ބޮލީވުޑް

ޖަލަށް ދާން ޖެހިދާނެ ވަރުގެ މައްސަލައެއް ޝާހުގެ މައްޗަށް ހިލުވާލައިފި

Mar 22, 2015

މުމްބާއީ ވެންކެޅެ ސްޓޭޑިއަމްގައި 2012ވަނަ އަހަރު ބޭއްވުނު އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) މުބާރާތުގެ ތެރޭގައި، ކުޑަކުދިން ތިބިތަނެއްގައި ބޭއަދަބީ ބަހުން ސްޓޭޑިއަމްގެ އޮފިޝަލުން މުހާތަބުކޮށް، އެތަނުގެ ތެރޭގައި ހާޖާނު އުފެއްދި މައްސަލާގައި ބޮލީވުޑްގެ މަޝަހޫރު ފިލްމީ ތަރި ޝާހްރުކް ޚާނާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި ހާދިސާ ހިނގިތާ ތިން އަހަރު ފަހުން، މައްސަލަ ފެންމަތިކޮށް، ފުލުހުންނަށް ހުށަހަޅާފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މަހާރަޝްތުރާ ސްޓޭޓް ކޮމިޝަން ފޯ ޗައިލްޑް ރައިޓްސް (އެމްއެސްސީސީއާރް) ގެ ފަރާތުންނެވެ.

އެމްއެސްސީސީއާރްގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ ކުޑަކުދިން ތިބި ތަނެއްގައި ބޭއަދަބީ ބަހުން މުހާތަބުކޮށް ވާހަކަ ދައްކާފައިވާތީ އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މާއްދާތަކާ ހަވާލާ ވެސް ދީފަ އެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ 16މެއި، 2012 ގައި ޝާހްރުކް ޚާންގެ ޓީމް ކޮލްކަޓާ ނައިޓް ރައިޑާސް އާއި މުމްބާއި އިންޑިއަންސް ބައްދަލުކުރި މެޗްގައި، ޝާހްގެ އަންހެން ދަރިފުޅު ސުހާނާ އާއި އެކު ސްޓޭޑިއަމް ތެރޭގައި ތިބި ކުޑަކުދިންތަކެއް، އެތަނުގެ ސެކިއުރިޓީން ނެރެން އުޅުމުން އެކަމާ ހިތްހަމަނުޖެހިގެން ހިނގި ޒުވާބުގަނޑެއްގެ ތެރޭގަ އެވެ.

މި މައްސަލައިގައި ޝާހް އާއި މުމްބާއި ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ) އާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް، މާރާމާރީ ހިންގާ ހިސާބަށް ދިއުމުން އެމްސީއޭ އިން ވަނީ ޝާހް އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުވެސް އަޅާފަ އެވެ.

އެއީ ފަސް އަހަރު ވަންދެން ވެންކެޅެ ސްޓޭޑިއަމަށް އޭނާ ވަނުން މަނާ ކުރުމެވެ. އެކަމަކު ފަހުން ވަނީ އެ ފިޔަވަޅު ނަގައިފަ އެވެ.

އެމްއެސްސީސީއާރް އިން އިތުރަށް ބުނެފައިވަނީ އެދުވަހު ހިނގާދިޔަ ހާދިސާއަކީ ނުބަލައި ދޫކޮށަލަން ޖެހޭ ވަރަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށާއި، ފުލުހުން މި މައްސަލަ ބަލައި ޝާހް އާއި ދޭތެރޭ ފިޔަވަޅު އެޅުމަށްވެސް ގޮވާލާކަމަށެވެ. 

ޝާހްގެ ފަރާތުން ފެނުނު މި އަމަލުގެ މައްސަލަ އެމްއެސްސީސީއާރް އަށް ފުރަތަމަ ހުށަހަޅާފައިވަނީ ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ އަމިތު މާރޫ އެވެ. މި މައްސަލައިގެ ޝާހްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ހިންގައިފި ނަމަ އޭނާގެ މައްޗަށް ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ.