ރިޕޯޓް

ހީވާގި ކަނބަލުންގެ މައުރަޒު: މެޑަމްގެ އާދަޔާހިލާފު މަސައްކަތެއް!

Mar 2, 2017
1

"ހީވާގި ކަނބަލުން" ގެ ނަމުގައި ދަރުބާރުގޭގައި މިދިޔަ މަހުގެ 24 އިން 27 އަށް ބޭއްވި ހަތަރު ދުވަހުގެ ބޮޑު މައުރަޒަކީ އަންހެނުންގެ މަސައްކަތްތެރިކަން ދައްކާލުމަށް ފަހުގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ ހިތްގައިމު މަސައްކަތެވެ. ހުރިހާ ޝުކުރެއް ދަނީ ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހީމަށެވެ. ދިވެހި އަންހެނުންގެ ހުނަރާއި އާދަޔާހިލާފު ފަންނުވެރި ބުރަ މަސައްކަތް ފެނިގެން ދިޔަ މައުރަޒުގައި، އަމިއްލަ ގޮތުން 400 އަށްވުރެ ގިނަ އަންހެނުންނާއި، 200 އަށްވުރެ ގިނަ ކްލަބް ޖަމްއިއްޔާތަކުން 26.000 އަށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފަ އެވެ.

ގިނަ ބަޔަކު ޝަގުވެރި ކުރުވި އެތަކެތި ވިއްކައިގެންނާއި އިތުރަށް މާކެޓް ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ އިތުރަށް އަންހެން މަސައްކަތްތެރިންނަށް މި މައުރަޒު ވެގެން ދިޔައީ ވަރަށް ބޮޑު ހިތްވަރަކަށެވެ. މަސައްކަތުގައި ކުރިޔަށް ފިޔަވަޅު އަޅަން ލިބުނު ފުރުސަތަކަށެވެ. އެންމެންގެ ތައުރީފު އޮހުނު ފުރިހަމަ އަދި ބުރަ މަސައްކަތަކީ ފަސްޓްލޭޑީ ރާއްޖޭގެ އަންހެނުންނަށް ދެއްވި ވަރަށް ބޮޑު ހަދިޔާއެކެވެ. ޔަގީނުން ވެސް އެއި ފަސޭހަ އަދި އާދައިގެ މަސައްކަތަކަށް ނުވާނެ އެވެ. ކާމިޔާބު މައުރަޒުގެ ފަހަތުގައި ވަނީ މެޑަމް ފާތުން އާއި އެކަމަނާގެ ކެމްޕޭން އޮފީހުގެ ހީވާގި ޓީމްގެ މަސައްކަތެވެ. ހީވާގި ކަނބަލުންގެ މައުރަޒަކީ ނަމޫނާ މަސައްކަތެކެވެ.

"އެނގިވަޑައިގަންނަވާނެ، މެޑަމް ފާތުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތްތަކަށް. އެގޮތުން ހަމަ ސީދާ އެކަމަނާގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން އެކަމަނާގެ ޓީމުން ކުރި ވަރަށް ބުރަ މަސައްކަތެއް ފެނިގެން މިދިޔައީ. އިތުރު ބައެއް ކުރި މަސައްކަތެއް ނޫން މިވަރުގެ ބޮޑު ފެއާއެއް ބާއްވައި ނިމިގެން ދިޔުމަކީ. ސީދާ މެޑަމްގެ ކެމްޕޭން އޮފީހުގެ ޓީމުގެ ބުރަ މަސައްކަތް އަދި ފަސްޓް ލޭޑީ އާއި ޓީމްގެ ކުޅަދާނަކަން އެ މައުރަޒުން ފެނިގެން ދިޔައީ،" މެޑަމްގެ ކެމްޕޭން އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މައުޒަރަށް ވަނީ ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބި އެތައް ބައެއްގެ އުންމީދު އާކޮށްދީފަ އެވެ. މައުރަޒަށް ޒިޔާރަތްކުރި މީހުންގެ އަދަދު ގިނަކަމުން ބައެއް ފަހަރު މެނޭޖް ކުރަން ވެސް އުނދަގޫވާ ފަހަރު ދިޔައެވެ. މައުރަޒަށް ޒިޔާރަތް ކުރާ މީހުން އިތުރު ކުރުމުގެ ގޮތުން، މީހުންގެ މެދުގައި ނެގި ގުރުއަތަކުން، ތިންވަނަ އިނާމަކަށް ބެޓެރީ ސައިކަލެއް ދިން އިރު، ދެވަނަ އިނާމަކަށް ދީފައި ވަނީ ބެންގްކޮކް ދެކޮޅު ޓިކެޓެވެ. އަދި އެއް ވަނަ އިނާމަކަށް ދުބާއީ ދެކޮޅު ޓިކެޓް ދިނެވެ.

