ރިޕޯޓް

ކޮއިނެއް ލައްވާލީމަ ބްރިޖު!

ބްރިޖުގެ ބިޔަ މަޝްރޫއު ކުރިޔަށް ދާ ގޮތް ބަލާލަން ސައިކަލުތައް މަތީ "އަވީލެވިފައި" ތިބޭކަށް ދެން ނުޖެހޭނެ އެވެ. ވީހާވެސް ކައިރިން ބަލާލުމަށް ލޮނުޒިޔާރަތްކޮޅު ވެލިގަނޑަށް ފައިބާ ހަދާކަށް ވެސް ނުޖެހޭނެ އެވެ. އެ ހުރިހާ ކަމަކަށް ހައްލެއް ހޯދަންހިތްގައިމު ޕްލެޓްފޯމެއް އަޅައި ބްރިޖުގެ މަސައްކަތް ކައިރިން ބަލާލުމަށް ދުރުމިތައް ވަނީ ބަހައްޓާފަ އެވެ. އެކަމަށް ބޮޑު ތަރުހީބެއް ލިބި ދުރުމީތަކަށް ދިގު ކިއޫއެއް ވެސް ހަދަން ވަނީ ފަށައިފަ އެވެ.

"މިއީ ވަރަށް ފައްކާ ކަމެއް. ބްރިޖު ބަލަން ސައިކަލު މަތީ އިނުމަށް ވުރެ މާ ރަނގަޅު. އަސްލު ހީކުރިވަރާ ބަލާފަ މިތަން ވަރަށް ތަފާތު. ވަރަށް ހިތްހަމަ ޖެހޭ ބްރިޖު ބަލާލަން މިފަދަ ވަސީލަތްތައް ގާއިމްކޮށްފައި ހުރުމުން. ގިނަ ބަޔަކަށް އަސްލު މިކަން ވާނީ ވެސް ތަފާތު ތަޖުރިބާއަކަށް. މިހާ ބޮޑު މަސައްކަތެއް ކައިރިން ބަލާލަން ލިބޭތީ،" ބްރިޖުގެ މަސައްކަތް ބަލައިލުމަށް ދުރުމި ކައިރީގައި ހުރި މީހަކު ބުންޏެވެ.

ބްރިޖު ބަލަން ދާ މީހުންނަށް ލޮނުޒިޔާރަތް ކޮޅުގައި ހާއްސަ ޕްލެޓްފޯމެއް އަޅާ ވާހަކަ ދެއްކުމުން ގިނަ ބަޔަކު އެރީ ރަތަށެވެ. އެކަމަށް ފާޑުކިޔާ ހެދި އެވެ. ނަމަވެސް މިހާރު އެ ސަރަހައްދަށް ގޮސް ހުއްޓިލައިގެން ހުންނައިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އުފާވެރިކަމާއި ކުޅުމާ ސަކަރާތުގައި އާއިލާތައް އެއްވެ ބްރިޖު ބަލަން ޕްލެޓުފޯމުގައި އިށީނދެލައިގެން ތިބޭތަނެވެ.

އެތަނުންވެސް ގިނަ ބަޔަކަށް އެންމެ ކަމުދަނީ ދުރުމި ބޭނުންކޮށްގެން ބްރިޖު ބަލާލެވޭތީ އެވެ. އެއް ރުފިޔާ ދީގެން މިނެޓާކައި 30 ސިކުންތައް ދުރުމި ބަލާލަން ލިބެއެވެ. އެގޮތުން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 200 މީހުނާއި 300 މީހުނާ ދެމެދުގެ އަދަދަކަށް އެތަނަށް ގޮސް ދުރުމިބޭނުން ކުރާ ކަމަށް އެތަން ހެދި ސްޑްރާޑާ ކުންފުނިން ބުނެ އެވެ.

"ބްރިޖު ވިއުއިން ޕްލެޓު ފޯމުގައި ހުންނަ ދުރުމިން މިހާތަނަށް ޗާޖު ކުރަމުން މި އައީ ފަސް ރުފިޔާ ނަމަވެސް މިހާރު ތަރުހީބު ބޮޑު ކަމުން އެ އަދަދުވެސް ވާނީ އެއް ރުފިޔާއަށް ކޮށްފައި. ވަރަށް ގިނަ ބަޔަކު ރިކުއެސްޓު ކުރި ފަސް ރުފިޔާ ބޮޑު ކަމަށް އެހެންވެ އަޅުގަނޑުމެން އޭތި ކުޑަ ކުރީ. ދުރުމިއިން ޗާޖެއް ނަގަނީވެސް އެންމެ ސަބަބެއް އޮވެގެން. އެއީ ކޮއިން ލައިގެން ދޫކޮށްލީމަ ބެލޭނީ އެއްމިނެޓާއި 30 ސިކުންތައް. އޭގެ ސަބަބުން ގިނަ ބަޔަކަށް އޭތި ބަލަން ފުރުސަތު ލިބޭނެ. ވަކި އަދަދެއް ނުނަގާ އެއްކޮށް ދޫކޮށްލާފަ އޮންނަ ނަމަ ދުރުމި ބަލާ ކިއު ބޮޑުވެ މީހުންނަށް ލިބޭ ފުރުސަތުތައް ކުޑަވެދާނެ،" ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒް ވިދާޅުވި އެވެ.

