއުޅެނީ... ރޭގައި ވަރަށް ކުޑަ ވަގުތުކޮޅަކުއެއްނު ނިދުނީ... އެހެންވެ ވަރަށް ވަރުބަލި... ކައިގެން ނިދާލަން މި ވިސްނަނީ... ހެނދުނުން އައިރާއަށް ގުޅާލިޔަސް އޯކޭތަ" ނިޔާނު ގަސްދުކޮށްފައިވާ ގޮތް ބުނެލިއެވެ. އެކަމާ އައިރާގެ އެއްވެސް ޝަކުވާއެއްނެތެވެ. ސަލާމަތުން ނިޔާނަށް މާލެ ދެވިއްޖެކަމާއި އޭނާގެ އަޑު އައިރާއަށް އިވުނީތީ އެވަރުން އައިރާ މިރެއަށް ހިތްހަމަޖައްސާލީއެވެ. ފޯނުކޯލު ކުރުކޮށްލާފައި ނިޔާނު ކޯލު ކަނޑާލުމުގެ ކުރިން އައިރާގެ މަތިން މިހާ އަވަހަށް ހަނދާންވާން ފަށައިފިކަމުގައި ބުނެލިއެވެ. އަދި އަބަދުވެސް އައިރާދެކެ ނިޔާނު ލޯބިވާކަން ހަނދާންކުރުމަށް ބުނެލިއެވެ.
"އައިރާ ދެން މެރީކޮށްގެން މާލެއަށް ދޯ ދާނީ؟" އައިރާއާ ޖެހިގެން ހުރި ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން ޖޯއްޔަށް ދެފައި ނަގައި ކުރުކޮށްލައިގެން އޮވެ ލިޒީ އަހާލިއެވެ.
"އަދި ނޭނގެ... ނިޔާނު ނިންމާނީ އަހަރެން ހުންނާނެތަނެއް" އައިރާ ވެސް ފޯނު އަތުގެ ތެރެއަށް ލައިގެން ޖޯލީގައި ހަމަޖެހިލިއެވެ.
"ނިޔާނަކީ މާލޭމީހެއްނު... އޭނާ އިންނަ މީހަކު އޭނާ އުޅޭތާކައްނު ގެންދާނީ... އަނެއްކާ އެހާ ބޮޑު ފެމެލީއެއް ވެސް ނޫނެއްނު... އެއްގޮތަކުން އަހަންނަށް ހީވަނީ ރަނގަޅު ކަންނޭނގެ އެހާ ބޮޑު ފެމެލީއަކަށް ނުވިކަން... އެހެންނޫނީ ފޭވަރިޓް ބަހޫގެ މަޤާމަށް ވާދަކުރާން ޖެހިދާނެ" ލިޒީއާއެކު އައިރާ ވެސް ކުޑަކޮށް ހީނލިއެވެ.
"ނިޔާނު އެއްފަހަރު އަހަންނަށް ދެއްކި އޭނާގެ މަންމައާއި ކޮއްކޮގެ ފޮޓޯ... ވަރަށް ޔަންގު ވައްތަރު ޖަހާ މަންމައެއް" ނިޔާނުގެ ފޯނުން އޭނާ ދެއްކި ފޮޓޯގެ ހަނދާން ކުރަމުން އައިރާ ބުނެލިއެވެ.
"ތިހެންވީރު އަދިވަކިން ކޫލްވާނެއެއްނު... މުސްކުޅި ޚިޔާލުތަކެއް އެކަހަލަ މަންމައެއް ނުގެންގުޅޭނެ... އަހަންނަށް ހީވަނީ އައިރާގެ ނަސީބު އައިރާގެ އަތުގައި ހިފައިފިހެން" އުޑުމައްޗަށް ނަޒަރު ހުއްޓާލައިގެން އޮވެ ލިޒީ ވާހަކަދެއްކިއެވެ.
"ތިހެން އަދި ބުނާކަށް ނުވޭ... އަދި ކައިވެނި ވެސް ކުރެވުނީއެއްނޫނެއްނު" އައިރާގެ ހިތުގެ އެދުން ފުރިހަމަ ނުވާތީ އޭނާއަށް ބުނެވުނެވެ.
"ބަލަ ނަސީބު ރަނގަޅުވީމައެއްނު މިހާ ދުވަހު އެ ހިޝްމާއާއި ޝަމްއާނުގެ ބަލާވެރިކަމުން ސަލާމަތްމިވީ... އެއީ ފެށުމެއްކަމަށް އަހަރެން ދުށީ... ނޫންތަ؟ ނިޔާނަކީ އިތުބާރު ހިފޭކަހަލަ ފިރިހެނެއް... އޭނާ ކައިވެނި ކުރެވޭނެކަމުގެ ޔަޤީންކަން އޮތީމަ އެ ދިޔައީ ކައިވެނި ފޯމު ފުރާ ހުރިހާ ކަމެއް ހަމަޖައްސައިދީފައި... އެހެންވީމަ ކޮބާ ނަސީބު އަތުގައި ނުހިފާފަ"
އައިރާގެ ދިރިއުޅުމާ ބެހޭ ގޮތުން ލިޒީއާއެކު ވާހަކަދައްކަން ޖޯލިފަތީގައި ތިބެފައި ގޭތެރެއަށް ވަނީ މަލީހާ ނުކުމެ ގޮވީމައެވެ. ދެ ކުދިން ގޭތެރެއަށް ވަދެ އެތައް އިރަކު ލިޒީގެ ކޮޓަރީގައި އެކި ވާހަކަދައްކަން ތިއްބެވެ. އެހެންތިބެފައި ހެނދުނު ހޭލަން ޖެހޭނެތީވެ އައިރާ އޭނާއަށް ޚާއްޞަކުރެވިފައި ހުރި ކޮޓަރިއަށް އައިސް ވަނެވެ. އެހެންނަމަވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެކިއެކި ޚިޔާލުތަކުގައި އޮވެވުނީއެވެ.
އިރުއަރައިގެން އައިއިރު ނުނިދާ ހުރި އައިރާގެ ދެ ލޮލުން ވަރުބަލިކަން ފާޅުވެއެވެ. އެހެންނަމަވެސް އޭނާ ބަދިގެއަށް ވަދެ ހޫނު ކޮފީތަށްޓެއް ހަދައިގެން ނުކުމެ އަނބުގަހުގައި އެލުވާފައި ހުރި ޖޯލީގައި އިނެވެ. މަލީހާ ބަދިގެއަށް ވަންނަން އައީ ވެސް އައިރާ އެހެން އިންދައެވެ.
"ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ" މަލިހާ ބަދިގެއަށް ވަންނަމުން އަހާލިއެވެ.
"އިރުއަރަންދެން ނިދަން އޮންނަން އާދެވެފައި ނެތީމަ... ދައްތައަށް ކޮފީތަށްޓެއް ހަދައިދެންތަ؟" މަލީހާގެ ފަހަތުން އައިސް ބަދިގެއަށް ވަންނަމުން އައިރާ ބުންޏެވެ.
"ނިކަން މީރުކޮށް ގިރާލަބަލަ... ޔޭޔޭ އިނގޭ" ހެނދުނުގެ ސައި ތައްޔާރުކުރުމަށް މަސައްކަތްގަނޑު ފަށަން މަލީހާ ތައްޔާރުވަމުން ދިޔައެވެ.
މަލީހާއަށް ކޮފީތަށްޓެއް ގިރައިގެން ގެނެސް ދިނުމުން އޭނާ އެ ބޯލުމަށް ކާމޭޒުދޮށުގައި އިހަށް މަޑުކޮށްލިއެވެ. އޭނާއާއެކު އައިރާ ވެސް މޭޒުދޮށުގައި އިނެވެ. އެހެން ތިބިއިރު ނިޔާނުގެ ވާހަކަ މަލީހާ ދެއްކިއެވެ. ނިޔާނަކީ ވަރަށް ރަނގަޅު ހަރުދަނާ ޒުވާނެއްކަމެވެ. އޭނާގެ ފުށުން މަލީހާއަށް މުޅިން ވެސް ފެނުނީ ރަނގަޅު ސިފަތައްކަމެވެ. އަދި މިހާރު އައިރާއަކީ މަލީހާމެންނާ ނިޔާނު ހަވާލުކޮށްފައިވާ އަމާނާތެއްކަމުގައި ބުންޏެވެ. މަލީހާގެ ވާހަކަތައް ހުރި ގޮތުން އައިރާ އޭނާގެ މަންމަގެ މަތިން ހަނދާންވިއެވެ. މިއަދު ދުނިޔޭގައި އެ މަންމަ ހުރިނަމަ މަންމައާ ޚިއްޞާކުރާން ބޭނުންވާ އެތައް ކަމެއް އައިރާގެ ހިތުގައިވެއެވެ.
"ކޮންކަމަކަށް ގެއްލިފައި ތި އިނީ... ކޮންއިރަކުން އޮފީހަށް ދާން ތައްޔާރުވަނީ" ކޮފީތަށި ބޮއެ ނިންމާލާފައި މޭޒުގައި އައިރާ އަޅުވާލައިގެން އިން އަތުގައި މަލީހާ ކޮއްޓާލިއެވެ.
"ކަމަކަށް ގެއްލިފައެއްނޫން... ދައްތަ ތި ދެއްކި ވާހަކަތަކާ މެދު ވިސްނާލެވުނީ... ދައްތާ! އަހަރެން ރޮށި ފިހެދެންތަ؟ ދެ މީހުން ކުރީމާ އަވަސްވާނެއެއްނު... އެހެންނޫނަސް އޮފީހަށް ދާން އަދި ވަގުތު އެބައޮތް" އައިރާ އިންތަނުން ތެދުވެ އޭނާ ކޮފީބުއި ތަށްޓާއި މަލީހާ ކޮފީބޮއެ ހުސްކުރި ތަށި ހިފައިގެން ސިންކުގެ ކައިރިއަށް އައެވެ.
"އަހަރެން ހިތަށް އަރާ ލިޒީ އައިސް ތިހެން ބުނާނީ ކޮންދުވަހަކުންބާއޭ... އަދިވެސް އެ ހުންނަނީ ވަޒީފާގަނޑެއް ވެސް ހޯދަން ބޭނުންނުވެފައި... ކޯހެއް ހަދަން އުޅޭށޭ ވެސް ބުނެފިން... އައިރާ ނިކަން އޭނައަށް ވިސްނާދީބަލަ... ނިޔާނާ އިނދެގެން އައިރާ ދިޔައިމަ ދެން ނުހުންނާނެ އަހަރެންގެ ލިޒީގެ ތިޔަފަދަ އެކުވެރިއެއް ވެސް... އެހެންވެ މިބުނީ... އައިރާ ދިއުމުގެ ކުރިން ލިޒީގެ އެ ކަންނެތްކަން ކަނޑުވާލަބަލަ" މަސައްކަތުގައި ދެއަތް ހަރަކާތްތެރިވަމުން ދިޔައިރު މަލީހާގެ ދޫ ވެސް އެހާ ހަލުވިއެވެ.