މި ކޮންސެޕްޓް ރޭވުމާއި ކާޑްތައް ޑިޒައިން ކުރުމުން ފެށިގެން ގޮސް، ހަފްލާ ހުޅުވުމުގެ އިވެންޓާއި މުނިފޫހިފިލުވުން އަދި ނިންމުމުގެ ރަސްމިއްޔާތުގެ ކަންކަން ވެސް އިންތިޒާމް ކުރީ ސީދާ މެޑަމްގެ ބެއްލެވުމުގެ ދަށުން އެކަމަނާގެ ކެމްޕޭން އޮފީހުގެ ޓީމެވެ. ސަރުކާރުގެ އިދާރާތަކާއި އެހެން ވެސް އިތުރު ފަރާތްތަކުން އެކަން އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވެފައެއް ނުވެެ އެވެ.

ހީވާގި ކަނބަލުން މައުރަަޒު ފެށުމަށް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު، ކުލަގަދަ ހަފްލާއެއް ވެސް ބޭއްވި އެވެ. އަދި ނިންމުމުގެ ގޮތުން ކުލަގަދަ ޝޯއެއް ވެސް ބޭއްވި އެވެ. އެ ހުރިހާ ކަމަކާ ދިމާލަށް އެންމެންގެ މޫނު އަނބުރާލެވުނީ މެޑަމް އާއި އެކަމަނާގެ ޓީމްގެ މަސައްކަތުންނެވެ.

"މިއީ އެހާ ފަސޭހަ މަސައްކަތްތަކެއް ނޫން. އިންވިޓޭޝަންތައް ފޮނުވުމާއި މި ހަފްލާގެ ކަންކަމާއި ސްޓޯލްތައް ތައްޔާރު ކޮށް މުޅިންތަން އޮންނާނެ ގޮތުގެ ޑިޒައިން ކުރުމާ މީގެން ކޮންމެ ކަމެއް އަލިފުން ޔާއަށް ހުރިހާ ކަމެއް 100 ޕަސެންޓް ކޮށްފައި މި އޮތީ މެޑަމްގެ ކެމްޕޭން ޓީމުން. ސަރުކާރުގެ އޮފީހެއް މިނިސްޓްރީއެއް އިދާރާއެއް މީގެ އިންތިޒާމްގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވޭ. މިއީ ހަމަ ސީދާ މެޑަމްގެ އެނާޖެޓިކް ޓީމްގެ މަސައްކަތެއް. މެޑަމް މިފަދަ ކަންކަމަށް ހުންނަ ލޯބި ފެނިގެން އެ ދިޔައީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

މުޖުތަމައުގައި ހިމެނޭ އަންހެން އާބާދީ އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ބާކީ ނުކޮށް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މެޑަމް ފާތުން ވަނީ މިހާތަނަށް ގިނަ ހަރަކާތްތަކެއް ރާއްވަވާ ހިންގާފަ އެވެ. މިއަހަރު އިތުރު ހަރަކާތްތަކެއް އިންތިޒާމް ކުރަން ވަނީ ރާވާފަ އެވެ.

މައުރަޒަކުން އެ ހަރަކާތްތައް ނުނިމޭނެކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި މިއަށްވުރެ ކާމިޔާބު ހަރަކާތްތަކެއް ބޭއްވުމަށް މެޑަމް އާއި ޓީމް އޮތީ ވަރުގަދަ އަޒުމެއްގަ އެވެ.

"މެޑަމް އާއި ކެމްޕޭން ޓީމް އޮތީ ވަރަށް ވަރުގަދަ އަޒުމެއްގައި. މިފަދަ ހަރަކާތްތައް ހުއްޓުމެއް ނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އެކްސްޕޯގައި ތަކެތި ބައިވެރި ކުރި ފަރާތްތަކުގެ ތެރެއިން، ވަނަތަކަށް ހޮވުނު އުފެއްދުންތަކަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިނާމް ވެސް ދެއްވައިފަ އެވެ. އެގޮތުން، އެކްސްޕޯ އިން އެއް ވަނަ އަށް ހޮވުނު ގ. ލެމިނަ، އަމްސޫދާ ރަޝީދު އަށް ރައީސް ވަނީ ހަދާނީ ލިޔުމާއި، އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ދެއްވައިފަ އެވެ. އަދި ދެވަނަ އާއި ތިން ވަނައަށް ހޮވުނު، މއ. ހައިވަކަރުގޭ ފާތިމަތު ލީނާ އަލީ އަށް ވެސް ރައީސްގެ ދެކަނބަލުން 100،000 ރުފިޔާ ދެއްވައިފަ އެވެ. އެހެންކަމުން ހީވާގި ކަނބަލުންގެ އެކްސްޕޯއަކީ ދިވެހިން އަންހެނުންނަށްޓަކައި މެޑަމް އަޅުއްވައިދެއްވި ހަރުދަނާ ބިންގަލެކެވެ. ކޮށްދެއްވި ބުރަ ބޮޑު މަަސައްކަތެކެވެ.