ބްރިޖު ބަލާ މީހުންނަށް މި ލިބޭ ހިތްހަމަ ޖެހުމުގެ އިތުރުން ސްޓްރާޑާއިން އަންނަނީ އެ މަސައްކަތް ބަލާ ހިތްވާ މީހުންނަށް އިތުރު އުފާވެރި ހަބަރެއް ދިނުމަށް ތައްޔާރު ވަމުންނެވެ. އެއީ އެ ސަރަހައްދުގައި ބޮޑު ކެމެރާއެއް ހަރުކޮށް ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ހުރި މީހަކަށް ވެސް ބްރިޖުގެ މަސައްކަތް ކުރިޔަށް ދާގޮތް ލައިވްކޮށް ބަލާލެވޭނެ ގޮތް ހެދުމަށެވެ.

"އަޅުގަނޑުމެން މިހާރު މި އުޅެނީ ދިރާގާ ގުޅިގެން ބްރިޖު ބެލުން އިތުރު ހަރުފަތަކަށް ގެންދަން. އެއީ އައިޕީ ކެމެރާއެއް ހަރުކޮށް ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ހުންނަ ފަަރާތަކަށް ވެސް އޮންލައިންކޮށް ލައިވްކޮށް ބްރިޖުގެ މަސައްކަތްތައް ފެންނަ ގޮތް ހަދަން. އިރާދަ ކުރެއްވިއްޔާ އެގޮތަށް ވެސް ވަރަށް އަވަހަށް ވާނެ،" ޒާހިދު ވިދާޅުވި އެވެ.

ކޮންމެއަކަސް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅެމުންދާ ތަން ބަލާލަން ބޭނުންވާ މީހުންނަށް ހުރިހާ ގޮތަކުން ވެސް އެ ފުރުސަތު ހުޅުވުނީ އެވެ. އެކަމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ އިރު ސްޓްރާޑާއިން ވަނީ ބްރިޖު ބަލަން އަންނަ ކުޑަކުދިންނަށް ބޮޑު ހަދިޔާއެއް ވެސް އެ ސަރަހައްދުގައި ހަދާފައެވެ. އެއީ އިންޑޯ ޕްލޭގްރައުންޑަކާއި ކުޑަކުދިން އަރައިގެން ދުއްވާ އުޅަނދުތަކެވެ.

"މިހާތަނަށް ވަރަށް ގިނަ ބަޔަކު އެބަ އާދޭ ހަވީރަށް ގިނައީ ކުޑަކުދިން ދެން އެންމެން އެކީ ކުޅެ ސަކަރާތް ޖަހާ. ދެން އާދޭ ބައިވަރު މީހުން ބްރިޖު ޕްލެޓު ފޯމުގައި ތިބެލަން. ދެން ހުނާނީ އަރައިގެން ދުއްވާ އުޅަނދު އޭގެން ކޮންމެ ކުއްޖަކަށް ވެސް 10 ރުފިޔާ ދީގެން ދެ މިނެޓަށް ދުއްވޭނެ. އެ ރުފިޔާ ބޭނުން ކުރާނީ ތަނުގެ މެއިންޓޭނަންސް އަށް،" ޒާހިދު ވިދާޅުވި އެވެ.

ސްޓްރާޑާއިން މިހާތަނަށް އެތަނުގައި ފުރިހަމަ ނުކޮށް އޮތީ ދެ ކަމެކެވެ. އެއީ މައްޝޫރު ފްރެންޗައިޒްއެއް ކަމަށްވާ ޗާޓައިމްއާއި ނިއުޕޯޓު ހުޅުވުމުގެ މަސައްކަތެވެ. ޒާހިދު ވިދާޅުވީ މި މަހު މެދު ތެރޭގައި ޗާޓައިމް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ނިއުޕޯޓު ހުޅުވާނީ މި މަހު ފަހުކޮޅުގައި ކަމަށެވެ. އަދި އެއާއެކު ޕާކިން ޒޯނެއްވެސް ހަދަމުން އަންނަ ކަމަށް ޒާހިދު ވިދާޅުވި އެވެ.

މި ހުރިހާކަމެއް ފުރިހަމަވުމާއެކު ލޮނުޒިޔާރަތް ކޮޅުގައި މިހާތަނަށް ހުހަށް އޮތް ތަނަށް ހިތްގައިމު ބަދަލެއް އަންނާނެ އެވެ. އަދި އެ ސަރަހައްދުވެގެންދާނީ ގިނަ ބަޔަކު ދާ ތަނަކަށެވެ. އޭގެ އިތުރުން ރާއްޖޭގައި ހިނގާ އެންމެ ބިޔަ މަޝްރޫއު ވެސް އޮންނާނީ ކުރިމަތީގައެވެ.