* * * *
އޮފީހަށް ދާން ނުކުތުމުގެ ކުރީން އައިރާއަށް ނިޔާނު ގުޅިއެވެ. އޭރު އައިރާ ވެސް ހުރީ އޮފީހަށްދާން ތައްޔާރުވެއެވެ. ކޮންމެ ދުވަހަކު ހެނދުނު އައިރާ އޮފީހަށް ދާން ނުކުންނަތަން ބަލަން ލިޒީމެންގޭ ޖޯލިފަތީގައި އޮންނަ މަންޒަރު ނިޔާނުގެ ޚިޔާލަށް ވެރިވި ހިނދު އޭނާއަށް ހީނލެވުނެވެ. އަދި އެ ފޮނިފޮނި ޚިޔާލުތަކުގެ ވާހަކަ އައިރާގެ ގާތުގައި ނިޔާނު ދެއްކިއެވެ. ފޯނުގައި ހުރެ ނިޔާނު ގެއިން ނުކުންނަން ދިޔަ ވަގުތު ސިޓިންރޫމާ އިންވެގެން ހުންނަ ބަދިގެ ތެރޭގައި ހުރި ރުބީނާގެ ލޮލުގައި އޭނާގެ ފިރިހެންދަރިފުޅު އަޅައިގަތެވެ. މީގެ ކުރިން ނުފެންނަ ސިފަތަކެއް ނިޔާނުގެ ކިބައިން ފެނިގެންނެވެ. ރަކި ހީނލުންތަކާއެކު އެހާ ހެނދުނާ ނިޔާނު ގުޅައިގެން އެ ވާހަކަދައްކަނީ ކާކާތޯ އެނގެން ރުބީނާ ބޭނުންވިއެވެ. ނިޔާނު ފޯނުކޯލުގެ ތެރެއަށް ވަދެފައި ހުރިލެއް ބޮޑުކަމުން ރުބީނާ އަތުގައި އޮތް ސަމްސާ ވައްޓާލުމުން ވެސް ނިޔާނު ބަލާނުލިއެވެ. އެދިޔަ ގޮތަށް އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި އޭނާ ނުކުމެއްޖެއެވެ.
"ނިޔާނު އަންހެންކުއްޖެއްގެ ކަންތައް ފެށީބާ؟ އަދި އަހަރެން މިހުންނަނީ ނިޔާނު އައީމަ އަހަރެން ކައިވެންޏަކާ މެދު ވިސްނާވާހަކަ ބުނަންވެގެން... ނިޔާނަށް ބަދަލުތަކެއް އަތުވެއްޖެހެން ހީވަނީ... އިހަށް އެކަން އޮޅުންފިލުވަންވީ" ނިޔާނު ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ރުބީނާ ވާހަކަދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ.
ވެރިޔާގެ ކޮޓަރިން ޖުވައިންއާއި ނިޔާނު ނުކުތީ އެކީގައެވެ. ދެ ޒުވާނުންނަށް ވާހަކަދައްކާލަން ފުރުޞަތު ލިބުމާއެކު ޖުވައިން ފުރަތަމަ ވެސް އެހީ އައިރާގެ ވާހަކައެވެ. އެ އަންހެންކުއްޖާއާ ކައިވެނި ކުރުމުގެ ވިސްނުމަކީ ހަޤީޤަތެއްތޯއެވެ. އައިރާއޭ ކިޔައިގެން ނިޔާނު ސަމާސާއެއް ނުކުރާނަން ކަމުގައި ބުންޏެވެ. އެހެންނަމަވެސް އޭނާވަނީ މަންމަގެ ގާތުގައި އެވާހަކަ ބުނަން ފަސްޖެހިފައެވެ. ރުބީނާއާ ހަމައަށް އައިރާގެ ވާހަކަ ގެންދާނޭ ގޮތެއް ނިޔާނަކަށް ނުވިސްނެއެވެ. އެ ވާހަކަދައްކަން ވާނީ ވެސް ވަރަށް ރަނގަޅު ދަނޑިވަޅެއް ބަލާފައެވެ. އެކަމަކު އެ ދަނޑިވަޅު ލިބޭނީ ކޮންވަގުތަކު ކަމެއް ނިޔާނަކަށް ވެސް ނޭނގެއެވެ.
ހެނދުނުގެ ވަގުތަކީ މައުރީން ވެސް ސްކޫލުގައި ވާ ވަގުތަށް ވެފައި ގޭގައި އެކަނި ހުންނަން ރުބީނާ ބޭނުންނުވާތީ އާދައިގެ މަތިން ދާހެން އެކުވެރިންނާއެކު ރެސްޓޯރެންޓެއްގެ ހާމަޑެކުގެ މޭޒެއްގެ ދޮށުގައި އޭނާ އިނެވެ. ފިރިހެން ދަރިފުޅު އެނބުރި އައުމުގެ އުފަލާއެކު ރުބީނާގެ އެކުވެރިން މަޝްވަރާ ދިނީ އަވަހަށް ޤައިސްއާ ގުޅުމަށެވެ. އެހެންނޫނީ އަނެއްކާ ވެސް ނިޔާނު އެހެން އުޅެފައި ފުރާފާނެތީއެވެ. ނިޔާނުގެ ހުއްދަ ނުލިބި ރުބީނާ މީހަކާ ނީންނާނެކަން އޭނާގެ އެކުވެރިންނަށް އެނގެއެވެ.
"ޤައިސްގެ ރުހުން ނުލިބެނީސް ނިޔާނު ގާތުގައި އެކަހަލަ ވާހަކައެއް ދައްކާކަށް ނުކެރޭނެ" ރުބީނާ ބުންޏެވެ.
"ތިކަން ވެދާނެ... ރޫބީ އޯކޭ ނުދީގެން ދޯ ޤައިސްއާއެކު މީޓިން ފިކްސް ނުކުރެވިފައި އޮތީ... ފާޑެއްގެ އާދިލްއަކާ ޖެހިގެން އޭނާގެ ކިބައިން ސަލާމަތްނުވޭ" ހިތަށް އަރާ އެއްޗެއް އެކުވެރިންގެ ތެރޭ ދުލުން ބޭރުކޮށްލުމަކީ ސަލްމާއަށް އެއްވެސް ކަމެއްނޫނެވެ. އެކަކު އަނެކަކާ މެދު ކޮންމެފަދަ އެއްޗެއް ބުންޏަސް ރުޅިއަންނާނޭ ފުރުޞަތެއް ނޯވެއެވެ.
"އަހަރެން ވެސް މިއުޅެނީ އޭނާ ކިބައިން ސަލާމަތްނުވެވިގެން... އެހެންނޫނަސް މިހާރު މި އުމުރަށް ދިޔައީމާ އެކަހަލަ މީހަކު ހުރިކަން ވެސް ރަނގަޅެއްނު... މިއުޅޭ ގިނަ ފިރިހެނުންނަކީ އަތުގައި ރުފިޔާ ހުރީ ވިއްޔާ ޅަކުދީން ހޯދަން ދުވާ މީހުން... އަހަރުމެންނަށް ވެސް ޚަރަދުކޮށްލަން ކެރޭވަރުގެ މީހަކު ހުންނަން އެންމެ ރަނގަޅެއްނު... ޤައިސްގެ ގޮތެއް ވެސް އެނގެނީއެއްނޫން" ރުބީނާ ބުނެލިއެވެ.
"އެކަމަކު ހެޔޮ.... ޤައިސްގެ ކަންތައް ކޮށްފައި އެ އާދިލަކާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ... މި ހަފްތާ ތެރޭ އަހަރެން ތި ދެ މީހުން ބައްދަލުކުރުވާނަން... ވަޖީހު ގާތުގައި ވެސް އަހަރެން މި ވާހަކަ ކުޑަކޮށް ދައްކާލައިފިން... އޭނާ ވެސް ޤަބޫލު... ހުރީ އަހަންނަށް އެއްބާރުލުން ދޭގޮތަށް" ސަލްމާ ބުންޏެވެ.
"އަހަރެން އަޑުއެހިން އެ ޤައިސްއެއް ކުރިން އިނީ ރާއްޖޭން ބޭރުމީހަކާއޭ" ހިދާ އިނދެފައި ބުނެލިއެވެ. އެއާއެކު ރުބީނާއާއި ސަލްމާއާ އެއްފަހަރާ ހިދާއަށް ބަލާލިއެވެ.
(ނުނިމޭ)